ގާފަރު ކައިރިން ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ދެމީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް
1 އޯގަސްޓު 2026 | ހޮނިހިރު 04:41ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިން ކްރާފްޓެއް ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލައި އޭގެއިން ދަތުރުކުރި ދެ ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުން. މި ހާދިސާގައި އުޅަނދުން ދަތުރުކުރި 10 މީހުންގެ ތެރެއިން 8 މީހަކު ސަލާމަތްކޮށްފައިވާއިރު، ގެއްލުނު މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުން


ކ. ގާފަރު ކައިރިން ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް | އެމްއެންޑީއެފް
ކ. ގާފަރު ކައިރިން ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ދެމީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 08:48 އެހައިކަންހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ، ބަންޑުން ޖަހާލި އެ ކްރާފްޓުން ދަތުރުކުރި ފަޅުވެރިންގެ ތެރެއިން 8 ފަޅުވެރިން ސަލާމަތް ކޮށްފައިވާ ކަމަށެވެ. ޖުމްލަ 10 މީހުންނާއެކު ދަތުރުކުރި މި އުޅަނދު އަޑިއަށް ދިޔައިރު، އޭގައި ތިބީ ދެ ދިވެހިންނާއި އަށް ބިދޭސީންނެވެ. ބިދޭސީ 2 ފަޅުވެރިން ގެއްލިގެން ހޯދަމުންދާއިރު، އެ ކްރާފްޓް މިހާރު އޮތީ ކ.ގާފަރު ފަރުމަތީގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރިއަށް ގެންދާ ކަމަށާއި، ކަނޑާއި ވައިގެމަގުން މިހާތަނަށް ވަނީ ބޮޑު ސަރަހައްދެއް ބަލާފައި ކަމަށެވެ.
އެ 2 މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފަސްޓް އިންޓަރސެޕްޓަރ ކްރާފްޓުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން އެ 2 މީހުން އަދި ފެނިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.










