ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވީ ބޭރަށް ނުކުމެފައި، އަމިއްލަ ތަކެތި ބަލައި އެތެރެއަށް ވަތް މީހުން، ރޯވީ ގޭސް ލީކުވެގެން
އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު ނިޔާވެ، ދެ މީހަކަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި. މި ހާދިސާގައި މީހުން މަރުވާން މެދުވެރިވީ ރޯވި ވަގުތު ބޭރަށް ނުކުތުމަށް ފަހު، ފައިސާ އާއި ތަކެތި ބަލައި އަލުން އިމާރާތުގެ ތެރެއަށް ވަނުމުން ދުމުގެ އަސަރުކޮށް ނޭވާ ހާސްވެގެން ކަމަށް ބެލެވޭ. ގޭސް ލީކުވެގެން ހިނގި މި ހާދިސާގައި ނިޔާވި މީހުންގެ ހަށިގަނޑުތައް މާލެ ގެނައުމުގެ މަސައްކަތް ފުލުހުންނާއި އެމްބަސީ ގުޅިގެން މިހާރު ދަނީ ކުރަމުން.


އދ. ދިގުރަށުގައި ބުރާސްފަތި ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި 5 މީހުންގެ ހަށިގަނޑު ގެންދަނީ | ރާއްޖެ އެމްވީ
އދ. ދިގުރަށުގައި ބުރާސްފަތި ދުވަހުގެ ދަންވަރު ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންނަކީ، އަލިފާން ރޯވުމުން ބޭރަށް ނުކުމެފައި އަލުން އެތެރެއަށް ވަތް މީހުން ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވެގެން ކަމަށް ބެލެވޭ ކަމަށް އެ ރަށު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކިއުޓިވް އަހުމަދު ފާއިޒް ރަޝީދު ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު ވަނީ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފާއިޒް ވިދާޅުވީ، އަލިފާން ރޯވީ ބުރާސްފަތި ދުވަހުގެ ދަންވަރު 2:00 ހާއިރު ކަމަށާއި، ބޮޑަށް ބެލެވެނީ ކެއްކުމަށް ބޭނުންކުރާ ގޭސް ސިލިންޑަރަކުން ގޭސް ލީކުވެގެން ހިނގި ހާދިސާއެއް ކަމަށެވެ. ބައެއް ފަރާތްތަކުން ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކުން ވަރަށް ބާރުގަދަ ގޮވުމެއް ގޮވާފައިވާކަން ފާހަގަކުރެވޭ ކަމަށާއި، ބެލެވޭ ގޮތުގައި ގޭސް ލީކުވެފައި ހުއްޓާ އުދުނު ރޯކުރަން އުޅުމުގެ ތެރޭގައި އަލިފާން ހިފައި، ގޭސް ސިލިންޑަރު ގޮވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްލަ 34 މީހުން ދިރިއުޅޭ އެ އެކޮމަޑޭޝަން ބްލޮކުން ގިނަ ބަޔަކު ސަލާމަތްވި ނަމަވެސް، ނިޔާވި މީހުންނަށް ނުރައްކާވީ އެ މީހުންގެ އަންނައުނާއި ފައިސާ ފަދަ ތަކެތި ބަލައި އަލުން އިމާރާތުގެ ތެރެއަށް ވަނުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފާއިޒް ވިދާޅުވި އެވެ. އަލިފާން ރޯވެފައި ހުރީ މަގަށް ނުކުންނަން ހުރި ދޮރާ ދިމާލުން ކަމަށްވުމުން، އެތެރެއަށް ވަތް މީހުންނަށް އަނބުރާ ނުކުމެވޭނެ ފުރުސަތެއް ނުލިބުނީ އެވެ.
