އޮގަސްޓް މަހު ރައީސް މުއިއްޒު ވަޑައިގެން ނޮޅިވަރަމް ގައި ބިންގާ އެޅުއްވި ޕޮލިސް ސްޓޭޝަން ގެ މަަސައްކަތް އަދިވެސްް ނުފެށޭ
ނޮޅިވަރަމް ކައުންސިލުން ބުނީ ނިމިދިޔަ އޮގަސްޓް މަހު ރައީސް މުއިއްޒު ބިންގާ އެޅުއްވި ޕޮލިސް ސްޓޭޝަންގެ މަސައްކަތް އަދިވެސް ނުފެށޭ ކަމަށް. ބިންގާ އެޅުމުގެ ކުރިން މަސައްކަތަށް ބޭނުންވާ ސާމާނާއި ހައިމާކެއް ގެނެސް ސަރަހައްދު ސާފުކުރި ނަމަވެސް ބިންގާ އެޅުމަށްފަހު އިތުރު މަސައްކަތެއް ނުހިންގާ ކަމަށް ކައުންސިލް އޮފީހުގެ އޮފިސަރ ނާއިމް އަލީ ވިދާޅުވި.


ހދ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަން އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު
ނިމިދިޔަ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. ނޮޅިވަރަމަށް ވަޑައިގެން ބިންގާ އެޅުއްވި ޕޮލިސް ސްޓޭޝަން ގެ މަސައްކަތް އަދިވެސް ނުފެށޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ނޮޅިވަރަމް ގައި އަލަށް އިމާރާތް ކުރާ ޕޮލިސް ސްޓޭޝަން ގެ މަސައްކަތާ ގުޅޭ ގޮތުން އަރަށު ކައުންސިލްގެ ފަރާތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ކައުންސިލް އޮފީހުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ނާއިމް އަލީ ވިދާޅުވީ، ނިމިދިޔަ އޮގަސްޓް މަހު ރައީސް މުއިއްޒު އެރަށަށް ވަޑައިގެން އެޅުއްވި ބިންގާ ތަކުގެ ތެރޭގައި އެރަށު ގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަން ގެ ބިންގާ ވެސް ހިމެނޭ ކަމަށެވެ. އަދި ބިންގާ އެޅުމަށް ރައީސް އެރަށަށް ވަޑައިގަތުމުގެ 4 ވަރަކަށް ދުވަސް ކުރިން، މަސައްކަށް ބޭނުންވާ ސާމާނު އަދި ހައިމާކެއް އެރަށަށް ގެނެސް، މަސައްކަތް ކުރަން ނިންމާފައިވާ ސަރަހައްދު ސާފު ކޮށްފައި ވާކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ރައީސް މުއިއްޒު އެ ދުވަހު އެޅުއްވި ބިންގާ ފިޔަވާ އިތުރު މަސައްކަތެއް އެ ސަރަހައްދުގައި ނުހިނގާ ކަމަށް ނާއިމް ވިދާޅުވި އެވެ. މިއީ ނިމިދިޔަ އޮގަސްޓް މަހު ރައީސް ނޮޅިވަރަމަށް ވަޑައިގެން ވަރަށް ގިނަ ތަންތަނުގެ ބިންގާ އެޅުއްވި އިރު، އޭގެ ތެެރެއިން އެއް ސަރަހައްދު މިއީ ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގެ އައު އިމާރާތް. މި ތަނުގެ ބިންގާ އެ ދުވަހު އެޅިގެން ދިޔަ އިރު ގާތް ގަނޑަކަށް އެއީ އޮގަސްޓް 25 ނޫނީ 26 އަޅުގަނޑު ހަނދާންވާ ގޮތުން. އޭގެ ގާތް ގަނޑަކަށް 4 ވަރަކަށް ދުވަސް ކުރިން މިތަނަށް ބޭނުންވާ، މަސައްކަތަށް ބޭނުންވާ އެކި އެއްޗިއްސާ ހައިމާކު އެއްޗިހި ހަމަ ގެނެސް ތަން ސާފުކޮށް ހަދާފަ. ދެން ރައީސް މި ތަނުގެ ބިންގާ އަޅުއްވާ ދެއްވާފަ ވަޑައިގަތް ފަހުން އެއްވެސް މަސައްކަތެއް ނުހިނގާ. އޭރުއްސުރެ މަސައްކަތް މިވަނީ ހުއްޓިފަ. — ހދ. ނޮޅިވަރަމް ކައުންސިިލުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ނާއިމް އަލީ
ނާއިމް އިތުރަށް ވިދާޅުވީ މަސައްކަތް ފެށޭނެ ކަމުގެ އެއްވެސް އަލާމާތެއް މިހާރު ފެންނަން ނެތަސް އުއްމީދަކީ ވީހާވެސް އަވަހަށް މިތަނުގެ މަސައްކަތް ފެށިގެން ދިއުން ކަމުގަ އެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާ އިރު، ނޮޅިވަރަމު ގައި ތަރައްގީ ގެ އެއްވެސް މަޝްރޫއެއް އެކަށީގެންވާ ގޮތަށް ނުހިނގާ ކަން އެ ރަށު ރައްޔިތުން ފާހަގަ ކުރެ އެވެ. އަދި ނިމިދިޔަ އެމްޑީޕީ ގެ ސަރުކާރުން އެ ރަށުގައި ފަށާފައިވާ މަޝްރޫއު ތައް ވެސް މިހާރު މަޑުޖެހިފައިވާ ކަމަށް ރައްޔިތުން ވަނީ ފާހަގަ ކޮށްފަ އެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމް ކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން ވަނީ، ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފަ އެވެ.








