Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

މުސްލިމް ލީޑަރަކު ބިނާކުރި އިންޑިއާގެ މަޝްހޫރު ޖައުހަރު ޔުނިވަރސިޓީގެ އިމާރާތްތައް ތަޅާލަން ސަރުކާރުން ތެދުވެއްޖެ!

28 ޖުލައި 2026 | އަންގާރަ 11:02

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ހުންނަ މުހައްމަދު އަލީ ޖައުހަރު ޔުނިވާސިޓީގެ 38 އިމާރާތެއް ގަވާއިދާ ހިލާފު ކަމަށް ބުނެ ތަޅާލަން ސަރުކާރުން ނިންމުމާ ގުޅިގެން، އެ ނިންމުން ބާތިލުކުރުމަށް ގޮވާލައި ދަރިވަރުންނާއި އާންމުން ދަނީ މުއްދަތެއް ނެތް ގޮތަށް އިހުތިޖާޖު ކުރަމުން.

ރާއްޖެ އެމްވީ | 28 ޖުލައި 2026 | އަންގާރަ 11:02

އުއްތަރަ ޕްރަދޭޝްގެ ރާމްޕޫރުގައި ހުންނަ މުޙައްމަދު އަލީ ޖައުހަރު ޔުނިވަރސިޓީގެ ބައެއް އިމާރާތްތައް ތަޅާލުމަށާއި ބުލްޑޯޒަރު ބޭނުންކޮށްގެން އެތަނަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ނިންމުމަށް، މުރާދުއާބާދުގެ ކޮމިޝަނަރު ވަގުތީ ގޮތުން މަޑުޖައްސާލުމުގެ އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ އެ މައްސަލައާ ގުޅޭ ގާނޫނީ އަދި ޝަރުއީ މަރުހަލާތައް މިހާރުވެސް ކުރިއަށްދާތީ، އެ މަރުހަލާތައް ނިމެންދެން | ސޯޝަލް މީޑިއާ

ތައުލީމީ ދާއިރާގެ އިސްލާހަށް ގޮވާލައި ހާހުން ޒުވާނުން ކުރި މުޒާހަރާތަކާ ގުޅިގެން ވަޒީރަކު އިސްތިއުފާ ދެއްވަން މަޖުބޫރުވެފައި ވަނިކޮށް، އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާ ގާތްގަނޑަކަށް 200 ކިލޯމީޓަރު (132 މޭލު) ދުރުގައި އޮންނަ ސަރަހައްދެއްގައި، މުހައްމަދު އަލީ ޖައުހަރު ޔުނިވާސިޓީގެ 40 އިމާރާތުގެ ތެރެއިން 38 އިމާރާތެއް ތަޅާލަން ނިންމި ނިންމުމާ ދެކޮޅަށް އެ ޔުނިވާސިޓީގެ ދަރިވަރުންނާއި، ކުރީގެ ދަރިވަރުން އަދި އާންމުން ނުކުމެ މުއްދަތެއް ނެތް ގޮތަށް އިހުތިޖާޖު ކުރަން ފަށައިފި އެވެ.

އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް މަސައްކަތް ކުރެއްވި މިނިވަންކަމުގެ މުޖާހިދަކަށް ނިސްބަތްކޮށް ނަން ދީފައިވާ މި ޔުނިވާސިޓީއަކީ، އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ރާމްޕޫރު ޑިސްޓްރިކްޓްގައި މުސްލިމް ސިޔާސީ ލީޑަރެއް ކަމަށްވާ އާޒަމް ޚާން ބިނާކުރެއްވި ތަނެކެވެ. އާޒަމް ޚާން 2003 ވަނަ އަހަރު އުފެއްދެވި މުހައްމަދު އަލީ ޖައުހަރު ޓްރަސްޓްގެ ބެލުމުގެ ދަށުން، އޭގެ ތިން އަހަރު ފަހުން މި ޔުނިވާސިޓީ ވަނީ ގާއިމުކޮށްފަ އެވެ.

މަޖަލަކަށް ފެށި ޒުވާނުންގެ ހަރަކާތެއް ކަމަށްވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން ކުރިއަށްގެންދިޔަ މުޒާހަރާތައް އެންމެ ވަރުގަދަވި ދަނޑިވަޅުގައި، ޖުލައި މަހުގެ 15 ވަނަ ދުވަހު ރާމްޕޫރު ޑިސްޓްރިކްޓްގެ ސަރުކާރުން ވަނީ ޔުނިވާސިޓީގެ ގިނަ އިމާރާތްތަކެއް ތަޅާލުމަށް އަމުރުކޮށްފަ އެވެ. ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އެ އިމާރާތްތައް ބިނާކޮށްފައިވަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާ ޚިލާފަށެވެ.

ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ޔުނިވާސިޓީގެ އިމާރާތްތަކުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ހުއްދަ ހޯދައިގެން ބިނާކޮށްފައިވަނީ މެޑިކަލް ކޮލެޖް ބްލޮކް ހިމެނޭހެން އެންމެ ދެ އިމާރާތެވެ. އެހެންކަމުން، "ޣައިރު ގާނޫނީ" ކަމަށް ބުނާ އެހެން ހުރިހާ އިމާރާތްތަކެއް އޯގަސްޓް 5 ގެ ކުރިން ތަޅާލުމަށް ޔުނިވާސިޓީއަށް ވަނީ އަންގާފަ އެވެ. އަދި އެ މުއްދަތަށް އެކަން ނުކޮށްފިނަމަ، ބުލްޑޯޒަރު ބޭނުންކޮށްގެން ސަރުކާރުން އެތަންތަން ތަޅާލާނެ ކަމަށާއި، އެކަމަށް ހިނގާ ޚަރަދު ޔުނިވާސިޓީން ހޯދާނެ ކަމަށްވެސް އިންޒާރު ދީފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު ސްޓޭޓް ސަރުކާރުން ވަނީ އެ އަމުރު ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކުރުމަށް އަމުރެއް ނެރެފަ އެވެ. ނަމަވެސް، އިމާރާތްތައް ތަޅާލުން މުޅިން ހުއްޓާލީ ކަމެއް އެ އަމުރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެ އެވެ.

ޖައުހަރު ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޒަހީރުއްދީން އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވަގުތީ ގޮތުން މަޑުޖައްސާލުމުގެ މާނައަކީ ތަޅާލުމުގެ ނިންމުން ބާތިލުވުން ނޫން ކަމަށެވެ.

"އޭގެ މާނައަކީ ރާމްޕޫރު ޑިވެލޮޕްމަންޓް އޮތޯރިޓީ (އާރްޑީއޭ) އިން ކަނޑައެޅި އޯގަސްޓް 5 ގެ ސުންގަޑިއަށް އިމާރާތްތައް ނުތަޅާނެއޭ. ޔުނިވާސިޓީން މިހާރު މަސައްކަތް ކުރަމުންދަނީ އެ އިމާރާތްތައް ތަޅާލަން ނެރުނު އަމުރު މުޅިން ބާތިލުކުރުމަށް ކޯޓުން ހުކުމެއް ހޯދުމަށް،" އޭނާ ވިދާޅުވިއެވެ.

'ތަޅާލުން ހުއްޓާލާ'

250 އޭކަރުގެ ބޮޑު ކެމްޕަހެއްގައި އެތައް ދާއިރާއަކުން ތައުލީމު ހާސިލުކުރަމުންދާ ގާތްގަނޑަކަށް 3،000 އެއްހާ ދަރިވަރުންނަށް ސަރުކާރުގެ މި ނިންމުން ވެގެންދިޔައީ ކުއްލި ޝޮކެއް ލިބުނު ކަމަކަށެވެ.

ރާމްޕޫރު ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނެފައިވާ ގޮތުގައި، ޔުނިވަރސިޓީ ކެމްޕަހުގައި ހުރި 40 އިމާރާތުގެ ތެރެއިން 38 އިމާރާތަކީ ގަވާއިދާ ޚިލާފަށް ބިނާކޮށްފައިވާ ތަންތަން. މިކަމާ ގުޅިގެން، ގަވާއިދާ ޚިލާފަށް ހަދާފައިވާ އެ ހުރިހާ އިމާރާތްތަކެއް ތަޅާލުމަށް އެ އޮތޯރިޓީން މިހާރު ވަނީ އަމުރު ނެރެފައި

ރާމްޕޫރު ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނެފައިވާ ގޮތުގައި، ޔުނިވަރސިޓީ ކެމްޕަހުގައި ހުރި 40 އިމާރާތުގެ ތެރެއިން 38 އިމާރާތަކީ ގަވާއިދާ ޚިލާފަށް ބިނާކޮށްފައިވާ ތަންތަން. މިކަމާ ގުޅިގެން، ގަވާއިދާ ޚިލާފަށް ހަދާފައިވާ އެ ހުރިހާ އިމާރާތްތަކެއް ތަޅާލުމަށް އެ އޮތޯރިޓީން މިހާރު ވަނީ އަމުރު ނެރެފައި | ސޯޝަލް މީޑިއާ

ޖުލައި 15 އިން ފެށިގެން ޔުނިވާސިޓީގެ ދަރިވަރުންނާއި ކުރީގެ ދަރިވަރުން ދަނީ ޔުނިވާސިޓީގެ މައި ދޮރުމަތީގައި އިށީނދެ ތިބެ، އިމާރާތްތައް ތަޅާލުމުގެ އަމުރު އަނބުރާ ގެންދިއުމަށް ގޮވާލައި އިހުތިޖާޖު ކުރަމުންނެވެ.

"ސީޖޭޕީގެ މުޒާހަރާތަކާ ގުޅިގެން ފެޑަރަލް މިނިސްޓަރަކު އިސްތިއުފާ ދެއްވަން މަޖުބޫރު ކުރެވޭ ކަމަށްވާނަމަ، މިހާ ގިނަ އަދަދެއްގެ ދަރިވަރުން މިތަނުގައި މުޒާހަރާ ކުރަމުންދާއިރު، ޔުނިވާސިޓީ ތަޅާލުން ހުއްޓާލުމަށް އުއްތަރު ޕްރަދޭޝް ސަރުކާރަށް މަޖުބޫރު ނުކުރެވެންވީ ކީއްވެ؟" 2019 ވަނަ އަހަރު ޖައުހަރު ޔުނިވާސިޓީން ދަސްވެނިވި އުސާމާ ތައްޔިބު ސުވާލު އުފެއްދި އެވެ.

