ކ. މާލެ
|
13 އޮކްޓޯބަރ 2025 | ހޯމަ 19:27
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
އޭސީސީ
އޭސީސީ އަށް ގަދަ ނިދިން ހޭލެވިއްޖެ: ރާޑަރަށް ނާރަނީ ރައީސް މުއިއްޒުގެ މައްސަލަތައް އެކަނި؟
އޭސީސީ އަށް ނިދިން ހޭލެވިގެން އުޅޭ ކަހަލަ އެވެ. ޗިޓުތައް އަންނަނީ ފުލު ފުލުގައި ފަޓާސް ބަރިއެއް ހެންނެވެ. އެކަމަކު އަޖައިބަކީ އޭސީސީގެ ރާޑަރަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ގުޅުން ހުރި ހަމަ އެއްވެސް މައްސަލައެއް އަރާ ގޮތެއް ނުވެއެވެ. އެއިން މައްސަލަ އެއް ބެލި މަދު ފަހަރަކު ވެސް އެއިން ކަމެއްގައި ގޯހެއް އޮންނަ ކަމަކަށް ވެސް ނުވެއެވެ.

އާދައިގެ މަތިން ހޯމަ ދުވަހު ވެސް އޮފީހަށް އައިސް އަޅުގަނޑު މަސައްކަތް ކުރާ ސިސްޓަމް ކައިރީ އިށީނދެ މީސް މީޑިއާ ހާވާލީ ދުވަހުގެ ހިނގާ ނުހިނގާ ޚަބަރުދަބަރުތައް ބަލާލުމަށެވެ. އެންމެ ބޮަޑަށް ލޮލުގައި އަޅައިގަތީ ރާއްޖޭގެ މިނިވަން މުއައްސަސާ އެއްގެ ވާހަކަ އެވެ. އެއީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވާހަކައެވެ.

އެހެންޏާ ފަހެ ފުލުފުލުގައި އެކި އެކި މީހުން އެންޓިކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރާ ވާހަކަ އިން މުޅި ޚަބަރު ފީތާ އޮތީ ފުރާލާފަ އެވެ. ވެރިކަން ގާތްގަނޑަަށް ދެބައިވާން ކައިރިވެ، އާއްމުން ބޭނުންވި ނަތީޖާ ނުފެނިގެން އިދިކޮޅު ޕާޓީގެ ބޮޑު އެއްވުމެއް ބޭއްވީ އިހަކަށް ދުވަހެވެ.

އޭގެ ދެ ހަފްތާ އެއްހާ ދުވަސް ފަހުން ކުއްލިއަކަށް އޭސީސީގެ ޗިޓުތައް ފަޓާސް ބަރި އެއް ހެން އޮއްސާލައިފިއެވެ. އޭސީސީ އަށް ނިދިން ހޭލެވިގެން އުޅޭ ކަހަލަ އެވެ. އެއާއެކު އޭސީސީގެ ރާޑަރަށް ނާރަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ގުޅުން ހުރި މައްސަލަތައް އެކަންޏޭ ހީވާ ކަހަލައެވެ.

ސުރުހީތަކުން ފެންނަނީ އެމްޑީޕީ ސަރުކާރުގެ ކުރީގެ ވަޒީރުން އެވެނި މިވެނި މައްސަލަ އެއްގައި ކުށްވެރިވާ ކަމުގެ ތުހުމަތުގެ ވާހަކައެވެ. ކުންފުނިތަކުގެ ވެރިންނަށް ކުރިން އުޅުއްވި ބޭފުޅުން ވެސް އެ ކޮމިޝަނުގެ ފޯކަސް އޮތީ އަމާޒުވެފައެވެ. ނުވިތާކަށް ކުރީގެ ބަންޑާރަ ނައިބު ވެސް އޭސީސީގެ ޗިޓުގެ ކޮޅިގަނޑުގައި ޖެހިވަޑައި ނުގެން ސަލާމަތެއް ނުވިއެވެ.

