މިދުވަސްވަރު އެންމެ ބާރަށް ދެކެވޭ އެއްވާހަކައަކީ ނޫސްވެރިކަން ތަޅުއަޅުވާ ބިލުގެ ވާހަކައެވެ. ނޫސްވެރިން ފާޅުގައި ބުނަމުން އެދަނީ އެބިލަކީ ނޫސްވެރިކަމަށް ހުރި ބިރެއް ކަމަށެވެ. ހަމައެކަނި ނޫސްވެރިކަމަކަށް ނޫނެވެ. މުޅި ޚިޔާލު ފާޅުކުރުމަށްވެސް އޮތް ކަންބޮޑުވުމެއް ކަމަށެވެ. އެވާހަކަ އެހެން ބުނަނީކީ ހަމައެކަނި ނޫސްވެރިންނެއް ނޫނެވެ. ޤާނޫނީ ވަކީލުންވެސް ބުނަމުން އެދަނީ އެވާހަކައެވެ. އެވެރިން މުތުލަގަށް އެކަމާ އެއްބަހެވެ. އެކަމާ ދެކޮޅު ހަދަނީ ސަރުކާރާއި ސަރުކާރުން ފައިސާ ދީގެން ސަރުކާރަށް ތާއީދުކޮށް ސޯޝަލް މީޑިޔާގައި ވާހަކަ އަނބުރާ ކުދިންކޮޅާއި ސިޔާސީ ވަޒީފާ ދީގެން ގެންގުޅޭ ކުދިންކޮޅެވެ.
ބިލުގެ ސަބަބުން ނޫސްވެރިކަމަކަށް ހުރަހެއް ނެތްކަމަށް ބުނެ ސަރުކާރުން ދައްކާ މައިގަނޑު ހުއްޖަތަކީ ބިލުން ރަނގަޅަށް ނޫސްވެރިކަން ކުރާ ފަރާތްތަކަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރަން ފައިސާ ދީގެން ގެންގުޅޭ ކުދިންކޮޅު ލައްވާވެސް ބުނަމުން އެދަނީ އެވާހަކައެވެ. ދޮގު ހަބަރު ފަތުރައި މީހުންގެ އަބުރު ކަތިލާ ނޫސްވެރިންނަށް ބިލަކީ ބިރުހުރި އެއްޗަކަށް ވެދާނެ ކަމަށެވެ. ނަމަވެސް ހަގީގީ ނޫސްވެރިކަން ކުރާ ނޫސްވެރިންނާއި އެފަދަ މީޑިޔާތަކަށް ބިލަކީ އެއްވެސް ބިރުހުރި އެއްޗެއް ނޫން ކަމަށެވެ.
އެވާހަކަތަކާއި ގުޅިގެން އެއްވާހަކައެއް ބުނެލާ ހިތްވެއްޖެއެވެ. ހަސަނަށް ހީވާނީ ފުޅަށްބުޑުގައި ހުރެ ކަރުކެހިލިއަސް އެއުޅެނީ ކިޔޮގަނޑު ކަނޑާލަން ކަމަށެވެ. މިހާރު އޮތް ސަރުކާރު ވެރިކަމަށް އަންނަން ޖެއްސި ވައްތަރު ތަކާއި ނެރުނު މާލިތަކާއި ކުޅުނު ޑްރާމާ ތަކާއި އަޅާއުޅުނު ބޮޑެތި ސުރުހީތަކުގައި އޭރު މިހާރު ބިރުން ތިޔައުޅޭ ޒާތުގެ ވަރަށް ވާހަކަ ހުއްޓެވެ. އިންޑިޔާ އައުޓާއި ޗޯރު އިބުރޭއޭ ބުނެލީމާ މިބުނާ އެއްޗެއް ހަނދާން ހުންނާނޭކަމަށް ހީކޮށް އެވާހަކަ ދޫކޮށްލާނަމެވެ. އެކަމަކު އޭރުވެސް މިހާރުވެސް ހަނދާން ކުރަންޖެހޭ އެއްކަމެއް ބުނެލަދޭނަމެވެ. މީހެއްގެ އަބުރަށް އެރިކަން