ގާތްގަނޑަކަށް 240 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އުއްތަރު ޕްރަދޭޝްގައި 2017 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުންދަނީ ކަނާތު ފިޔައިގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިންނެވެ. އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތިޔަނާތަކީ ހަރުކަށި ހިންދޫ ފިކުރުގެ މީހެއްގެ ގޮތުގައި މަޝްހޫރު، މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފެއްދުމުގެ ވާހަކަތަކާއި ސިޔާސަތުތަކަށް ނަން މަޝްހޫރު މީހެކެވެ.

ޔުނިވާސިޓީގެ ބާނީ އަދި އުމުރުދުވަހުގެ ޗާންސެލަރ، އުމުރުން 77 އަހަރުގެ އާޒަމް ޚާނަކީ އުއްތަރު ޕްރަދޭޝްގައި ބީޖޭޕީއަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ލީޑަރެވެ. އޭނާއަކީ އެ ސްޓޭޓްގެ 38 މިލިއަން މުސްލިމުންނާއި، ދަށް ފަންތީގެ ހިންދޫންގެ މެދުގައި މަގުބޫލު ސަމާޖްވާދީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

އާޒަމް ޚާން ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރެއްވީ 1970 ގެ އަހަރުތަކުގައި، އިންޑިއާގެ އެންމެ ބޮޑު މައިނޯރިޓީ ތައުލީމީ މުއައްސަސާ ކަމަށްވާ އަލީގަޅު މުސްލިމް ޔުނިވާސިޓީންނެވެ. އޭނާ ފާހަގަވެގެންދިޔައީ ވަރުގަދަ ދަރިވަރުންގެ ލީޑަރެއްގެ ގޮތުގަ އެވެ. އަދި ފަހުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެން، 2011 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި 50 އިންސައްތަ މުސްލިމުން އުޅޭ ރާމްޕޫރުގެ ސިޔާސީ ބާރު އެތައް އަހަރެއް ވަންދެން ހިފަހައްޓައިގެން ތިބި ކުރީގެ ރަސްކަލުންގެ އާއިލާއާ ދެކޮޅަށް ތެދުވެވަޑައިގަތެވެ.

އޭނާ އިންތިޚާބީ ސިޔާސީ ދާއިރާއަށް ވެދެވަޑައިގަތީ 1980 ވަނަ އަހަރު އެވެ. އޭގެ ފަހުން 10 ދައުރު ވަންދެން އުއްތަރު ޕްރަދޭޝްގެ އެސެމްބްލީގައި ރާމްޕޫރު ތަމްސީލުކުރެއްވި އެވެ. އަދި ސްޓޭޓް ސަރުކާރުގެ އެކި މިނިސްޓަރުކަމާއި، އިދިކޮޅު ލީޑަރުކަން ވެސް ކުރެއްވި އެވެ. މީގެ އިތުރުން އިންޑިއާގެ ޕާލަމެންޓްގެ ދެ މަޖިލީހަށް ވެސް އިންތިޚާބުވެވަޑައިގަތެވެ. 2003 ވަނަ އަހަރު އޭނާ އުފެއްދެވި މުހައްމަދު އަލީ ޖައުހަރު ޓްރަސްޓުން ޔުނިވާސިޓީ ބިނާކުރުމާއެކު، އޭނާ ވެގެންދިޔައީ އުތުރު އިންޑިއާގެ އެންމެ ނުފޫޒުގަދަ މުސްލިމް ލީޑަރަށެވެ.

އަދި މިއީ ބީޖޭޕީގެ އަމާޒުފަތްގަނޑަކަށް އޭނާ ވެގެންދިޔަ ސަބަބެވެ.

'ބަދަލުހިފުމުގެ ސިޔާސަތު'

2017 ވަނަ އަހަރު ވެރިކަމަށް އައުމަށްފަހު، އަދިތިޔަނާތުގެ ސަރުކާރުން ވަނީ އާޒަމް ޚާނާ ދެކޮޅަށް 100 އެއްހާ މައްސަލަ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ބިން ފޭރުމާއި، ލިޔެކިޔުން އޮޅުވާލުމާއި، ނަފުރަތު އުފެއްދުމުގެ ދައުވާތައް ހިމެނެ އެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ ޖައުހަރު ޔުނިވާސިޓީއާ ގުޅުންހުރި މައްސަލަތަކެވެ.

ސުޕްރީމް ކޯޓުން 2022 ވަނަ އަހަރު ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމުގެ ކުރިން، ދެ އަހަރަށްވުރެ ގިނަ ދުވަސް އާޒަމް ޚާން ޖަލުގައި ހޭދަކުރެއްވި އެވެ. ޖެހިގެން އައި އަހަރު ރާމްޕޫރުގެ ކޯޓަކުން ވަނީ އޭނާއާއި، އަނބިކަނބަލުން ތަޒީން ފާތިމާ އަދި ދަރިކަލުން އަބްދުﷲ އާޒަމް ޚާންގެ މައްޗަށް އުފަންދުވަހުގެ ސެޓްފިކެޓް އޮޅުވާލި ކަމުގެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ.

