ޞަލާޙު ބަދަލު ވަނީ ތުރުކީގެ ޓްރަބްޒޮންސްޕޯ އަށް
6 އޯގަސްޓު 2026 | ބުރާސްފަތި 07:08ކުލަބުން އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ޞަލާޙު ވަނީ ޓްރަބްޒޮންގެ ސަޕޯޓަރުންނާ ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް ބުނެ، އެ ކުލަބުގެ ޝިއާރު ކަމަށްވާ "އެވްރީވެއާ އިޒް ޓްރަބްޒޮން ޓު އަސް" ބޭނުން ކޮށްފައި.


ޓްރަބްޒޮންސްޕޯ އަށް ބަދަލުވުމަށް ޞަލާޙު ތުރުކީގައި. | ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލް އަށް ކުރިން ކުޅުނު މިސްރުގެ ތަރި މުޙައްމަދު ޞަލާޙު، ތުރުކީގެ ޓްރަބްޒޮންސްޕޯ އަށް ބަދަލުވުމަށް ބުދަ ދުވަހު ތުރުކީގެ އިސްތަމްބޫލް އަށް ގޮސްފި އެވެ.
އިސްތަންބޫލްގެ އެއާޕޯޓަށް ޞަލާޙު ފޭބިއިރު އޭނާ ހުރީ ޓްރަބްޒޮންސްޕޯގެ ރަސްމީ ކުލަތައް ކަމަށްވާ މެރޫން އަދި ނޫކުލައިގެ ޖާޒީއެއްގައި އެވެ. އެއާޕޯޓުން ޞަލާޙު އަށް މަރުހަބާ ކިޔުމަށް އެތައް ސަތޭކަ ސަޕޯޓަރުންނެއް އެއްވެފައި އޮތްއިރު، އޭނާ ވަނީ ސަޕޯޓަރުންނާ އެކު އުފާ ފާޅުކޮށް އެ ކުލަބުގެ ސަޕޯޓަރުން ކިޔާ ހާއްސަ ލަވަ ތަކުގައި ބައިވެރިވެފައި އެވެ.
ޓްރަބްޒޮންސްޕޯ އިން ބުދަ ދުވަހުގެ ކުރިން ހާމަ ކޮށްފައިވާ ގޮތުގައި، މިދިޔަ ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލި ޞަލާޙު އެ ކުލަބަށް ގެނައުމުގެ މަޝްވަރާތައް ދިޔައީ ކުރަމުންނެވެ. އެ ކުލަބުގެ ޗެއާމަން އެރްތުގްރުލް ޑޯގަން ވިދާޅުވީ، އުމުރުން 34 އަހަރުގެ ޞަލާޙު ހިލޭ ޓްރާންސްފާއެއްގެ ދަށުން އެ ކުލަބަށް ސޮއި ކުރުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު ބްލެކް ސީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކުލަބުން އެކްސްގައި އާންމުކުރި ވީޑިއޯއެއްގައި ޞަލާޙު ވަނީ ޓްރަބްޒޮންގެ ސަޕޯޓަރުންނާ ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް ބުނެ، އެ ކުލަބުގެ ޝިއާރު ކަމަށްވާ "އެވްރީވެއާ އިޒް ޓްރަބްޒޮން ޓު އަސް" ބޭނުން ކޮށްފައި އެވެ.
މީގެ ކުރިން ތުރުކީގެ ބެސިކްޓާސްއާ ގުޅުމާ ގާތަށް ޞަލާޙު ދިޔަ ނަމަވެސް، މާލީ ކަންކަމާއި އިމޭޖް ރައިޓްސްގެ މައްސަލަ ތަކުގައި އެއްބަސްވުމަކަށް ނާދެވުމުން އެ މަޝްވަރާތައް ވަނީ ހުއްޓިފައި އެވެ. ޓްރަބްޒޮންސްޕޯ އަކީ ފެނަބާޗޭ، ގަލަތަސަރާއި އަދި ބެސިކްޓާސް އަށް ފަހު ތުރުކީގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ކުލަބެވެ. އެ ޓީމުން މިދިޔަ ސީޒަން ނިންމާލީ ތާވަލުގެ ތިންވަނައިގައި އޮވެގެން ކަމަށްވާއިރު، ކުރިއަށް އޮތް ސީޒަނުގައި އެ ޓީމު ޔޫރޮޕާ ލީގުގެ ޕްލޭ އޮފްގައި ކުޅޭނެ އެވެ.
ލިވަޕޫލްގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި ޞަލާޙު ވަނީ އެ ކުލަބަށް ކުޅެދިން 442 މެޗުގައި 257 ލަނޑު ޖަހައިފައި އެވެ. އޭނާ ވަނީ އެ ކުލަބާ އެކު ދެ ފަހަރު ޕްރިމިއާ ލީގު އަދި އެއް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި އެވެ.