ކޮންމެއަކަސް، އެމްޑީޕީން އޮކްޓޯބަރ 3 ވަނަ ދުވަހު ބޭއްވި އެއްވުމަށް ފަހު މި ފެންނަނީ ކުއްލި އަކަށް އޭސީސީ ނިދިން ހޭލެވިގެން އުޅޭ މަންޒަރެވެ. މިހެން މި ބުނަން ޖެހުނީ ސަބަބެއް ނެތި އެއް ނޫނެވެ. މަންޒަރު ވަރަށް ސާފެވެ.

މި ވެރިކަން ނުވަތަ މި ވެރިކަމުގައި ތިއްބެވި ވެރިންނާއި ގުޅުން ހުރި މައްސަލަތައް އޭސީސީ އަށް މި ވެރިކަމުގެ ކުރިންނާއި މި ވެރިކަމުގެ ތެރޭގައި ވެސް އެކިއެކި ފަރާތްތަކުން ހުށަހަޅާފައި އެބަ ހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލާ ނަމެވެ. ހުރިހާ ވާހަކަ އެއް ދައްކަން ވެއްޖެއްޔާ މި ލިސްޓު ކިޔާ ކޮޅުން ނުލާފާނެތީއެވެ.

މާލޭގެ މަސް މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިލިއަން ޑޮލަރުން ގެއްލުންވާ ގޮތަށް އެއްބަސްވުން ހެދި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. އެ ކައުންސިލުގެ ގަލޮޅު އުތުރުގެ ކައުންސިލު މެމްބަރު މުހައްމަދު ސައިފް ފާތިހު ހުށަހެޅުއްވި މައްސަލަ އަށް ވީ ގޮތެއް އަދި ނޭގެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ކައުންސިލުން ބިޑަށް އިއުލާނުކޮށް އިވެލުއޭޓްކޮށް ވަކި ބަޔަކަށް މަސް މާރުކޭޓުގެ މަސައްކަތް ހަވާލު ކުރި ވާހަކަ އަކީ ވެސް ލިސްޓުގައި ހިމެނޭ ކަމެކެވެ. މި އެއްބަސްވުން އެކުލަވާލީ ވެސް މި ވެރިކަމުގައި އެހާ އާރާ ބާރުގައި އެހެން އުޅުއްވާ ވެރިއެއްގެ މަސްލަހަތާއި އެއްގޮތަށް ކަމަށް އެތައް ބަޔަކު ތުހުމަތު ކުރާ އިރު މި މައްސަލަ އޭސީސީ އަށް މާ ބޮޑު ކަމެއްހެން ހިޔެއް ނުވެއެވެ.

ވެރިކަމުގައި ހުންނަވައިގެން ރައީސް މުއިއްޒު ކުރައްވާ ބައެއް ކަންކަން ވެސް އޭސީސީ އަށް ހުށަހަޅާފައިވެއެވެ. އެފަދަ ބައެއް މައްސަލަތައް ވެސް އޭސީސީ އަށް ހަމަ ހިލާ ބޮޑު ކަމަކަށް ނުވަނީއެވެ. މިސާލަކަށް ދައުލަތުގެ ހަރަދުގައި ރައީސް މުހައްމަދު މުއިއްޒުގެ ބޭފުޅުންގެ ރައްޓެހިން ކ. އާރަށަށް ގެންދަވާ މައްސަލަ ނުބެލުމަަށް އޭސީސީން ނިންމި ހަނދާން ނިމޭހާ ދުވަހެއް އަދި ނުވޭ ނޫންތޯއެވެ. މި ހުންނަނީ ހަމަ ގައިމު ވެސް ދިވެހިން ސުވާލު ކުރާނެ، ސުވާލު އުފައްދާނެ ކަންކަމެވެ.

ހަނދާން ނެތިއްޔާ އަޅުގަނޑު ހަނދާން ކޮށްދޭނަމެވެ. އާރަށަށް މީހުން ގެންދިއުމުގެ ހުރިހާ ޚަރަދެއް ކުރަނީ ދައުލަތުގެ ފައިސާއިންނެވެ. އެހެންކަމުން ރައީސްގެ އަރިސް ބޭފުޅުން ހިތު ހުރިހާ ގޮތަކަށް އާރަށަށް ގެންދެވުމަކީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ބުނެ މައްސަލަ ބާލާ ދިނުމަށް އޭސީސީގައި އެދިފައިވެއެވެ.

