ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުން ބޮޑު ކަރީސާއަކަށް ވެފައި!
ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ނެގުމަށް ހިންގާ "ކުރަނގި" އޮޕަރޭޝަންގެ ދަށުން އެންސީއައިޓީގެ ސަރަހައްދުގައި ބިދޭސީންގެ ބޮޑު ކިއުއެއް އޮތްއިރު، މައުލޫމާތު ތަކުރާރުކޮށް ނަގަންޖެހުމާއި އިންތިޒާމުތައް ހުރި ގޮތުން ބިދޭސީންނާއި ކުންފުނިތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. ނަމަވެސް މޯލްޑިވްސް ޑިޖިޓަލް ސަރވިސް އިން ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ނެގުމުގެ މަސައްކަތް ކުރަމުން ދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން ހަވީރު 4:00ށް. މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދުގައި ހުންނަ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ދަތިތައް ވަނީ ކުރިމަތިވެފައި.


ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށް ބޮޑު ކިޔުއެއް ހަދައިގެން. | ރާއްޖެއެމްވީ
ބިދޭސީންގެ 10 އިނގިލީގެ ފިންގަރ ޕްރިންޓް ނެގުން 98 އިންސައްތަ ފުރިހަމަ ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، ނެގި ފިންގަރ ޕްރިންޓްތައް ސިސްޓަމް ތެރެއިން ގެއްލިގެން އަނެއްކާ އެ މައުލޫމާތު ނަގާތީ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އޮފީސް ހުންނަ ކޮށީގައި ބިދޭސީންގެ ބޮޑު ކިޔުއާއެކު މުޅި ސަރަހައްދު ފުރާލައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން އެސަރަހައްދަށް ގޮސް ބެލިއިރު، އެންސީއައިޓީ އޮފީސް ހުންނަ ކޮށީގެ ވަށައިގެން، ބިދޭސީންގެ ބޮޑު ކިޔުއެއް އޮތެވެ. އަދި އެ ސަރަހައްދު ހުންނަ ޝަހީދު އަލީ މިސްކިތް ކައިރިން ފެށިގެން ދަރުބާރުގެއާއި ހިސާބަށް ވެސް ބޮޑު ކިޔުއެއް އޮތެވެ.
އެސަހައްދުގައި ތިބި ބިދޭސީން ބުނީ، މިހާރު ދެތިން ފަހަރު ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށާއި، ތަކުރާރުކޮށް މި މަސައްކަތް ކުރަން ޖެހުމުން މަސައްކަތަށް ވަރަށް ދަތިވެފައިވާ ކަމަށެވެ. އަދި މިހާރު ކިޔުގައި ޖެހޭތާ 3 ދުވަސް ވެފައިވާ ކަމަށް އެމީހުން ބުންޏެވެ. މި މީހުންގެ ތެރޭގައި ސިފްކޯގައި މަސައްކަތް ކުރާ ބިދޭސީންނާއި، ވެމްކޯގެ ޔުނީފޯމްގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން ވެސް ކިޔުގައި ޖެހިގެން ތިއްބެވެ.
ކިޔުގައި ތިބި ބައެއް ބިދޭސީން މައުލޫމާތު ދިން އެގޮތުގައި އެމީހުން ކިޔުގައި ޖެހުނީ، ރޭގަނޑު 10:00، މެންދަމު 2:00، ފަތިހު 4:00 ފެށިގެންނެވެ. އެތަނުގައި ތިބެގެން ކައިބޮއެ ހަދާއިރު، ބައެއް މީހުން ކުނާ ފަދަ ތަކެތި އަޅައިގެން އެ ސަރަހައްދުގައި ނިދާފައި ވެސް ތިއްބެވެ. އަދި މޫސުން ގޯސްވެފައިވާތީ ގިނަ މީހުން ވާރެއާ ވެސް ތެމިގެންނެވެ.
ބިދޭސީން މިފަދަ ހާލަތެއްގައި ތިބި ނަމަވެސް މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިން ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ނެގުމުގެ މަސައްކަތް ކުރަމުން ދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން ހަވީރު 4:00ށެވެ.

މީގެ އިތުރުން ރާއްޖެއެމްވީ އަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ބައެއް ކުންފުނިތަކުން ބުނީ، ބިދޭސީންގެ މައުލޫމާތު ތަކުރާރުކޮށް ނަގަމުން ދަނީ މީގެ ކުރިން ނެގި މައުލޫމާތު ސިސްޓަމްއިން ގެއްލިފައިވާ ކަމަށް ބުނުމަށް ފަހު ކަމަށާއި، ގެއްލުނު ސަބަބު ހާމަ ނުކުރާ ކަމަށެވެ. ބަޔޯމެޓްރިކްސްގެ ދަށުން ބިދޭސީންގެ 10 އިނގިލީގެ މައުލޫމާތު ނަގާއިރު، އިނގިލިތަކުގެ ބައެއް މައުލޫމާތު ނެތް ކަމަށް ބުނެފައިވާ ކަމަށާއި، މިކަމުގެ ޒިންމާ އިމިގްރޭޝަން ނުވަތަ އެހެން ވެސް ކަމާގުޅުންހުރި މުއައްސަސާއަކުން ނުނަގާ ކަމަށެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑަށް މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށާއި، މިއަށްވުރެ ފަސޭހަ ނިޒާމެއް އޮންނަން ޖެހޭ ކަަމަށް އެކުންފުނިތަކުން ބުނެފައިވެ އެވެ. އަދި 2.O ގެ ޚިދުމަތްތައް ޑިޖިޓަލްވާނެ ކަމަށް އުންމީދު ކުރި ނަމަވެސް މަންޒަރު ފެންނަމުންދަނީ މުޅިން އިދިކޮޅަށް ކަމަށް އެ ކުންފުނިތަކުން ބުނެފައިވެ އެވެ.
ބިދޭސީންގެ ބޮޑު ކިޔުއާއެކު، އާއްމު ރައްޔިތުންގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. އެކޮށީގައި ތިން ޕްރި-ސްކޫލެއް ހުންނައިރު، އެސަރަހައްދުން ގިނަ އަދަދެއްގެ ކުޑަކުދީން ގޮވައިގެން ބެލެނިވެރިން ދަތުރު ކުރަން ޖެހެ އެވެ. އަދި މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވާ ކަމަށް ބެލެނިވެރިން ބުނެފައިވެ އެވެ.

ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ނެގުން ބޮޑު ކާރިސާއަކަށް ބަދަލުވެފައިވާއިރު، 9 މެއި 2026 ވަނަ ދުވަހު ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައްހަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ގާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގާ ނިމިފައިވާ ކަމަށެވެ. އަދި މި އަދަދު 17 ނޮވެމްބަރު 2023 ގައި ހުރީ އެންމެ 13 އިންސައްތައިގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފެށީ 2 މެއި 2024 ގަ އެވެ.
އެ މަސައްކަތުގެ ފޭސް 1 އަދި ފޭސް 2 މިހާރު ނިމިފައިވާއިރު، ފޭސް 3 ފަށާފައި ވަނީ 9 މެއި 2026 ގަ އެވެ. އަދި 3 ވަނަ ފޭސްގައި މައުލޫމާތު ނުދޭ ބިދޭސީން ކުރިއަށް އޮތް 6 ދުވަހުގެ ތެރޭގައި ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މީގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ސަރުކާރުން މިހާރު ހިންގަމުން އަންނަ ކުރަނގި އޮޕަރޭޝަން ނިމޭހިސާބުން، އޭޖެންސީތައް މެދުވެރިކޮށް ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގެ ނިޒާމެއް ވެސް ގާއިމް ކުރާނެ ކަމަށެވެ. މިއާއެކު ގާނޫނީ އޮނިގަނޑުގެ ތެރެއިން ރާއްޖެއަށް ބިދޭސީން ގެންނަ ފަރާތްތައް ޒިންމާދާރުކުރެވޭނެ ކަމަށާއި ގަވާއިދާ ޚިލާފުވުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.








