ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި މައްސަލައިގައި ރައީސް އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައެއް ނެތް!
މެދުފަންތިއާއި ދަށުފަންތީގެ މުވައްޒަފުން ކޮރަޕްޝަން ހިންގާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވާހަކަފުޅާ ގުޅިގެން ރާއްޖެޓީވީން ހޯދަން އެދުނު މަޢުލޫމާތު ދިނުމުގައި ރައީސް އޮފީހުން ޢަމަލުކޮށްފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާ ޚިލާފަށްކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމައިފި. އެ އޮފީހުން ބޭއްވި އަޑުއެހުމުގައި ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ، ރާއްޖެޓީވީން ކުރި ހަތަރު ސުވާލުގެ ޖަވާބު އެ އޮފީހުގައި ހުރިކަން ނުވަތަ ނޫންކަންވެސް ބަޔާންކޮށްފައި ނުވާތީ، ޤާނޫނުގައިވާ ގޮތުގެ މަތިން އެ މަޢުލޫމާތުތައް ހިއްސާކުރަންވާނެކަމަށް.


އާދިއްތަ ދުވަހު އައިކޮމްގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން | ރާއްޖެ އެމްވީ
ރައީސް އޮފީހަށް ރައްދުވާގޮތަށް ރާއްޖެޓީވީގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު، ރައީސް އޮފީހުން ޤާނޫނުގައިވާ ގޮތަށް އަމަލުކޮށްފައިނުވާކަން ފެންނަން އެބައޮތްކަމަށް އައިކޮމްގެ ރައީސް އާހިދު ރަޝީދު ވިދާޅުވެއްޖެއެވެ.
އާހިދު އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހު އައިކޮމްގައި ކުރިއަށްދިޔަ އަޑުއެހުމުގައެވެ.
މި މައްސަލައަކީ މެދުފަންތިއާއި ދަށު ފަންތީގެ މީހުން ކޮރަޕްޝަން ހިންގާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައިވާތީ އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައިގެ ޖަވާބުގައި ރައީސް އޮފީހުން ބުނެފައިވަނީ އެކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ސާފު ކުރެވިދާނެކަމަށެވެ.
އެ ޖަވާބު ރައީސް އޮފީހުން ފޮނުވާފައިވަނީވެސް އައިކޮމްއަށް ހުށަހެޅޭ މައްސަލަތަކުގައި ޖަވާބު ފޮނުވަންޖެހޭ މުއްދަތުގެ ފަހުންނެވެ.
އެހެންނަމަވެސް ރައީސް އޮފީހުގެ އެ ޖަވާބާމެދު ރާއްޖެޓީވީގެ ޑެޕިއުޓީ ސީއީއޯ ނާޒްމީ ސައީދު އަދި ޕްރޮގްރާމް ހެޑު އާމިރު ސަލީމް ވަނީ މި އަޑުއެހުމުގައި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން ނާޒްމީ ސައީދުއާއި އާމިރުގެ ފަރާތުން ފާހަގަކުރެއްވި ގޮތުގައި އެކަން ހަމައެކަނި އޭސީސީން ސާފުކޮށްލުމަށް ބުނެ ޖަވާބު ދިނުމުން ރާއްޖެޓީވީން އެދިފައިވާ ސުވާލުގެ ޖަވާބެއް ނުލިބެއެވެ.
މީގެ އިތުރުން، ރައީސް ކަނޑައެޅިގެން ވަކި ގިންތިތަކަކަށް ކޮރަޕްޝަންގެ މައްސަލަތައް ބައްސަވާލައްވައިގެން ވާހަކަފުޅު ދައްކަވާފައިވާތީ ޤައުމުގެ ވެރިޔާގެ ހައިސިއްޔަތުން ދައްކަވާފައި އެ ވާ ވާހަކަފުޅަކީ އާދައިގެ ވާހަކަފުޅެއްކަމަށް ނުބެލެވޭނެކަމަށްވެސް ރާއްޖެޓީވީން ފާހަގަކުރިއެވެ.
މި އަޑުއެހުމުގައި އައިކޮމްގެ ރައީސް އާހިދު ރަޝީދު ވިދާޅުވީ، ރައީސް އޮފީހުން ދީފައިވާ ޖަވާބުގައި ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް އިޖާބަ ދީފައިވޭތޯ ބަލަން ޖެހޭ ކަމަށެވެ. އެގޮތުން އަމަލުކުރަންޖެހޭ ގޮތް އާރްޓީއައި ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި ހޯދަންއެދޭ މައުލޫމާތު އެ އިދާރާއަކުން ލިބެން ހުރިކަން ނުވަތަ ނެތްކަން ބަޔާންކުރުމާއި، އެ މައުލޫމާތު ދޫކުރެވެން ނެތްނަމަ އެކަން ބަޔާން ކުރުމާއި، ދެން އަމަލުކުރަންޖެހޭ ގޮތްވެސް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށް އާހިދު ވިދާޅުވިއެވެ.
އާހިދު ވިދާޅުވީ، ރައީސް އޮފީހުން ދިން ޖަވާބަށް ބަލާއިރު އެ އޮފީހުން އަމަލުކޮށްފައި ވަނީ ޤާނޫނުގައި ބުނާގޮތަކަށް ނޫން ކަމަށެވެ.
ހުށަހަޅާފައިވާ ޖަވާބަށް ބަލާއިރު، މި ބުނެވުނު ގޮތަކަށް ނޫން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަމަލުކޮށްފައި ހުރީ، އެދުނު އެއްވެސް މައުލޫމާތެއް އިދާރާގައި ހުރިކަމެއް ނުވަތަ ނެތްކަމެއް ބުނެދީފައެއް ނެތް، އަސްލު ހުށަހެޅުމުގައި 4 ސުވާލެއްކޮށްފައި އެބަވޭ، ކުރުކޮށް ބުނާނަމަ ފުރަތަމަ ސުވާލަކީ ކޮރަޕްޝަންގެ މެދު އަދި ދަށް ފަންތިއަކީ ކޮބައިތޯ މުވައްޒަފުން ކޮރަޕްޝަން ހިންގުމުގައި، ދެވަނަ ސުވާލަކީ އެ މެދު ފަންތި ތަކުގައި ކިތައް ކޮރަޕްޝަންގެ މައްސަލަ ރައީސްގެ ސަމާލުކަމަށް އައިސްފައިވޭތޯ، ތިންވަނަ ސުވާލަކީ މަތީ ފަންތީގެ ކިތައް ކޮރަޕްޝަން މައްސަލަ ރައީސްގެ ސަމާލުކަމަށް އައިސްފައިވޭތޯ، އަދި ހަތަރުވަނަ ސުވާލަކީ އެ މައްސަލަތަކާ ގުޅިގެން އެޅުއްވި ފިޔަވަޅުތަކަކީ ކޮބައިތޯ، އެ ސުވާލުތަކުގެ ޖަވާބާ ގުޅޭ މައުލޫމާތެއް އިދާރާގައި ހުރިކަމެއް ނުވަތަ ނެތްކަމެއް ބުނެދީފައެއް ނެތްއިކޮމްގެ ރައީސް އާހިދު ރަޝީދު
އާހިދު ވިދާޅުވީ، އެ މައުލޫމާތު ރައީސް އޮފީހުގައި ނެތްނަމަ އެކަންވެސް ރައީސް އޮފީހުން ބުނެދޭން ޖެހޭ ކަމަށާއި، ރާއްޖެޓީވީން ކޮށްފައިވާ 4 ސުވާލުގެ ޖަވާބު ރައީސް އޮފީހުން ޤާނޫނުގައިވާ މިންގަނޑުން ސާފުކޮށްދޭން ޖެހޭކަމަށެވެ. އެހެންކަމުން މިހާރު ދީފައިވާ ޖަވާބަށް ބަލާއިރު، އެ މައުލޫމާތު ޤާނޫނުގައިވާ ގޮތަށް ރާއްޖެޓީވީއާ ހިއްސާ ކުރުމަށް އާހިދު ވަނީ އަންގަވާފައެވެ. އަދި ޖަވާބު ފޯރުކޮށްދޭއިރު ޤާނޫނުގައިވާ މުއްދަތުތަކަށް ސަމާލުކަން ދިނުމަށްވެސް އާހިދު ވަނީ ހަނދާންކޮށްދެއްވާފައެވެ.
އާހިދު ވަނީ ރަސްމީ 10 ދުވަހުގެ ތެރޭގައި އެ ޖަވާބު ފޯރުކޮށްދިނުމަށް އަންގަވާފައެވެ.
އާހިދު އެހެން ވިދާޅުވުމުން ރައީސް އޮފީހުން ވަނީ ކަމާގުޅުންހުރި ސެކްޝަނުން އެކަން އިތުރަށް ސާފުކުރާނެކަމަށް ބުނެފައެވެ.







