ކ. މާލެ
|
19 އޮކްޓޯބަރ 2025 | އާދީއްތަ 15:27
ރައީސް މުއިއްޒު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްބާސް ޝަރީފު ޢައްޔަންކުރެއްވުން: ޝިފާއު ސަލާމަތްވާގޮތަށް އެއްބަސްވުން ހަދާފައިވަނީ ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން
ރައީސް މުއިއްޒު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްބާސް ޝަރީފު ޢައްޔަންކުރެއްވުން: ޝިފާއު ސަލާމަތްވާގޮތަށް އެއްބަސްވުން ހަދާފައިވަނީ ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން
ރައީސް އޮފީސް
މަގޭ ރިޕޯޓް
ސަރުކާރުގެ އިޚްލާސްތެރިކަމެއްނެތިގެން ޑްރަގު ބޮޑުން ދޫވަނީ
ސަރުކާރުގެ އަމަލްތައް ހުރި ގޮތުން މަސްތުވާތަކެތީގެ ބޮޑުން ދަނީ ދޫވަމުންނެވެ. ކޯޓު ފީ ނުދައްކައިގެންނާ ފުލުހުން އަމަލުކުރާ ގޮތުންނެވެ.

ދޭތެރެ ދޭރެއިން ސޯޝަލް މީޑިޔާއިން ފެންނަ ޕޯސްޓެކެވެ. ރިހާކުރު ފުޅިއެއް ވަގަށް ނެގި މީހާ 3 އަހަރަށް ޖަލަށްލާން ހުކުމްކުރި ވާހަކައެވެ. މިލިއަނުން މިލިއަނުން ވައްކަން ކުރި މީހާ ޝަރުތެއް ނެތި ދޫކޮށްލާ ވާހަކައެވެ. މަސްތުވާތަކެތީގެ ބޮޑުން ފަސޭހަ ކަމާއެކު ސަލާމަތްވާ ވާހަކައެވެ.

ސަރުކާރުގެ ވާހަކައަކީ މިއީ ހަމަ ހަމަ ސަރުކާރެއް ކަމެވެ. އިންސާފް ގާއިމް ކުރުމުގައި ބޮލެއް ކަނދުރާއަކަށް ނުބަލާނެ ކަމަށެވެ. ގާނޫން އަސާސީއާއި ގާނޫން ތަކަށް ބަދަލު ގެނެސްގެން ނަމަވެސް އެކަން އެގޮތައް ކުރާނެ ވާހަކައެވެ. އެންމެންނަށް އަމާން އޮމާން ވެށްޓެއް ގާއިމް ކުރާނެ ކަމަށެވެ.

އެބީދައިން ފަޚުރުވެރި ވެލާފައި ފޮނިވެލާން ދައްކާ އެއް ވާހަކައަކީ ގޭންގުތައް ހުއްޓުވާނެ ވާހަކައެވެ. ގޭންގުތައް ހައްޔަރުކުރާނެ ވާހަކައެވެ. އެކަމަށްޓަކައި ހެދި ގާނޫނުގެ ދަށުން ކަނކްން ކުރަމްުންދާ ވާހަކައެވެ. މަސްތުވާތަކެތީގެ ބޮޑުން ހައްޔަރުކޮށް ހައްގު އަދަބު ދޭނެ ވާހަކައެވެ.

އެކަމަކު މި ސަރުކާރެއް އަދި ޚުދު ރައީސް މުއިއްޒެއް ރައްޔިތުންނަކަށް ނޯޅެއެވެ. ކަމެއް ކުރާނެ ކަމަށް ބުނެފި ނަމަ އޭގެ ދިމާ އިދިކޮޅު ފެނުމަކީ އަލަކަށް ހިނގާ ކަންކަމެއް ނޫނެވެ، މީހުންނަށް ދަސްވެ ބައުވެފައިވާ ކަންކަމެވެ.

އެހަމައިން ބަލާނަމަ ސަރުކާރުގެ އަމަލާއި އަސްލު ނިޔަތް މިދުވަސްކޮޅުގެ ތެރޭގައި އެކަނިވެސް އެވަނީ ފެނިފައެވެ.

ފޭކު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ސްލިޕެއް ދައްކައިގެން ބޭރު ކުންފުނިތަކުން މުދާ ގަނެ ރާއްޖެ އެތެރެކޮށް ވިޔަފާރިކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ މައްސަލައެއްގައި ދައުލަތުން ދައުވާ ކޮށްފައިވާ، މއ. ހަނީސަކްލް-1، ހުސައިން ޝިފާއުގެ މައްޗަށް އަތުވެދާނެ އުމުރު ދުވަހުގެ ޖަލު ހުކުމުން އޭނާ ސަލާމަތްކޮށްދޭން ދައުލަތުން މަސައްކަތް ކުރިކަން ފަޅާއެރީ މިދިޔަ ހަފުތާގައެވެ.