އެހެންނަމަވެސް އޭސީސީން ދިނީ ވަރަށް ކުރު ސާފު ޖަވާބެކެވެ. ކުރުކޮށް ބުނާނަމަ އޭސީސީން ބުނީ އެކަމުގައި މައްސަލަ އެއް ނެތް ކަމަށެވެ. އާރަށަކީ ރައީސުލްކުމްހޫރިއްޔާ އަށް ހާސަކުރެވިފައިވާ ރަށެއް ކަމަށް ވުމުން އެ ރަށާއި ގުޅޭ ހުރިހާ ކަމެއް ކުރަމުން ދާނީ ޑިފެންސް މިނިސްޓްރީން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށް އޭސީސިން ބުނެފައިވެއެވެ. އެޖަވާބާ އެކު އެ ވާހަކަ މި ހިސާބުން ކުރުކޮށްލަމާތޯއެވެ.

އެހެން ކަމަށް ބެލިއަސް، މިހާރު ސިޔާސީ މައިދާނުގައި އެކްޓިވްކޮށް މަސައްކަތްކުރާ އެންމެންގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގައި އެންމެ ގިނަ މައްސަލަ ހުރި ސިޔާސީ ފަރާތަކީ ރައީސް މުއިއްޒު ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. މޭޔަރުކަމާއި، ވަޒީރުކަމާއި އަދި ރައީސްކަމުގައި ވެސް ތުހުމަތުގެ ފަތަށް ބަރު ނުވާ ގޮތަކަށް އަމަލުފުޅު ނުބަހައްޓަވާ ކަމަށް އެ މަނިކުފާނަށް ފާޑުކިޔާ ސިޔާސީ މީހުން ކިތަންމެ ފަހަރަކު ބުނާތީ އަޅުގަނޑު ވެސް އަޑު އަހަމެވެ.

ބައެއް މިސާލުތައް އަދިވެސް ދަންނަވާލާނަމެވެ. މި ސަރުކާރުން ފެށި އެންމެ ބޮޑު ޕްރޮޖެކްޓް ރަސްމާލެ މަޝްރޫއަކީ 70 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ކަމަށް ބުނެ އެތައް ބަޔަކު އެކަމާއި އަޑު އުފުލާ އިރު ތިވިދާޅުވާހާ އިޚުލާސްތެރިކަމެއް ހުރި ނަމަ އަމިއްލަ އިސްނެންގެވުމުގައި ވެސް މި މައްސަލަ ބައްލަންވީ ނޫންތޯއެވެ؟ މިކަން އޭސީސީން ކޮށްލެއްވި ނަމަ ވަރަށް ސަޅިވީހެވެ. އެކަމަކު އެކަމެއް ނުކުރައްވައެވެ. ނޫނީ މިފަދަ ކަމެއް ނަގައިފިއްޔާ އެ ބޭފުޅުންގެ އެ އިއްޒަތްތެރި މަގާމު ގެއްލެނީ ބާވައެވެ؟

މިކަހަލަ ކިތައް ވާހަކަތޯއެވެ؟ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރާ މެންބަރުންނަށް ރައީސް ކޮންމެ މަހަކު ދެއްވާ ކަމަށް އަޑު އިވޭ ފައިސާއާ ގުޅޭ އެއްވެސް މައްސަލައެއް ބަލަމުންނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނި ހަނދާން އަޅުގަނޑު ވެސް އަދި ދިވެހި ރައްޔިތުން ވެސް ހުންނާނެއެވެ. ގައިމު ވެރިއަކަށް ހުންނަވާ ބޭފުޅަކު ވެރިކަމުގެ އަނެއް ބާރަށް ބަނޑު ހަނޑޫ ދެއްވާ އުސޫލުން ފައިސާ ދެއްވާ ނަމަ އެއީ ދިވެހިން ބަލަން ބޭނުންވާނެ ކަމެކެވެ.

މިހެން މި ވާހަކަ ދައްކަން ވެއްޖެއްޔާ އަދިވެސް ލައްކަ ބައިވަރު ވާހަކަ އެބަ ހުއްޓެވެ. ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، މުއިއްޒު ދޮގު ބަޔާނެއް ދެއްވި ކަމުގެ ތުހުމަތުގެ ވާހަކައެވެ. ނިކަމެތި ތިވެހިން ބޭސްކުރަން އޮތް އެންސްޕާގެ ލާރިކޮޅު ދަވާލައިގެން އަމިއްލަފުޅު ޝަހްސަށް ހުޝާމަތު ކުރާނެ ޓީވީ ސްޓޭޝަނެއް އުފެއްދެވިކަމުގެ ތުހުރު ތުހުމަތެވެ. ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކުރެއްވި ގޮތުން ކަން ހާމަވާ ސިޓީ އެއް މީސްމީޑިއާގައި ދައުރުވިކަން މިއީ އެންމެން ދަންނަ ބޮޑު ސިއްރެވެ.

އަދި ކިޔަންވީތޯއެވެ؟ އަމިއްލަ ގެކޮޅު ދިމްޔާތު އެޅުއްވި ގޮތާއި، މާލެ-ހުޅުމާލެ ބްރިޖާއި، ދަރުވަންތަ ހޮސްޕިޓަލްގެ ފައިސާ އިން ބައެއް ނެންގެވިކަމަށް ކުރާ ތުހުމަތެވެ. އަދި ރަސްފަންނު ފަދަ ތަންތަން ހިންގުމުގައި އިންތިހާ ކޮރަޕްޝަން ހިންގި ކަމަށް ކުރާ ތުހުމަތެވެ. މި ވަރުން ދެން މިއަދަށް ފަރުޖައްސާލާނަމެވެ.

އަޅުގަނޑު ހިތަށް އަރައެވެ. މިއިން ހަމަ އެއްވެސް ކަމެއް އިއްތިފާގުން ވެސް ކުރިއަށް ނުކަނޑާފައި ހަރު ޖެހިފައި އޭސީސީގައި އެ ހުންނަނީ ހަގީގަތުގައި ވެސް އެއިން ކަމެއްގައި ބަލާނެ ކަމެއް ނެތީމާ ބާވައެވެ. އެމްޑީޕީ ވެރިކަަމަށް ވުރެ ކުރީގެ މައްސަލަތަކާއި އެ ވެރިކަމުގައި ހިނގި ކަންކަމާއި މި ވެރިކަމުގައި ހިނގި ކަންކަމުގެ އެތައް މައްސަލަ އެއް ރައީސް މުއިއްޒު އާއި މެދު އޭސީސީގައި ފައިލްކޮށްފައި ހުރި އިރު މި މައްސަލަތައް ބަލާނެތޯ ނުވަތަ ނޫންތޯ ވެސް ސާފެއް ނޫނެވެ. ނުބީހެންޏާ ކަނޑާ ހަމައެވެ. އަނެއްކާވެސް އާއްމުން އޭސީސީ ވެސް ހޫނުފެނަށް ވައްޓާ ނުލާހާ ހިނދަކު މި މައްސަލަތައް ވެސް ނުބަލާ ފަރުޖައްސާލެވިދާނެ އޭ ބުނާ ކަހަލައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން، (އީސީ) ގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާގޮތަށް ބަދަލުކުރަން ޤާނޫނުތަކަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާއި އެކު އޭސީސީގެ ރައީސްގެ މަޤާމަކީ ރައީސްގެ އިގިލި ކުރީގައިވާ ބާރެކެވެ. މެމްބަރަކު ވަކިކުރުމަށް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ބޭނުންކޮށްގެން ނަގާނީ ހިނދުކޮޅެކެވެ. އެހެންވީމަ ޤާނޫނުގައި މިނިވަން މުއައްސަސާ އެއް ކަމަށް ކަޅާއި ހުދުން ލިޔުނަސް، އޭސީސީ އަކީ މިއަދު އަގުޅި ނެތް ކަންނެޔޮ އެކޭ އެއް ފަދަ ނޫން ބާވައެވެ؟

- ކޮމެންޓް