ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 18:25
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ރިޔާސީ އިންތިހާބަށް ބާކީ އެއް އަހަރު، ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން!
 
ރައީސް ނަޝީދަށް ވާދަކުރެއްވޭނެ މަގެއް އެމްޑީޕީން ސަޕޯޓަރުންނަށް ބުނެދޭންޖެހޭ
 
ކެންޑިޑޭޓަކާ ބެހޭ ގޮތުން ވާހަކަ ދައްކަން އިދިކޮޅު ފަރާތްތައް ޖެހިލުންވޭ
 
ސަރުކާރު ކޯލިޝަނުން މިހާރު ވެސް ވަނީ ކެމްޕެއިން ފަށާފައި

ގާނޫނުއަސާސީގައި ބުނާ ގޮތުން ރިޔާސީ ދައުރުގެ ފަހު އަހަރު އިންތިހާބު އެންމެ ލަސްވެގެން ވެސް އޮކްޓޫބަރުމަހުގެ ތެރޭގައި ބާއްވަން ޖެހެއެވެ. އެހެން ކަމަށް ވާ ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ބާކީ ދެން އޮތީ އަހަރެކެވެ. އެކަން ސަރުކާރަށް އެނގެއެވެ. ސަރުކާރު ހިންގާ ޕީޕީއެމް އާއި އެމްޑީއޭ އިން އަންނަނީ ވަރުގަދަ އަށް ކެމްޕެއިން ކުރަމުންނެވެ. ރަސްމީކޮށް ކެމްޕެއިން އިފްތިތާހް ނުކުރިޔަސް ފަހަކަށް އައިސް ސަރުކާރުން ބާއްވާ އިވެންޓްތަކުގެ މައިގަނޑު އަމާޒަކީ ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް ވިއްކުމެވެ. ނަމަވެސް އިދިކޮޅު ފަރާތްތައް އަދި އޮތީ ފުން ނިންޖެއްގައެވެ.

ސަރުކާރު ހިންގާ ޕީޕީއެމް އާއި އެމްޑީއޭގެ ކޯލިޝަންގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަން ކަށަވަރެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕްރައިމަރީއެއްގެ ވާހަކަ އޮތް ނަމަވެސް މިހާރު ކަންކަން ހުރި ގޮތުން ޕްރައިމަރީއެއް ބޭއްވިޔަސް ނުބޭއްވިޔަސް ކަށަވަރުވާ ކަމަކީ އެ ކޯލިޝަންގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އެމަނިކުފާނު ކަމެކެވެ. އެހެންކަމުން އެކަމަށް ކުރަންޖެހޭ މަސައްކަތްތަކާއި ކޮށަންޖެހޭ މަގާއި ކުރަހަންޖެހޭ މަގުޗާޓުތަކާއި ހަދަންޖެހޭ މަންތިރިތައް ވަރަށް ބޮޑަށް ސަރުކާރު ކޯލިޝަނަށް ސާފެވެ. ސަރުކާރާއި މުޅި ކޯލިޝަންގެ އަމާޒު ވެސް ހިފާފައި ހުރީ އެކަމަށެވެ. "ދެން އަތް ޖަހާ" އާއި "ހިނި އަންނަނީ" އާއި "Y18 ސްޕޯޓްސް ފެސްޓިވަލް" އާއި "އަޅޭ" ފަދަ ނަންނަމުގައި ހިންގާ ހަރަކާތްތަކުގެ ފަހަތުގައި ވަނީ ސީދާ 2018 އަށް ރައީސް ޔާމީން ޕްރޮމޯޓްކޮށް ކެމްޕެއިން ކުރުމެވެ. ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަންތަކެއްގެ ވާހަކަ ދެކެވުނަސް ސަރުކާރުގެ އަމާޒު ހުރީ ރިޔާސީ އިންތިހާބަށެވެ.

އެކަން ވަރަށް ރަނގަޅަށް ސަރުކާރުން ދަނީ ކުރަމުންނެވެ. ކައިރި މުސްތަގުބަލެއްގައި ރަސްމީ ސިފައެއްގައި ކެމްޕެއިން ވެސް އިފްތިތާހް ކުރެވިގެންދާނެއެވެ. މިހާރު ކަންކަން ހުރި ގޮތަށް ބަލާއިރު އެ ހަފްލާ ވެގެންދާނީ މިއިން ޒަމާނެއްގައި ވެސް ރާއްޖޭގައި ނުބާއްވާހާ ކުލަ ގަދަ ހަފްލާއަކަށެވެ.

އަރުވާ ޖަހާފައި ސަރުކާރުން 2018 އަށް ކެމްޕެއިން ކުރަމުންދާއިރު އިދިކޮޅު ފަރާތްތަކަށް އަދި ކަހާތަން ހިރުވާލާހެން ވެސް ހީނުވެއެވެ. އެމްޑީޕީގެ ހަމައެކަނި ޗޮއިސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެ ޕާޓީން ކިތަންމެ ވަރަކަށް ދައްކަން އުޅުނެއް ކަމަކު އިދިކޮޅި ކޯލިޝަންގެ ތެރެއިން އެކަމާ މެދު އެއްގަލަކަށް އެރޭނެކަމާ މެދު މާ ބޮޑު އުންމީދެއް ނެތެވެ. އެކަމާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކާ ސުވާލުކޮށްލުމުން "ތިޔައީ އަދި މާ ފަހުގެ ކަމެއް ނޫންހޭ" ބުނަނީ ހަގީގަތުގައި ވެސް އެކަމާ މެދު އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މަޝްވަރާކުރަން ވެސް ބިރު ގަންނާތީއެވެ. މައިގަނޑު ސަބަބަކީ މިފަދަ ދަނޑިވަޅެއްގައި ކޯލިޝަންގެ ތެރޭގައި ކުންޏެއް ޖެހިދާނެތީއެވެ. ބައިބައިވުމެއް އުފެދިދާނެތީއެވެ. ސަރުކާރާ ދެކޮޅުގައި އޮތީ އެކި ކުލައިގެ އެކި ވިސްނުމުގެ ފަރާތްތަކެވެ. އެއްކޮޅަށް އަރައި ތިބީ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގައެވެ. އަނިޔާވެރިކަމާ ދެކޮޅުގެ ނަމުގައެވެ. އެހެންކަމުން ރިޔާސީ ކެނޑިޑޭޓަކާ މެދު ސުވާލެއް ކުރަން ވެސް އެފަރާތްތައް ޖެހިލުންވެއެވެ.

ރިޔާސީ ކެންޑިޑޭޓެއްގެ ބަހުސް އިދިކޮޅު ފަރާތްތަކަށް ނުކޮށް ވާހަކަށް ނެތެވެ. ސަރުކާރަށް ބަދަލެއް އަތުވޭތޯ ނުވަތަ މި ސަރުކާރު ބަދަލުކުރުމަށް ގާނޫނީ އިމުގެ ތެރެއިން ކުރާ މަސައްކަތުގައި މިހާތަނަށް ލިބުނު މާބޮޑު ކާމިޔާބީއެއް ފެންނާކަށް ނެތެވެ. އިދިކޮޅުން ކުޅޭ ކޮންމެ ކުޅިއަކަށް ގާނޫނުގެ ތެރެއިންނާއި ގާނޫނުގެ ބޭރުން ވިޔަސް ސަރުކާރުން ހަ ކުޅި ކުރިއަށް އެބަ ކުޅެއެވެ. ނުވަތަ އިދިކޮޅުން ރާވާ ކޮންމެ ރޭވުމެއް ސަރުކާރުން އެބަ ފެއިލް ކޮށްލައެވެ. މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏަސް އެކަމުން ވެސް ސަރުކާރަށް ލިބުނު ދެރައެއް ނެތެވެ. މި ގޮތުގައި އޮވެ ދައުރު ނިންމާނެކަމުގެ ކަށަވަރު ޔަގީންކަން ސަރުކާރުން އެދަނީ ދެމުންނެވެ. ފެންނަ މަންޒަރުތަކުން ވެސް އެކަން ޔަގީންވެއެވެ.

