Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސޫފާސޫފި

ސޫފާސޫފީގެ ކިބައިން ލިބިދޭ ބުއްދިވެރި ނިންމުންތައް ނިންމާނެ ގޮތުގެ ފަސް ފިލާވަޅު

12 އޯގަސްޓު 2026 | ބުދަ 09:49

ސޫފާސޫފީގެ ކިބައިގައި ހުންނަ ހައިރާންވާ ފަދަ ހިކުމަތްތެރިކަމަކީ އިންސާނުންގެ މުހިންމު ނިންމުންތައް ނިންމުމަށް ބޭނުންކުރާ މުހިންމު އަސާސަކަށް ވަނީ ވެފައި. ހިނި، މާމުތްކުޅަނދުރު، ގޮއްފުޅަނގި، ކުރަފި އަދި މެހީގެ އުޅުމުން ދަސްވާ މި އުސޫލުތަކުގެ އެހީގައި، ގްރޫޕެއްގެ ތެރޭގައި އެންމެން ގުޅިގެން ބުއްދިވެރި އަދި ފުރިހަމަ ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދޭ

ރާއްޖެ އެމްވީ | 12 އޯގަސްޓު 2026 | ބުދަ 09:49
ޕެނަމާ ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވާ މެޓްރޯޕޮލިޓަން ނެޗުރަލް ޕާކުގައި ހިނގިތަކެއް ފަތްކޮޅުތަކެއް ތުނބުލައިގެން ހަރަކާތްތެރިވަނީ

ޕެނަމާ ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވާ މެޓްރޯޕޮލިޓަން ނެޗުރަލް ޕާކުގައި ހިނގިތަކެއް ފަތްކޮޅުތަކެއް ތުނބުލައިގެން ހަރަކާތްތެރިވަނީ | ގެޓީ އިމޭޖަސް

އިންސާނުންނަކީ ފުންކޮށް ވިސްނުމުގެ ގާބިލުކަން ލިބިފައިވާ މަޚުލޫގަކަށް ވާތީ، އަހަރެމެން އަބަދުވެސް ދެކެނީ އަހަރެމެންނަކީ ދިރޭތަކެތީގެ ތަރުތީބުގެ އެންމެ ކުރީގައި ތިބި ބައެއް ކަމަށެވެ. ނަމަވެސް، ބައެއް ފަހަރު ކަންކަމާ މެދު މާ ބޮޑަށް ވިސްނުމަކީ އެދެވޭ ނަތީޖާއެއް ލިބޭ ކަމެއް ނޫނެވެ. އަހަރެމެންނަކީ ކަންކަމުގައި ގޯސް ނުހެދޭނެ ބައެއް ނޫން ކަމުން، ގިނަ ފަހަރަށް ނިންމުންތައް ނިންމުމުގައި ގޯސްތައް ހެދެ އެވެ.

އަނެއްކޮޅުން، ސޫފާސޫފީގެ ސިކުނޑިއަކީ ކުޑަކުޑަ އޮށެއްގެ މިންވަރު ކަމުގައި ވީނަމަވެސް، ނިންމުންތައް ނިންމުމުގައި އެ ތަކެތީގެ ކިބައިގައި ހައިރާންވާ ފަދަ ހިކުމަތްތެރިކަމެއް ހުރެ އެވެ. ސޫފާސޫފި މައްސަލަ ހައްލުކުރުމުގައި ގެންގުޅޭ ހުނަރުތަކަކީ، އިންސާނުންގެ ސިނާއީ ދާއިރާތަކުގައި ނިންމުންތައް ނިންމުމަށް ބޭނުންކުރާ "އަލްގޮރިދަމް" އުފެއްދުމަށް ބޭނުންކުރާ މުހިންމު އަސާސަކަށް ވަނީ ވެފަ އެވެ.

ބުއްދިވެރި ނިންމުންތައް ނިންމުމަށްޓަކައި ސޫފާސޫފީގެ ކިބައިން ދަސްކުރެވިދާނެ ފަސް ކަމެއް ތިރީގައި މިވަނީ އެވެ.