މިހާރުވެސް އޭނާ ގެންދަވަނީ 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގެ ތެރޭގައި "ފިތުނަ އުފެދޭ ފަދަ ވާހަކަ" ދެއްކެވި ކަމަށް ބުނެ މި އަހަރުގެ މޭ މަހު އިއްވި ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އާޒަމް ޚާންގެ ސަޕޯޓަރުން ބުނާ ގޮތުގައި އޭނާއާއި އާއިލާއާ ދެކޮޅަށް ހިންގާ މި މައްސަލަތަކަކީ ސިޔާސީ މަގްސަދެއްގައި ކުރާ ކަންކަމެވެ. ނަމަވެސް ސްޓޭޓް ސަރުކާރުން އެކަން ދޮގުކުރެ އެވެ.

ސަމާޖްވާދީ ޕާޓީގެ މެންބަރު ޖާވިދު އަލީ ޚާން ވިދާޅުވާ ގޮތުގައި "ޖައުހަރު ޔުނިވާސިޓީ ތަޅާލަން އުޅުމަކީ "ތައުލީމާ ދެކޮޅު، އަދި ރައްޔިތުންނަކީ ތައުލީމެއް ނެތް ބަޔަކަށް ހަދަން ބޭނުންވާ ސަރުކާރަކުން ހިންގާ ބަދަލުހިފުމުގެ ސިޔާސަތެއް" ކަމަށެވެ.

"މި ޔުނިވާސިޓީއަށް އަމާޒުކުރާ ގިނަ ސަބަބުތަކެއް އެބަހުރި. ފުރަތަމަ ކަމަކީ މިއީ އާޒަމް ޚާން ބިނާކުރެއްވި ތަނަކަށްވުން. ދެވަނަ ކަމަކީ މީގެ ބިންގާ އެޅުއްވީ ސަމާޖްވާދީ ޕާޓީގެ ބާނީ މުލާޔަމް ސިންގް ކަމަށްވުން. ތިންވަނަ ކަމަކީ މިއީ ކުރީގެ ޗީފް މިނިސްޓަރު އަކިލޭޝް ޔާދަވް އިފްތިތާހު ކޮށްދެއްވި ތަނަކަށްވުން. އަދި ހަތަރުވަނަ ކަމަކީ މިއީ މައިނޯރިޓީ ޔުނިވާސިޓީއަކަށް ވުން،" އޭނާ ވިދާޅުވި އެވެ.

ސަމާޖްވާދީ ޕާޓީގެ މައި ބާނީ މުލާޔަމް ސިންގް ޔާދަވް 2022 ވަނަ އަހަރު ވަނީ ދުނިޔެ ދޫކޮށްފަ އެވެ. މިހާރު އެ ޕާޓީ ހިންގަނީ އޭނާގެ ދަރިކަލުން އަކިލޭޝް އެވެ. އޭނާއަކީ އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކޮންގްރެސް ހިމެނޭ ބީޖޭޕީއާ ދެކޮޅު އިއްތިހާދުގެ މެންބަރެކެވެ.

ބީޖޭޕީގެ ތަރުޖަމާނު ރާކޭޝް ތުރިޕާތީ ވިދާޅުވީ، އިމާރާތްތައް ތަޅާލަން ނިންމީ ގަވާއިދާ ޚިލާފަށް ކޮށްފައިވާ އިމާރާތްތަކާ މެދު އަމަލުކުރާ ގާނޫނީ އުސޫލުގެ ދަށުން ކަމަށެވެ. އަދި ސަމާޖްވާދީ ޕާޓީން މަސައްކަތް ކުރަނީ ވަކި ބަޔަކު ރުއްސުމުގެ ސިޔާސަތެއްގެ ދަށުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އާޒަމް ޚާން މި ޔުނިވާސިޓީ ބިނާކުރީ ޣައިރު ގާނޫނީ ބިމެއްގައި ކަމަށް އެއްވެސް މީހަކަށް ދެކޮޅު ހެދޭނެތަ؟ އޭނާގެ މަގާމާއި ބާރުގެ ބޭނުންކޮށްގެން ސަމާޖްވާދީ ސަރުކާރުގެ ދުވަސްވަރު ޣައިރު ގާނޫނީ ބިމެއްގައި މި ޔުނިވާސިޓީ ބިނާކޮށް، ގަވާއިދާ ޚިލާފަށް އިމާރާތްތައް އުފުލީ. އަހަރެމެން މިކުރާ ކަމަކީ ގަވާއިދާ ޚިލާފު އިމާރާތްތަކާ މެދު ގާނޫނުގައި އޮންނަ ގޮތަށް އަމަލުކުރުން. އޭގެ މާނައަކީ އެތަން ތަޅާލަން ޖެހޭނެއޭ،" ތުރިޕާތީ ވިދާޅުވި އެވެ.

