ބުރާސްފަތި ދުވަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހއ. ހޯރަފުއްޓަށް ވަޑައިގަތުމުން، އެރަށު ރައްޔިތުން ރަސްމީ އިއްޒަތުގައި އެމަނިކުފާނަށް ވަރަށް ފުރިހަމަ މަރުހަބާއެއް ދަންނަވައިފިއެވެ.
މިއީ ހޯރަފުށީ ތަރައްގީގެ ހަގީގީ ބާނީ ކަމަށް އެރަށު ގިނަ ބަޔަކު ގަބޫލުކުރާ، ރައީސް ޞާލިހްގެ ހިދުމަތްތައް އެރަށު ރައްޔިތުން ހެޔޮ ހިތުން ބަލައިގަތުމުގެ އަލިގަދަ ހެއްކެއް ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.
ހޯރަފުށީ އެއަރޕޯޓުން ރައީސް ޞާލިހަށް މަރުހަބާ ދަންނަވާފައިވަނީ ސަގާފީ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ރަސްމީ އިއްޒަތުގައެވެ. ރައީސް ޞާލިހަށް މަރުހަބާ ދެންނެވުމަށްޓަކާ ހޯރަފުށީގެ އެތައް ސަތޭކަ ރައްޔިތުން ވަނީ އެއަރޕޯޓް ސަރަހައްދަށް އެއްވެފައެވެ. ރައްޔިތުންގެ މި ބޮޑު ތަރުހީބާއި މަރުހަބާއިން ސާފުކޮށް ފެންނަމުންދަނީ ރައީސް ޞާލިހްގެ ވެރިކަމުގައި އެރަށަށް ލިބުނު ތަރައްގީގެ ހިދުމަތްތައް އެރަށު ރައްޔިތުން ހަނދާނުގައި ބަހައްޓައިގެން ތިބިކަމެވެ.
ރައީސް ޞާލިހް ހޯރަފުއްޓަށް ކުރައްވާ މި ދަތުރުފުޅަކީ އެރަށު ކައުންސިލްގެ ހާއްސަ ދައުވަތަކަށް، ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައެވެ. ނަމަވެސް މި ޖަލްސާއަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ވަނީ، މި ޖަލްސާ ބޭއްވުމަށް ތައްޔާރުކޮށްފައިވާ އެރަށު ސްކޫލް ހޯލު ފަހު ވަގުތު ނުދިނުމަށް ނިންމާފައެވެ. ނަމަވެސް ހޯރަފުށީ ކައުންސިލުން ވަނީ ސަރުކާރުގެ މި ނިންމުމާއެކު އެރަށުގެ ބަނދަރު ސަރަހައްދުގައި މި ޖަލްސާ ބޭއްވުމުގެ އިންތިޒާމް ހަމަޖައްސާފައެވެ.
ހޯރަފުށީގެ ރައްޔިތުން ދެކޭ ގޮތުގައި ރައީސް ޞާލިހް އަކީ ހޯރަފުށީގެ ތަރައްގީގެ ހަގީގީ ބާނީއެވެ. ރައީސް ޞާލިހްގެ ވެރިކަމުގައި ހޯރަފުށަށް ވަނީ އެރަށުގެ ތާރީހު ބަދަލުކޮށްލާވަރުގެ ތަރައްގީ ގެނެސްދެއްވާފައެވެ. މިކަމުގެ އެންމެ އަލިގަދަ އެއް ހެއްކަކީ ހޯރަފުށީ އެއަރޕޯޓެވެ. މި އެއަރޕޯޓް ހުޅުވުމުން ހޯރަފުށީގެ ރައްޔިތުންނަށް ލިބުނީ ދިރިއުޅުމުގައި ބޮޑު ބަދަލެކެވެ. އެއަރޕޯޓުގެ ސަބަބުން ރަށުގެ އިގްތިސާދީ ހަރަކާތްތައް ވަނީ ފުޅާވެ، ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ އާ ފުރުސަތުތައް ވަނީ ހުޅުވިފައެވެ.
މީގެ އިތުރުން ހޯރަފުށީގެ މަލަމަތިން ފެންނަ ބަނދަރު މަގުގެ އިތުރުން ޖުމްލަ 11 މަގެއް ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާފައިވެއެވެ. މި މަގުތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ލިބުނީ ފަސޭހަކަމާއި ރައްކާތެރިކަމެވެ. ރައީސް ޞާލިހްގެ ވެރިކަމުގައި ހޯރަފުށީގައި ވަނީ އައިސް ޕްލާންޓް، ޖުވެނައިލް ޖަސްޓިސް ބިލްޑިން، ވޮލީ ކޯޓެއް، ފުޓުބޯޅަދަނޑެއް، ކޯޓުގެ އާ އިމާރާތެއް، ޕްރީ ސްކޫލެއް، 3 ޕާކެއް އަދި ފެރީ ޓާމިނަލް އެއް އިމާރާތް ކުރައްވާފައެވެ.
އައިސް ޕްލާންޓް އިމާރާތް ކުރެއްވުމުން މަސްވެރިންނަށް ލިބުނީ ބޮޑު ފަސޭހަކަމެކެވެ. ވޮލީ ކޯޓާއި ފުޓުބޯޅަ ދަނޑުގެ ސަބަބުން ރަށުގެ ޒުވާނުންނަށް ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފުޅާވެފައެވެ. ޕްރީ ސްކޫލް އިމާރާތް ކުރެއްވުމުން ކުޑަކުދިންނަށް ރަނގަޅު ތައުލީމީ މާހައުލެއް ވަނީ ލިބިފައެވެ.
އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި ހޯރަފުށީގައި ފަށައިގެން ބާރު ސްޕީޑުގައި ކުރިޔަށް ދިޔަ އެތައް މަޝްރޫއެއް މި ސަރުކާރުން ވަނީ ހުއްޓާލާފައެވެ. އޭގެ ތެރޭގައި ވެރިކަން ނިމުނު އިރު ނިމެން ކައިރިވެފައިވާ ބިއްލޫރި ފުޅީގައި ބޯފެން ބަންދުކުރާ ބޮޓެލިން ޕްލާންޓް، ކައުންސިލް އޮފީހުގެ އާ އިމާރާތް، ފެނަކަ އޮފީސް އަދި ހޯރަފުށީގައި ގާއިމް ކުރާ އާ ހޮސްޕިޓަލުގެ މަސައްކަތް ހިމެނެއެވެ.
ބޮޓެލިން ޕްލާންޓް ނިމި ހިދުމަތް ދޭން ފެށުމުން ހޯރަފުށީގެ ރައްޔިތުންނަށް ލިބޭނެ އިގްތިސާދީ ފައިދާއަކީ ވަރަށް ބޮޑު ކަމެކެވެ. އާ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުމުން ރައްޔިތުންނަށް ރަނގަޅު ސިއްހީ ހިދުމަތް ލިބުން ވަނީ ލަސްވެފައެވެ. މި މަޝްރޫއުތައް ހުއްޓުމުން ހޯރަފުށީގެ ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތްތަކުން ވަނީ މަހުރޫމްވެފައެވެ.
ހޯރަފުށީގެ ރައްޔިތުން ރައީސް ޞާލިހަށް ދެންނެވި މަރުހަބާއިން ސާފުކޮށް ފެންނަމުންދަނީ، ރައީސް ޞާލިހްގެ ވެރިކަމުގައި އެރަށަށް ލިބުނު ތަރައްގީގެ ހިދުމަތްތައް އެރަށު ރައްޔިތުން ހަނދާނުގައި ބަހައްޓައިގެން ތިބިކަމެވެ. ރައްޔިތުންގެ މި ތަރުހީބުން ދޭހަވަނީ، ތަރައްގީގެ ހިދުމަތްތައް ދެއްވި ބޭފުޅުންނަށް ރައްޔިތުން ހެޔޮ ހިތުން ޝުކުރު އަދާކުރާކަމެވެ. ހޯރަފުށީގެ ރައްޔިތުން ބޭނުންވަނީ ފެށިފައިވާ މަޝްރޫއުތައް ނިންމައި، އެރަށަށް އިތުރު ތަރައްގީ ގެނެސްދިނުމެވެ.
ރައީސް ސާލިހް ހޯރަފުއްޓަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގައެވެ.