ސިންގަޕޫރުން ރާއްޖެއަށް ނޮން-ރެސިޑެންޓް ހައިކޮމިޝަނަރަކު އައްޔަންކޮށްފި
ސިންގަޕޫރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ސިޓޯ ޔީ ޕިންއަށް އެ ގައުމުގެ ރައީސް ފަތްކޮޅު އަރުވާފައިވާއިރު، އޭނާ މި މަގާމަށް އައްޔަންކުރެއްވީ 2020 އިން ފެށިގެން އެ މަގާމުގައި ހުންނެވި ސޫ ކޮކް ލެންގްގެ ބަދަލުގައި. ސިޓޯ ޔީއަކީ ނޮން-ރެސިޑެންޓް ސަފީރަކަށް ވުމުން، އޭނާ ރާއްޖެއާ ގުޅޭ ކަންކަން ބަލަހައްޓަވާނީ ސިންގަޕޫރުގައި ހުންނަވައިގެން.

ސިޓޯ ޔީ ޕިން (ކ) އަށް ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަތުނަމްގެ އަތްޕުޅުން ސަފީރުކަމުގެ ފަތްކޮޅު އަރުއްވަނީ. | އެމްޑީޑީއައި
ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ހައިކޮމިޝަނަރުގެ މަގާމަށް ސިޓޯ ޔީ ޕިން އައްޔަންކޮށްފި އެވެ.
މިކަން ހާމަކޮށް ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް (އެމް.އެފް.އޭ) އިން ޖުލައި 21 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޓޯ ޔީ އަށް މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަތުނަމް ކަމަށެވެ.
ދިވެހިރާއްޖެއަށް ކަނޑައެޅި އުމުރުން 62 އަހަރުގެ ސިޓޯ ޔީ ޕިން މި މަގާމަށް އައްޔަންކުރެއްވީ، 2020 ވަނަ އަހަރުން ފެށިގެން އެ މަގާމުގައި ހުންނެވި ސޫ ކޮކް ލެންގްގެ ބަދަލުގަ އެވެ.
1975 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރި ފަހުން، ސިންގަޕޫރުގެ އެމްބަސީއެއް ރާއްޖޭގައި ގާއިމުކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުންތައް ބަލަހައްޓަމުން ގެންދަނީ ސިންގަޕޫރުގައި ތިއްބަވައިގެންނެވެ.
ސިޓޯ ޔީ ޕިން އަކީ 2025 ވަނަ އަހަރާ ހަމައަށް ޕޮޓޮންގް ޕާސިރު އެސް.އެމް.ސީގެ މެންބަރުކަން ތިން ދައުރެއްގައި ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ 2021 ވަނަ އަހަރުން ފެށިގެން ޕީޕަލްސް އެސޯސިއޭޝަންގެ ބޯޑް އޮފް މެނޭޖްމަންޓްގެ މެންބަރެއްގެ އިތުރުން، ސިންގަޕޫރުގެ ޗައިނާ ތައިޕިންގް އިންޝުއަރެންސްގެ ނޮން-އެގްޒެކެޓިވް ޑައިރެކްޓަރެއްވެސް މެއެވެ.
އޭނާ ވަނީ 1987 ވަނަ އަހަރު ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޫރުން އެކައުންޓެންސީގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ. އަދި އޭނާގެ މަސައްކަތުގެ ދާއިރާ ފެއްޓެވީ ކޭ.ޕީ.އެމް.ޖީގެ އޮޑިޓަރެއްގެ ގޮތުގަ އެވެ.
ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަންކުރެވޭ ބޭފުޅުންނަކީ އެ ގައުމުތަކުގައި ދިރިއުޅުއްވާ ބޭފުޅުންނެއް ނޫނެވެ. ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުންތައް ބަދަހިކުރުމަށްޓަކައި އެ ބޭފުޅުން ގަވާއިދުން އެ ގައުމުތަކަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާނެ އެވެ.








