ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!
ކޯރަމް ހަމަނުވެގެން ބުދަ ދުވަހުގެ މަޖިލިސް ޖަލްސާ ކެންސަލް ކުރިއިރު، މިއީ ޕީއެންސީގެ އެތެރޭގެ މައްސަލަތަކެއްގެ ސަބަބުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ކުރިއަށް ގެންދަން ބޭނުންނުވެގެން ހިނގި ކަމެއް ކަމަށް މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެ. ޕީއެންސީގެ ބައެއް ކޮމިޓީތަކާއި ވަޓްސްއަޕް ގްރޫޕްތަކުން ނާޒިމް ވަކިކޮށްފައިވާ ދަނޑިވަޅެއްގައި، ޖަލްސާ ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިން ސަރުކާރު ކޯލިޝަންގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގެންފަ.


ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން: ކޯރަމް ހަމަ ނުވެގެން ބުދަ ދުވަހުގެ ޖަލްސާ ވަނީ ކެންސަލް ކޮށްފަ | މަޖިލިސް
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ނުބޭއްވި ކެންސަލް ކުރީ ޕީއެންސީގެ އެތެރޭގެ ކޯޅުންގަނޑެއްގައި، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން ކަމަށް، އައްޑޫމީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، ކޯރަމް ހަމަނުވެގެން ކެންސަލް ކޮށްލާފައިވާއިރު ޖަލްސާ ފެށުމަށް ރިޔާސަތުން ނިންމާފައި ވަނީ ހެނދުނު 10:00 ގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަނީ ހެނދުނު 09:00 ގަ އެވެ. ބުދަ ދުވަހު 9 ޖެހި އިރު ކޯރަމް ހަމަވެފައި ނުވާ ކަމަށާއި ކޯރަމް ބެލް ޖެހުމަށް ފަހު ވެސް ކޯރަމް ހަމަވެފައި ނުވާތީ ބުދަ ދުވަހުގެ ޖަލްސާ 10:00 ފެށުމަށް ނިންމާފައިވާ ކަން ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އިއުލާނު ކުރައްވާފަ އެވެ.
ނަމަވެސް 10:00 އިރު ވެސް ކޯރަމް ހަމަވެފަ އެއް ނުވެ އެވެ. އޭގެ ފަހުން ކޯރަމް ރަނގަބީލު ޖެހުމަށްފަހު ވެސް ކޯރަމް ހަމަވެފައި ނުވާތީ ޖަލްސާ ކެންސަލް ކުރުމަށް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. ދެން ޖަލްސާ އެއް ބާއްވާނީ ބުރާސްފަތި ދުވަހު ކަމަށް ވެސް ނާޒިމް އިއުލާނު ކުރެއްވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީ އިން ކޮންޓްރޯލް ކުރާ މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްލާފައިވާއިރު ސޯޝަލް މީޑިއާގައި މަޖިލީހުގެ ތަޅުމުގެ ވީޑިއޯއެއް ހިއްސާކުރައްވާ އައްޑުމީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވިދާޅުވީ މަޖިލިސް ޖަލްސާ ނުބޭއްވުނީ، ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ކޮންމެވެސް ބޭފުޅަކު މަޖިލިސް ނައިބު ރައީސް ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގަވައި ޕީއެންސީ މެންބަރުން ޖަލްސާ ބޮއިކޮޓް ކުރެއްވުމުން ކަމަށެވެ.
މެންބަރު ވިދާޅުވި ގޮތުގައި ތަޅުމުގައި އެވަގުތު ތިއްބެވީ އެ މެންބަރުގެ އިތުރުން އެމްޑީޕީ މެންބަރުންނާ ރިޔާސަތުގައި އިންނެވި ނާޒިމް އެކަންޏެވެ. ޕީއެންސީ މެންބަރުން ވަނީ ޖަލްސާ ފެށުމުގެ ކުޑަ އިރުކޮޅެއް ކުރިން ތަޅުން ދޫކުރައްވާ ވަޑައިގެންފަ އެވެ.
ޕީއެންސީގެ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގަވައި ޕީއެންސީ މެންބަރުން ޖަލްސާ ބޮއިކޮޓް ކުރެއްވި ކަމަށް އަބްދުއްރަހްމާން ވިދާޅުވި އިރު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ވަޓްސްއަޕް ގްރޫޕަކުން ވެސް ނާޒިމް ވަނީ ބޭރު ކޮށްލާފަ އެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ ކަމަށް ވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީ އިންވެސް އޭނާ ވަނީ ވަކިކޮށްފަ އެވެ.








