ރާއްޖެއަށް އެކި ފަހަރުމަތިން މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހެއް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
މި ކުށް ސާބިތުވެފައިވާތީ އަބްދު ލަތީފް ބަލޮޗް އުމުރަށް ޖަލަށްލުމާއެކު ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައި. މި މައްސަލަ ހިނގުމުގެ ކުރިން ވެސް އަބްދުލް ލަތީފް ބަލޮޗް މިބާވަތުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާކަން އޭނާ ގެ ހައްޔަރު ބަންދު ލޮގު އަދި ފުލުހުންގެ ބަހުން އެނގޭ. އަދި 2023 ވަނަ އަހަރު ހިނގި ހާދިސާގައި އޭނާ ގެނައި ލަގެޖް އެއަރޕޯޓު ބެލްޓް މަތިން ކޮންމެވެސް މީހަކު ނަގާފައިވޭ.


ކްރިމިނަލް ކޯޓުން އަބްދުލް ލަތީފް ބަލޮޗްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމް އިއްވީ މިމަހުގެ 9 ވަނަ ދުވަހު | ރާއްޖެއެމްވީ
ދިވެހިރާއްޖެއަށް އެކި ފަހަރުމަތިން މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހެއް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.
އަބްދުލް ލަތީފް ބަލޮޗް ނަމަކަށް ކިޔާ މި މީހާ ގެ މައްޗަށް ދައުލަތުން ވަނީ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.
ދައުވާގައި ބުނީ، އަބްދުލް ލަތީފް ބަލޮޗް 12 މާރިޗް 2024 ވަނަ ދުވަހުގެ 8:05 އެހާއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި ގަތަރު އެއަރވޭސްގެ ފްލައިޓުން އޭނާ ރާއްޖެއަށް އައިސް ލަގެޖެއް ހިފައިގެން ގޮސް އޭނާ އަމިއްލައަށް ކަސްޓަމްސްގެ ރެޑް ޗެނަލްއަށް ވަނުމުން، ކަސްޓަމްސްގެ އޮފިސަރުން އޭނާއާ ސުވާލުކޮށް އޭނާ ގެ ބޯޑިން ފާސް ބެލިއިރު އޭނާ ގެ ނަމުގައި އިތުރު ލަގެޖެއް ޗެކިން ކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި އޭނާ ގެ ނަމުގައި ޗެކިން ކޮށްފައިވާ ދެވަނަ ލަގެޖް ހޯދައި، ކަޅު ކުލައިގެ އެ ދަބަސް ރެޑް ޗެނަލްއަށް ވައްދާ އެކްސްރޭ ކުރުމުން ސުވާލު އުފެދޭ ކަންކަން ފާހަގަކުރެވިފައިވާތީ މި ދަބަސް ބަލައި ފާސްކުރިއިރު އެ ދެބަހުގެ ތެރެއިން ކަޅުކުލައިގެ ރަބަރު ޕެކިނެއްގައި ބަންދުކޮށްފައި އޮތް 02 ޕެކޭޖްގައި 5200.1 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާފައިވާ ކަމަށެވެ.
7 މެއި 2024 ގައި ހުށަހެޅި ދައުވާއަށް އޭނާ ވަނީ އިންކާރު ކޮށްފަ އެވެ.
ނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ފުލުހުންގެ ހެކި ބަހުންނާއި، ކަސްޓަމްސް އޮފިސަރުންގެ ހެކި ބަހުން މި ދައުވާ ސާބިތުވާ ކަމަށް ވަނީ ކަނޑާއަޅާފަ އެވެ. އަބްދުލް ލަތީފް ބަލޮޗްގެ ނަމުގައި 2 ލަގެޖް ޗެކިން ކޮށްފައިވާކަން އެނގޭނެ ލިޔުންތައް ހުށަހަޅާފައިވާ ކަމަށާއި، މި މައުލޫމާތާއި އޭނާ ގެނައި ލަގެޖް އަދި މަސްތުވާތަކެތި ފެނުނު ދަބަހުގެ ހުރި މައުލޫމާތު ދިމާވާ ކަމަށް ޝަރީއަތުން ބުނެފައިވެ އެވެ.
މި މައްސަލައިގައި އަބްދުލް ލަތީފް ބަލޮޗް އަމަލު ކޮށްފައިވާ ގޮތަކީ އޭނާ ރާއްޖެއަށް އައިރު ދެ ލަގެޖް ގެނައި ކަމުގައި ވީ ނަމަވެސް އޭގެތެރެއިން މަސްތުވާތަކެތި ހުރި ދަބަސް އެއަރޕޯޓުގެ ލަގެޖް ބެލްޓް މައްޗަށް ދޫކޮށްފައި އެއަރޕޯޓުން ނިކުންނަން މަސައްކަތް ކުރުން ކަމަށާއި، ބެލެވޭ ގޮތުގައި މިކަން ކާމިޔާބުނުވީ އޭނާއަށް އޮޅިގެން ކަސްޓަމްސްގެ ރެޑް ޗެނަލަށް ވަދެވުމުން ކަމަށް ޝަރީއަތުން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން މި މައްސަލަ ހިނގުމުގެ ކުރިން ވެސް އަބްދުލް ލަތީފް ބަލޮޗް މިބާވަތުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާކަން އޭނާ ގެ ހައްޔަރު ބަންދު ލޮގު އަދި ފުލުހުންގެ ބަހުން އެނގޭ ކަމަށް ބަޔާން ކޮށްފައިވެ އެވެ. އަދި 2023 ވަނަ އަހަރު ހިނގި ހާދިސާގައި އޭނާ ގެނައި ލަގެޖް އެއަރޕޯޓު ބެލްޓް މަތިން ކޮންމެވެސް މީހަކު ނަގާފައިވާ ކަމަށާއި، އެފަހަރު އޭނާ ގެ މައްޗަށް ދައުވާއެއް ނުކުރެވުނީ ގެއްލުނު ދަބަސް ފެނިފައިނުވާތީ އެވެ. މިހާދިސާގައި ވެސް މަސްތުވާތަކެތި އެތެރެ ކުރުމަށް ބޭނުން ކޮށްފައިވަނީ ހަމަ އެއް އުކުޅެއް ކަމަށް ޝަރީއަތުން ބުނެފައިވެ އެވެ.
މި ކުށް ސާބިތުވެފައިވާތީ އަބްދު ލަތީފް ބަލޮޗް އުމުރަށް ޖަލަށްލުމާއެކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި 9 ފެބްރުއަރީ 2026ން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މީރާއަށް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފަ އެވެ.
މި މައްސަލައާ ގުޅިގެން ޖަލު އަދަބެއްގެ ގޮތުގައި އަބްދުލް ލަތީފް ބަލޮޗް ތަންފީޒު ކުރަން ޖެހޭ މުއްދަތަކީ 23 އަހަރާއި 20 ދުވަހެވެ.






