އެކި ފަހަރު މަތިން ރިޕޯޓު ކޮށްގެން ވެސް ފިޔަވަޅެއް ނޭޅި، އޮޅުވާލައިގެން ބައްޕަގެ ނަމުގައި 1 ލައްކަ އަށްވުރެ ގިނަ ރުފިޔާގެ ބޭސް ނެގި!
އޮޑިޓް އޮފީހުން ބުނީ އާސަންދަ ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، ސްކީމުގެ ކޮންޓްރޯލްތައް ވަރުގަދަ ކުރުމަށާއި ސްކީމުގެ ހިންގުން ހަރުދަނާ ކުރުމަށް ސިޔާސަތުތައް އެކުލަވައިލައި އަމަލު ކުރުމަށް އެ ކުންފުންޏަށް އިލްތިމާސް ކުރާ ކަމަށް.


އާސަންދަ ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، ސްކީމުގެ ކޮންޓްރޯލްތައް ވަރުގަދަ ކުރުމަށާއި ސްކީމުގެ ހިންގުން ހަރުދަނާ ކުރުމަށް ސިޔާސަތުތައް އެކުލަވައިލައި އަމަލު ކުރުމަށް އޮޑިޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައި | އެޑިޝަން.އެމްވީ
އޮޅުވާލައިގެން އެހެން މީހުންގެ ނަމުގައި ބޭސް ނެގި ކަމުގެ ޝަކުވާ އާސަންދަ އަށް ހުށަހަޅާފައި ވީ ނަމަވެސް އާސަންދަ އިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓެއްގައި ބުނެފި އެވެ.
އޮޑިޓް އޮފީހުން ނެރުނު، އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ އޮޑިޓުގައި ބުނުފައިވަނީ އޮޅުވާލައިގެން އެހެން މީހުންގެ ނަމުގައި ބޭސް ނެގި ކަމުގެ ޝަކުވާ އާސަންދަ އަށް ހުށަހަޅާފައި ވީ ނަމަވެސް އާސަންދަ އިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާއިރު މިގޮތަށް ޖުމްލަ 175،174 ރުފިޔާގެ ބޭސް އެކި ފަރާތްތަކުން އެހެން މީހުންގެ ނަމުގައި ނަގާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނަނީ އާސަންދަ ސްކީމްގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ވަކިވަކި ފަރުދުންނަށް ފިޔަވަޅު އެޅޭނެ އުސޫލެއް ގާއިމް ކުރެވިފައި ނުވި ނަމަވެސް ވިނަވި ޕޯޓަލްގައި މިފަދަ ފަރާތްތައް ރެސްޓްރިކްޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އާސައިންދަ އިން މައުލޫމާތު ދީފައި ވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ފަހުކޮޅު ވިނަވި ސިސްޓަމުގައި "އޯވަރލެޕް ފީޗަރ" އެއް ތައާރަފު ކޮށްފައިވާ ކަމަށާއި މިއާއެކު ބޭސް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ބޭސް ނަގާނަމަ ވިނަވި ސިސްޓަމްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ސަމާލު ކަމަށް އެކަން ގެނެވިގެން ދާނެ ކަމަށް އާސަންދަ އިން މައުލޫމާތު ދީފައިވާ ކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
އެހެން ނަމަވެސް މިހާލަތުގައި ބަލި މީހާ އަށް ބޭސް ދޫކުރުމާއި ނުކުރުމުގެ އިހުތިޔާރު ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް އޮތުމުގެ ސަބަބުން ތައާރަފު ކުރެވުނު ފީޗަރ ގެ މަގުސަދު އެންމެ އެދެވޭ ގޮތެއްގައި ހާސިލް ނުވާ ކަމަށް ރިޕޯޓުގައި ވެ އެވެ.
އެ ރިޕޯޓުގައި ވަނީ ބޭސް ސިޓީ ފޯޖު ކޮށް ތަކުރާރު ކޮށް އެއް ބޭސްތަކެއް އެކި ޑޮކްޓަރުން ލައްވައި ލިޔެ، ބޭސް ނަގައި، އޭގެ ވިޔަފާރި ކުރުމާ ގުޅޭ ކޭސް ސްޓަޑީ އެއްގެ މައުލޫމާތު ހިއްސާ ކޮށްފަ އެވެ.