މި ސަރުކާރުން މިދިޔަ އަހަރުގެ ކުރީކޮޅު "އޮޅިގެން" މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ޝިފާއު އައްޔަންކުރި އެވެ. މީޑިއާތަކުން އެކަން ރިޕޯޓުކުރުމުން، އޭނާ ވަކިކުރީ ޝިފާއު އެ މަގާމަށް އައްޔަންކުރިއިރު އޭނާއަށް ތުހުމަތުކުރާ ކަންކަމުގެ މައުލޫމާތުތައް ނުލިބޭ ކަމަށް ބުނެ އެވެ.

ޝިފާއުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ޖަލު ހުކުމް 88 ދުވަހަށް ބަދަލުކުރަން އޭނާ އާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދިކަން އެނގުނީ އެ މައްސަލައިގައި ބޭއްވި އަޑުއެހުމެއްގަ އެވެ.

ޝިފާއު އާއެކު ހެދި އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އުފުލި 23 ދައުވާގެ ތެރެއިން 16 ދައުވާއެއް އަނބުރާ ގެންދަން ދައުލަތުން ވަނީ އެއްބަސްވެފަ އެވެ. އަނބުރާ ގެންދަން ނިންމީ މަނީ ލޯންޑަރިންގެ ދައުވާތަކާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާތަކެވެ.

އުމުރު ދުވަހުގެ ޖަލުހުކުމަކުން ސަލާމަތްކޮށް އެންމެ ސާޅީހަކަށް ދުވަހުގެ ރަމްޒީ ހުކުމެއް އަންނަވަރު ކުރަން މަސައްކަތްކުރީ ސީދާ ދައުލަތުންނެވެ.

އޭގެ އަނެއް ކަމެވެ. 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ބޮޑަކު ދޫކޮށްލީ ކޯޓަށް ދައްކަން ޖެހޭ އެންމެ 300 ރުފިޔާ ނުދައްކައިގެންނެވެ. ހައި ކޯޓަށް ދައްކަން ޖެހޭ ރަޖިސްޓްރޭޝަން ފީ ދައްކަން ދިން މުއްދަތުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ފައިސާ ނުދައްކައިގެން، 72 ކިލޯގެ ޑްރަގު މައްސަލައެއްގެ އިސްތިއުނާފު ރަޖިސްޓްރީ ނުކޮށް އެ މައްސަލަ ބޭރުކޮށްލީ މިދިޔަ ހަފުތާގައެވެ. މި 72 ކިލޯގެ ޑްރަގަކީ "މަސްޖަރީ 2" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ރާއްޖެ އެތެރެކުރުމަށް ފަހު، "ޕްރިންސަސް ސަމީރާ" ލޯންޗުގައި މާލެ ގެނެސް ކާރެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް ޑްރަގްސްތަކެކެވެ. މި މައްސަލައިގައި 10 މީހަކު ހައްޔަރުކުރި އެވެ.

ނަމަވެސް، އެކި މައްސަލަތަކާ ހުރެ، ދައުވާކުރީ މި ކަމުގައި އިސްކޮށް ހަރަކާތްތެރިވީ ކަމަށް ބުނާ، އިރުފާން ތަގިއްޔު (ސ. ހުޅުދޫ، ދޭލިޔާގެ) ގެ އިތުރުން އަހްމަދު ނަސީރު (އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ) އާއި މުހައްމަދު އަކްރަމް (ހ. ގާޑްންބިޔުޓީ) ގެ މައްޗަށެވެ. މިއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.

އިރުފާނުގެ މައްސަލަ ހައި ކޯޓުގައި ރަޖިސްޓްރީކޮށް ނުދޭން ނިންމި ނިންމުމުގައި، އެ ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ ބަޔާންކުރައްވާފައި ވަނީ، ރަޖިސްޓްރޭޝަން ފީ ދައްކަން މި މަހުގެ 5 ގައި އެންގި ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެ ފީ ނުދައްކާ ކަމަށެވެ.

ކިހާ ސަޅި ހެއްޔެވެ. މަސްތުވާތަކެތީގެ ބޮޑުން ހައްޔަރުކޮށް އެވަބާއިން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާހިތުން ލޮލަށް ނިދިދނައިސްގެން އުޅޭ ސަރުކާރަކުން އެންމެ 300 ރުފިޔާގެ ފީއެއް ދައްކާ ނުލެވިގެން އެތައް ޖީލެއް ހަލާކު ކޮށްލާ ވަރުގެ އެތައް މިލިއަން ރުފިޔާއެއްގެ މަސްތުވާތަކެތީގެ ބޮޑުންތަކެއް ފަސޭހަ ކަމާއެކު ދޫވީއެވެ.

ފުލުހުން އަމަލުކުރި ގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ "ބޮޑެއް" ކަމަށް ތުހުމަތު ކުރެވޭ މީހަކު ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިޔުމުން އެއްވެސް ޝަރުތެއް ނެތި ދޫކޮށްލީ މިހަފުތާގައެވެ.

ކްރިމިނަލް ކޯޓުން ދޫކޮށްލީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި އޮކްޓޯބަރު 11، ގައި ހައްޔަރުކުރި ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، 41 އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ފުރަތަމަ ގެންދިޔުމުން ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދިނެވެ.

ނަމަވެސް މުއްދަތު އިތުރުކޮށްދޭން ދެވަނަ ފަހަރަށް ގެންދިޔުމުން އޭނާ ދޫކޮށްލީ ހައްޔަރުކޮށް ހައްޔަރާމެދު ގޮތް ކަނޑައަޅާފައިވަނީ ކޮން އަސާސެއްގެ މައްޗަށް ކަމަށް ފުލުހުންނަށް ބުނެދެވިފައިނުވާތީ، ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތުގައި އުނިކަން ހުރި ކަމަށް ބެލެވޭތީ އެވެ.

ކޯޓުން ބުނީ ހައްޔަރު ކުރުމުގެ އަމުރެއް ފުލުހުންނަށް ދިނުމުން، މައްސަލައާ ގުޅޭ ހެކި ގަރީނާ ލިބުމުގެ ކުރިން އެ އަމުރު ތަންފީޒުކުރަން ޖެހޭ މަގުބޫލު ސަބަބަކާއި ނުލައި އޭނާ ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމަށް ނިންމާއިރު، އަދި ހައްޔަރު ކުރުމުގައި ރަނގަޅު ނޫން ގޮތަކަށް އަމަލު ކުރެވިފައިވާ ކަމަށް ބެލެވޭއިރު، ގާނޫނާ ހިލާފަށް ބަންދުގައި ބަހައްޓައިގެން ހޯދާ ހެކި ގަރީނާ އާއި ތަހުގީގުން ނެރޭ ނަތީޖާ ބޭކާރުވެދާނެ ކަމަށެވެ.

އެ ކޯޓުން ނެރުނީ އޭނާ ހައްޔަރު ކުރުމުގެ އަމުރަކާއި ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރެއް ކަމަށާއި ފުރަތަމަ ތަންތަން ބަލައިފާސްކުރުމުގެ އަމުރު ތަންފީޒުކުރަން ޖެހޭއިރު، ބަލައި ފާސްކުރުމުގައި މައްސަލައާ ގުޅޭ ހެކި ލިބިއްޖެނަމަ ހައްޔަރުކޮށް ބަންދު ކުރުމަށް ކަނޑައެޅޭނެ ކަމަށް ވެސް ބުންޏެވެ.

ފުލުހުން މީހަކު ހައްޔަރުކޮށްފިނަމަ، ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަށް ގެންގޮސް، ފުލުހުންގެ މަރުކަޒަށް ގެންދެވޭ މީހާއަކީ ތުހުމަތު ކުރެވޭ ކުށަކާ ގުޅިގެން ސުވާލު ކުރަން ޖެހޭ މީހެއްކަމަށް ކަނޑައަޅައި ބަންދުގައި ބެހެއްޓުމާއިމެދު ގޮތެއް ކަނޑައަޅަން ޖެހެ އެވެ.

މިފަހަރުވެސް އެތައް މިލިއަން ރުފިޔާއެއްގެ މަސްތުވާތަކެތީގެ ބޮޑުން ތަކެއް ދޫވީއެވެ. މިނިވަންކަމާއެކު އެކަން ކުރަން ނުކުމެވުނީއެވެ.

ކޮންމެއަކަސް މިކަންކަމުންވެސް މި ހާމަވީ ސަރުކާރުގެ ދެފުށް ދެގޮތް ސިޔާސަތެވެ. އިންސާފެއް އަދި އިޚްލާސްތެރިކަމެއް ނެތްކަމެވެ. އަމުދުން ގައުމަށް ހެވެއް ނޭދޭ ކަމެވެ.

- ކޮމެންޓް