ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނީ އާދިއްތަ ދުވަހު: މޫސުމާ ބެހޭ ގައުމީ އިދާރާ
31 ޖުލައި 2026 | ހުކުރު 16:48ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފައިވާއިރު، ގަދަ ވަޔާއެކު ކަނޑުތައް ގަދަވާނެތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި. ވިއްސާރައާ ގުޅިގެން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކާއި ފެންބޮޑުވުމުގެ ސަބަބުން މުދަލަށް ގެއްލުންވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައި


މޫސުން - މާލެއަށް ބޯކޮށް ވާރޭވެހެނީ | ރާއްޖެއެމްވީ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ރާއްޖެޓީވީއަށް ދެއްވަމުން އެ އިދާރާގެ މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންގެންދާ ވިއްސާރަ ހޮނިހިރު ދުވަހުގެ މެންދުރު ފަހުން ފެށިގެން މަޑުޖެހެން ފަށާނެ ކަމަށެވެ. ނަމަވެސް ވިއްސާރަ އަލިވާން ފަށާނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ހާފިޒް ވިދާޅުވި އެވެ. ހާފިޒް ވިދާޅުވީ ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވިއްސާރައިގެ އަސަރުކުރަނީ ހަމައެކަނި ދިވެހިރާއްޖެއަށް ނޫންކަމަށާއި އަވަށްޓެރި އިންޑިއާއާއި ސްރީލަންކާގެ އެކި ހިސާބުތަކަށް ވަކިން ހާއްސަކޮށް އިންޑިއާގެ ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށެވެ. ރާއްޖޭގެ ސަރަހައްދަށް ވިއްސާރަކުރަމުންދަނީ ވިންޑް ކޮންވަރޖެންސްގެ ސަބަބުން ކަމަށް ވެސް އެ އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ރީނދޫ ސަމާލު ނެރެ އެ ސަމާލުގެ ވަގުތު ތިން ފަހަރެއްގެ މަތިން ދަންމާލައިފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އެ އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 11:30 އިން ފެށިގެން މެންދުރު ފަހު 15:30 އާ ހަމައަށެވެ. ނަމަވެސް 15:30 އިން ފެށިގެން ހުކުރު ދުވަހުގެރޭ 19:30 އާ ހަމައަށް ރީނދޫ ސަމާލުގެ ވަގުތު ދަންމާލުމަށްފަހު އަނެއްކާ ވެސް އެ އިދާރާއިން ވަނީ ހުކުރު ދުވަހުގެރޭ 19:30 އިން ފެށިގެން 00:30 އާ ހަމައަށް ރީނދޫ ސަމާލު ދަންމާލައިފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދޭ ގޮތުގައި، ހުކުރު ދުވަހުގެ 19:30 އިން ފެށިގެން 00:30 އާއި ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިޖެހުމުގެ އިތުރުން ކަނޑުތައް ގަދަވާނެ އެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއްދީގެން ދަތުރުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ވިއްސާރަ މޫސުމާ ގުޅިގެން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވާއިރު، ނުރައްކާތެރި ބައެއް ހާދިސާތައް ވަނީ ހިނގައިފަ އެވެ. އެގޮތުން، ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިން ކްރާފްޓެއް ދިޔަވެ އަޑިއަށް ގޮސްފައިވާއިރު، ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް، އެ ރަށު ތޮށިގަނޑަށް ލައްވުމުގެ ސަބަބުން އެ އުޅަނދު ވަނީ ފުނޑުފުނޑު ވެފަ އެވެ. ހުޅަނގު މި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވުމާއި، ގޭބިސީތަކަށް ފެންވަދެ، މުދަލަށް ގެއްލުން ލިބުމާއި ގަދަ ވަޔާއެކު ގަސްތައް ވެއްޓުމާއި ފުރާޅު އެއްލުން ފަދަ ނުރައްކާތެރި ހާދިސާތައް ދަނީ ހިނގަމުންނެވެ.








