އިންސާނީ ވަސީލަތް ތަރައްގީކުރަން ޖަޕާނުން ރާއްޖެ އަށް 1 މިލިޔަން ޑޮލަރުގެ އެހީ ދީފި
ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ޖަޕާން ސަރުކާރުން 152 މިލިއަން ޔެންގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި. މި އެހީގެ ދަށުން 2026 ވަނަ އަހަރު ދިވެހި ދަރިވަރުންނަށް ޖަޕާނުގެ ޔުނިވަސިޓީތަކުން މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ. މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ސިޔާސަތުތައް ތަންފީޒުކުރާނެ ގާބިލު ޒުވާނުން ބިނާކުރުން.


ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއި ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން. | ފޮރިން މިނިސްޓްރީ
ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފި އެވެ.
ބުދަ ދުވަހުގެ ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.
މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 152 މިލިއަން ޖަޕާނީސް ޔެން (1,020,134 އެމެރިކާ ޑޮލަރު) ދިނުމަށް ވަނީ ނިންމަވާފަ އެވެ. އަދި ޖަޕާން ސަރުކާރުން "ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް" ގެ ދަށުން 2026 ވަނަ އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް ވެސް ދީފައިވެ އެވެ.
މި އެހީ އަކީ ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެމުން ގެންދާ އެހީއެކެވެ.
މީގެ މަގުސަދަކީ މުސްތަގްބަލުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު ޒުވާނުން ބިނާ ކުރުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި އެހީގެ ދަށުން ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީތަކުގައި މަރސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބެ އެވެ.
މިހާތަނަށް ޖުމްލަ 17 ދަރިވަރަކު މި ޕްރޮގްރާމްގެ ދަށުން ތައުލީމު ހާސިލްކޮށް ދަސްވެނިވެފައިވެ އެވެ. އަދި މިހާރު ވެސް ޖަޕާނުގެ އެކި ޔުނިވަސިޓީތަކުގައި ރާއްޖޭގެ ނުވަ ދަރިވަރަކު ދަނީ މަތީ ތައުލީމު ހާސިލްކުރަމުންނެވެ.
މި އެއްބަސްވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ޖަޕާނުގެ އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.