'އަންހެން ކުދިންނަށް ދެން ފުރުސަތެއް ނުލިބޭނެ'

އަނެއްކޮޅުން ރާމްޕޫރުގައި ހުރި ހަމައެކަނި ފުރިހަމަ ޔުނިވާސިޓީ ތަޅާލަން އުޅޭތީ އުފެދިފައިވާ ނުރުހުން ދަނީ އިތުރުވަމުންނެވެ. 2011 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި، އުއްތަރު ޕްރަދޭޝްގެ 75 ޑިސްޓްރިކްޓްގެ ތެރެއިން ތައުލީމީ ފެންވަރު އެންމެ ދަށް ފަސް ޑިސްޓްރިކްޓްގެ ތެރޭގައި ރާމްޕޫރު ހިމެނެ އެވެ.

ޔުނިވާސިޓީގެ ޗީފް ޕްރޮކްޓަރ ގުލްރާޒް ނިޒާމީ ވިދާޅުވި ގޮތުގައި، ޖައުހަރު ޔުނިވާސިޓީގެ ދަރިވަރުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އަންހެން ކުދިންނެވެ.

ލޯ ކިޔަވަމުންދާ ފަސްވަނަ އަހަރުގެ ދަރިވަރެއް ކަމަށްވާ އިޤްރާ ބުނި ގޮތުގައި، އޭނާ މި ޔުނިވާސިޓީ އިޚްތިޔާރު ކުރީ ސަބަބުތަކެއް ހުރެގެންނެވެ.

"އަހަރެމެންގެ މައިންބަަފައިން މިތަނުގެ މާހައުލާ މެދު ހިތްހަމަޖެހޭ. އަދި އެހެން ޔުނިވާސިޓީތަކަށްވުރެ މިތަނުގައި އަންހެން ދަރިވަރުންނަށް އޮތް ރައްކާތެރިކަން ބޮޑު،" އޭނާ ބުންޏެވެ.

"މި ޔުނިވާސިޓީ ތަޅާލައިފިނަމަ، އަހަރެމެން ފަދަ އަންހެން ކުދިންނަށް ދެން ކިޔެވުމުގެ ފުރުސަތެއް ނުލިބޭނެ. އެހެން ތަނަކަށް ފޮނުވަން މައިންބަަފައިން އެއްބަހެއް ނުވާނެ. އެމީހުން މިތަން އިޚްތިޔާރު ކުރީ މުސްލިމް އަންހެން ކުދިންނަށް މިތަން ރައްކާތެރި ކަމަށް ގަބޫލުކުރެވޭތީ،" އިޤްރާ ކިޔައިދިނެވެ.

އިޤްރާ ބުނި ގޮތުގައި ސަރުކާރުން މިހާރު ދަނީ ކައުންސެލިން ކޭމްޕެއް ހިންގައި، ދަރިވަރުން އެހެން ކޮލެޖްތަކަށް ބަދަލުވުމަށް ލަފާދެމުންނެވެ. "އެކަމަކު އަހަރެމެން އެހެން ތަނަކަށް ދާކަށް ބޭނުމެއް ނޫން. އަހަރެމެން މި މުއައްސަސާ އިޚްތިޔާރު ކުރީ ސަބަބެއް އޮތީމަ،" އޭނާ ބުންޏެވެ.

މިކަމާ ދެކޮޅަށް މުޒާހަރާ ކުރަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ޔުނިވާސިޓީގެ ތިންބައިކުޅަ އެއްބައި ދަރިވަރުންނަކީ ހިންދޫންނެވެ.

ޔުނިވަރސިޓީ "ސަލާމަތްކުރުމަށް" ގޮވާލައި، އެ މުއައްސަސާގެ މައި ދޮރުމަތީގައި ދަރިވަރުން އިށީނދެ ތިބެ އިހުތިޖާޖު ކުރަނީ

ޔުނިވަރސިޓީ "ސަލާމަތްކުރުމަށް" ގޮވާލައި، އެ މުއައްސަސާގެ މައި ދޮރުމަތީގައި ދަރިވަރުން އިށީނދެ ތިބެ އިހުތިޖާޖު ކުރަނީ | ސޯޝަލް މީޑިއާ

"މިއީ މުސްލިމް ޔުނިވާސިޓީއެކޭ އެމީހުން ކިޔައިފާނެ. ގާނޫނީ ގޮތުން މިއީ މައިނޯރިޓީ ޔުނިވާސިޓީއެއް. އެކަމަކު އޭގެ މާނައަކީ އެހެން މީހުން މިތަނުގައި ނުކިޔަވައޭ ނޫން،" ޕެރަމެޑިކަލް ދާއިރާއިން ކިޔަވަމުންދާ ފުރަތަމަ އަހަރުގެ ދަރިވަރު ޗާންދްނީ ދިވާކަރް ބުންޏެވެ.

"ވޭތުވެދިޔަ އަހަރު އަހަރެން މިތަނުގައި އުޅުނުއިރު، މިއީ މައިނޯރިޓީ ޔުނިވާސިޓީއެއް ކަމަށްވެފައި އަހަރެންނަކީ މުސްލިމަކަށް ނުވާތީ އެއްވެސް ތަފާތުކުރުމެއް އިހުސާސެއް ނުކުރެވޭ. މިތަނުގެ ޓީޗަރުންނާއި ދަރިވަރުންނަކީ ވަރަށް އެކުވެރި ބައެއް،" މުޒާހަރާގެ ބައިވެރިންނާއެކު އިށީނދެ އިނދެ އޭނާ ބުންޏެވެ.

އާރްޑީއޭ އިން ބުނާ ގޮތުގައި މި ފިޔަވަޅު އެޅީ ގަވާއިދާ ޚިލާފު ކަންތައްތަކެއް ހުރި ކަމަށް ސަރަހައްދީ އޮފިސަރަކު ފާހަގަކުރި ރިޕޯޓަކާ ގުޅިގެންނެވެ. ޖުލައި 15 ވަނަ ދުވަހު ޔުނިވާސިޓީގެ ވަކީލުންނާއި އާރްޑީއޭގެ ވަކީލުންނާ ދެމެދު ބައްދަލުވުމެއް ވެސް ބޭއްވުނެވެ.

"އެމީހުންނަށް ނޯޓިސް ދެވުނު، އަދި އެމީހުން ލިޔުމުން ޖަވާބުވެސް ދިން. ޖައުހަރު ޔުނިވާސިޓީގައި ބިނާކޮށްފައިވާ 40 އިމާރާތުގެ ތެރެއިން ގަބޫލުކުރެވޭ ފެންވަރަށް ހުރީ އެންމެ ދެ އިމާރާތް. އަނެއް 38 އިމާރާތަކީ ސައްހަ ނޫން ތަންތަން ކަމަށް ވަނީ ސާބިތުވެފައި،" ޑިސްޓްރިކްޓް މެޖިސްޓްރޭޓް އަދި އާރްޑީއޭގެ ވައިސް ޗެއާޕާސަން އަޖޭ ކުމާރު ދިވެދީ ޖުލައި 15 ގައި ނޫސްވެރިންނަށް ވިދާޅުވި އެވެ.

ނަމަވެސް ވައިސް ޗާންސެލަރ ޒަހީރުއްދީން މި ތުހުމަތުތައް ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ ރާމްޕޫރުގެ ސިންގަންކޭރާ އަވަށުގައި ހުރި މި ޔުނިވާސިޓީ އާރްޑީއޭގެ އިޚްތިސާސްގެ ދަށަށް އައީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ. އެއީ އިމާރާތްތައް ބިނާކުރިތާ އެތައް އަހަރެއް ފަހެވެ.

އެހެންކަމުން، އިމާރާތް ކުރި ދުވަސްވަރު އެފަދަ ހުއްދައެއް ބޭނުން ނުވާނެ ކަމަށާއި، މިހާރު އެކަމަށް އެދި މަޖުބޫރު ނުކުރެވޭނެ ކަމަށް ޒަހީރުއްދީން ވިދާޅުވި އެވެ.

"ޔުނިވާސިޓީ އުފެދުނުއިރު ސިންގަންކޭރާއަކީ އާރްޑީއޭގެ ބާރު ހިނގާ ތަނެއް ނޫން. އަހަރެމެން މި ހިންގަނީ ސަރުކާރުގެ އެކި އިދާރާތަކުން ހުއްދަ ދީފައިވާ ކޯސްތަކެއް. އެ ހުއްދަ ލިބެނީ ހުރިހާ ޝަރުތުތަކެއް ފުރިހަމަވުމުން. އާރްޑީއޭގެ މި ނިންމުމަކީ ގާނޫނުއަސާސީން ލިބިދޭ ތައުލީމު އުނގެނުމުގެ ހައްގަށް އަރައިގަތުން،" އޭނާ ވިދާޅުވި އެވެ. އަދި މިއީ މައިނޯރިޓީންނާއި ފަގީރުންގެ ކުރިއެރުމަށް މަސައްކަތް ކުރެއްވި އާޒަމް ޚާނާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއް ކަމަށްވެސް އޭނާ ސިފަކުރެއްވި އެވެ.

ނަމަވެސް އޮފިޝަލުން ބުނަނީ މިހާރު އޮތް ގާނޫނުތަކުގެ ދަށުން އެ އިމާރާތްތައް ގަވާއިދުގެ ތެރެއަށް ނުވެއްދޭނެ ކަމަށާއި، އޮތް ހަމައެކަނި ގާނޫނީ ހައްލަކީ ތަޅާލުން ކަމަށެވެ.

'ފުލުހުން ގެއަށް އަންނަނީ'

ޔުނިވާސިޓީން ވަނީ އާރްޑީއޭގެ އަމުރު ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހަމައެއާއެކު ކެމްޕަސް ތެރޭގައި ކުރާ މުޒާހަރާތައް ދަނީ ވަރުގަދަވަމުންނެވެ.

