މި ސަރުކާރުގައި ރިޓަޔަރ ކުރައްވާ ދެވަނަ ޕޮލިސް ކޮމިޝަނަރަކަށް އިސްމާޢީލް ނަވީން
ކޮމިޝަނަރުގެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވާފައިވާކަން ލިޔުއްވައި ފުލުހުންގެ އެގްޒެކެޓިވް ވެރިންނަށް ނަވީން މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މަގާމުން ރިޓަޔާ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް. ފުލުހުންގެ އިސްވެރިންނަށް ފޮނުވި މެސެޖުގައި ނަވީން އިތުރަށް ވިދާޅުވީ ނަވީންގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ އޭނާ ދެކޭގޮތުގައި، އޭނާގެ ހިދުމަތުގެ ދައުރު ނިންމާލައި، އިސްމަގާމުގެ މަސްއޫލިއްޔަތުތައް އޮމާންކަމާއެކު ބަދަލުކުރުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް.


ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން (ވ) ރައީސް ޑރ. މުހައްމަދު މުއިއްޒު (މ) އަދި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން (ކ) | ރައީސް އޮފީސް
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މަޤާމުން ރިޓަޔަރ ކުރައްވަން ހުށަހަޅުއްވައިފި އެވެ.
ކޮމިޝަނަރުގެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވާފައިވާކަން ލިޔުއްވައި ފުލުހުންގެ އެގްޒެކެޓިވް ވެރިންނަށް ނަވީން އާދިއްތަ ދުވަހު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރިޓަޔަރ ކުރަން އެދި ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދުވަސްތަކެއް ވަންދެން ބޮލުތެރޭގައި އެ ވިސްނުން ގެންގުޅުމަށްފަހު މިއަދު މިކަން ކުރަން ނިންމީ ވަރަށް ގިނަ ކަންކަމަށް ވިސްނާ ފިކުރު ކުރުމަށްފަހުގައި ކަމަށް މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ނަވީންގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ އޭނާ ދެކޭގޮތުގައި، އޭނާގެ ހިދުމަތުގެ ދައުރު ނިންމާލައި، އިސް މަގާމުގެ މަސްއޫލިއްޔަތުތައް އޮމާންކަމާއެކު ބަދަލުކުރުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތެވެ.
މިއީ މި ސަރުކާރަށް އަހަރެއް ނުވަނީސް ފުލުހުންގެ އެންމެ އިސްވެރިޔާގެ މަޤާމުން ކުއްލި ގޮތަކަށް ބޭފުޅަކު ވަކިވެވަޑައިގަންނަވާނެ ދެވަނަ ފަހަރެވެ. އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ނަވީން ރިޓަޔަރ ކުރެއްވުމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތް އަނެއްކާ ވެސް މި ވަނީ "ނިޒާމީ ގުޑުމެއް" ގެ ތުންފަތްމަތީގަ އެވެ.
2025 އިން 2026 އަށް މިހިނގި ދުވަސްތަކަކީ ފުލުހުންގެ ޚިދުމަތުގެ އިތުބާރާ މެދު އެތައް ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެކެވެ. ޝައްކު އުފެދޭ ގޮތަކަށް މީހަކު ވެއްޓުނު ހާދިސާއަކާ ގުޅިގެން އާންމުންގެ ތެރޭގައި ފެށުނު ކަންބޮޑުވުންތައް، މުޅި މުއައްސަސާގެ އަސާސްތަކާ ގުޅޭ ބޮޑު މައްސަލައަކަށް ބަދަލުވެ، އާންމު ރައްޔިތުންނާއި ފުލުހުންގެ އިސްވެރިންނާ ދެމެދު ބޮޑު ކުރިމަތިލުމެއް އުފެދިގެން ދިޔަ އެވެ.
ކޮމިޝަނަރެއްގެ މަޤާމު ގެއްލުވާލި ވެއްޓުން
18 އެޕްރީލް 2025 ގައި ހ. ފެންޓެނޯއީ އިމާރާތުން ވެއްޓި ހޭނެތިފައި އޮތް 21 އަހަރުގެ ޙައްވާ ޔުމްނު ރަޝީދުގެ ސުވާލު އުފެދޭ ހާދިސާ ވެގެންދިޔައީ ފުލުހުންގެ މުއައްސަސާ އަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ. މިކަމުގައި މުއައްސަސާގެ ފެއިލްވުން އިންތިހާއަށް ދިއުމުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފާޅުގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ނުފޫޒުގަދަ ބަޔަކު ހިމާޔަތްކުރުމަށް ފުލުހުން ޤާނޫނާ ޚިލާފުވެފައިވޭތޯ ނުވަތަ ގަސްދުގައި މައްސަލަ ގޯސްކޮށްފައިވޭތޯ ބެލުމަށް އެތެރޭގެ ތަޙުޤީޤެއް ހިންގުމަށް ޕީޖީން އެންގި އެވެ. މިފަދަ މަތީ ފަންތީގެ ޤާނޫނީ ފިޔަވަޅަކާއި، ޔުމްނު ވެއްޓިފައި އޮއްވާ ފެނުމުގައި 3 ގަޑިއިރުގެ ލަސްވުމެއް އުޅޭކަމުގެ ޚަބަރުތަކާއެކު، 26 އެޕްރީލްގައި ކޮމިޝަނަރ އަލީ ޝުޖާއު އިސްތިއުފާ ދެއްވުމަކީ ކުރިމަތިވި ޕްރެޝަރުގައި މަޖޫބުރުވެގެން ކުރެއްވި ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ކާރިސާއެއްގެ ތެރެއިން އުފަންވި ލީޑަރޝިޕެއް
ރަސްމީކޮށް ޖޫން 2025 ގައި ފެށުނު ނަވީންގެ ދައުރަކީ، އޭނާގެ ކުރިން އެ މަޤާމުގައި ހުންނެވި އަލީ ޝުޖާއު ހަލަބޮލިކަމެއްގެ ތެރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ މުއައްސަސާއަށް ހަމަޖެހުން ގެނައުމުގެ މަޤްސަދުގައި ފެށުނު ދައުރެކެވެ.
ޔުމްނުގެ މައްސަލަ ތަޙުޤީޤުކުރުމުގައި އިސްކޮށް އޭރު ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ ނަވީން އެ މަޤާމަށް އައްޔަންކުރެވުނީ އާންމުންގެ އިތުބާރު އަލުން ހޯދުމަށް ކަމަށް ގަބޫލު ކުރެވެ އެވެ.
ބަދަލުވަމުންދާ މޫނުތައް
ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ މުއައްސަސާއިން ވަނީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ހަލަބޮލިކަމަކާ ކުރިމަތިލާފަ އެވެ. ޝުޖާއުގެ އިސްތިއުފާ އާއި ނަވީންގެ އައްޔަންކުރުމާ ދެމެދު، ޑެޕިއުޓީ ކޮމިޝަނަރ ފަރްހާދު ފިކްރީއާ ފުލުހުންގެ ހިންގުން ހަވާލުކުރެވުނެވެ. ނަމަވެސް، ކުރީގެ މައްސަލައެއްގައި ހެކި ނައްތާލުމުގައި އޭނާ ބައިވެރިވިކަމަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ފެންމަތިވުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން، ގަޑިއިރެއްވެސް ނުވަނީސް އެ ނިންމުން ވަނީ ބާޠިލުކޮށްފަ އެވެ.
ނަވީން މަޤާމުން ވަކިވެވަޑައިގަތުމުގެ ވާހަކަ ފެންމަތިވުމާއެކު، ލީޑަރޝިޕް އަށް އެތެރޭގައި އޮތް ވާދަވެރިކަން މި ދަނޑިވަޅުގައި ބޮޑުވެގެންދާނެ ކަމަށް ބެލެ އެވެ.
ސިޔާސީ ނުފޫޒު ފުލުހުންގެ މައްޗަށް އިންތިހާ އަށް އޮތް ކަމުގެ ތުހުމަތުތައް އާންމުން ކުރަމުން ގެންދާއިރު ކޮންމެ ބޭފުޅަކު މަގާމަށް އައްޔަނު ކުރި ކަމުގައި ވިޔަސް އެ ތުހުމަތުތަކުން މުއައްސަސާ ސަލާމަތް ކުރުން ވެގެންދާނީ ބޮޑު ގޮންޖެހުމަކަށެވެ.






