ބޮޑު ކާފާއި ކުޑަ ކާފު އެނބުރި އަންނަނީ!!؟
ކުރިއަށް އޮތް އިންތިޚާބުގެ ކުރިން އެއިންތިޚާބުގެ ގޮނޑިތައް ލިބޭތީ ސަރުކާރުން އަތްޖަހާ އުފާ ފާޅުކުރަނީއެވެ. އިތުރު ގޮނޑިތައް ލިބޭނޭ ކަމުގެ ޔަގީންކަން އެވެރިންނަށް އޮތްކަމުގެ ޔަގީންކަން ދަނީ ދެމުންނެވެ.


އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓުގައި މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮއްޓެއް ގުނަނީ - 25 އޮކްޓޯބަރ 2025 | ރާއްޖެއެމްވީ
ފެނުނަސް ނުފެނުނަސް އޮންނާނީ ހެޔޮ ފާހަގައެވެ. ފެންނަނަމަ ލާނީ ތަންކޮޅެއް ބޮޑުކޮށް އޮންނަ ހެޔޮ ފާހަގައެކެވެ. ނުފެންނަނަމަ ކުޑަކުޑަ ހެޔޮ ފާހަގައެއް ޖަހާލީމާ ފުދޭނެއެވެ. އެއަށް ކިޔާ އުޅުނީ ކުޑަކާފު ނުވަތަ ބޮޑު ކާފެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލާން ޖެހޭނެ ގޮތްކަމަށް އޭރު ބައެއް މީހުން ވިސްނަދެމުންދިޔަ ގޮތެވެ. ޚާއްޞަކޮށް ރަށްރަށުގެ މީހުންނަށެވެ. ކަތީބުންނާއި މުދިމުން ހަރުކުލައިގެ މީހުންނާއި ބަސްވިކޭވަރުގެ މީހުން އެހެން މީހުންނަށް ވިސްނައިދީފައި އޮންނަ ގޮތެވެ. ދެން ތިބި މީހުންނަށް ތިބެވެނީ އެނޫން ގޮތެއް ނެތިފައެވެ. ކަންއޮންނަ ގޮތް ކަމުގެ ސިއްކަޖެހި އެކަން މަލަރު ވެފައެވެ.
މިއީ މިހާރުގެ ޅަކުދިންނަށް ގަބޫލުކުރަން ދަތިވިނަމަވެސް ކަން އޮތްގޮތެވެ. މިހާރު މިއޮތް ގާނޫން އަސާސީ އިސްލާހު ކޮށްގެން މިގެނައި ބަދަލުގެ ކުރިން ކަން އޮތްގޮތެވެ.
އާ ގާނޫން އަސާސީން ރައްޔިތު މީހާއަށް ލިބިދިން އެންމެބޮޑު ހައްގަކީ ވޯޓުލުމުގެ މިނިވަންކަމުގެ ހައްގެވެ. އެމީހަކު ލާން ބޭނުންވާ ގޮތައް އެވޯޓް ލުމުގެ މިނިވަންކަމެވެ. އެކަމަށް ބާރުފޯރުވޭނެ އެހެން މީހަކު ނެތްކަމެވެ. ވޯޓުގައި ޖަހާނެ ފާހަގައެއް ޖެހިއަސް އެމީހާގެ ވޯޓު އެވޯޓު ފޮށްޓަށް ލެވޭނެ ކަމުގެ ހައްގެވެ. އެމީހާލީ ވޯޓު ތަނުން ތަނުން ގުނޭނެ ކަމެވެ. ވޯޓުލާންތިބި މީހުން ވޯޓުލާ ނިމުމުން އެތަނުގައި ބަލަންތިބޭ އެންމެންގެ ހާޒިރުގައި ވޯޓުފޮށި ހުޅުވައި އެވޯޓްފޮށްޓަށްލީ ވޯޓު ގުނައި ވަގުތުން ވަގުތަށް އެތަނުގައި އެފޮށީގެ ނަތީޖާ އިއުލާން ކުރެވޭނެ ކަމެވެ. އެހެން ތާކަށް ގެންދާކަށް އެހެންތަޅެއް ލާކަށް، އެހެން މަންތަރެއް ޖައްސައިގެން ވޯޓުތައް ބަދަލުކުރާކަށް އިތުރަކަށް ފުރުސަތެއް ނޯންނާނެ ކަމެވެ. މިއީ ސީދާ މުތުލަގަށް ކޮންމެ މީހަކަށްވެސް ލިބިދިން ކަމުގެ އިހްސާސް ކުރެވުނު އެންމެ ބޮޑު ހައްގެވެ. ކުރިން ކަން އޮތްގޮތުގެ ބޮޑުމިނުން 2008 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ބައެއް މީހުން އުޅުނީ ބިރުންނެވެ. އެމީހާލީ ވޯޓު އެނގިދާނެ ކަމާއި އޭނާއަށް ދެން ވެދާނެ ގޮތަކާމެދުއެވެ. ނަމަވެސް އެއިންތިޚާބުގެ ވޯޓުގެ މަރުހަލާ ދިޔަ ގޮތާއި އިންތިޒާމްތައް ހަމަޖައްސަން ޖެހުނު ގޮތާއި ލިބުނު މިނިވަންކަން ހަމަލޮލަށް ފެނުމާއެކު އެއިންތިޚާބާ ހަމައިން މިއޮތީ އެކަން ކަށަވަރުވެފައެވެ.
އޭގެ 18 އަހަރު ފަހެވެ. ރައްޔިތު މީހާގެ ހިތުގައި ވަހުމް އުފެދެން ފަށައިފިއެވެ. ދެންވާނެ ގޮތަކާމެދުއެވެ. އެއްކަލަ އެންމެ ބޮޑު ހައްގުގެ ބޭނުން ކުރެވިދާނެ ކަމާމެދުއެވެ. ލާ ވޯޓުގެ ބޭނުމެއް އޮވެދާނެ ކަމާމެދުއެވެ.
އެފަދަ އިހުސާސެއް ކުރެވިދާނެ އަލާމާތްތައް ދަނީ ފެންނަމުންނެވެ. ފުރަތަމަ ކަމަކަށް އެމީހާ ބޭނުންވާ ކެންޑިޑޭޓަކު ކުރިމަތިލުމާ ހަމައިންނެވެ. ވެރިކަންކުރާ ޕާޓީން ކުރިމަތިލެވުނީ މަތި ފަޑީގައި ތިބި މީހުން ބޭނުން ބަޔަކަށެވެ. ޚުދު ރައީސުލް ޖުމްހޫރިއްޔާ ނުވަތަ ޕާޓީގެ ރައީސް ބޭނުންފުޅުވި މީހަކަށެވެ. އެބުނާ ޑިމޮކްރަސީއަކާއި ހަމަހަމަ ފުރުސަތާއި ޕްރައިމަރީ އޮތީ އޮތްތަނެއްގައެވެ. އެއްބަޔަކަށް ޕްރައިމަރީއަކަށް ކުރިމަތިލުމުގެ ހައްގުވެސް ނުލިބުނުއިރު އަނެއް ބަޔަކަށް މަޖްބޫރުވީ ލެވުނު ނަންވެސް އަނބުރާ ނަގާށެވެ. ދެންތިބި މީހުންގެ ތެރެއިން ޕްރައިމަރީ ކާމިޔާބު ކުރެވުނު ފަހުންވެސް އެފުރުސަތު ގެއްލުވާލީއެވެ. އެއްބަޔަކު ލައްވާ ނަން ނެގުވިއިރު އަނެއްބަޔަކު ތިބިގޮތައް ބައިތިއްބާފައި ބޭނުންވާ މީހަކު ކެންޑިޑޭޓަކަށް ނެގިއެވެ.
އެމަރުހަލާ ނިމުމުން ދެން އެއައީ އިލެކްޝަނަށްފޯމުލާ މަރުހަލާއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ފޯމުލާން މަސައްކަތްކުރި ބައެއް މީހުންނަށް ފޯމްލުމުގެ ވަގުތު ހަމަވުމާ ހަމައަށްވެސް އެމީހުންގެ ރެކޯޑްތަކެއް ސާފެއް ނުކުރެވުނެވެ. ސާފުކޮށެއް ނުދިނެވެ. އެރެކޯޑްތައް ސާފުކޮށްދޭން ޖެހޭ ސަރުކާރުގެ މުއައްސަސާތަކުން ހަމަ އަޅާނުލާވެސް ވަގުތު ޖެހެންދެން ތިބީއެވެ. އެބައިވެސް ބާއްވާނަމެވެ.
ކުރިމަތިލީ ކެންޑިޑޭޓުންގެ ވާދަވެރިކަން އެއޮށް ފެށުނީއެވެ. ކެންޕޭންތައް ބާރަށް ކުރިއަށްދަނިއެވެ. އެކަމަކު ސަރުކާރުގެ ފަރާތުން ފެންނަނީ މުޅިން އެހެން ކެންޕޭނެކެވެ. އިންތިޚާބަކާ ނުލައި ގޮނޑިތައް ކާމިޔާބު ކުރެވޭވަރުގެ ޖާދުވީ ކެންޕޭނެކެވެ. ވޯޓާ ހަމައަށް ނުގޮސް އިންތިޚާބުން މޮޅުވާ ކެންޕޭނެކެވެ. އިދިކޮޅުން ވާދަކުރާ ކެނޑިޑޭޓުގެ ނަން އަނބުރާ ނަގައިގެންނެވެ. އޭނާއަށް ލިބޭ ބޮޑު މަގާމް މާ ރަނގަޅެވެ. ނޫންނަމަ އެކައުންޓަށް ޖަމާވާ ފައިސާގެ މިންވަރު ފަސްއަހަރު ކައުންސިލްގައި ހުރެގެން ލިބޭ އަދަދަށްވުރެ މާ ބޮޑެވެ. ނަން ނުނަގައިފިނަމަ އަނބިދަރިންނާ އާއިލާ މީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އިހްސާސްވީއެވެ. ރަށުގައި ހުންނަ ކޮއްކޮ މާ ދުރު ރަށެއްގެ ވަޒީފާއަށް ނުކުންނަން ޖެހިދާނެ ކަމުގެ ޗިޓް ލިބިދާނެތީއެވެ. އޭނާގެ ބަލި ދަރިފުޅާއި މުސްކުޅި މައިންބަފައިން ބިކަވެދާނެތީއެވެ. އެ ބައިވެސް އިތުރަކަށް ކުރިއަކަށް ނުގެންދާނަމެވެ
އެއްތަނުގައި އޮތް ނާށި އަނެއްތަނަށް ބަދަލުކޮށްލުންފަދަ ބޮޑެތި ބިޔަ މަޝްރޫއުތަކުގެ ފެށުމާއި ނިމުން ފާހަގަ ކުރުމުގެ ހަފްލާގެ ޝަރަފްވެރި މެހެމާނަކީ ސަރުކާރު ކެނޑިޑޭޓެވެ. އެތަނުގައިވެސް އެއްވާ އެންމެންގާތު އޭނާގެ ކެންޕޭނެވެ. އިދިކޮޅު މީހާއަށް ޕޯސްޓަރުގަނޑެއް ޖަހާލާ ބެނާއެއް ދަމާލާނެ ހުއްދައެއްވެސް ނެތިފައެވެ. މިއީވެސް އެއްބައެވެ.