"އެހެން މީހުންނަށް ސުލްހަވެރި މުޒާހަރާއިން ނަތީޖާ ނެރެވޭ ކަމަށްވާނަމަ، މުސްލިމް ދަރިވަރުންގެ ގޮތުގައި ތިބެ އަހަރެމެންގެ ޔުނިވާސިޓީ ސަލާމަތް ކުރުމުގެ ހައްގު މަގްސަދު ހާސިލު ނުކުރެވެންވީ ކީއްވެ؟ މިއީ ގުރުބާނީއެއް ބޭނުންވާ ކަމެއް ނަމަ، އެކަން ކުރަން އަހަރެމެން މިތިބީ ތައްޔާރަށް. މި ބޭއިންސާފަށް ދެން ކެތެއް ނުކުރެވޭނެ،" ޔުނިވާސިޓީން ގާނޫނީ ދާއިރާއިން ދަސްވެނިވި އުސްމާން އަލީ ބުންޏެވެ.

އޭނާ ތުހުމަތުކުރި ގޮތުގައި، މުޒާހަރާ ހުއްޓުވުމަށްޓަކައި ފުލުހުން ދަނީ ދަރިވަރުންގެ ގެތަކަށް ގޮސް އާއިލާތަކަށް ބިރުދައްކަމުންނެވެ. "ފުލުހުން އަހަރެމެންގެ ގެތަކަށް ގޮސް މައިންބަަފައިންނަށް އިންޒާރު ދެނީ. އެކަމަކު އަހަރެމެން ފަހަތަކަށް ނުޖެހޭނަން."

މިދިޔަ ހޮނިހިރު ދުވަހު، ސަމާޖްވާދީ ޕާޓީގެ ޕާލަމެންޓް މެންބަރުންގެ ވަފުދެއް ވަނީ މުޒާހަރާގެ ބައިވެރިންނާ ގުޅިފަ އެވެ. 

2014 ވަނަ އަހަރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން، އިންޑިއާގައި މުސްލިމުންގެ ގެދޮރާއި، މިސްކިތްތަކާއި، ފިހާރަތައް ތަޅާލުމުގެ ސަބަބުން މުސްލިމުންނަށް ނުހަނު ބޮޑު އިހާނެތިކަން ކުރިމަތިވެފައިވާކަން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

"މިގޮތަށް އިމާރާތްތައް ތަޅާލުމުގެ ފަހަތުގައި އެތައް މަގުސަދެއް އެބައޮތް. ފުރަތަމަ ކަމަކީ، ހިންދޫ ވޯޓަރުންގެ ކުރިމަތީގައި ނުފޫޒުގަދަ މުސްލިމުންނާ ކުރިމަތިލައި، އެއީ ބޮޑު މަންޒަރެއްގެ ގޮތުގައި ދެއްކުން. ދެވަނަ ކަމަކީ، މި ސަރުކާރުގެ ދައުރުގައި މައިނޯރިޓީ ނުވަތަ ބައިމަދު މީހުންގެ މުއައްސަސާތަކާ ދެކޮޅަށް މެދުނުކެނޑި ހިންގަމުންދާ ކެމްޕޭން. އަދި ތިންވަނަ ކަމަކީ، ހިންދޫންނާއި މުސްލިމުން އެކުވެގެން އުޅުމަށް މި ސަރުކާރުން ބޭނުންނުވުން. ޔުނިވާސިޓީތަކަކީ މިފަދަ އެކުވެރިކަން އެންމެ ބޮޑަށް އޮންނަ ތަންތަން،" ދިއްލީ ޔުނިވާސިޓީގައި ހިންދީ އަދަބިއްޔާތު ކިޔަވައިދެއްވާ ޕްރޮފެސަރެއް ކަމަށްވާ އަޕޫރްވާނަންދު ވިދާޅުވި އެވެ.

ރާމްޕޫރުގައި ހުރި ޖައުހަރު ޔުނިވާސިޓީން ދަސްވެނިވެފައިވާ އަބްދުލް ކަލީމް އަންސާރީ ބުނި ގޮތުގައި، އެމީހުން ކުރަމުންދާ އިހުތިޖާޖާއި ސީޖޭޕީ ހަރަކާތާ ދެމެދު އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. ސީޖޭޕީ ހަރަކާތަކީ އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލަތަކާ ގުޅިގެން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުވި ހަރަކާތެވެ.

މި ދެ ހަރަކާތުގައިވެސް ބައިވެރިވި އަންސާރީ ބުނި ގޮތުގައި، ތައުލީމީ ދާއިރާގެ އިސްލާހަށް ގޮވާލައި "ކޮކްރޯޗް" އިހުތިޖާޖުގެ ބައިވެރިން މަގުތަކަށް ނުކުތްއިރު، ފުރިހަމައަށް ހިނގަމުންދާ ޔުނިވާސިޓީއެއް ތަޅާލަން ނޯޓިސް ދީފައިވާ މައްސަލަ އެމީހުންގެ އެޖެންޑާގައި ނެތުމުން އޭނާ ހައިރާންވެ އެވެ.

