ނޯލަންގެ "ދި އޮޑިސީ" އެކްސް ގައި ލީކުވެ 2 މިލިއަން މީހުން ބަލައިފި
27 ޖުލައި 2026 | ހޯމަ 11:49ކްރިސްޓޮފާ ނޯލަންގެ "ދި އޮޑިސީ" ފިލްމުގެ އެޗްޑީ ކޮޕީއެއް އެކްސްގައި ލީކުކޮށްލުމާ ގުޅިގެން، ކުރު މުއްދަތެއްގެ ތެރޭގައި ދެ މިލިއަނަށްވުރެ ގިނަ މީހުން އެ ފިލްމު ބަލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މި މައްސަލަ ޔުނިވާސަލް ސްޓޫޑިއޯއިން ސީރިއަސްކޮށް ބަލަމުންދާއިރު، ފިލްމު ލީކުވި ނަމަވެސް ބޮކްސް އޮފީހުގައި އެ ފިލްމަށް ލިބެމުންދާ އާމްދަނީއަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

ކްރިސްޓޮފާ ނޯލަން ޑައިރެކްޓްކުރާ ފިލްމު "ދަ އޮޑިސީ" ގެ މުހިންމު ރޯލުތަކުން މެޓް ޑޭމަން އަދި ޒެންޑާޔާ ފެނިގެންދޭ | ޔުނިވާސަލް ޕިކްޗާސް
ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން ބޭނުންވަނީ އޭނާގެ ފިލްމު "ދި އޮޑިސީ" އެންމެ ބޮޑު ސްކްރީންތަކުން ބެލުންތެރިންނަށް ފެނުމަށެވެ. ނަމަވެސް، މިދިޔަ ހަފުތާ ބަންދުގައި ސޯޝަލް މީޑިއާގައި ލީކުކޮށްލި މި ފިލްމުގެ ކޮޕީއެއް ދެ މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ފިލްމީ ދާއިރާގެ ޚަބަރުތައް ގެނެސްދޭ "ވެރައިޓީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެކްސް (ކުރީގެ ޓްވިޓާ) ގައި ހިއްސާކުރި މި ފިލްމުގެ ފެންވަރު ރަނގަޅު (ހައި ކޮލިޓީ) ވީޑިއޯއެއް، އެ އެކައުންޓް ސަސްޕެންޑް ކުރުމުގެ ކުރިން ހޮނިހިރު ދުވަހުގެ ދެ ގަޑިއިރާއި ބައިގެ ތެރޭގައި 2.1 މިލިއަން މީހުން ވަނީ ބަލާފަ އެވެ.
މިކަމާ ގުޅިގެން އެކްސް ބޭނުންކުރާ މީހަކު މަޖާކުރުމުގެ ގޮތުން ބުނެފައިވަނީ، "މުޅި އޮޑިސީ ފިލްމު އެއް ޓްވީޓުން މި ފެނުނީ، މިއީ ހަމަ ނޯލަން ބޭނުންވި ގޮތް" ކަމަށެވެ.
ނޯލަން މި ފިލްމުގެ މުޅި ތިން ގަޑިއިރު ޝޫޓްކޮށްފައިވަނީ، އައިމެކްސްގެ ބޮޑެތި ސްކްރީންތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ، މަތީ ފެންވަރުގެ ރިޒޮލިއުޝަން ލިބިދޭ 70 އެމްއެމް ފިލްމުގަ އެވެ.
އެކްސްގައި ޚިޔާލު ފާޅުކުރި އެހެން މީހަކު ބުނެފައިވަނީ، މުޅި "އޮޑިސީ" ފިލްމު ޓްވިޓާގައި ހިއްސާކޮށްފައި އޮތުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ.
މީގެ އިތުރުން އެހެން މީހަކު ބުނެފައިވަނީ، "ދި އޮޑިސީ" ފިލްމުގެ އެޗްޑީ ކޮޕީއެއް މީހަކު ލީކުކޮށްލާފައިވާ ކަމަށާއި، ފުރަތަމަ އެއީ ދޮގެއް ކަމަށް ހީކުރެވުނު ނަމަވެސް އެއީ ތެދެއްކަން މިހާރު އެނގިއްޖެ ކަމަށެވެ.
"ހޮލީވުޑް ރިޕޯޓާ" އިން ބުނި ގޮތުގައި، އާދިއްތަ ދުވަހު ވެސް މި ފިލްމުގެ ފެންވަރު ދަށް ކޮޕީއެއް އެކްސްގައި ދައުރުވެފައިވެ އެވެ. އަދި އެ ވީޑިއޯއަށް ގާތްގަނޑަކަށް 50،000 ވިއުސް ލިބިފައިވަނިކޮށް، ދެ ގަޑިއިރު ފަހުން ވަނީ އުނިކޮށްފަ އެވެ.
މިކަމާ ގުޅިގެން ފިލްމު އުފެއްދި ސްޓޫޑިއޯ، ޔުނިވާސަލް އިން ބުނީ، ހުއްދަނެތި ފިލްމު އާންމުކޮށްފައިވާކަން ސަމާލުކަމަށް އައުމާއެކު، ވަގުތުން އެ ވީޑިއޯތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ސްޓޫޑިއޯއިން އިތުރަށް ބުނެފައިވަނީ، ކޮޕީރައިޓްގެ ގަވާއިދުތަކާ ޚިލާފުވާ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށާއި، އެ ފަރާތުގެ އުފެއްދުންތަކާއި ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ފިލްމު ލީކުވި ނަމަވެސް، މިއީ ފިލްމަށް ލިބޭ އާމްދަނީއަށް މާ ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ފެށި ދެވަނަ ހަފުތާ ބަންދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 215 މިލިއަން ޑޮލަރު (160 މިލިއަން ޕައުންޑް) ލިބިފައިވާއިރު، މިހާތަނަށް ޖުމްލަ އާމްދަނީ ވަނީ 640 މިލިއަން ޑޮލަރު (480 މިލިއަން ޕައުންޑް) އަށް އަރާފަ އެވެ.









