ރާއްޖޭގެ ބޯޑަރުގެ ސަލާމަތަށް ނުރައްކާވާ ކަންކަން އެބަ ހިނގާ، އޭގެ އަސަރު ދާޚިލީ ސަލާމަތަށްވެސް ފޯރާ: ޗީފް އޮފް ޑިފެންސް ފޯސް
28 ޖުލައި 2026 | އަންގާރަ 08:34ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، މިއަހަރުގެ ނަސްރުގެ ދުވަހުގެ ކުރިން 20 އިންޓަރސެޕްޓް ކްރާފްޓް ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައި. ބޯޑަރުގެ ސަލާމަތަށް ހުރި ގޮންޖެހުންތަކާ ކުރިމަތިލުމަށް އަސްކަރީ ގާބިލުކަން ވަރުގަދަކުރުން މުހިންމުކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި. އެގޮތުން ކަނޑުމަތީގެ އޮޕަރޭޝަންތަކަށް ޚާއްޞަ ބޯޓު ސްކޮޑްރަންއެއް މިހާރު ވަނީ އުފައްދާފައި


ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ | އެމްއެންޑީއެފް
ރާއްޖޭގެ ބޯޑަރުގެ ސަލާމަތަށް ނުރައްކާވާ ފަދަ ގިނަ ކަންތައްތަކެއް ހިނގަމުންދާ ކަމަށާއި، އެ ނުރައްކާތަކުގެ އަސަރު ގައުމުގެ ދާޚިލީ ސަލާމަތަށް ވެސް ފޯރަމުންދާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެ އެވެ.
އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު ކޮމިޝަން ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިލްމީ ވިދާޅުވީ، ރާއްޖޭގެ ބޯޑަރުގެ ސަލާމަތަށް ނުރައްކާވާ ފަދަ ގިނަ ކަންތައްތަކެއް ހިނގަމުންދާ ކަމަށެވެ. އެ ނުރައްކާތަކުގެ އަސަރު ގައުމުގެ ދާޚިލީ ސަލާމަތަށް ވެސް ފޯރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިލްމީ ވިދާޅުވީ، ރާއްޖޭގެ ސަރަހައްދީ އިން ހިމާޔަތްކުރުމަށްޓަކައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އެގޮތުން ކޯސްޓްގާޑަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނު ތަންފީޒުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ ފަރާތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދު ދިފާއު ކުރުމަށާއި، ކުރިމަތިވާ ގޮންޖެހުންތަކަށް ފުރިހަމައަށް އިޖާބަދެވޭނެ ފަދަ އަސްކަރީ ގާބިލުކަމެއް ދިވެހި އަސްކަރިއްޔާގައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ހިލްމީ ވިދާޅުވި އެވެ.
މޭޖަރ ޖެނެރަލް ހިލްމީ ވިދާޅުވީ، ކަނޑު އަޑިއާއި ކަނޑުމަތީގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށްޓަކައި، ތަރައްޤީވެފައިވާ ޤައުމުތަކުގައި ވެސް ބޭނުންކުރާފަދަ ފެންވަރުގެ ޚާއްސަ ބޯޓު ސްކޮޑްރަން އެއް މިހާރު ވަނީ އުފެއްދިފައި ކަމަށެވެ.
މީގެ އިތުރުން، އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން މިއަހަރުގެ ނަސްރުގެ ދުވަހުގެ ކުރިން، ރާއްޖޭގެ ކޯސްޓަލް ސެކިއުރިޓީއަށް ޚާއްޞަ ކުރެވިފައިވާ 20 އިންޓަރސެޕްޓް ކްރާފްޓް ދިވެހި ސިފައިންނަށް ހޯއްދަވައިދެއްވާނެކަމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ހިލްމީ ހާމަކުރެއްވި އެވެ.