"އެމީހުން ތައުލީމީ އިސްލާހުގެ ވާހަކަ ދައްކާއިރު، ދިއްލީއާ އެންމެ މަދު ކިލޯމީޓަރުތަކެއްގެ ދުރުގައި ހުރި މައިނޯރިޓީ ޔުނިވާސިޓީއެއް ކަމަށްވާ ޖައުހަރު ޔުނިވާސިޓީ ތަޅާލަން ދީފައިވާ ނޯޓިސްއާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނާތީ އެއީ ވަރަށް ބޮޑު ހައިރާންކަމެއް،" އޭނާ ބުންޏެވެ.

މަސްދަރު: އަލް ޖަޒީރާ

މުހައްމަދު އަލީ ޖައުހަރު ޔުނިވާސިޓީބާރަތީޔާ ޖަނަތާ ޕާޓީޔޯގީ އަދިތިޔަނާތުކޮކްރޯޗް ޖަނަތާ ޕާޓީއިންޑިއާ

އިތުރަށް ކިޔާލަން

25 ޖުލައި 2026

ހުރިހާ "ކުރަފި" ތައް އެއްވުމުން ދެން ވާނެ ގޮތް އިންޑިއާ އިން ތަމްސީލުވެގެން އެދިޔައީ ހާދަ ފުރިހަމަކޮށްނެވެ!

25 ޖުލައި 2026
ހުރިހާ "ކުރަފި" ތައް އެއްވުމުން ދެން ވާނެ ގޮތް އިންޑިއާ އިން ތަމްސީލުވެގެން އެދިޔައީ ހާދަ ފުރިހަމަކޮށްނެވެ!
25 ޖުލައި 2026

އިމްތިހާން ކަރުދާސް ލީކުވި މައްސަލައިގައި ކޮކްރޯޗް ޕާޓީގެ މުޒާހަރާތައް ހޫނުވެ އެންމެ ފަހުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

25 ޖުލައި 2026
އިމްތިހާން ކަރުދާސް ލީކުވި މައްސަލައިގައި ކޮކްރޯޗް ޕާޓީގެ މުޒާހަރާތައް ހޫނުވެ އެންމެ ފަހުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި
23 ޖުލައި 2026

އިންޑިއާގެ ތައުލީމީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކޮކްރޯޗް ޕާޓީގެ އެކްޓިވިސްޓް ސޯނަމް ސަރގެ ބަރުދަނުން 11 ކިލޯ ލުއިވެއްޖެ

23 ޖުލައި 2026
އިންޑިއާގެ ތައުލީމީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކޮކްރޯޗް ޕާޓީގެ އެކްޓިވިސްޓް ސޯނަމް ސަރގެ ބަރުދަނުން 11 ކިލޯ ލުއިވެއްޖެ
21 ޖުލައި 2026

ރާހުލް ގާނދީ އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

21 ޖުލައި 2026
ރާހުލް ގާނދީ އިންޑިއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
21 ޖުލައި 2026

އިންޑިއާގެ ކޮކްރޯޗް ޕާޓީގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިތާ 24 ގަޑިއިރު ނުވަނީސް އެތައް ހާސް ބަޔަކު އަލުން އެއްވެއްޖެ

21 ޖުލައި 2026
އިންޑިއާގެ ކޮކްރޯޗް ޕާޓީގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިތާ 24 ގަޑިއިރު ނުވަނީސް އެތައް ހާސް ބަޔަކު އަލުން އެއްވެއްޖެ
20 ޖުލައި 2026

އިންޑިއާގެ ކޮކްރޯޯޗް ޕާޓީގެ އެތައްހާސް ސަޕޯޓަރުން އެ ގައުމުގެ ތަޢުލީމީ ނިޒާމު އިޞްލާހުކުރުމަށް ގޮވާލައި ޕާލަމެންޓާ ދިމާލަށް

20 ޖުލައި 2026
އިންޑިއާގެ ކޮކްރޯޯޗް ޕާޓީގެ އެތައްހާސް ސަޕޯޓަރުން އެ ގައުމުގެ ތަޢުލީމީ ނިޒާމު އިޞްލާހުކުރުމަށް ގޮވާލައި ޕާލަމެންޓާ ދިމާލަށް
09 ޖުލައި 2026

އިންޑިއާގެ ކެރެލާ ސްޓޭޓުގެ ވަޔަނާޑްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ

09 ޖުލައި 2026
އިންޑިއާގެ ކެރެލާ ސްޓޭޓުގެ ވަޔަނާޑްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ
08 ޖުލައި 2026

ރާއްޖޭގެ ފޭކް ވޯކް ޕާމިޓް ވިއްކައިގެން އުޅޭ ގްރޫޕެއްގެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި

08 ޖުލައި 2026
ރާއްޖޭގެ ފޭކް ވޯކް ޕާމިޓް ވިއްކައިގެން އުޅޭ ގްރޫޕެއްގެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި
07 ޖުލައި 2026

އިންޑިއާގެ ގުޖުރާތުގައި ސިންގާއެއް މީހަކަށް ހަމަލާދީފި

07 ޖުލައި 2026
އިންޑިއާގެ ގުޖުރާތުގައި ސިންގާއެއް މީހަކަށް ހަމަލާދީފި
21 ޖޫން 2026

"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި

21 ޖޫން 2026
"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް