އޯވަރީގެ ކެންސަރަށް ފަރުވާދޭނެ އައު ބޭހެއް އިނގިރޭސިވިލާތުން ތައާރަފުކޮށްފި
އޯވަރީގެ ކެންސަރަށް ފަރުވާ ދިނުމަށް "މާވެޓަކްސިމެބް ސޮރަވްޓަންސިން" ނަމަކަށް ކިޔާ އައު ބޭހެއް އިނގިރޭސިވިލާތުގެ އެންއެޗްއެސްއިން ތައާރަފުކޮށްފި. "ބަޔޮލޮޖިކަލް މިސައިލް" އެއްގެ ގޮތުގައި ސިފަކުރާ މި ބޭހަކީ ސީދާ ކެންސަރު ސެލްތަކަށް އަމާޒުކޮށް ފަރުވާދޭ ބޭހަކަށް ވުމުން، އާންމު ކީމޯތެރަޕީއާ ޚިލާފަށް ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެ ބަލިމީހުންގެ އުމުރު ދިގުކޮށްދޭ. ފާއިތުވި 20 އަހަރު ތެރޭގައި މި ބައްޔަށް ލިބުނު އެންމެ ބޮޑު ކުރިއެރުމުގެ ގޮތުގައި ބެލެވޭ މި ފަރުވާގެ ސަބަބުން، ކޮންމެ އަހަރަކު އެތައް ސަތޭކަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ.

އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ ސިޑްނީ އޮޕެރާ ހައުސް، "ޓީލް ރިބަން ޑޭ" ފާހަގަކުރުމުގެ ގޮތުން ދިއްލާލުމުގެ ކުރިން، އޯވަރިއަން ކެންސަރު ބަލީގައި ދުނިޔެ ދޫކޮށްފައިވާ އަންހެނުންގެ ހަނދާން އާކުރުމަށްޓަކައި ބޭއްވި ހަރަކާތެއްގެ ތެރެއިން. 2011 ފެބްރުއަރީ 22 ވީ އަންގާރަ ދުވަހު ސިޑްނީގައި ބޭއްވި މި ހަރަކާތުގައި، މި ބަލިން ސަލާމަތްވެފައިވާ ފަރާތްތަކުން ވެސް ވަނީ ބައިވެރިވެފައި. | ގެޓީ އިމޭޖަސް
އޯވަރީގެ ކެންސަރަށް ފަރުވާ ދިނުމަށާއި ބަލިން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށް އަދި އުމުރު ދިގުކޮށްދޭ އައު ބޭހެއް އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ތައާރަފުކޮށްފިއެވެ.
"މާވެޓަކްސިމެބް ސޮރަވްޓަންސިން" ގެ ނަމުން ނަންދެވިފައިވާ މި ބޭހަކީ "ބަޔޮލޮޖިކަލް މިސައިލް" އެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބޭހެކެވެ. ސަބަބަކީ މުޅި ހަށިގަނޑަށް ކީމޯތެރަޕީގެ އަސަރު ފޯރުވުމުގެ ބަދަލުގައި، މި ބޭހުން ކީމޯތެރަޕީގެ މާއްދާތައް ސީދާ ކެންސަރު ސެލްތަކަށް ފޯރުކޮށްދޭތީއެވެ. މީގެ ސަބަބުން ކީމޯތެރަޕީގެ ސަބަބުން ކުރިމަތިވާ ބޮޑެތި ނޭދެވޭ އަސަރުތައް ނުވަތަ ސައިޑް އިފެކްޓްސް ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.
އުމުރުން 64 އަހަރުގެ ޕެޓްރީޝިއާ ހިލް ބުނި ގޮތުގައި، އާންމުކޮށް ދޭ ކީމޯތެރަޕީގެ ފަރުވާގައި އުޅޭއިރު ނުކުރެވޭ އެތައް ކަމެއް މި އައު ފަރުވާއާއެކު އޭނާއަށް މިހާރު ކުރެވެއެވެ. އޭގެ ތެރޭގައި އާއިލާއަށް ޒިޔާރަތްކުރުމާއި ތިއޭޓަރުތަކަށް ދިއުން ފަދަ ކަންކަން ހިމެނެއެވެ.
އިނގިރޭސިވިލާތުގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 400 އެއްހާ ބަލިމީހުންނަށް މި ފަރުވާގެ ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ. މިއީ ފަރުވާ ދޭން އުނދަގޫ އޯވަރީގެ ކެންސަރަށް ފާއިތުވި 20 އަހަރު ތެރޭގައި ތައާރަފުކުރި ފުރަތަމަ އައު ފަރުވާއެވެ.
އިނގިރޭސިވިލާތުގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 7،750 މީހުންނަށް އޯވަރީގެ ކެންސަރު ޖެހެއެވެ.
