ޗައިނާގެ އީ-ކޮމާސް އަލީބާބާ ގްރޫޕުން އެމެރިކާގެ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި
ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ކަމަށް ބުނެ އެމެރިކާގެ ދިފާއީ ވުޒާރާއިން އެކުލަވާލާފައިވާ ބްލެކްލިސްޓުގައި އަލީބާބާ ގްރޫޕް ހިމެނި މައްސަލަ އެ ކުންފުނިން ކޯޓަށް ހުށަހަޅައިފި. މި ނިންމުމަކީ އެއްވެސް ގާނޫނީ ބިންގަލެއް ނެތް ނިންމުމެއް ކަމަށް ބުނެ، އަލީބާބާއިން ވަނީ އެމެރިކާގެ ތުހުމަތުތައް ދޮގުކޮށް އެ ކުންފުނީގެ ނަން ލިސްޓުން އުނިކުރުމަށް އެދިފަ. މި ފިޔަވަޅުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި އަލީބާބާއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެ.


ޗައިނާގެ ހަންގްޒޫގައި ހުންނަ އަލީބާބާ ގްރޫޕްގެ ދުނިޔޭގެ މައި މަރުކަޒު (ގްލޯބަލް ހެޑްކުއާޓާޒް) | ގެޓީ އިމޭޖަސް
ޗައިނާގެ އީ-ކޮމާސް އަދި ޓެކްނޮލޮޖީގެ ޖަޔަންޓް، އަލީބާބާ ގްރޫޕުން އެމެރިކާގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ކުންފުނިތަކުގެ "ބްލެކްލިސްޓް" ގައި އެ ކުންފުނި ހިމެނި މައްސަލައިގައި އެމެރިކާ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފިއެވެ. އަލީބާބާއިން މި ގާނޫނީ ހަނގުރާމަ ފެށީ އެމެރިކާގެ ޕެންޓަގަންއިން އެކުލަވާލާފައިވާ މި ލިސްޓުން އެ ކުންފުނީގެ ނަން އުނިކުރުމަށެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސް (ޑީ.އޯ.ޑީ) އިން ބުނާ ގޮތުގައި، އަލީބާބާއަކީ ޗައިނާގެ ޓެކްނޮލޮޖީ ރެގިއުލޭޓަރުންގެ އެންގުންތަކަށް ތަބާވާ ކުންފުންޏަކަށް ވާތީ، އެ ކުންފުންޏަކީ އަމަލީ ގޮތުން ޗައިނާ އަސްކަރިއްޔާގެ ގޮފިތަކުގެ ތެރެއިން ގޮފި އެކެވެ.
ކެލިފޯނިއާގެ ފެޑަރަލް ކޯޓަކަށް ހުށަހެޅި މި ދައުވާގައި އަލީބާބާއިން ވަނީ އެމެރިކާގެ ނިންމުންތަކަށް ރައްދުދީފައެވެ. އެގޮތުން، އެ ކުންފުނި ބްލެކްލިސްޓް ކުރަން ނިންމި ނިންމުމަކީ ހަގީގަތެއް ނެތް، އަދި ގާނޫނީ އެއްވެސް ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ނިންމުމެއް ނޫން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ، މި މަސް ނިމުމާއެކު އެމެރިކާ ސަރުކާރުން މުއާމަލާތް ކުރުން މަނާވާ ކުންފުނިތަކުގެ ލިސްޓު ޕެންޓަގަންއިން ފުޅާކޮށް، ބައިދޫ (Baidu)، ބީ.ވައި.ޑީ (BYD) އަދި ނިއޯ (Nio) ފަދަ ޗައިނާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް އެ ލިސްޓުގައި ހިމެނުމާ ގުޅިގެންނެވެ.
އެމެރިކާގެ ދިފާއީ ވުޒާރާއިން އަލީބާބާ "1260H" ލިސްޓުގައި ހިމެނީ، ބެއިޖިންގްގެ ރެގިއުލޭޓަރީ އިދާރާތަކާ އެ ކުންފުންޏާ އޮންނަ ގުޅުމުގެ ސަބަބުން، އެއީ ޗައިނާގެ ދިފާއީ ސިނާއަތަށް މަދަނީ އަދި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ބުނެއެވެ.
ނަމަވެސް އަލީބާބާއިން މި ތުހުމަތުތަކަށް އިންކާރު ކުރަމުން ބުނީ، އެ ކުންފުނީގެ މިނިވަން ބޯޑުގެ އެއްވެސް މެންބަރަކީ އަސްކަރިއްޔާއާ ގުޅުން އޮތް ބޭފުޅެއް ނޫން ކަމަށެވެ.
މީގެ އިތުރުން، ޗައިނާގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ހުރިހާ ކުންފުނިތަކަކުން ވެސް، އޭގެ ތެރޭގައި އެމެރިކާގެ ކުންފުނިތައް ހިމެނޭހެން، އެ ގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ތަބާވާން ޖެހޭކަން އަލީބާބާއިން ފާހަގަކުރިއެވެ.