އަނެއްކޮޅުން މި ހާދިސާ ހިނގުމާ ގުޅިގެން ވަރަށް އަވަހަށް އެޓެންޑްވެވިއްޖެ. އެ ގަޑީގައި ވެސް ވަރަށް ގިނަ ބަޔަކު ހޭލާ އުޅުމާ ވަރަށް ބާރު ގޮވުމެއް ގޮވީމަ، ހަމަ ވަރަށް ގިނަ މީހުން ހަމަ ވަރަށް އަވަހަށް އެ ސަރަޙައްދަށް ދިޔަ. އެހެންކަމުން އަސްލު އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަކަށް ނުނަގާ އެހާ ގިނަ ވަގުތެއް. ހަމަ ބައިގަޑިއެއްހާއިރު ތެރޭގައި އަލިފާންގަނޑު ހަމަ އެއްކޮށް މި ނިއްވާ ލެވުނީ. އެކަމަކު މި ދިމާވި މައްސަލައަކީ އެތެރެއަށް ވަން މީހުންނަށް ނިކުންނަން ފުރުޞަތު ނުލިބުނީ ތަން އިމާރާތްކޮށްފައި ހުރި ގޮތުން. އަލިފާން ރޯވެފައި ހުރީ ހަމަ މި މަގަށް ނިކުންނަން ހުރި ދޮރާ ދިމާއިން އަލިފާން ރޯވެފައި ހުރީ. އެހެންވީމަ އެތެރެއިން އެއްކަލަ ތަކެތި ބަލާ ވަން ބައެއް މީހުން އެންމެ ބޮޑަށް ނުރައްކާ މި ދިމާވީ އިނގޭތޯ.އެސިސްޓެންޓް ކައުންސިލް އެގްޒެކިއުޓިވް އަހުމަދު ފާއިޒް ރަޝީދު
ނިޔާވި މީހުންގެ ހަށިގަނޑުތައް ސާފުކުރުމުގައި އަމަލީގޮތުން ބައިވެރިވި ފާއިޒް ފާހަގަކުރެއްވި ގޮތުގައި، އެ މީހުން ނިޔާވީ ސީދާ އަލިފާނުގައި ފިހިގެންނެއް ނޫނެވެ. އެ މީހުންގެ ހަށިގަނޑުން ފެންނަން ހުރީ ކުދިކުދި އަނިޔާތައް ކަމަށާއި، ބޮޑަށް ބެލެވެނީ ބޯ ދުމުގެ ސަބަބުން ނޭވާ ހާސްވެގެން ނިޔާވީ ކަމަށެވެ. އެ މީހުންގެ ހަށިގަނޑުގައި ވަރަށް ބޮޑަށް ކަޅުކުލައިގެ ދުން ހިފާފައި ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ހާދިސާގައި ތިން މީހަކު ފާޚާނާގެ ތެރެއަށް ވަދެ ތިއްބާ، ފާރު ތަޅާލައިގެން އޭގެ ތެރެއިން ދެ މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ. އެ ދެ މީހުންނަށް މިހާރު އަންނަނީ މާލޭގެ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. މީގެ އިތުރުން އެކަކަށް ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ރޭ ވަނީ ދޫކޮށްލާފަ އެވެ. ފާއިޒް ވިދާޅުވީ، މީހުން ތަކެތި ބަލައި އަލުން އެތެރެއަށް ނުވަތް ނަމަ މިއަށްވުރެ ގިނަ މީހުން ސަލާމަތް ކުރެވުނީސް ކަމަށެވެ.
މިހާރު ޑެޑް ބޮޑީސްތައް، ފަސް މީހުން މާލެ ގެންދިއުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ. ހަމަ ފުލުހުންގެ ޚާއްޞަ ޓީމެއް މި ރަށަށް މިއަދު ހެނދުނަ އައިސް އަނެއްކާ ބަންގުލަދޭޝް އެމްބަސީގެ ފަރާތުން ވެސް ދެބޭފުޅުން ވަޑައިގެން ހަމަ މަރުވި ބައެއް މީހުންގެ ފެމިލީޒް ދަރިންވެސް އެބަތިބި މިކޮޅުގައި. އަދި އެ މީހުން ރާއްޖެއިން ބޭރަށް، ބަނގްލަދޭޝްއަށް ގެންދިއުމުގެ ކަންތަކަށް ހުރިހާ ކަމަކާ ބެހޭ ގޮތުން ނެގޮޝިއޭޓްކުރެވެމުން މިހާރު ދަނީ. މި ހުރިހާ އެންމެންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުން މީގެތެރޭގައި އެހެން ޤައުމެއްގެ ބައެއް ނުހިމެނޭ އިނގޭތޯ. ނިޔާވި ފަސް މީހުންނާއި އަދި މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ދެ މީހުން. ދެން އިތުރު މީހަކަށް ޞިއްޙީ މަރުކަޒުގެ ފަރުވާ ދިނުމަށް ފަހު ރޭގައި ވަނީ ދޫކޮށްލާފައި.އެސިސްޓެންޓް ކައުންސިލް އެގްޒެކިއުޓިވް އަހުމަދު ފާއިޒް ރަޝީދު
ހާދިސާ ހިނގި ސަރަހައްދަށް ރަށުގެ ގިނަ ބަޔަކު އެއްވެ ކުރި މަސައްކަތުން ބައިގަޑިއިރެއްހާއިރު ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ވިދާޅުވީ، ދިގުރަށުގައި ހުކުރުވިލޭރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންނަށް ފަރުވާ ދިނުމަށް ހުކުރު ދުވަހު ގެނެސްފައިވާ ކަމަށާއި، ދެމީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި އެ ދެމީހުން ފިހިފައިވަނީ ކިހައި ވަރަކަށްތޯ އާއި އިތުރު ތަފްސީލް އޮފިޝަލް ދެއްވާފައިނުވެ އެވެ.







