އޭސީ މިލާންގެ ކޯޗަކަށް އަމޯރިމް ހަމަޖައްސަން މަސައްކަތް ކުރަނީ
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ރުބެން އަމޮރިމް އޭސީ މިލާނާ ހަވާލުވުމުގެ މަޝްވަރާތައް ފަށާފައިވާއިރު، އޭނާ ހިމެނެނީ އެ ކްލަބުން އެންމެ ބޭނުންވާ ކޯޗުންގެ ލިސްޓުގެ ކުރީގައެވެ. މިލާނުން އާ ކޯޗެއް ހޯދަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމުން މަސިމިލިއާނޯ އަލެގްރީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އަމޮރިމްގެ އިތުރުން މައުރިސިއޯ ޕޮޗެޓީނޯ އާއި އޮލިވާ ގްލާސްނާގެ ނަން ވެސް މި މަގާމަށް ވަނީ ހުށަހެޅިފައެވެ. އަމޮރިމް މިލާނާ ހަވާލުވެއްޖެނަމަ، އަންނަ އޮގަސްޓް މަހު އޮންނަ ޕްރީ ސީޒަން މެޗެއްގައި އޭނާގެ ކުރީގެ ކްލަބް ޔުނައިޓެޑާ ދެކޮޅަށް ނުކުންނަން ޖެހޭނެއެވެ.


މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުން ޖަނަވަރީ މަހު ވަކި ކުރި ޕޯޗުގަލްގެ އަމޯރިމް. | ރޮއިޓާސް
އިޓަލީގެ އޭސީ މިލާންގެ ކޯޗަކަށް، ޕޯޗުގަލްގެ ރުބެމް އަމޯރިމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ.
އުމުރުން 41 އަހަރުގެ އަމޯރިމް އެންމެ ފަހުން އިރުޝާދު ދީފައި ވަނީ މެންޗެސްޓަރ ޔުނައިޓެޑަށެވެ. ޔުނައިޓެޑުގެ ކޯޗު ކަމުގައި އެންމެ 14 މަސް ދުވަސް ވަންދެން ހުރުމަށް ފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޔުނައިޓެޑުން ވަނީ އޭނާ މަގާމުން ވަކި ކޮށްފައި އެވެ.
އޭސީ މިލާންގެ ކޯޗު ކަމުގެ މަގާމު ހުސްވެފައި ވަނީ އެންމެ ފަހުން އެ މަގާމުގައި ހުރި މެސިމޯ އަލެގްރީ މަގާމުން ވަކި ކުރުމުންނެވެ. އޭގެ ފަހުން އައު ކޯޗެއް ހޯދުމުގެ މަސައްކަތް އޭސީ މިލާން އިން ކުރަމުން އަންނައިރު، އެ ކުލަބުން ބޭނުންވާ ކޯޗުންގެ ތެރޭގައި އަމޯރިމް ހިމެނޭ ކަމަށް ވެސް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާާގައެއް ހޯދުމަށް ފެއިލްވުމުން އޭސީ މިލާން އިން އަލެގްރީ ވަކި ކޮށްފައިވާއިރު، އެ ޓީމުން ބޭނުންވާ ކޯޗުންގެ ތެރޭގައި އެމެރިކާގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ މައުރީސިއޯ ޕޮޗެޓީނޯ ހިމެނޭ ކަމަށް ވެސް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ. ނަމަވެސް، މިލާން އިން އަމޯރިމްއާ މަޝްވަރާ ކޮށްފައިވާ ކަމަށާއި، އެ ޓީމުގެ ހުށަހެޅުން އޭނާ އަށް ފޮނުވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭގެ ފަހުން މީޑިއާ ތަކުގައި ބުނެފައި ވަނީ، އޭސީ މިލާންގެ ހުށަހެޅުމާއި، އެ ކުލަބުގެ ޕްރޮޕޯސަލް އަމޯރިމް ޤަބޫލު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަނީ އެކަން އެ ކުލަބަށް އަންގާފައި ކަމަށާއި، މިހާރު އަމޯރިމް އިންތިޒާރު ކުރަމުން އަންނަނީ އޭސީ މިލާންގެ ފެހި ސިގްނަލް އަކަށް ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން އަމޯރިމް ހުރީ އޭސީ މިލާންގެ ކޯޗުކަމާ ހަވާލުވާާން ތައްޔާރަށް ކަަމަށް ވެސް ބުނެފައިވެ އެވެ.
އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ޖުމުލަ 63 މެޗު ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 24 މެޗުންނެވެ. 18 މެޗުން އެއްވަރުވެފައިވާއިރު، 21 މެޗަކުން ވަނީ ބަލިވެފައިވެ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ކުޅެފައި އެވެ.