އަލީބާބާއިން ބުނި ގޮތުގައި އެ ކުންފުނީގެ ޕްލެޓްފޯމްތަކަކީ ރީޓެއިލް ވިޔަފާރިއާއި ކްލައުޑް ކޮމްޕިއުޓިންގް އަށް ހާއްސަކޮށްފައިވާ ވަސީލަތްތަކެކެވެ. އަދި އެއީ ހަތިޔާރު އުފެއްދުމަށް ނުވަތަ ޖާސޫސީ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ ވަސީލަތްތަކެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"އަލީބާބާއަކީ ޗައިނާގެ އަސްކަރީ ކުންފުންޏެއް ނޫން، އަދި އަސްކަރީ-މަދަނީ ގުޅުންތަކުގެ އެއްވެސް ސިޔާސަތެއްގެ ބައެއްވެސް ނޫން،" އެ ކުންފުނިން ބީ.ބީ.ސީ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
އެ ކުންފުނިން އިތުރަށް ބުނީ، އަލީބާބާ "1260H" ލިސްޓުގައި ހިމެނުމަށް ނިންމި ނިންމުމަކީ އެއްވެސް އުސޫލެއް ނެތް، ހިތުހުރި ގޮތަކަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެހެންކަމުން އެ ލިސްޓުން ނަން އުނިކުރުމަށް އެދި އެމެރިކާގެ ދިފާއީ ވުޒާރާއާ ދެކޮޅަށް ދައުވާ ކުރަނީ ކަމަށެވެ.
މި ބްލެކްލިސްޓުގެ ސަބަބުން ކުންފުނީގެ މާލީ މުއާމަލާތްތައް ވަގުތުން ހުއްޓުމަކަށް ނައި ނަމަވެސް، ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ.
އަންނަ ހަފުތާއިން ފެށިގެން، ބްލެކްލިސްޓް ކުރެވިފައިވާ އެއްވެސް ކުންފުންޏަކާއެކު ވިޔަފާރީގެ މުއާމަލާތް ކުރުން އެމެރިކާގެ ޕެންޓަގަންއަށް ގާނޫނީ ގޮތުން މަނާވާނެއެވެ.
މި ގާނޫނުގެ ދަށުން، ބްލެކްލިސްޓް ކުރެވިފައިވާ ކުންފުންޏަކަށް މަސައްކަތްކޮށްދޭ ލޮބީ ފާމްތަކާއި ލޯ ފާމްތަކުގެ ޚިދުމަތް ހޯދާ އެމެރިކާގެ އެހެން ކުންފުނިތަކަށް ވެސް ފިޔަވަޅު އެޅޭނެއެވެ. އަލީބާބާއިން ބުނާ ގޮތުގައި މި ހުރަސްތަކުގެ ސަބަބުން، އެމެރިކާގެ ދިފާއީ ދާއިރާގެ ބޮޑެތި ކޮންޓްރެކްޓްތައް ހިމާޔަތް ކުރުމަށްޓަކައި، އެ ކުންފުންޏަށް ލަފާދޭ އެމެރިކާގެ މުޝީރުންނަށް އަލީބާބާއާއެކު އޮތް ގުޅުން ކަނޑާލަން މަޖުބޫރުވާނެއެވެ.
މި އުސޫލުގެ ސަބަބުން، އެ ކުންފުނިން އަމިއްލަ ދިފާއުގައި ވާހަކަދައްކަން އެންމެ ބޭނުންވި ވަގުތު، ވޮޝިންގްޓަންގައި އޮތް އެ ކުންފުނީގެ ސިޔާސީ އަދި ގާނޫނީ ބާރުވެރިކަން ވަނީ ނެތިގޮސްފައެވެ.
ދައުވާގައި ބުނެފައިވާ ގޮތުގައި، ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮތް ކަމަށް ބުނާ މައްސަލައިގައި ވާހަކަދެއްކުމަށާއި، އެމެރިކާގެ އިގްތިސާދަށް އެ ކުންފުނިން ފޯރުކޮށްދޭ އެހީތެރިކަމުގެ ހެކިތައް ހުށަހެޅުމަށް އަލީބާބާއިން މީގެ ކުރިން ޕެންޓަގަންގައި އެދިފައިވެއެވެ.
ނަމަވެސް، އެ މައުލޫމާތުތައް ހުށަހެޅުމުން ވެސް، އެމެރިކާގެ ދިފާއީ ވުޒާރާއިން އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައި ނުވާ ކަމަށާއި، އިތުރު މައުލޫމާތަކަށް ވެސް އެދިފައި ނުވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އޭގެ ބަދަލުގައި، އެއްވެސް އިންސާފުވެރި އަޑުއެހުމެއް ނެތި އަދި ކުރިން އެންގުމަކާ ނުލައި އަލީބާބާ ބްލެކްލިސްޓް ކުރީ ކަމަށް އެ ކުންފުނީގެ ދައުވާގައި ފާހަގަކޮށްފައިވެއެވެ.
މަސްދަރު: BBC NEWS






