"ނުކުރާނަމޭ ބުނާ ކަންކަން މި ސަރުކާރުން ކުރާނެ ކަން ޔަގީން ވެއްޖެ، ޔަގީންކަން ދިން ބޭހެއް ނުލިބޭ، ފެރީ ވެސް ހުއްޓިއްޖެ"
ހދ. ކުމުންދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ އޭނާ އުޅެނީ ކިޑްނީގެ މައްސަލަ ހުންނަ، ޑައިލެސިސް ހަދަން ޖެހޭ ބަލި މީހެއް ގޮވައިގެން ކަމަށް. ޑައިލެސިސް ހެދުމަށް ހަފްތާއަކު ތިން ދަތުރު މަދުވެގެން ކުރަން ޖެހޭ ކަން ފާހަގަ ކޮށް އޭނާ ބުނީ ނިމިދިއަ އެމްޑީޕީ ސަރުކާރުން އާރްޓީއެލް ފެރީ ނިޒާމު ކުމުންދޫ އަށް ތައާރަފު ކުރުމާއެކު ލިބިގެން ދިޔައީ ވަރަށް ބޮޑު ލުޔެއް ކަމަށް. ނަމަވެސް ރައީސް މުއިއްޒު ސަރުކާރާ ހަވާލުވިފަހުން އެ ފަސޭހަ ވެސް ނުވާ ކަމަށް އޭނާ ބުނި.


ހދ. ކުމުންދޫ ރައްޔިތެއް - އޭނާ ވަނީ ކިޑްނީގެ ބަލިތަކަށް ބޭނުންވާ ބޭސް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވީއިރު ޔަގީންވީ ސަރުކާރުން ނުކުރަން ބުނާ ހުރިހާ ކަމެއް ކުރާނެ ކަން ކަމަށާ ޔަގީންކަން ދިން ބޭސްފަރުވާގެ ނިޒާމު ވެސް އޮތީ ބޮއްސުން ލާފައި ކަމަށް އާންމު ރައްޔިތަކު ބުނެފި އެވެ.
ރާއްޖެޓީވީ ގެ "ހާލު ކިހިނެއް؟" ޕްރޮގްރާމްގައި ހދ. ކުމުންދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ އޭނާ އުޅެނީ ކިޑްނީގެ މައްސަލަ ހުންނަ، ޑައިލެސިސް ހަދަން ޖެހޭ ބަލި މީހެއް ގޮވައިގެން ކަމަށެވެ. ޑައިލެސިސް ހެދުމަށް ހަފްތާއަކު ތިން ދަތުރު މަދުވެގެން ކުރަން ޖެހޭ ކަން ފާހަގަ ކޮށް އޭނާ ބުނީ ނިމިދިއަ އެމްޑީޕީ ސަރުކާރުން އާރްޓީއެލް ފެރީ ނިޒާމު ކުމުންދޫ އަށް ތައާރަފު ކުރުމާއެކު ލިބިގެން ދިޔައީ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.
އޭގެ ސަބަބުން ލިބުނު ފަސޭހަ ބުނެދޭން ވެސް ނޭނގޭ ކަމަށާ ނަމަވެސް ރައީސް މުއިއްޒު ސަރުކާރާ ހަވާލުވިފަހުން އެ ފަސޭހަ ވެސް ނުވާ ކަމަށް އޭނާ ބުންޏެވެ.