ހައިމާކްތަކާއި ކޮންނަ ބޯޓުތައް ރަށަކަށްފަހު ރަށަކަށް ބަނދަރުކުރަނީއެވެ. ރަށުމީހާ ބޭނުންވިއަސް ނުވިއަސް އަދި ރަށު މީހުންނަށް ދޮންކަޅުވެސް އެނގުމަކާ ނުލައި ސޮއިތައް އަޅަނީއެވެ. ދަނޑުމަތީގައިވެސް ދަނޑު އަޅަންވީއެވެ. ނިމިފައިހުރިތަނެއް ތަޅާލައި އެތަނުގައިވެސް ތަނެއް އަޅަންވީއެވެ. އެކަމަށް ރަށުތެރެއިން ނުފޫޒުގަދަ އާއިލާތަކުގެ މީހުންނަށް ވަޒީފާތައް އޮހެނީއެވެ. ކުރިމަތިލިޔަސް ނުލިއަސް ބޭނުންވިއަސް ނުވިއަސް ވަޒީފާގެ ނަސީބު އަތުގައި ހިފަނީއެވެ.
ނިންމާލާނަމެވެ. ބަޖެޓަކާ ބަޖެޓެކެވެ. ގައުމުގެ އިގްތިސޯދީ ހާލަތަކާ އެހާލަތެކެވެ. ޑޮލަރުގެ އަގަކާ ތަކެތީގެ އަގުގެ ފަރުވާލެއް ނެތެވެ. 2 ރުފިޔާއަށް ލިބުނު އޮރެންޖެއް ރޯދަމަހު 12 ރުފިޔާ 15 އަށް ހުއްޓަސް ވަރިހަމައެވެ. ސަރުކާރުން ޕްރައިވެޓް ކުންފުނިތަކަށް ދޭންޖެހޭ ފައިސާއއަކާއި އެފައިސާއެކެވެ. ބަހާލަން އެ ނިންމީ އެތައް މިލިއަން ރުފިޔާއެކެވެ. އަދުތޯ މާދަންތޯ ވޯޓުލާން ވެފައި އޮއްވައެވެ.
ކޮންމެއަކަސް ސަރުކާރުން އަތްޖަހާ ނަގަނީއެވެ. ވޯޓުގެ ކުރިން އިންތިޚާބުން މޮޅުވާތީއެވެ. ވޯޓުގެ ކުރިން ގޮނޑިތައް ލިބޭތީއެވެ. ލިބޭންހުރި ގޮނޑިތަކުގެ ހިސާބު ކިތާބު ފެނިފައެވެ. ޔަގީން ކަށަވަރު ގޮނޑިތަކުގެ ގިނަކަމުންނެވެ. ވޯޓު ލިއަސް އެފޮށިތަކުގެ ނަތީޖާ އަނބުރާ ނުލެވޭނެ ކަމުގެ ޔަގީންކަން އޮތީމައެވެ. ބަހެއް ބުނާން ހުރި މުއައްސަސާތަކުން އަޅާނުލާނެކަމުގެ ޔަގީންކަން އޮތީތީއެވެ. ހިތަށް އަރައެވެ. މިދާވަރުންދާނަމަ ރިޔާސީ އިންތިޚާބަށްދާއިރު އިންތިޚާބެއް އޮންނާނެ ބާވައެވެ. ނޫންނަމަ ގާނޫން އަސާސީން ލިބިދީފައި އޮތް ވޯޓުގެ މިނިވަންކަމުގެ ހައްގު އޮވެދާނެ ބާއެވެ. ކުޅޭކުޅޭ ކުޅިވަރެއްހެން ރެއަކާ ދުވާލުން ގާނޫން އަސާސީއާވެސް ކުޅެ ނަގާއިރު އަނެއްކާވެސް އަލުން އަނބުރާ ކުޑަކާފާ ބޮޑުކާފު އިއާދަ ނުވެ ހިނގައިދާނެ ބާވައެވެ. ބުނެލީއެވެ. ގޮތް ނިންމާނީ ތިކޮޅުންނެވެ.






