ޖަލު ތެރެއަށް ބޮލްސޮނާރޯ ވެއްޓި ބޯ ފެޅިއްޖެ، ހޮސްޕިޓަލަށް ގެންދަން އެދުމުން ފުރުސަތު ނުދިން
ބްރެޒިލްގެ ފެޑަރަލް ފުލުހުން ބުނެފައި ވަނީ، ބޮލްސޮނާރޯ އަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ ފެޑަރަލް ފުލުހުންގެ ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ކަމަށް. އެގޮތުން އޭނާ އަށް ލިބިފައި ހުރީ ކުދި އަނިޔާ ތަކެއް ކަމަށް ފާހަގަކޮށް ފުލުހުން ބުނީ، އިތުރު ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިޔުމުގެ ބޭނުމެއް އޮތް ކަމެއް ފެނިފައި ނުވާ ކަމަށް.


ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ | ރޮއިޓަސް
ޖަލު ޙުކުމް ތަންފީޒު ކުރަމުން އަންނަ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ޖަލު ތެރެއަށް ވެއްޓި ބޯ ފަޅައިގެން ގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔުމުގެ ފުރުސަތު ދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދެކޮޅު ހަދައިފި އެވެ.
އުމުރުން 70 އަހަރުގެ ބޮލްސޮނާރޯ ޖަލުގައި އަވަހާރަފުޅު ލައްޕަވަން އޮންނަވަނިކޮށް، އެނދުން ވެއްޓި ފަރުނީޗަރެއްގައި ބޯ ޖެހިފައިވާ ކަމަށް، ބޮލްސޮނާރޯގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. އޭނާ ގެ އަނބިކަނބަލުން މިޝެލް ބޮލްސޮނާރޯ އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ، ވެއްޓި ބޯ ފެޅުމުގެ ސަބަބުން ބޮލްސޮނާރޯ ހޮސްޕިޓަލަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި، އޭނާ ގެ “ލބިވެރިޔާ” އިތުރު ޓެސްޓު ތަކެއް ވެސް ހަދަން ޖެހޭ ކަމަށެވެ.
ނަމަވެސް، ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑީ މޮރައިސް ވަނީ، ބޮލްސޮނާރޯ ވަގުތުން ޖަލުން ބޭރަށް ގެންދިޔުމާއި، ހޮސްޕިޓަލަށް ގެންދިޔުމަށް ހުއްދަ ނުދެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ. އެއާ އެކު ބޮލްސޮނާރޯގެ އާއިލާ އިން ބުނެފައި ވަނީ، އޭނާ އަށް ފަރުވާ ކުރުމަށް ހޮސްޕިޓަލަށް ގެންދިޔުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.
ބްރެޒިލްގެ ފެޑަރަލް ފުލުހުން ބުނެފައި ވަނީ، ބޮލްސޮނާރޯ އަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ ފެޑަރަލް ފުލުހުންގެ ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އެގޮތުން އޭނާ އަށް ލިބިފައި ހުރީ ކުދި އަނިޔާ ތަކެއް ކަމަށް ފާހަގަކޮށް ފުލުހުން ބުނީ، އިތުރު ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިޔުމުގެ ބޭނުމެއް އޮތް ކަމެއް ފެނިފައި ނުވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދާ ނަމަ، ސުޕްރީމް ކޯޓުގެ ހުއްދަ ބޭނުން ވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ހުށަހަޅާފައިވާ ރިޕޯޓަށް ބެލުމަށް ފަހު ފަނޑިޔާރު ވެސް ނިންމަވާފައި ވަނީ، ބޮލްސޮނާރޯ ހޮސްޕިޓަލަށް ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް، އޭނާގެ ޓެސްޓުތައް ހެދުމަށް ހޮސްޕިޓަލަށް ގެންދިޔުމަށް އެދުމުގެ ފުރުސަތު ޤާނޫނީ ވަކީލުންނަށް އޮންނާނެކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވެފައި ވަނީ، ވަގުތު އޮއްވާ އެކަމަށް އެދެން ވާނެ ކަމަށެވެ. އަދި ގެންދަން ބޭނުންވާ ސަބަބުތައް ވެސް ބަޔާން ކުރަންވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ބޮލްސޮނާރޯ ވަނީ މީގެ ކުރިން ހަމުގެ ކެންސަރަށް ވެސް ފަރުވާ ހޯއްދަވައިފަ އެވެ. އަދި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އޭނާ ވަނީ 12 ގަޑިއިރުގެ ކުއްލި އޮޕަރޭޝަނެއް ވެސް ކުރައްވައިފަ އެވެ. އޭގެ ފަހުން ޑިސެމްބަރު މަހުގެ ފަހު ކޮޅު އޭނާ ވަނީ ހާނިޔާގެ އޮޕަރޭޝަނެއް ވެސް ކުރައްވައިފަ އެވެ. އެ ފަހަރު ބޮލްސޮނާރާ ވަނީ ހަތް ދުވަސް ވަންދެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ އެވެ.
ބަޣާވާތް ހިންގަން އުޅުނު ކަމުގެ ކުށް ބޮލްސޮނާރޯގެ މައްޗަށް ސާބިތު ވެފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައި ބުނެފައި ވަނީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ލޫލާ ޑަ ސިލްވާ އާއި، އޭނާގެ ނައިބު ރައީސް ޖެރާލްޑޯ އަލްކްމިން އަވަހާރަކޮށްލަން ރޭވުމުގެ މައުލޫމާތު ބޮލްސޮނާރޯ އަށް ލިބިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބޮލްސޮނާރޯ ވިދާޅުވެފައި ވަނީ، އެއީ އޭނާއާ ދެކޮޅަށް ރޭވިގެން ހިންގާ ކަމެއް ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާއެއް ކަމަށާއި، އެކަމުގެ މަޤުސަދަކީ އޭނާގެ ސިޔާސީ ޙަޔާތަށް ހުރަސް އެޅުން ކަމަށް ވެސް ބޮލްސޮނާރޯ ވިދާޅުވެފައިވެ އެވެ.







