ފަލަަސްތީނުގެ ސިއްޙަތާ ބެހޭ މިނިސްޓްރީން ބުނާ ގޮތުގައި ޣައްޒާ ސަރަޙައްދުގައި އިސްރާއީލުން ކުރިއަށް ގެންދާ އެއްގަމާއި ވައިގެ ހަނގުރާމަ އަށް ދެ އަހަރު ދުވަސް ފުރުނު އިރު، 67،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުންނަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ފެށުނު މި ހަނގުރާމަ، ވޭތުވެދިޔަ މަހުން ފެށިގެން ޣައްޒާ ސިޓީއަށް އަމާޒު ކުރެވިފައިވެއެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 20 ނުކުތާގެ މައްޗަށް އެކުލެވޭ ހަނގުރާމަ ނިންމުމުގެ އައު ޕްލޭނަކާ މެދު މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް، އިސްރާއީލުގެ ހަމަލާތަކަށް އެއްވެސް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.
ފަލަސްތީނުގެ ސިއްޙަތާބެހޭ މިނިސްޓްރީން ސެޕްޓެމްބަރު 3 ގައި ހާމަ ކުރި އެންމެ ފަހުގެ ތަފްސީލީ ހިސާބުތަކުގައި ވާގޮތުން، މަރުވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 64،232 އެވެ. އޭގެ ތެރޭގައި 19،424 ކުޑަ ކުދިން މަރުވެފައިވެއެވެ. މިއީ މަރުވި މީހުންގެ 30 އިންސައްތައެވެ. އޮކްޓޯބަރު 6 ގެ ނިޔަލަށް މަރުވެފައިވާ މީހުންގެ ޖުމްލަ އަދަދު 67،160 އަށް އަރާފައިވެއެވެ.
މިނިސްޓްރީގެ ހިސާބުތަކުން މި ހަނގުރާމައިގައި މަރުވި މީހުންގެ އަދަދަކީ 2005 އިން ފެށިގެން އިސްރާއީލާއި ފަލަސްތީނުގެ މެދުގައި ޣައްޒާގައި ހިނގާފައިވާ އެހެން ހުރިހާ ހަނގުރާމަތަކުގައި މަރުވެފައިވާ މީހުންގެ އަދަދަށްވުރެ މާ ބޮޑު އަދަދެކެވެ.
ހަނގުރާމައިގެ ފުރަތަމަ މަސްތަކުގައި މަރުވާ މީހުންގެ އަދަދު ހިސާބު ކުރީ ހަމައެކަނި ހޮސްޕިޓަލްތަކަށް ގެނެވުނު ހަށިގަނޑުޑުތައް ގުނައިގެންނެވެ. އަދި މި ތަފާސްހިސާބު ތަކުގައި މަރުވި ގިނަ މީހުންގެ ނަމާއި އައިޑީ ނަންބަރުތައް ހިމެނިފައިވެއެވެ.
2024 ގެ މޭ މަހުގައި ސިއްޙަތާބެހޭ މިނިސްޓްރީން އައިޑެންޓިޓީ ނޭނގޭ ހަށިގަނޑުތައްވެސް ހިމަނނާފައިވެއެވެ. މިއީ ޖުމްލަ އަދަދުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ. ނަމަވެސް، 2024 ގެ އޮކްޓޯބަރު މަހުން ފެށިގެން، ހިސާބުތަކުގައި ހިމަނާފައިވަނީ އައިޑެންޓިފައި ކުރެވޭ ހަށިތަކެވެ.
ރޮއިޓަރސް އިން މާރޗް މަހު ކުރިން ހާމަކުރި ޣައްޒާގެ ސިއްޙަތާބެހޭ މިނިސްޓްރީގެ މަރުވެފައިވާ މީހުންގެ ލިސްޓެއް ބެލިއިރު، 1،200 އަށް ވުރެ ގިނަ އާއިލާ މުޅިން ފުހެވިގެން ގޮސްފައިވާކަން ފާހަގަކުރެވުނެވެ. މީގެ ތެރޭގައި 14 މެންބަރުންގެ އެއް އާއިލާވެސް ހިމެނެއެވެ.
މި އަދަދުތަކުގައި ހަނގުރާމައިގެ ޝިކާރަ އަކަށްވީ އެންމެން ހިމެނިފައި ނުވުން އެކަށީގެންވެއެވެ. ފަލަސްތީނުގެ ސިއްޙަތާބެހޭ މިނިސްޓްރީގެ އަންދާޒާގައި، އަދިވެސް ހާހަކަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ފުނޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި ވާކަމަށް ބެލެވެއެވެ. އަދި އުތުރު ޣައްޒާގައި ކާބޯތަކެތި ނުލިބިގެން މަރުވެފައިވާ 460 މީހުން މި އަދަދުގައި ނުހިމެނެއެވެ.
ހަނގުރާމައިގެ ފުރަތަމަ 9 މަހުގައި ހަނގުރާމައިގެ ސަބަބުން ސީދާ މަރުވެފައިވާ މީހުންގެ ރަސްމީ އަދަދުތަކުގައި، ޙަޤީޤީ އަދަދަށްވުރެ 40 އިންސައްތަ މަދުން ހިމެނިފައިވާ ކަމަށް ޖެނުއަރީ މަހު "ދަ ލޭންސެޓް" ޖާނަލްގައި ޝާއިޢުކޮށްފައިވާ ޕިއަރ-ރިވިއުކޮށްފައިވާ ދިރާސާއަކުން ދައްކައެވެ. އެކަން އެހެން ދިމާވީ ޣައްޒާގެ ސިއްޙީ ޚިދުމަތްތުގެ ނިޒާމު މުޅިން ހަލާކުވެގެން ދިއުމާ ގުޅިގެންނެވެ.
އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުންވެސް ބުނަނީ ފަލަސްތީނު އިދާރާތަކުގެ އަދަދުތަކަކީ ޙަޤީޤީ އަދަދަށްވުރެ މަދު އަދަދުތަކެއް ކަމަށެވެ.
އދ. އިން އަމިއްލަ އަށް ހެދި އަންދާޒާ ތަކުން ހާމަވާ ގޮތުގައި ޖުލައި 20 ގެ ނިޔަލަށް ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ ތެރެއިން 40 އިންސައްތަ އަކީ ކުޑަކުދިންނެވެ. އަދި 22 އިންސައްތައަކީ އަންހެނުންނެވެ.
އދ. ގެ ތަޙްޤީޤަކުން ފާއިތުވި މަހު ބެލިއިރު، އިސްރާއީލުން ޣައްޒާގައި ނަސްލު ފުހެލުމުގެ ޢަމަލު ހިންގާފައިވާ ކަމަށް ވަނީ ނިންމާފައެވެ. މިގޮތަށް ނިންމުމުގައި، މަރުވެފައިވާ މީހުންގެ އަދަދުގެ ބޮޑުކަމަށް ބަލާފައިވެއެވެ.
ހަނގުރާމައިގެ ކުރިން ޣައްޒާގައި އާބާދީއާ ބެހޭ ރަނގަޅު ތަފާސްހިސާބު ތަކާއި، މެދުއިރުމަތީގެ ގިނަ ޤައުމުތަކަށްވުރެ ރަނގަޅު ސިއްޙީ މަޢުލޫމާތު އެއްކުރުމުގެ ނިޒާމުތައް ހުރިކަމަށް ޢާންމު ސިއްޙަތުގެ މާހިރުން ރޮއިޓަރސް އަށް ބުނެފައިވެއެވެ.
އދ. އިން ގިނަފަހަރަށް ސިއްޙަތާބެހޭ މިނިސްޓްރީގެ މަރުވާ މީހުންގެ އަދަދުތައް ބޭނުން ކުރެއެވެ. އަދި އެ އަދަދުތަކަކީ އިތުބާރުހުރި އަދަދުތަކެއް ކަމަށް ބުނެއެވެ.
2007 އިން ފެށިގެން ހަމާސް އިން ޣައްޒާ ހިންގަމުން އައި ނަމަވެސް، ޣައްޒާގެ ސިއްޙަތާބެހޭ މިނިސްޓްރީ ޖަވާބުދާރީ ވަނީ ވެސްޓް ބޭންކުގެ ރާމަﷲގައި ހުންނަ މުޅި ފަލަސްތީނު ބައިނަލް އަގްވާމީ ދުނިޔޭގައި ތަމްސީލު ކުރާ އޮތޯރިޓީގެ ކަމާ ބެހޭ މިނިސްޓްރީއަށެވެ.
2007 އިން ފެށިގެން ސަރުކާރުގެ އެންމެހައި ޑިޕާޓްމަންޓްތަކަށް، އޭގެ ތެރޭގައި ސިއްޙަތާބެހޭ މިނިސްޓްރީވެސް ހިމެނޭގޮތަށް، ރަސްމީ ވަޒީފާ ގައި އުޅޭ ހުރިހާ މީހުންގެ މުސާރަ ދެނީ ޣައްޒާގެ ސަރުކާރުންނެވެ. އޭގެ ކުރިން ވަޒީފާއަށް ނެގުނު މީހުންގެ މުސާރަ ދެނީ ފަލަސްތީނު އޮތޯރިޓީންނެވެ.
އިސްރާއީލުގެ އިސްވެރިން ކުރިން ބުނެފައި ވަނީ ޣައްޒާގެ ސަރުކާރު ހިންގަނީ ހަމާސް އިން ކަމަށްވާތީ، މަރުވާ މީހުންގެ އަދަދުތަކަކީ ޝައްކުއުފެދޭ އަދަދުތަކެއް ކަމަށެވެ. އަދި އެ އަދަދުތަކަކީ އޮޅުވާލާފައިވާ އަދަދުތަކެއް ކަމަށެވެ.
އިސްރާއީލުގެ ސިފައިންގެ ބަހުން، 2023 ގެ އޮކްޓޯބަރު 27 ގައި ޣައްޒާގެ އެއްގަމުގެ އޮޕަރޭޝަން ފެށުނީއްސުރެ، 466 ސިފައިން ހަނގުރާމައިގައި މަރުވެފައިވާ ކަމަށާއި، 2،951 މީހުން ޒަޚަމްވެފައިވާ ކަމަށް ބުނެއެވެ.
އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި، ހަމާސްއިން މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި، އިންސާނީ އެހީ ދޭ ސަރަޙައްދުތަކާއި، ސްކޫލްތަކާއި ހޮސްޕިޓަލްތަކުގައި ހަރަކާތްތެރިވެ، ޣައްޒާގެ އާންމުން އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުން ކުރެއެވެ. ނަމަވެސް ހަމާސްއިންނާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން މި ތުހުމަތު ދޮގުކޮށްފައިވެއެވެ.