އެގޮތުން ބޭސް ސިޓީ ފޯޖު ކޮށް، ތަކުރާރު ކޮށް އެއް ބޭސްތަކެއް އެކި ޑޮކްޓަރުން ލައްވައި ލިޔުއްވައިގެން ބޭސް ނަގައި އޭގެ ވިޔަފާރި ކުރާކަން ޝައްކު ކުރެވޭ ފަރާތެއް ގެ ކޭސް ރިޕޯޓު ކޮށްފައި ވާއިރު އޮޑިޓް ރިޕޯޓު ގައި ބުނަނީ މައްސަލައިގައި ތުހުމަތު ވާ މީހާ 20 ފެބްރުއަރީ 2023 ގައި އޭނާ ބޭސް ސިޓީ ފޯޖު ކޮށްގެން ބޭސް ސިޓީ އައު ކުރަން ދިއަ މައްސަލައެއް މާލޭގެ ހޮސްޕިޓަލަކުން އާސަންދަ އަށް ރިޕޯޓު ކުރި ކަމަށެވެ.
ޖެހިގެން އައި 21 ފެބްރުއަރީ 2023 ގަ އޭނާ ގެ ބައްޕަ ގެ ނަން މަތީގައި އޮޅުވާލައިގެން ބޭސް ނަގަމުންދާ މައްސަލައެއްގެ ޝަކުވާ އެއް އާސަންދަ ކުންފުންޏަށް ލިބިފައިވާ ކަމަށާ އެގޮތުން އޭނާ ގެ ބައްޕަ ދިރިއުޅެމުންދަނީ މާލޭގައި ނޫންކަމާއި، 2021 ވަނަ އަހަރުން ފެށިގެން މާލެއަށް ޑޮކްޓަރަށް ދައްކާފައި ނުވި ނަމަވެސް އޭނާ ގެ ބައްޕަ ނަން މަތީގައި މާލޭގެ އެކި ފާމަސީ ތަކުން ބޭސް ނަގަމުން ދާތީ މިކަން ކުރާކަމުގައި ޝައްކު ކުރެވެނީ މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ކުށުގެ ރިކޯޑު އޮތް މީހެއް ކަމުގައި އާސަންދައިގެ ހޮޓް ލައިންއަށް ޝަކުވާ ހުށަހަޅާފައި ވާ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.
އެހެން ނަމަވެސް އެދެވޭ ހައްލެއް ނުލިބި އަދިވެސް މާލޭގެ އެކި ފާމަސީތަކުން އޭނާ ގެ ބައްޕަގެ ނަމުގައި ބޭސް ނަގަމުން ދާތީ 2 ޖުލައި 2023 ގައި އަނެއްކާ ވެސް އާސަންދަ އަށް ޝަކުވާ ރިޕޯޓު ކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ މި މައްސަލަ 19 ޑިސެމްބަރު 2023 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އާސަންދަ އިން އޮޑިޓަށް މައުލޫމާތު ފޯރުކޮށްދީފައި ވާ ކަމަށެވެ. އެ ރިޕޯޓުގައި ބުނީ 21 ފެބްރުއަރީ 2023 އިން ފެށިގެން ޖެހިގެން އައި އަހަރުގެ އޭޕްރިލް 30 ގެ ނިޔަލަށް އެ މީހާ އޭނާ ގެ ބައްޕަގެ ނަން މަތީގައި މާލޭ ހޮސްޕިޓަލްތަކަށް ދައްކައިގެން 112،586 ރުފިޔާގެ ބޭސް ނަގައިފައިވާ ކަމަށެވެ.
އެ އަދަދަކީ، އެ މުއްދަތުގައި އޭނާ ގެ ބައްޕަ ދިރިއުޅޭ ރަށުން ނަގައިފައިވާ ބޭހާ އަޅައިބަލާއިރު ހަތަރު ގުނަ އިތުރު އަދަދެއް ކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެ އެވެ.
ރިޕޯޓުގައި އިތުރަށް ބުނީ ފުލުހަށް މައްސަލަ ހުށަހެޅި ތާރީޚުގެ ފަހުން ވެސް އެ މީހާގެ ބައްޕަ ދިރިއުޅޭ ރަށް އަދި މާލޭ ހޮސްޕިޓަލުން އޮންލައިން ކޮންސަލްޓޭޝަން ނޫން ގޮތަށް ރާއްޖޭގެ ދެ ހިސާބެއްގައި ހުރެގެން އެއް ތާރީޚެއް ގައި ޑޮކްޓަރަށް ދައްކައި ބޭސް ނަގައިފައިވާ ކަން ފާހަގަކުރެވުނު ކަމަށެވެ.
މިކަމާ ގުޅިގެން އޮޑިޓް އޮފީހުން ބުނީ އާސަންދަ ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، ސްކީމުގެ ކޮންޓްރޯލްތައް ވަރުގަދަ ކުރުމަށާއި ސްކީމުގެ ހިންގުން ހަރުދަނާ ކުރުމަށް ސިޔާސަތުތައް އެކުލަވައިލައި އަމަލު ކުރުމަށް އެ ކުންފުންޏަށް އިލްތިމާސް ކުރާ ކަމަށެވެ.







