މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ދަންމާލައިފި
31 ޖުލައި 2026 | ހުކުރު 13:47ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ނެރުނު ރީނދޫ ސަމާލުގެ ވަގުތު މިރޭ 19:30 އާ ހަމައަށް ވަނީ އިތުރުކޮށްފައި. މި ވަގުތުތަކުގައި ގަޑިއަކު 30 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރޭ

މޫސުން - މާލެއަށް ބޯކޮށް ވާރޭވެހުން | ރާއްޖެއެމްވީ
ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ނެރުނު ރީނދޫ ސަމާލުގެ ވަގުތު ދަންމާލައިފި އެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހު 15:30 އިން ފެށިގެން މިރޭ 19:30 އާ ހަމައަށެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވުމުގެ އިތުރުން ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއްދީގެން ދަތުރުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވުމާއި، ގޭބިސީތަކަށް ފެންވަދެ، މުދަލަށް ގެއްލުން ލިބުމާއި، ގަދަ ވަޔާއެކު ގަސްތައް ވެއްޓުމާއި، ފުރާޅު އެއްލުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ. އަދި ކަނޑުމަތީގެ ވެސް ހާދިސާތައް ހިނގާ މިންވަރު އިތުރުވެ އެވެ.
ވިއްސާރަ މޫސުމާ ގުޅިގެން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވާއިރު، ނުރައްކާތެރި ބައެއް ހާދިސާތައް ވަނީ ހިނގައިފަ އެވެ. އެގޮތުން، ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިން ކްރާފްޓެއް ދިޔަވެ އަޑިއަށް ގޮސްފައިވާއިރު، ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް، އެ ރަށު ތޮށިގަނޑަށް ލައްވުމުގެ ސަބަބުން އެ އުޅަނދު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.









