"މަސްވެރިކަން ކުރުމަށް ހޭދަކުރާ ދުވަސްތަކަށްވުރެ ކަންނެލި ކިރުމަށާއި އައިސް ހޯދުމަށް ހޭދަކުރަންޖެހޭ ދުވަސްތައް ގިނަވުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވާ ސަބަބެއް!"
27 ޖުލައި 2026 | ހޯމަ 14:10ކަންނެލި ކިލޯއެއްގެ އަގު 35 ރުފިޔާއަށް ދަށްވުމާއި، މަސްކިރުވުމަށް ގިނަ ވަގުތު ހޭދަވާތީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި. މި މައްސަލައަށް އޮތް ހައްލަކީ ސަރުކާރުގެ މެނިފެސްޓޯއާ އެއްގޮތަށް މިފްކޯއިން އެކަށީގެންވާ އަގުގައި މަސްގަތުން ކަމަށް އެ ޔޫނިއަނުން ބުނޭ


ފަރެސްމާތޮޑާ މަސްވެރިން | ފަރެސްމާތޮޑާ މަސްވެރިއެއް
މަސްވެރިކަން ކުރުމަށް ހޭދަކުރާ ދުވަސްތަކަށް ވުރެ ކަންނެލި ކިރުމަށާއި އައިސް ހޯދުމަށް ހޭދަކުރަންޖެހޭ ދުވަސްތައް ގިނަވުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވާ ސަބަބެއް ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކޮންމެ މަސްވެރި މޫސުމެއްގައި ވެސް ކަންނެލި މަސްވެރިން މާޔޫސްވެ ބުރަ މަސައްކަތުން ބާނާ ކަންނެލި ކިރަން ދަތިވެ ކިޔުގައި ތިބެން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ޔޫނިއުން ބުނެފައިވާ ގޮތުގައި އިއްޔެ ކަންނެލި ކިލޯއެއްގެ އަގު ހުރީ 35 ރުފިޔާއަށެވެ. އެއީ ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް ލިބުނު ބޮޑު ނިކަމެތި ކަމެއްގެ ގޮތުގައި އެ ޔޫނިއަނުން ވަނީ ސިފަކޮށްފަ އެވެ.
ކޮންމެ މަސްވެރި މޫސުމެއްގައި ވެސް ކަންނެލި މަސްވެރިން މާޔޫސްވެ ބުރަ މަސައްކަތުން ބާނާ ކަންނެލި ކޮޅު ކިރަން ދަތިވެ ކިޔުގައި ތިބެން ޖެހުމަކީ ހިތާމަ ހުރި ކަމެއް، މިއަދު އެވްރެޖް ކަންނެލި ކިލޯއެއްގެ އަގު 35 ރުފިޔާއަށް ހެދުމަކީ އެންމެހައި ކަންނެލި މަސްވެރިންނަށާއި އާއިލާތަކަށް ލިބުނު ބޮޑު ނިކަމެތި ކަމެއްބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން
ކިޔުގައި ގިނަ ދުވަސްވުމުގެ ސަބަބުން ކަންނެލީގެ ފެންވަރު ދަށްވެ ރިޖެކްޓްވާ މިންވަރު އިތުރުވަމުންދާތީ، މަހުގެ އަގަށް ބަދަލު ގެނެސް ކަންނެލި ކިރަން ޖެހުމަކީ މިއަދުގެ ހާލަތު ކަމަށާއި މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެ އެވެ. ބާނާ މަހަށް އެކަށީގެންވާ އަގު ނުލިބޭތީއާއި މިފްކޯއިން ބޮޑު ކަންނެލި ނުގަންނާތީ، އެ ޔޫނިއަނުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މުޒާހަރާ ވެސް ކޮށްފަ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ވަނީ ކަންނެލި ގަންނަން ފަށައިފަ އެވެ. އެގޮތުން 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް، އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް 25 ރުފިޔާގެ މަގުން އެ ކުންފުނިން ދަނީ ގަންނަމުންނެވެ. މިފްކޯއިން ބޮޑު ކަންނެލި ގަންނަން ފެށިފަހުން މިހާތަނަށް 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެ އެވެ. އަދި 48 ގަޑިއިރުގެ ތެރޭގައި ބާނާ މަހަށް ފައިސާ ދޫކުރަމުންދާ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، މަސްވެރިން އަބަދު ވެސް ކުރަމުންދާ ޝަކުވާއަކީ ފައިސާ ލިބުމުގައި ބޮޑެތި ލަސްތަކެއް ހުރުމެވެ.
ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާކަމަށް ބުނެ ގިނަ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް، ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަންނެލި ފެކްޓްރީ މި އަހަރުގެ ތެރޭގައި ހުޅުވޭނެ ކަމަށް ކުރިން ވިދާޅުވުމަށްފަހު، އެ މަސައްކަތް ނިމެން އަދި ދޮޅު އަހަރުދުވަސް ނަގާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ދާދި ފަހުން ވިދާޅުވުމުން، މަސްވެރިންގެ މެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފަ އެވެ.