1. ހިނީގެ ކިބައިން ފެންނަ އެންމެ ފުރިހަމަ ގޮތް ހޯދުން

ހިނގިތައްކެއް އެކުގައި ކާނާ ހޯދުމުގެ މަސައްކަތް ކުރަނީ

ހިނގިތައްކެއް އެކުގައި ކާނާ ހޯދުމުގެ މަސައްކަތް ކުރަނީ | ގެޓީ އިމޭޖަސް

ކަމެއް ކުރުމަށް އެންމެ ރަނގަޅު ގޮތް ނިންމުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް، އިޚްތިޔާރު ކުރާނެ ގިނަ ގޮތްތަކެއް ކުރިމަތީގައި ހުންނަ އިރު، މިއީ "ޗޮއިސް އޯވަލޯޑް" ނުވަތަ އިޚްތިޔާރުތައް ގިނަވެގެން ނިންމުން ނިންމަން އުނދަގޫވާ ހާލަތެކެވެ. ހިނިތަކަށް ވެސް ކާނާ ހޯދާނެ ތަނެއް ކަނޑައެޅުމުގައި މިފަދަ އުނދަގޫތަކާ ކުރިމަތިވެ އެވެ. ނަމަވެސް، ތަފާތު ބާވަތްތަކުގެ ހިނިތައް ވަނީ މިކަމަށް ހައްލެއް ހޯދުމަށް ހާއްސަ އުސޫލެއް ތަރައްގީކޮށްފަ އެވެ.

ފުރަތަމަ ކަމަކަށް، ހިނި ހާލީގެ ތެރެއިން ބައެއް ހިނިތައް ނުކުމެ، ކާނާ ލިބެން ހުރި އެންމެ ގާތް އަދި އެންމެ ރަނގަޅު ތަން ހޯދަން މަސައްކަތް ކުރެ އެވެ. މި ހިނިތައް އެކި ދިމަދިމާލަށް ގޮސް ތަފާތު މަގުތައް ބަލަ އެވެ. މިގޮތަށް ދަތުރުކުރާއިރު، އެހެން ހިނިތަކަށް ފަހުން ފަސޭހައިން ދެވޭނެ ގޮތް ހެދުމަށްޓަކައި، ބިމުގައި "ފެރަމޯން" ކިޔާ ކެމިކަލެއްގެ ނިޝާން ދޫކުރަމުން ދެ އެވެ. މި ނިޝާންތަކަކީ ވަގުތު ފާއިތުވާ ވަރަކަށް ފޮހެވިގެންދާ އެއްޗެކެވެ. އަދި ހިނިތައް އާންމުކޮށް ދަތުރުކުރަނީ މި ކެމިކަލްގެ ވަސް އެންމެ ގަދައަށް ހުންނަ މަގުންނެވެ.

އެންމެ ފަސޭހައިން ކާނާ ލިބޭ ތަން ހޯދާ ހިނިތަކަށް، އެ ކެމިކަލްގެ ވަސް ފޮހެވުމުގެ ކުރިން އަވަހަށް އެނބުރި އާދެވެ އެވެ. އަދި އެނބުރި އަންނަ މަގުމަތީގައި އަނެއްކާވެސް އެ ކެމިކަލްގެ ނިޝާންތައް ދޫކުރެ އެވެ. މީގެ ނަތީޖާއަކީ ވަގުތު ފާއިތުވާ ވަރަކަށް، އެންމެ ކުރު މަގުގައި ކެމިކަލްގެ ވަސް ގަދަވެ، ގިނަ ހިނިތަކެއް އެ މަގުން ދަތުރުކުރަން ފެށުމެވެ.

މިގޮތުން، އެންމެ ކުރު މަގުތައް ވަރުގަދަވެ، އެހެން މަގުތަކުގެ ވަސް ފޮހެވިގެންދެ އެވެ. އެންމެ ފަހުން، އެއްވެސް ވަކި ހިންޏަކަށް އެއީ އެންމެ ކުރު މަގުކަން ނޭނގުނު ކަމުގައި ވިޔަސް، މުޅި ހިނި އާއިލާ ގުޅިގެން އެންމެ ކުރު އަދި އެންމެ ފަސޭހަ މަގު ހޯދަ އެވެ.

ބެލްޖިއަމްގެ ޔުނިވަރސިޓީ ލިބްރޭ ޑި ބްރަސަލްސްގެ އާޓިފިޝަލް އިންޓެލިޖެންސް ލެބްގެ ކޯ-ޑައިރެކްޓަރު މާކޯ ޑޮރީގޯ ވިދާޅުވާ ގޮތުގައި، މީގެން ލިބޭ މުހިންމު ފިލާވަޅަކީ، މަރުކަޒީ ކޮންޓްރޯލެއް ނެތިވެސް، އެންމެން ގުޅިގެން ފުރިހަމަ ނިންމުންތައް ނިންމިދާނެ ކަމެވެ. ހިންޏަކީ މަދު މައުލޫމާތެއް ލިބިފައިވާ، އާދައިގެ މަޚްލޫގުތަކެއް ކަމުގައި ވިޔަސް، އެތަކެތި ގުޅިގެން އުނދަގޫ މައްސަލަތައް ހައްލުކުރެ އެވެ.

"އޭންޓް ކޮލޮނީ އޮޕްޓިމައިޒޭޝަން" ގެ ނަމުން ނަންދެވިފައިވާ މި ނިޒާމު މިހާރު ވަނީ އިންސާނުންގެ މަސައްކަތްތައް ތަރުތީބުކުރުމާއި، މުވާސަލާތީ ދާއިރާއާއި، ދަތުރުފަތުރާއި ލޮޖިސްޓިކްސް ފަދަ ކަންކަން ރަނގަޅުކުރުމަށް ބޭނުންކުރާ އަލްގޮރިދަމަކަށް ބަދަލުކޮށްފަ އެވެ. މިސާލަކަށް، ރޭލު ދަތުރުތައް ރޭވުމުގައި މާހިރުން މި އުސޫލު ބޭނުންކުރާއިރު، ޑޮރީގޯ ވަނީ މުވާސަލާތީ ނެޓްވޯކްތަކުގައި މައުލޫމާތު ފޯރުކޮށްދިނުމަށް "އޭންޓްނެޓް" (AntNET) ކިޔާ ނިޒާމެއް އުފައްދާފަ އެވެ.

2. ޑިމޮކްރެޓިކް މާމުތްކުޅަނދުރު

މާމުތްކުޅަނދުރުގެ ބޮޑު އައިނެއް ގަހެއްގެ ގޮފިގަނޑެއްގައި ޖަމާވެފައި

މާމުތްކުޅަނދުރުގެ ބޮޑު އައިނެއް ގަހެއްގެ ގޮފިގަނޑެއްގައި ޖަމާވެފައި | ގެޓީ އިމޭޖަސް

މާމުތްކުޅަދުނރު އެސޫފިތަކުގެ އާ ހާލި ހަދާނެ ތަނެއް ހޯދުމުގައި ގެންގުޅެނީ ހިނިތަކާ ވަރަށް އެއްގޮތް އުސޫލެކެވެ.

ހާލި ހޯދުމަށް ނުކުންނަ މެހިތައް އެކި ދިމަދިމާލަށް ގޮސް ތަންތަން ބަލަ އެވެ. ނަމަވެސް، ކެމިކަލްގެ ނިޝާން ދޫކުރުމުގެ ބަދަލުގައި، އެސޫފިތައް އެނބުރި ހާއްޔަށް އައިސް އެހެން މެހިތަކާ މައުލޫމާތު ހިއްސާކުރެ އެވެ. އެގޮތުން، "ވެގަލް ޑާންސް" (waggle dance) ނުވަތަ ހަށިގަނޑު ތަޅުވައިގެން ނަށާ ނެށުމެއްގެ އެހީގައި، އެ ތަނަކީ ކިހާ ރައްކާތެރި، ކިހާ ގާތް، އަދި ކިހާ ބޮޑު ތަނެއްކަން އަންގައިދެ އެވެ. އެ ތަނެއް ރަނގަޅުވި ވަރަކަށް، ނަށާ ނެށުން ދިގުވެފައި ފޯރިގަދަވެ އެވެ.

މި ނެށުމުގެ އެހީގައި އެ ތަން ހުރި ދިމާލާއި ދުރުމިން ވެސް ބުނެދެ އެވެ. އޭގެ ފަހުން އިތުރު މެހިތަކެއް އެ ތަން ބަލަން ފޮނުވަ އެވެ. އެ މެހިތައް އެނބުރި އައިސް، ކުރީގެ މެހިތަކުގެ ނިންމުމަށް ތާއީދުކޮށް ނުވަތަ އާ ތަންތަނުގެ މައުލޫމާތު ދީ ނަށަ އެވެ.

ވަގުތު ފާއިތުވާ ވަރަކަށް، އެންމެ ގިނަ މެހިތައް އެއްބަސްވާ ތަނެއް ފާހަގަވެގެންދެ އެވެ. ގިނަ އަދަދެއްގެ މެހިތަކެއް އެއް ތަނަކަށް ތާއީދުކޮށް ނަށަން ފެށުމުން، އިންސާނުންގެ ޑިމޮކްރަސީގައި ކަންކަން ނިންމާ އުސޫލުން، އެންމެން އެއްބަސްވެގެން އެ ތަނަކަށް ހިޖުރަކުރެ އެވެ.

3. ވަކި ފަރާތަކަށް ނުޖެހޭ ގޮއްފުޅަނގި

ގޮއްފުޅަނތްގެއް ގަހެއްގެ ގޮފިގަނޑެއްގައި

ގޮއްފުޅަނތްގެއް ގަހެއްގެ ގޮފިގަނޑެއްގައި | ގެޓީ އިމޭޖަސް

ދެ ވިސްނުމަކަށް ބެހިފައިވާ ގްރޫޕެއްގެ މީހުންގެ ނިންމުން ބަދަލުކުރުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބައެއް ފަހަރު ބަހުސްތައް ހޫނުވެ، ކޮންމެ ބަޔަކުވެސް އެބައެއްގެ ގޮތުގައި ހިފަހައްޓައިގެން ތިބެ އެވެ.

ނަމަވެސް، ގޮއްފުޅަނތްގާ ބެހޭގޮތުން ދާދިފަހުން ކުރި ދިރާސާއަކުން މިކަމަށް ހައްލެއް ފެނިފައިވެ އެވެ. އުދުހެން ނޭނގޭ ތުއްތު ގޮއްފުޅަނގިތައް ދަތުރުކުރަނީ ބިމުގައި ހިނގާފަ އެވެ. އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާތުގެ މެތަމެޓިކަލް ބަޔޮލޮޖީގެ ޕްރޮފެސަރު ކްރިސްޓިއަން (ކިޓް) ޔޭޓްސް ކުރެއްވި ތަޖުރިބާއެއްގައި، ވަށް ބުރެއްގެ ތެރެއަށް ގޮއްފުޅަނގިތައް ދޫކޮށްލައިގެން އެތަކެތި ދާނެ މިސްރާބެއް ނިންމާ ގޮތް ބެއްލެވި އެވެ. އޭނާއަށް ފާހަގަވީ، ކުޑަ ވަގުތުކޮޅަކަށް މަޑުޖެހުމަށްފަހު، އެތަކެތި ދާ މިސްރާބު ބަދަލުކުރާ ކަމެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި، ގިނަ އަދަދެއްގެ ގޮއްފުޅަނގި ހިނގުން ހުއްޓާލައި، ވަކި މިސްރާބަކަށް ނުޖެހި ތިބޭ ވަގުތުކޮޅަކީ، މުޅި ގްރޫޕްގެ ނިންމުން އެއް މިސްރާބުން އަނެއް މިސްރާބަށް ބަދަލުކުރުމަށް އެހީތެރިވެދޭ ވަގުތުކޮޅެކެވެ.

ޔޭޓްސް ވަނީ 19 އިންސާނުން ބޭނުންކޮށްގެން ވެސް މިފަދަ ތަޖުރިބާއެއް ކޮށްފަ އެވެ. އެގޮތުން 'X' ނުވަތަ 'Y' އިޚްތިޔާރު ކުރުމަށް ނުވަތަ ވަކި ގޮތަކަށް ވޯޓު ނުދީ މަޑުކުރުމުގެ ފުރުސަތު ބައިވެރިންނަށް ދިނެވެ. ގޮއްފުޅަނތްގެކޭ އެއްފަދައިން، ވަކި ގޮތަކަށް ވޯޓު ނުދީ ތިބުމުގެ އިޚްތިޔާރު އޮތުމުން، މުޅި ގްރޫޕް އެއްބަސްވުމަކަށް އައުން އަވަސްވެފައި ފަސޭހަވި ކަމަށް ޔޭޓްސް ވިދާޅުވި އެވެ.

ޔޭޓްސް ތަފްސީލުކޮށްދެއްވި ގޮތުގައި، ބޮޑު ގްރޫޕެއްގައި އެންމެން ވަކި ގޮތްތަކެއްގައި ހިފަހައްޓައިގެން ތިބޭނަމަ، މުޅި ގްރޫޕްގެ މިސްރާބު ބަދަލުކުރުން އުނދަގޫވެ އެވެ. ނަމަވެސް، ގިނަ ބަޔަކު ވަގުތީ ގޮތުން ނަމަވެސް ވަކި ފަރާތަކަށް ނުޖެހި ތިބެއްޖެނަމަ، ނިންމުން ނިންމާ މީހުންގެ އަދަދު މަދުވެ އެވެ.

މީގެ ނަތީޖާއަކީ، މަދު ބަޔަކު ވޯޓުލާ ހާލަތެއްގައި، ކުޑަ މައުލޫމާތަކުން ނުވަތަ މަދު ބައެއްގެ ނިންމުމަކުން ވެސް މުޅި ގްރޫޕްގެ މިސްރާބު ބަދަލުކުރުމަށް ބޮޑު ބާރަކަށް ވުމެވެ. ގޮއްފުޅަނގީގެ ކިބައިން ލިބޭ ފިލާވަޅަކީ، ވަކި ފަރާތަކަށް ނުޖެހި ތިބުމަކީ އެންމެން އަލުން ވިސްނައި، އެއްބަސްވުމަކަށް އައުމަށް ލިބޭ ފުރުސަތެއް ކަމެވެ. އެހެންކަމުން، އޮތް ހާލަތު ބަދަލުކުރަން ބޭނުންނަމަ، ގޮތެއް ނުނިންމާ ތިބޭ މީހުންނާ މެދު ކަންބޮޑުނުވެ، އިތުރު މީހުން އެގޮތަށް ތިބުމަށް ހިތްވަރު ދޭށެވެ.

4. ތަފާތު މިޒާޖުގެ ކުރަފި

ލަކޑި ފިލާގަނޑެއްގެ މަތިން ކުރަފިތަކެއް ދުވަނީ

ލަކޑި ފިލާގަނޑެއްގެ މަތިން ކުރަފިތަކެއް ދުވަނީ | ގެޓީ އިމޭޖަސް

ގްރޫޕެއްގައި ވަރުގަދަ ޝަހުސިއްޔަތު ހުރި މީހުން ގިނަ ނަމަ، އެންމެން އެއްބަސްވާ ނިންމުމަކަށް އައުން އުނދަގޫވެ އެވެ. ބައެއް ފަހަރު ބާރުގަދަ މީހުންގެ ނުފޫޒުން މުޅި ގްރޫޕްގެ ނިންމުން އެމީހުން ބޭނުންވާ ގޮތަށް އަނބުރާލަ އެވެ.

ނަމަވެސް، ކުރަފި ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ގްރޫޕެއްގައި ތަފާތު މިޒާޖުގެ މީހުން ތިބުމަކީ ނިންމުންތައް އަވަސްކޮށްދޭ ކަމެކެވެ.

ޖަޕާނުގެ ޓޯކިޔޯ މެޓްރޯޕޮލިޓަން ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު އައިޒަކް ޕްލާނަސް-ސިޓްޖާ ވަނީ ކުރަފި އެއްވާ ގޮތުގެ ކޮމްޕިއުޓަރު ސިމިއުލޭޝަންތަކެއް ހަދާފަ އެވެ. އޭނާ ބެއްލެވީ މި ސޫފިތައް ފްރިޖެއްގެ ފަހަތުގައި ހުންނަ އަނދިރި ކަނެއް ފަދަ ތަންތަނަށް އެއްވާ ގޮތެވެ. އޭނާ މި ދިރާސާގައި ތަފާތު ތިން ހާލަތެއް ބެއްލެވި އެވެ: މިޒާޖުގެ އެއްވެސް ތަފާތެއް ނެތް ހާލަތާއި، ކުޑަ ތަފާތެއް ހުރި ހާލަތާއި، އަދި މިޒާޖު ތަފާތު ވަރަށް ބޮޑު ހާލަތެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި، ހުރިހާ ކުރަތްޕެއް އެއްގޮތަކަށް އުޅޭ މޮޑެލްތަކަށް، ހަގީގީ ދުނިޔޭގައި އެތަކެތި ނިންމުންތައް ނިންމާނެ ގޮތަކާ ގާތަށް ވެސް ނުދެވުނެވެ. ނަމަވެސް، ތަފާތު މިޒާޖުގެ ސޫފިތައް ހިމެނޭ ގްރޫޕްތަކުން ނިންމުންތައް މާ އަވަހަށް ނިންމި އެވެ. އެއީ އެތަކެތީގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތައް އިތުރުވުމުގެ ސަބަބުންނެވެ.

ޕްލާނަސް-ސިޓްޖާ ވިދާޅުވި ގޮތުގައި، ހަމައެކަނި ހިތްވަރުގަދަ ނުވަތަ އާ ތަންތަން ހޯދަން ބޭނުންވާ ސޫފިތައް ހިމެނޭ ގްރޫޕްތަކަށް އެކަށީގެންވާ ހިޔާވައްސެއް ހޯދަން އުނދަގޫވަނީ އެތަކެތި މާ ގިނައިން ހަރަކާތްތެރިވާތީ އެވެ. އަދި މާ ބިރުގަންނަ ސޫފިތައް ގިނަ ގްރޫޕްތަކުން އަވަހަށް ތަނެއް ނިންމި ކަމުގައި ވިޔަސް، އެއީ ރަނގަޅު ތަނަކަށް ނުވުމުގެ ފުރުސަތު ބޮޑެވެ.

އޭނާ ވިދާޅުވާ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމާއި މިޒާޖުގެ ތަފާތުތަކުގެ މެދުގައި އޮންނަ ހަމަހަމަކަމަކީ ބުއްދިވެރި ނިންމުންތައް ނިންމުމުގެ އަސާސެވެ. މިފަދަ ކުދި ސޫފިތަކަށް މިޒާޖުގެ ތަފާތު މުހިންމުވާނަމަ، މިއަށްވުރެ އިޖުތިމާއީ ގޮތުން ތަހުޒީބު މުޖުތަމައުތަކުގައި އުޅޭ މަޚްލޫގުންނަށް މީގެ އަސަރު މާ ބޮޑުވާން ޖެހޭނެ އެވެ.

5. ވިސްނުންތެރި މެހި

ފަތެއްގައި ޖައްސާފައި އިން މެއްސެއް

ފަތެއްގައި ޖައްސާފައި އިން މެއްސެއް | ގެޓީ އިމޭޖަސް

ބައެއް ފަހަރު އަހަރެމެންގެ ހިތަށް އަރާ އެއްޗަކަށްވުރެ، ބުއްދިއަށް ފެންނަ ގޮތަށް ނިންމުންތައް ނިންމަން މަސައްކަތް ކުރަމެވެ. އަދި އަނެއްބައި ފަހަރު، ކުރެވޭ ކުށްތަކުން ފިލާވަޅު ނުލިބި، ހަމައެކަނި އަމިއްލަ ގަބޫލުކުރުންތަކަށް ތަބާވެވެ އެވެ.

މެހީގެ ގެ ކިބައިން، ނިންމުންތައް ނިންމުމުގައި އަމިއްލަ ނަފްސަށް ހޭލުންތެރިވާނެ ގޮތް ދަސްކުރެވިދާނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، މެއްސަކީ ބޭރުން ލިބޭ މައުލޫމާތާއި އެތެރޭގެ އިހުސާސްތައް ގުޅުވައިގެން ކަންކަން ނިންމުމުގައި ވަރަށް ކުޅަދާނަ މަޚުލޫގެކެވެ. މިސާލަކަށް، ދެ ވަހެއްގެ ތެރެއިން އެކަތި އިޚްތިޔާރު ކުރާއިރު، އެ ދެ ވަސް އެއްގޮތްވާ ވަރަކަށް، އެ މެހިތައް ނިންމުން ނިންމުމުގައި ގިނަ ވަގުތު ނަގަ އެވެ. އެއީ އޭގެ ފައިދާއާއި ގެއްލުމާ މެދު ވިސްނާ ފަދަ ގޮތަކަށެވެ.

