ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ދިވެހިން ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން: އަމީން ފައިސަލް
ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމުން ދައުލަތަށް ލިބޭ އާމްދަނީ 95 އިންސައްތަ ދަށްވެފައިވާކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން އެނގޭ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ. މި ނިންމުމުގެ ސަބަބުން ސިއްހަތަށް ގެއްލުން ބޮޑު ފޭކު ސިނގިރޭޓާއި ބިޑި ބާޒާރުގައި އިތުރުވެ، ދައުލަތަށް ލިބެންޖެހޭ ބިލިއަނުން ފައިސާ ގެއްލެމުންދާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން ވޭޕް މަނާކޮށްފައި އޮތް ނަމަވެސް، ކަޅު ބާޒާރުގައި އޭގެ ވިޔަފާރި ފުޅާވެ އަގުތައް އުފުލިފައިވާ ކަމަށް ވެސް މެންބަރު ވިދާޅުވި.


ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމުގެ ދާއިރާގެ މެންބަރު އަމީން ފައިސަލް | ރައްޔިތުންގެ މަޖިލިސް
ދިވެހި ޒުވާނުންނާ، އެތައް ދިވެހި ރައްޔިތަކު ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމުގެ ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސިނގިރޭޓާއި ދުންފަތުން ނަގާ ޑިއުޓީ 50 އިންސަތައިން ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ އާމްދަނީ ހޯދުމުގެ ނިޔަތުގައި ދައުލަތުގެ ބަޖެޓަށް އިތުރު އެއް ބިލިއަން ރުފިޔާ އިތުރު ވާނެ ކަމުގެ އުއްމީދުގައި މިވަރުގެ ކަމެއް ކުއްލިއަކަށް ކުރަން ހެޔޮނުވާނެ ކަމަށް އޭރު ވެސް އެމްޑީޕީ އިން ދިޔައީ ބުނަމުން ކަމަށެވެ.
މަޖިލީހުގެ ރިކޯޑުތަކަށް ބަލާލީމަ ކޮމިޓީގައި ވާހަކަ ދެކެވުނު ގޮތާއި، ކޮމިޓީގައި ޕީއެންސީ ބޭފުޅުންގެ ވިސްނުން ހުރި ގޮތާ އަދި ކޮމިޓީ އިން ފާސް ކޮށްގެން ގެނައި ނިންމުން މަޖިލީހުގެ ފްލޯއިން އޮޅާލައި ފޮނުވާލި ގޮތް އެނގޭނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ. މެންބަރު ވިދާޅުވީ ކޮމިޓީގައި ބަހުސް ކުރަމުން ދިޔަ އިރު އެމްޑީޕީ މެންބަރުންނާ އޭރުގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވެސް ވިސްނުންފުޅު ހުރީ ބޮޑު ކުރަމުން ކުރަމުން ގޮސް ބޭނުންވާ ހިސާބަށް ދިއުމަށް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
ބާރުގަދަ ޕީއެންސީގެ އެހެން ބޭފުޅެއް، އެ ނިންމުން ބޮލާލައި ޖަހައި، މިކަމެއް ކުރީ. ކުރީމަ މިކަން މިއައީ. މިއަދާ ހަމައަށް މިއޮތް ނިންމުމުގެ ސަބަބުން އެތައް ބަޔަކަށް އެތައް ދިވެހި ޒުވާނުންނަކަށް ޖޫރިމަނާއާ ދެންވެސް އެހެން ބައިވަރު ކަންކަން އައިސްފި. ދައުލަތަށް ލިބެން ހުރި އެތައް ބިލިއަން ރުފިޔާ އެއް އުނި ވެއްޖެ. ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުން 95 ޕަސެންޓު، މީގެން ލިބެން އޮތް އާމްދަނީ އުނިވެފަ އޮތް ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކަނީ. އަޅުގަނޑުމެންގެ ހިސާބުތަކުންނެއް ނޫން. ކަސްޓަމްސްގެ ހިސާބުތަކުން.ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމުގެ ދާއިރާގެ މެންބަރު އަމީން ފައިސަލް
މެންބަރު ވިދާޅުވީ މީގެ ނަތީޖާ އަކަށް ވީ ދިވެހި ޒުވާނުން ފޭކު އެއްޗިއްސަށް ދާން ޖެހުން ކަމަށެވެ. އަދި ވޭޕް ބޭން ކޮށްފައި އޮތް ނަމަވެސް ވޭޕް ލިބޭ ކަމަށާ ވޭޕް ބޭނުންވެސް ކުރާ ކަމަށެވެ.
އޭގެ އިތުރުން ބާޒާރުގަ ކުރިއަށް ވުރެ އޭގެ އަގު ރަނގަޅުވެ، އޭގެ ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭ ފައިދާ މާ ބޮޑު ވެގެން ދިޔަ ކަމަށް ވެސް އަމީން ވިދާޅުވި އެވެ. ނަމަވެސް ރަސްމީ ނިޒާމުގެ ތެރެއަށް އެއްވެސް ފައިސާ އެއް ނުވަންނަ ކަމަށާ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
ސިނގިރޭޓަށް ވެސް ވަނީ އެހެން ކަން ފާހަގަ ކުރައްވާ އަމީން ވިދާޅުވީ ސިނގިރޭޓުން ޓެކްސްގެ ގޮތުގައާއި ދެން ވެސް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާ އެއް ނުލިބޭ ކަމަށެވެ. އެހެން ނަމަވެސް އެކި ގޮތްގޮތަށް، ކުރިން ދިވެހި މާކެޓުގައި ހުރި ސިނގިރޭޓަށް ވުރެ ދަށް، ސިއްހަތަށް ގެއްލުން ބޮޑު އެތައް ވައްތަރެއްގެ ސިނގިރޭޓު މިއަދު ލިބެމުން ދާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
މެންބަރު ވިދާޅުވީ އޭގެން އެއްވެސް ފައިސާއެއް، ޓެކުހެއް، އިމްޕޯޓް ޑިއުޓީ އެއް، އަދި އެއްވެސް އެއްޗެއް ދައުލަތަށް ނުލިބޭ އިރު، ދިވެހީން ފޭކު ސިނގިރޭޓާއި ފޭކު ބިޑިއަށް ހިޖުރަކުރަން ޖެހުނީ މި ފޭކު ސަރުކާރުން ނިންމާ ފޭކު ނިންމުންތަކުގެ ސަބަބުން ކަމަށެވެ.







