ފުވައްމުލަކުން ރާއްޖޭގެ ފުރަތަމަ ސިޓީ ސާވިސް އެޕް "އަފުންސިޓީ" ލޯންޗްކޮށްފި
ފުވައްމުލަކު ސިޓީ ކައުންސިލުން ތައާރަފުކުރި މި ޑިޖިޓަލް ނިޒާމަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް. މި އެޕްލިކޭޝަން މެދުވެރިކޮށް ސިޓީގެ ޗާޓާއި، ދަތުރުފަތުރާއި، ނަމާދު ވަގުތުތަކުގެ އިތުރުން ކައުންސިލަށް މައްސަލަ ހުށަހެޅުމާއި އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ. "އީފާސް" އާއި "ވަންގަވް" ފަދަ ގައުމީ ނިޒާމުތަކާ ގުޅާލެވިފައިވާ މި ޕްލެޓްފޯމަކީ ސްމާޓް ސިޓީއެއް ބިނާކުރުމަށް ރާއްޖޭގައި ދެއްކި ނަމޫނާ މަސައްކަތެއް..


ފުވައްމުލައް ސިޓީ ކައުންސިލްގެ އެޕް "އަފުންސިޓީ" ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފުވައްމުލަކު ސިޓީ ކައުންސިލް
ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ އާންމު ހިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި ތަރައްގީކުރި "އަފުންސިޓީ" އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މިއީ ރާއްޖޭގެ ކައުންސިލަކުން މިފަދަ ފުޅާ ދާއިރާއެއްގައި ހިދުމަތްތައް ފޯރުކޮށްދިނުމަށް ތަރައްގީކުރި ފުރަތަމަ މަރުކަޒީ ޑިޖިޓަލް ނިޒާމެވެ. މި އެޕްލިކޭޝަން މިހާރު އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުން ޑައުންލޯޑް ކުރެވޭނެ އެވެ.
ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި އެޕްލިކޭޝަނަކީ ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ކައުންސިލްގެ ހިދުމަތްތަކާއި ސިޓީއާ ގުޅޭ މައުލޫމާތު ވަގުތުން ބަލާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި އެޕްލިކޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ 3,700 އަށްވުރެ ގިނަ ތަންތަން ހިމެނޭ އިންޓަރެކްޓިވް ޗާޓެވެ. މީގެ ތެރޭގައި ގޯތިގެދޮރާއި، ވިޔަފާރިތަކާއި، މިސްކިތްތަކުގެ އިތުރުން އާންމު ހިދުމަތްދޭ ތަންތަން ހިމެނޭއިރު، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަގު ދެއްކުމުގެ ހިދުމަތްވެސް މީގައި ހިމެނެ އެވެ.
މި ޕްލެޓްފޯމްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު "އީފާސް" އާ ވަނީ ގުޅާލެވިފަ އެވެ. ނަމަވެސް ގެސްޓް ޔޫޒަރުންނަށް ލޮގިން ނުވެވެސް ބައެއް ހިދުމަތްތައް ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން، ފުވައްމުލަކާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓުފަހަރު އޮތް ސަރަހައްދާއި ދަތުރުގެ ހާލަތު ވަގުތުން ބަލާލެވޭނެ ނިޒާމެއް ވެސް މި އެޕްގައި ހިމެނެ އެވެ. އާންމުންގެ ދީނީ ބޭނުންތަކަށް އިސްކަންދީގެން، ނަމާދު ވަގުތުތަކާއި، ހުކުރު ތާވަލުގެ އިތުރުން އެންމެ ކައިރީގައި ހުރި މިސްކިތް ދެނެގަނެވޭނެ ފަސޭހަ އިންތިޒާމުތަކެއް ވެސް ވަނީ ހިމަނާފަ އެވެ.
ރައްޔިތުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށް "އައިކިއު އެއާ" މެދުވެރިކޮށް ވައިގެ ނުސާފުމިން ވަގުތުން ބަލާލެވުމާއި، ސިއްހީ އިރުޝާދުތައް ލިބޭނެ އިންތިޒާމު ވެސް މި އެޕްގައި ވަނީ ހިމަނާފަ އެވެ. ހަމައެއާއެކު، އާންމު ހިދުމަތްތަކާ ގުޅޭ މައްސަލަތައް ސީދާ ކައުންސިލަށް ހުށަހަޅައި، އެ މައްސަލަ ކުރިއަށްދާ ގޮތް ބަލާލެވޭނެ ސިސްޓަމެއްވެސް ވަނީ ގާއިމުކޮށްފައެވެ. "އަފުންއަޑޮ" މޮޑިއުލް މެދުވެރިކޮށް ރައްޔިތުންނަށް ހިޔާލު ހުށަހެޅުމާއި، މަޝްވަރާކުރުމާއި، އެކި ކަންކަމުގައި ނަގާ ވޯޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ސަރުކާރުގެ "ވަންގަވް" ހިދުމަތާ ގުޅާލެވިފައިވުމުން، އެކި ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ލިބެ އެވެ. އަދި ކައުންސިލްގެ އިޢުލާންތަކާއި، ނިންމުންތަކާއި، މާލީ ރިޕޯޓުތަކުގެ އިތުރުން އޮޑިޓް ރިޕޯޓުތައް ފެންނަން ހުރުމަކީ މުއައްސަސާގެ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ. މީގެ އިތުރުން، ސިޓީގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ލައިވް ފީޑާއި، ވަޒީފާގެ ފުރުސަތުތަކާއި، ހަބަރާއި ހަރަކާތްތަކުގެ މައުލޫމާތުވެސް މި އެޕުން ލިބޭނެ އެވެ.
"އަފުންސިޓީ" އިފްތިތާހުކުރުމަކީ ޑިޖިޓަލް އީޖާދުތަކުގެ އެހީގައި ސިޓީގެ ހިންގުން ހަރުދަނާކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ކުރާ މަސައްކަތުގެ ހެއްކެކެވެ. މި މަޝްރޫއަކީ ރާއްޖޭގެ މާހައުލާ ގުޅޭގޮތުން "ސްމާޓް ސިޓީ" ތަރައްގީކުރުމުގައި ދެއްކި ނަމޫނާއެއް ކަމަށާއި، މިއީ ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނިވި ގޮތެއްގައި ސިޓީތައް ބެލެހެއްޓުމަށް ގައުމީ ފެންވަރުގައި ކަނޑައަޅާފައިވާ މަގްސަދުތަކާ އެއްގޮތްވާ މަސައްކަތެއް ކަމަށްވެސް ކައުންސިލުން ފާހަގަކުރެ އެވެ.