އިދިކޮޅު ފަރާތްތަކަށް ވެސް އޮތް ހަމައެކަނި ޗޮއިސްއަކީ ރިޔާސީ އިންތިހާބުގައި ވޯޓުން ތަޅާ ސަރުކާރު ބަލި ކުރުމެވެ. އެހެންކަމަށްވާ ނަމަ އެކަމަށްޓަކައި ސަރުކާރެކޭ އެއްގޮތަށް އިދިކޮޅުން ވެސް އެބަ ތައްޔާރުވާންޖެހެއެވެ. ރިޔާސީ ކެނޑިޑޭޓެއްގެ ވާހަކަ ދައްކަން އެބަޖެހެއެވެ. ދެން އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވާ ނަމަ ވާދަކުރެވޭނެ މަގަކީ ކޮބައިތޯ ސަޕޯޓަރުންނަށް ވެސް ވިސްނައިދޭން އެބަޖެހެއެވެ. އެހެން ނޫން ނަމަ ސަރުކާރު ހިންގާ ކޯލިޝަނުން އެބުނާ ގޮތަށް 2018ގައި ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން ކަމަށް ވުން ވަރަށް ކައިރިއެވެ. އެއީ އިދިކޮޅަށް އަރާނެ ކެނޑިޑޭޓެއް ކަނޑަނޭޅި އުޅެނިކޮށް ވޯޓު ކަރުދާސްކޮޅުގައި ހަމައެކަނި ރައީސް ޔާމީނާއި ރަނިން މޭޓްގެ ނަން އޮވެ އިންތިޚާބު ބޭއްވުމެވެ. އޭރު ހަމައެކަނި ރައްޔިތުންނަށް ވެސް އޮންނާނެ ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
71%
29%
0%
ކޮމެންޓް
5 އޮކްޓޯބަރ 2017 | ބުރާސްފަތި 01:38
ޒައީމް
"ހަމަ އެކަނި ޗޮއިސް" މީ ވަރަށް ވާހަކަ އެވެ.
3 އޮކްޓޯބަރ 2017 | އަންގާރަ 08:24
މެޑަމް
އިދިކޮޅުމީހުން އަނިޔާވެރިކަން ނިންމަންތިއްބާ އަހަރެމެން ގޮސް އިންތިހާބުކާމިޔާބުކުރާނީ. . ހަމަ ހިނިއަންނަނީ...ހިހިިހިހިހިހިހިހި
3 އޮކްޓޯބަރ 2017 | އަންގާރަ 08:22
ޅަވިޔަނި
ނަޝީދު ދޫކޮށްލާފަ އިބޫ ނޫނީ އަސްލަމް އަތުގަ ހިފައިގެން ނުކުތިއްޔާ މާރަނގަޅުވާނެ. ތިތާ ނެތް ދެން ވެރިކަން ކުރަން ކަމުދާ މީހަކު. އަބްދުﷲ ޝާހިދުމެން ވަރަށް ބޭނުންވާނެ. އެކަމަކު މައުމޫނު ޝަރުކާރުގައި ހަމަ ހަޑިހާވާފައި ފަސްބައި ކިލަނބުވެފައި ތިބި މީހުން އެއީ. ރައްޔިތުން އެ މީހުން ބަލައެއް ނުގަންނާނަނެ
3 އޮކްޓޯބަރ 2017 | އަންގާރަ 08:21
އަނބިގޮއްޔެ
ނަޝީދު ކަލޭ ކޮންމެވެސް އެހެން ކަމަކާ އުޅޭ. މިގައުމުގައި ދެން ވެރިކަމެއް ނުކުރެވޭނެ، އެމްޑީޕީން އުޅެނީ އަނދުން އަޅުވަން. ރައްޔިތުން ގުނބޯ ހައްދަން. އެމީހުންނަށް ވެސް އެނގޭ ނަޝީދަށް ދެން މި ގައުމަށް ނާދެވޭނެކަން.
3 އޮކްޓޯބަރ 2017 | އަންގާރަ 08:17
ޔާމީން
ހަމައެކަނި ޗޮއިސްއަކީ ޔާމީން. އެހެން ނަމެއް ލާހިކެއް ނޫން ވޯޓު ކަރުދާސްކޮޅުގައި އޮންނާކަށް
3 އޮކްޓޯބަރ 2017 | އަންގާރަ 08:17
ޔާމީން
ހަމައެކަނި ޗޮއިސްއަކީ ޔާމީން. އެހެން ނަމެއް ލާހިކެއް ނޫން ވޯޓު ކަރުދާސްކޮޅުގައި އޮންނާކަށް
3 އޮކްޓޯބަރ 2017 | އަންގާރަ 08:16
ލަންސިމޫ
ކެނޑިޑޭޓެއް ކަނޑައެއް ނޭޅޭ. ގާސިމް ވެސް ބޭނުން، މައުމޫނު ބޭނުން ފާރިޝް،ހުސް ވެރިކަމަް ތަޅާފޮޅާމީހުން
3 އޮކްޓޯބަރ 2017 | އަންގާރަ 08:15
ޗޮއިސް
ރައީސް ނަޝީދަކީ ޗޮއިސްއެއް ނޫން. އެމްޑީޕީން އެބަޖެހޭ އެހެން ކެންޑިޑޭޓެއް ހޯދަން