އުތުރު ލަންޑަނަށް ނިސްބަތްވާ ޕެޓްރީޝިއާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2023 ވަނަ އަހަރުއެވެ. އޭނާ ވަނީ ކީމޯތެރަޕީގެ ގިނަ ފަރުވާތަކެއް ކުރިން ހޯދާފައެވެ. ނަމަވެސް، މި އައު ބޭސް "މާވެޓަކްސިމެބް" ބޭނުންކުރަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.
އޭނާ ބުނި ގޮތުގައި ކުރީގެ ފަރުވާއާއި މި ފަރުވާއާ ދެމެދު ހުރީ ރެޔާއި ދުވާލުގެ ތަފާތެވެ. އަދި މި ފަރުވާއާއެކު އޭނާގެ ދިރިއުޅުމުގެ އުފާވެރިކަން އަލުން ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
އާންމު ކީމޯތެރަޕީއާ އަޅާބަލާއިރު ވަރުބަލިވުން ކުޑަވުމުގެ ސަބަބުން، ހަށިގަނޑަށް މާ ބޮޑަށް ލުއިވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި މި ބޭހަކީ ބަލިމީހުންގެ ހާލަތު މުޅިން ބަދަލުކޮށްލާނެ ފަދަ ބޭހެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
"މި ބޭހުގެ ސަބަބުން ގިނަ ފުރުސަތުތަކެއް ހުޅުވިގެންދޭ. އާންމުކޮށް ކުރެވޭ ވަރަށް ވުރެ ގިނަ ކަންކަން މިހާރު ކުރެވޭ،" އޭނާ ބުންޏެވެ.
މާވެޓަކްސިމެބް ބޭހުގެ ސަބަބުން ބަލިމީހުންގެ އުމުރު ވެސް ދިގުކޮށްދެއެވެ. އާންމު ކީމޯތެރަޕީގައި ބަލިމީހުން އެވްރެޖްކޮށް 12.8 މަސް ދުވަހު ދިރިތިބޭއިރު، މި އައު ފަރުވާއާއެކު އެ މުއްދަތު 16.5 މަސް ދުވަހަށް އިތުރުވެގެންދެއެވެ.
ނަމަވެސް އެންމެ މުހިންމު ކަމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމެވެ. މި ބޭހުގެ ސައިޑް އިފެކްޓްސް މަދުވުމުގެ ސަބަބުން އަންހެނުންގެ އިސްތަށިގަނޑު ނުފައިބާ ހުރެއެވެ. އަދި ކޮންމެ ހަފުތާއަކު އާންމު ކީމޯތެރަޕީ ދިނުމުގެ ބަދަލުގައި، މި ބޭސް ދެނީ ކޮންމެ ތިން ހަފުތާއަކުން އެއްފަހަރު ޑްރިޕް މެދުވެރިކޮށެވެ.
މި ބޭހަކީ ކީމޯތެރަޕީގެ ކުރިއަރާފައިވާ ބާވަތެކެވެ. މީގެ ސަބަބުން ކެންސަރަށް ދެވޭ ޑޯޒް އިތުރުވެފައި، ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެއެވެ.
މި ބޭސް އުފައްދާފައިވަނީ ބާރުގަދަ ކީމޯތެރަޕީ ބޭހެއް، ހަށިގަނޑުގެ ދިފާއީ ނިޒާމުން ބަލިތަކާ ދެކޮޅަށް ބޭނުންކުރާ އެންޓިބޮޑީއަކާ އެއްކޮށްލައިގެންނެވެ.
މި އެންޓިބޮޑީތައް ފަރުމާކޮށްފައިވަނީ އޯވަރީގެ ކެންސަރު ސެލްތަކުގެ ބޭރުގައި ހުންނަ "ފޯލޭޓް ރިސެޕްޓާ އަލްފާ" ކިޔާ ނިޝާންތަކެއް ދެނެގަތުމަށެވެ.
އެހެންކަމުން، މި ބޭސް ސީދާ ކެންސަރު ސެލްތަކަށް ގޮސް، އޭގެ ބޭރުގައި ތަތްވެ، ސެލްގެ އެތެރެއަށް ވަދެއެވެ. ސެލްގެ އެތެރެއަށް ވަނުމަށްފަހު ބޭހުގައި ހިމެނޭ ވިހަ މާއްދާތައް ދޫކޮށްލައި ކެންސަރު ސެލްތައް މަރާލައެވެ.
މި ސަބަބަށްޓަކައި، ގްރީކް ފްލޯކުރާގައި އަންނަ "ޓްރޯޖަން ހޯސް" ގެ ވާހަކައަށް ނިސްބަތްކޮށް، މިއީ "ޓްރޯޖަން ހޯސް" ފަރުވާއެއްގެ ގޮތުގައި ވެސް ސިފަކުރެއެވެ.
އާންމު ކީމޯތެރަޕީއަށް އިޖާބަ ނުދޭ ކެންސަރުގެ 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ ކޭސްތަކުގައި މިފަދަ ނިޝާންތައް ހުރެއެވެ.
ހާޓްފޯޑްޝަޔާއަށް ނިސްބަތްވާ އުމުރުން 71 އަހަރުގެ ޖެނީ ގްރީންއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2017 ވަނަ އަހަރުއެވެ. އޭނާއަކީ މި ބޭސް ކާމިޔާބުކަން ސާބިތުކުރުމަށް ކުރިއަށްގެންދިޔަ ކްލިނިކަލް ޓްރަޔަލްތަކުގައި ބައިވެރިވި މީހެކެވެ.
"މި ބޭހުގެ ސަބަބުން އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ނުކުރޭ. މިއީ ހައިރާންވާ ފަދަ ކަމެއް،" ޖެނީ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، ސްކޭންތަކުން ދައްކާ ގޮތުގައި އޭނާގެ ހަށިގަނޑުގައި ހުރި ކެންސަރު ގަނޑުތައް ދަނީ ކުޑަވަމުންނެވެ. އަދި ލޭގެ ޓެސްޓުތަކުގެ ނަތީޖާ ވެސް ދަނީ ރަނގަޅުވަމުންނެވެ.
އިނގިރޭސިވިލާތުގެ ބޭސްތަކާ ބެހޭ އިދާރާ، ނޭޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތު އެންޑް ކެއާ އެކްސެލެންސް (ނައިސް) އިން މިހާރު ވަނީ އޯވަރީ، ޕެރިޓޯނިއަލް އަދި ފެލޯޕިއަން ޓިއުބް ކެންސަރަށް މި ބޭސް ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. މި ހުއްދަ ދީފައިވަނީ ކީމޯތެރަޕީން ފަރުވާ ނުލިބޭ ހާލަތްތަކުގައެވެ.
އެންއެޗްއެސް އިންގްލެންޑުން ބުނި ގޮތުގައި މި ބޭހަށް އެ އިދާރާއިން ޚަރަދުކުރާނެއެވެ. ވޭލްސް އަދި ނޮދަން އަޔަލޭންޑުން ވެސް އާންމުކޮށް މި އުސޫލަށް އަމަލުކުރާނެއެވެ. ނަމަވެސް ސްކޮޓްލޭންޑުން މިކަމުގައި އަމިއްލަ ގޮތެއް ނިންމާނެއެވެ.
ޔޫސީއެލްއެޗްގައި މި ބޭހުގެ ކްލިނިކަލް ޓްރަޔަލްތައް ހިންގެވި ޑރ. ރޯވަން މިލާ ވިދާޅުވީ، 20 އަހަރުގެ ދިގު އިންތިޒާރަކަށްފަހު މިފަދަ ފަރުވާއެއް އެންއެޗްއެސްއަށް ލިބުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.
"އެންމެ ފަހުން ބަލިމީހުންގެ ފުރާނަ ސަލާމަތްކޮށްދޭނެ ބޭހެއް މިވަނީ ލިބިފައި. މީގެ އިތުރުން، އާންމު ކީމޯތެރަޕީއާ އަޅާބަލާއިރު ބަލިމީހުންނަށް މި ފަރުވާ ކުރިއަށްގެންދަން މާ ފަސޭހަ،" އޭނާ ވިދާޅުވިއެވެ.
އެންއެޗްއެސްގެ ކެންސަރު ބޭސްތަކާ ބެހޭ ގައުމީ އިސްވެރިޔާ ޕްރޮފެސަރު ރޫތު ޕްލަމާ ވިދާޅުވީ، މިއީ ފާއިތުވި ދެ ދަހަރު ތެރޭގައި އޯވަރީގެ ކެންސަރުގެ ފަރުވާއަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށެވެ.
އިނގިރޭސިވިލާތުގެ އޯވަރީ ކެންސަރު ސަޕޯޓް ޗެރިޓީ "އޯވަކޯމް" ގެ ޗީފް އެގްޒެކެޓިވް ވިކްޓޯރިއާ ކްލެއާ ވިދާޅުވީ، މި ނިންމުމުގެ ސަބަބުން މި ފަރުވާ ބޭނުންވާ މީހުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
މާވެޓަކްސިމެބް ސޮރަވްޓަންސިން އުފައްދާފައިވަނީ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ "އެބްވީ" އިންނެވެ.
ޓާގެޓް އޯވަރިއަން ކެންސަރުގެ ހެޑް އޮފް ޕޮލިސީ ރޭޗަލް ޑައުނިން ވިދާޅުވީ، އެންއެޗްއެސް މެދުވެރިކޮށް މި ބޭސް ލިބޭ ގޮތްވުމަކީ، އެހެން ފަރުވާތަކުން ނަތީޖާ ނުފެންނަ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ.