މި ގެންނަނީ ނޮޅިވަރަމް ލޯންޗެއް. ކޮޅަކަށް 1000 ރުފިޔާ ދީގެން މި ދަނީ ހަފްތާއަކު ތިން ދުވަހު މި ދަތުރު ކުރަނީ ޑައިލެސިސް ހަދާ ބަލި މީހެއް ގޮވައިގެން. ދެން އެ ލިބެނީ ބަލި މީހާ އަށް 3000 ރުފިޔާ. އެ ލިބޭ 300 ރުފިޔާ އިން އަޅުގަނޑު ކިހިނެއް އެ ދަތުރު ކުރާނީ. ކޮޅަކަށް 1000 ރުފިޔާ ދީގެން މި ދަތުރު ކުރަނީ ހަފްތާ އަކު ތިން ދުވަހު. ނޮޅިވަރަމް އިން ލޯންޗު ގެނަސްގެން މި ދަތުރު ކުރަނީ ހަފްތާ އަކު ތިން ދުވަހު. ކޮޅަކަށް 1000 ރުފިޔާ ދީފަ. ދުވާލަކަށް 2000 ރުފިޔާ ދީގެން މި ދަތުރު ކުރަން ޖެހެނީ. ހަފްތާއަކު ތިން ދުވަހު ދަތުރު ކުރާއިރު ކިހިނެއް އުޅޭނީ،ހދ. ކުމުންދޫ ރައްޔިތެއް
އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ މިހާރު ކިޑްނީގެ ބަލިތަކަށް ކޮންމެހެން ބޭނުން ބޭސް ވެސް ނުލިބޭ ކަމަށެވެ. މަސް ދެމަސް ފާއިތުވާ އިރު ވެސް ބޭސް ނުލިބިގެން އުޅެން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އެއީ އޭގެ ސަބަބުން އެތައް ރައްޔިތަކަށް ރައީސް މުުއިއްޒުގެ ސަރުކާރުން ޖައްސާފައިވާ ތަކުލީފެއް ކަމަށް ވެސް ބުންޏެވެ.
ބޭސް ހޯދަން އުޅެން ޖެހޭ ހާލު ކިޔަދީ އޭނާ ބުނީ ބޭސް ހޯދަން ގުޅުމުން ގިނަ ފަހަރަށް ބުނަނީ އާދެވޭ ހިސާބު މަގުމަތީގައި ހުންނަ ވާހަކަ ބުނާ ކަމަށެވެ. ނަމަވެސް އެ ބޭސް ނުލިބެނީ ބޭސް ގެންނަ މަގު ބަންދުވެފައި ވާތީ ތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.
ބޭސް ހޯދަން ގުޅީމަ ބުނަނީ މިހާރު ތިމަންނަ މެންނާ ހިސާބަށް އައިސްފަ ނެތިއްޔޭ. އެބަ ހުއްތޭ އާދެވޭ ހިސާޞުގަ މަގުމަތީގަ. އަންނަ މަގު ބެދިފަ ހުންނާތީ ނާދެވިގެން ލަސްވަނީ. ނޫނީ ކަނޑުގަދަ ކަމުން ބޯޓަށް ނާދެވިގެން ލަސް ވަނީ. އެހެން ކަންނޭނގެ އެވަނީ،ހދ. ކުމުންދޫ ރައްޔިތެއް
އޭނާ ބުނީ މިހާރު ޔަގީންވާ އެއް ކަމެއް އެބައޮތް ކަމަށެވެ. އެއީ މި ސަރުކާރުން ކުރާނެ ކަމަށް ބުނާނެ ކަންކަން ނުކުރާނެ ކަމުގެ ޔަގީން ކަމާއި ނުކުރާނެ ކަމަށް ބުނާ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީން ކަން ކަމަށެވެ.
މި ސަރުކާރާ އެކު އާރްޓީއެލް ފެރީގެ ނިޒާމު އެތައް ރަށެއްގައި ހުއްޓިފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. އަދި ކޮންމެހެން ބޭނުންވާ ބޭސް ނުލިބޭ ކަމުގެ ޝަކުވާ ވެސް ގިނަ ރައްޔިތުން ކުރަމުންދާއިރު މިކަމުގެ ކަންބޮޑުވުން ވެސް ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ސަރުކާރުން އެއްވެސް އެދެވޭ ޖަވާބެއް މިހާތަނަށް ވެސް ދީފައި ނުވާ ކަމުގެ ޝަކުވާ ވެސް ރައްޔިތުން ދަނީ ތަކުރާރު ކޮށް ކުރަމުންނެވެ.







