ކޮލަމްބިއާގެ ރިޔާސީ އިންތިޚާބު ދެ ވަނަ ބުރަކަށް
ރަސްމީ ނަތީޖާ ތަކުން ދައްކާ ގޮތުގައި ދެވަނަ ބުރުގައި ވާދަ ކުރާނީ ކަނާއަތު ފިޔައިގެ މިނިވަން ކެންޑިޑޭޓް އަބެލާޑޯ ޑެ ލާ އެސްޕްރިއޭލާ އާއި ވާއަތު ފިޔަވީގެ ސެނެޓަރު އިވާން ސެޕޭޑާ.


ކޮލަމްބިއާގެ ރިޔާސީ ކެންޑިޑޭޓް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ. | ރޮއިޓާސް
ކޮލަމްބިއާގައި އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ އަޣުލަބިއްޔަތު ލިބިވަޑައި ނުގަތުމާ ގުޅިގެން، އިންތިޚާބުގެ ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ އެވެ.
ރަސްމީ ނަތީޖާ ތަކުން ދައްކާ ގޮތުގައި ދެވަނަ ބުރުގައި ވާދަ ކުރާނީ ކަނާއަތު ފިޔައިގެ މިނިވަން ކެންޑިޑޭޓް އަބެލާޑޯ ޑެ ލާ އެސްޕްރިއޭލާ އާއި ވާއަތު ފިޔަވީގެ ސެނެޓަރު އިވާން ސެޕޭޑާ އެވެ.
އާދީއްތަ ދުވަހުގެ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތަ އަށް ވުރެ މަތިން ކާމިޔާބު ކުރެވިފައި ނުވެ އެވެ. ކޮލަމްބިއާގެ އިންތިޚާބުގެ ގާނޫނު ބުނާ ގޮތުން ފުރަތަމަ ބުރުން ރައީސް އަކު އިންތިޚާބު ވުމަށްޓަކައި ވޯޓުލީ މީހުންގެ 50 އިންސައްތަ އަށް ވުރެ ގިނަ ވޯޓު ހޯދަން ޖެހެ އެވެ. މި ނަތީޖާ އާއެކު، އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމަށް މިހާރު ވަނީ ނިންމާފައި އެވެ.
މި އިންތިޚާބުގައި އެންމެ ބޮޑު ސަމާލު ކަމެއް ލިބިފައި ވަނީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ވަކީލެއްގެ ގޮތުގައި ފާހަގަ ކުރެވޭ އަބެލާޑޯ ޑެ ލާ އެސްޕްރިއޭލާ އަށެވެ. އޭނާ އަކީ ސިޔާސީ މައިދާނަށް އައު ބޭފުޅެއް ނަމަވެސް، ކަނާއަތު ފިޔައިގެ ފިކުރުގެ މީހުންގެ މެދުގައި ބޮޑު ތާއީދެއް އޮތް ކެންޑިޑޭޓެކެވެ. އަނެއް ކޮޅުން އިވާން ސެޕޭޑާ އަކީ، ވާއަތު ފިޔައިގެ ސިޔާސަތު ތަކަށް ތާއީދު ކުރައްވާ، ގިނަ ދުވަސް ތަކެއް ވަންދެން ސެނެޓުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ.
ކޮލަމްބިއާގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނާ ގޮތުގައި، މި އިންތިޚާބުގެ ދެވަނަ ބުރު ވެގެން ދާނީ އެ ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި ވަރަށް މުހިންމު ނިންމުމަކަށެވެ. އެސްޕްރިއޭލާގެ ސިޔާސަތުތައް ބިނާވެފައި ވަނީ މިނިވަން އިގްތިސާދަކާއި، ވަރުގަދަ ސަލާމަތީ ނިޒާމެއްގެ މައްޗަށެވެ. ނަމަވެސް ސެޕޭޑާ ވަކާލާތު ކުރައްވަނީ އިޖުތިމާއީ ރައްކާތެރިކަމާއި، އާންމު ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދޭނެ ސިޔާސަތު ތަކެއް ގާއިމު ކުރުމަށެވެ.
އިންތިޚާބުގެ ދެވަނަ ބުރު ބާއްވާނެ ތާރީޚެއް ކޮލަމްބިއާގެ އިންތިޚާބީ އިދާރާ ތަކުން ކުރިއަށް އޮތް ދުވަސް ތަކުގައި އިއުލާނު ކުރާނެ އެވެ. މި ދެ ކެންޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރިކަން ބޮޑު ވެފައިވާ އިރު، އާންމު ރައްޔިތުންގެ ޚިޔާލު ހުރި ގޮތުން ދެވަނަ ބުރުގެ ނަތީޖާ ވަރަށް ކައިރިވާނެ ކަމަށް ބެލެވެ އެވެ.
މިއީ ކޮލަމްބިއާގެ ތާރީޚުގައި ވެސް ވާއަތު ފިޔައިގެ ކެންޑިޑޭޓަކާއި، ކަނާއަތު ފިޔައިގެ ކެންޑިޑޭޓެއްގެ މެދުގައި މިހާ ވަރު ގަދަ ކުރިމަތި ލުމެއް ހިނގާ ފުރަތަމަ ފަހަރެވެ.
މަސްދަރު: އަލް ޖަޒީރާ