އަދި ރަހަ މީރު ނަމަވެސް ފައިދާއެއް ނެތް އެއްޗަކާއި، ރަހަ ނުބައި ނަމަވެސް ހަކުރު އެކުލެވޭ ފައިދާހުރި އެއްޗަކާ ދެމެދު ގޮތެއް ނިންމަން ޖެހުމުން، އެ މެހިތައް ފައިދާ ހުރި ގޮތް އިޚްތިޔާރު ކުރެ އެވެ. އެގޮތުން، ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހޯދުމަށްޓަކައި، ނުބައި ރަހަދޭ އެތި ކެއުމަށް އެ މެހިތައް ކެތްތެރިވެ އެވެ.

ހިނިމާމުތްކުޅަދުނރުގޮއްފުޅަނގިކުރަފިމެހި

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2022

އެޗްޕީއޭގެ ނިންމުންތައް ހަރުދަނާ ވާންޖެހޭ

11 ޖެނުއަރީ 2022
އެޗްޕީއޭގެ ނިންމުންތައް ހަރުދަނާ ވާންޖެހޭ
11 ޖެނުއަރީ 2022

ދިމާވާ ކޮންމެ ފަހަރަކު ހަދިޔާ ދޭ ރަހުމަތްތެރިޔާއާ ގާތްވުން ބުއްދިވެރި!

11 ޖެނުއަރީ 2022
ދިމާވާ ކޮންމެ ފަހަރަކު ހަދިޔާ ދޭ ރަހުމަތްތެރިޔާއާ ގާތްވުން ބުއްދިވެރި!
06 ޖެނުއަރީ 2022

ޖުލައި 15ގެ ނިންމުން، ޒަމާންތަކަށް އުފުލޭނެ ބުއްދިވެރި ނިންމުމެއް

06 ޖެނުއަރީ 2022
ޖުލައި 15ގެ ނިންމުން، ޒަމާންތަކަށް އުފުލޭނެ ބުއްދިވެރި ނިންމުމެއް
30 ޖޫން 2021

ޑެލްޓާ ވޭރިއެންޓްގެ އިންޒާރާއެކު ވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވުން ބުއްދިވެރިތަ؟

30 ޖޫން 2021
ޑެލްޓާ ވޭރިއެންޓްގެ އިންޒާރާއެކު ވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވުން ބުއްދިވެރިތަ؟
21 ޖޫން 2020

ފުލުހުންނާ ގުޅިގެން ހުށައެޅޭ މައްސަލަތައް ނުބަލައި، ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުން ބުއްދިވެރިތަ؟

21 ޖޫން 2020
ފުލުހުންނާ ގުޅިގެން ހުށައެޅޭ މައްސަލަތައް ނުބަލައި، ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުން ބުއްދިވެރިތަ؟
10 އޮކްޓޯބަރު 2019

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުން: ބުއްދިވެރިކަމެއްތަ؟

10 އޮކްޓޯބަރު 2019
ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުން: ބުއްދިވެރިކަމެއްތަ؟
01 ސެޕްޓެމްބަރު 2019

ހަރުކަށި ވިސްނުމުގެ މީހުންގެ ކިބައިން ޤައުމު ސަލާމަތްކުރަންޖެހިފައި!

01 ސެޕްޓެމްބަރު 2019
ހަރުކަށި ވިސްނުމުގެ މީހުންގެ ކިބައިން ޤައުމު ސަލާމަތްކުރަންޖެހިފައި!
13 ޖެނުއަރީ 2018

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

13 ޖެނުއަރީ 2018
އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން
09 ޖެނުއަރީ 2018

މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

09 ޖެނުއަރީ 2018
މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!
19 ނޮވެމްބަރު 2017

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017
ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް