ރައީސް މުއިއްޒުގެ އެމްއެމްޓީވީ އަށް އެމްއޭސީއެލް އިން މަހެއްގެ މައްޗަށް 9 ލައްކަ ރުފިޔާ، މިދިޔަ އަހަރު އެކަނި 10.8 މިލިއަން ރުފިޔާ ދީފައިވޭ
އެމްއޭސީއެލް އިން 30 މީޑިއާއަކަށް ފައިސާ ބަހަމުންދާކަން ހާމަވެފައިވާއިރު، މިކަމަށް އަހަރަކު 66 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާކަން ލިސްޓުތަކުން ދައްކާ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ސީދާ ރައީސް މުއިއްޒު ޕްރޮމޯޓް ކުރަން ހަދާފައިވާ އެމްއެމްޓީވީ އަށް ކަމަށްވާއިރު، ޕީއެސްއެމް އާއި ވަގުތު އޮންލައިންގެ އިތުރުން ސަރުކާރުގެ ސިޔާސީ ބޭފުޅުންގެ މަސްލަހަތު އޮންނަ މީޑިއާތަކަށް ވެސް މިލިއަނުން ފައިސާ ދޫކުރޭ.


ލިސްޓުގައި ހިމެނޭ މީޑިއާތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ސީދާ ރައީސް މުއިއްޒު ޕްރޮމޯޓު ކުރަން މި ސަރުކާރުން ވެރިކަމަށް އައި ފަހުން ހަދާފައިވާ އެމްއެމްޓީވީ އަށް، އެ ޗެނަލަށް މަހަކު 900,000 ރުފިޔާ އަދި އަހަރަކު 10.8 މިލިއަން ރުފިޔާ އެމްއޭސީއެލް އިން ދޫކުރޭ | ރާއްޖެއެމްވީ ގްރެފިކްސް
ގިނަ ދިވެހި ރައްޔިތުން އިއްތިފާގު ވާގޮތުގަ ރައީސް މުއިއްޒުގެ ސަރުކާރަކީ، ރާއްޖޭގެ ތާރީހުގައި ވެސް ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް ދައުލަތުގެ ވަސީލަތްތައް އެންމެ ވިޔާނުދާކޮށް ބޭނުންކުރަމުންދާ ސަރުކާރެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އުސޫލުން ބޭރުން ކަމެއް ނުކޮށް މި ސަރުކާރުގެ އިސްވެރިންނަށް ލޮލުފިޔައެއް ވެސް ޖަހާނުލެވޭ ވަރަށް، ރައީސް މުއިއްޒުގެ މަތިބަރު ސަރުކާރުގައި ވަނީ ކޮރަޕްޝަނާއި ފަސާދަ އަށަގެންފަ އެވެ. ނާޖާއިޒް ގޮތުގައި ސަރުކާރުގެ ބޮޑުންނަށް އެކި ނަންނަމުގައި ފައިސާ ބެހުމާއި، ކުރާނެ މަސައްކަތެއް، އިށީންނާނެ ގޮނޑިއެއް ނެތި ބޮޑެތި މުސާރައިގެ ވަޒީފާ ބެހުމަކީ މި ސަރުކާރުގެ އެންމެ ފާހަގަކޮށްލެވޭ ސިފަތައް ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.
ސަރުކާރުގެ ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ދައުލަތުގެ ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ތުހުމަތު ބޮޑުވެފައިވަނިކޮށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މީޑިއާތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ބަހާފައިވާކަން ހާމަވެއްޖެ އެވެ. އާންމުވެފައިވާ "އެމްއޭސީއެލް މީޑިއާ ލިސްޓް (އަޕްޑޭޓެޑް ޑިސެމްބަރު 2025)" ގައިވާ ގޮތުން، ރައީސް މުއިއްޒު ޕްރޮމޯޓު ކުރުމަށް އުފައްދާފައިވާ އެމްއެމްޓީވީ އަށް އެކަނި ވެސް މަހެއްގެ މައްޗަށް 9 ލައްކަ ރުފިޔާ އެ ކުންފުނިން ދޫކުރެ އެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާއިރު 10.8 މިލިއަން ރުފިޔާގެ ބޮޑު ހޭދައެ ކެވެ.
މި ލިސްޓުން ހާމަވާ ގޮތުގައި އެމްއޭސީއެލް އިން ރާއްޖޭގެ 30 މީޑިއާ އައުޓްލެޓަކަށް ފައިސާ ދޫކުރެ އެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް މީޑިއާތަކަށް ޖުމްލަ 5,520,000 (ފަސް މިލިއަން ފަސްލައްކަ ވިހި ހާސް) ރުފިޔާ އެ ކުންފުނިން ވަނީ ޚަރަދުކޮށްފަ އެވެ. އަދި މުޅި އަހަރުގެ ތަފްސީލަށް ބަލާއިރު، މީޑިއާތަކަށް ކުރި ޖުމްލަ ހޭދަ 66,240,000 (ފަސްދޮޅަސް ހަ މިލިއަން ދެލައްކަ ސާޅީސް ހާސް) ރުފިޔާ އަށް އަރަ އެވެ. މި ހަރަދުތަކުގެ ތެރޭގައި ޓީވީ ޗެނަލްތަކާއި، އޮންލައިން ނޫސްތަކުގެ އިތުރުން މަޖައްލާތައް ވެސް ހިމެނެ އެވެ.
ލިސްޓުގައިވާ ގޮތުން އެމްއެމްޓީވީ އަށް ފަހު ދެވަނައަށް އެންމެ ގިނަ ފައިސާ ދޫކުރަނީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަދި ވަގުތު އޮންލައިން އަށެވެ. މި ދެ މީޑިއާގެ ތެރެއިން ކޮންމެ ތަނަކަށް މަހަކު 500,000 ރުފިޔާ އަދި އަހަރަކު 6 މިލިއަން ރުފިޔާ އެމްއޭސީއެލް އިން ދޫކުރެ އެވެ. މީގެ އިތުރުން މެންދުރު ޓީވީ، މެންދުރު އޮންލައިން، މިހާރު އޮންލައިން އަދި ސްޓޫޑިއޯ7 ފަދަ މީޑިއާތަކަށް މަހަކު 300,000 ރުފިޔާ ދޫކުރާއިރު، މިއިން ކޮންމެ މީޑިއާއަކަށް އަހަރަކު 3.6 މިލިއަން ރުފިޔާ ލިބެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އަހަރަކު ޖުމްލަ 7.2 މިލިއަން ރުފިޔާ ލިބޭ މެންދުރު އޮންލައިން އަދި މެންދުރު ޓީވީއަކީ ސަރުކާރުގެ އިސް ސަފުގައި ހަރަކާތްތެރިވާ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު މުބީންގެ މަސްލަހަތު އޮންނަ މީޑިއާތަކެކެވެ.
މި ލިސްޓުގައިވާ އެހެން މީޑިއާތަކަށް ބަލާއިރު، ދިޔަރެސް ނިއުސްއަށް މަހަކު 250,000 ރުފިޔާ ދޫކުރާއިރު، ގިނަ މީޑިއާތަކަކަށް މަހަކު 100,000 ރުފިޔާ ދޫކުރާކަން ފާހަގަކުރެވެ އެވެ. މި ލިސްޓުން އެންމެ ކުޑަ އަދަދެއް ދޫކުރާކަމަށް ދައްކަނީ ޒީޓައިމްސް އަށެވެ. އެއީ މަހަކު 15,000 ރުފިޔާ އެވެ. ލިސްޓުގައިވާ ނޯޓެއްގައި ބުނެފައިވާ ގޮތުން، ބައެއް މީޑިއާތަކަށް 2025 ޑިސެމްބަރު މަހު ފައިސާ ދޫކޮށްފައި ވަނީ ދެ މަސްދުވަހުގެ ފައިސާ އެކުގަ އެވެ.
މި މައުލޫމާތުތައް ފަޅާއަރާފައި މިވަނީ، އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރުގެ ތެރޭގައި ލޮޅުންތައް އިތުރުވެ އިސް މަގާމުތަކުގައި ތިބި ބައެއް ފަރާތްތައް އިސްތިއުފާ ދެމުންދާ ދަނޑިވަޅެއްގަ އެވެ. ރައްޔިތުންގެ މެދުގައި ތާއީދު އޮތްކަން ދެއްކުމަށް މީޑިއާތައް ހިސޯރުކޮށް، އެއްވެސް އުސޫލެއް ނެތި ދައުލަތުގެ ކުންފުނިތަކުން މިލިއަނުން ފައިސާ ބަހަމުންދާ މައްސަލައިގައި އާންމުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި، ސަރުކާރުގެ މަތި ބަރުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.