ސާބިތުކޮށްދީފިއްޔާ އޭގެ ބަދަލު ނެގޭނޭ ގާނޫނީ ބާރުވެރިކަން މިހާރުވެސް ގާނޫން ތަކުގައި އެބަހުއްޓެވެ. އަދި ސާބިތު ނުހިފޭ ދޮގު ވާހަކައެއް ދައްކައިފިނަމަ އޭގެ ޒިންމާ ނޫސްވެރިޔާއާއި އެޚަބަރެއް ފެތުރި އޮގަނައިޒޭޝަނަކުން އޭރުވެސް މިހާރުވެސް އުފުލަން ޖެހެއެވެ. އެއަކުން ސަލާމަތެއް ވެވޭނޭ ހައްދުން ނެއްޓިފައިވާ މިނިވަންކަމެއް މިހާރަކުވެސް އަދި އޭރަކުވެސް ނޫސްވެރިންނަކަށް ނެތެވެ. އެހެންކަމަށްވާނަމަ ނޫސްވެރިން ހަންމުށިއަޅުވަން ޤާނޫނެއް ނުހެދިއަސް ނޫސްވެރިއަކު ހިތުހުރި ދޮގުވާހަކަތަކެއް އޭރުވެސް މިހާރަކުވެސް ނުފެތުރެވޭނެއެވެ.
އެވާހަކަވެސް ދޫކޮށްލާނަމެވެ. ރަނގަޅެވެ. ނޫސްވެރިކަން ހިމާޔަތް ކުރުމުގެ ނަމުގައި ނުވަތަ އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ގެންނަ ބިލަކަށް ނޫސްވެރިން ބިރުގަންނަނީ ކީއްވެ ހެއްޔޭ ބުނާއިރު، ހުރިހާ ބާރެއް ލިބިދީފައި އޮތް ސަރުކާރަކުން ނޫސްވެރިންދެކެ ބިރުން ރޫރޫ އަޅަނީ ކީއްވެހެއްޔެވެ. ހިތުހުރި ގޮތަކަށް ކަންކުރާން އޮތް މަޖިލީހާ، ކޮންޓްރޯލް ނަގާފައި އޮތް ޖުޑިޝަރީއާ އަދި ސިވިލްސަރވަންޓުން ބިރުގަންނަވަރަށް އަޅުވެތިކޮށްފައި އޮތް މިނިވަން މުއައްސަސާތައް ހިތަކަށް ލިބިދީފައި އޮތް ސަރުކާރަކުން ރޯމަހެއް ތެޅޭހެން ތެޅެނީ ކީއްވެ ހެއްޔެވެ. ސަރުކާރުން ފަތުރާނެ ޚަބަރެއް ފަތުރާނެ ގޮތަކަށް ފަތުރަން ސަރުކާރުން ސްޕޮންސަރ ދީގެން ހިންގާ ނޫސްތަކާއި ޗެނަލްތައް އެހެރީ ބައިވަރެވެ. ދައުލަތުގެ ޓީވީ އެއޮތީ ސީދާ އެކަމަށެވެ. މުޅި ސޯޝަލް މީޑިޔާގެ ކޮންޓްރޯލް ނަގާވަރަށް ތިޔަތިބީ މީހުންނަށް މުސާރަ ދީގެން ބައިތިއްބާފައެވެ. ފަތުރާނެ އެއްޗެހި ތައްޔާރުކުރަން އެންމެބޮޑު ޓީމެއް އޮތީ ރައީސް އޮފީސް ތެރޭގައެވެ. އެމީހުންގެ ދުވަހުގެ މަސައްކަތަކީ އެކަމެވެ. ދެން މަދު ނޫސްވެރިއަކު ފަތުރަފާނެ ވާހަކައަކަށް ތިޔަހާ ބިރުން އުޅެނީ ކީއްވެ ހެއްޔެވެ. އަމުދުން ސަރުކާރުން ވިއަސް ސަރުކާރަށް ތާއީދު ކުރާ މީހަކުވެސް ހިތްޕުޅާ ނުވާ ވާހަކައެއް ހަމަޔާއި އުސޫލުން ބޭރުން ދައްކައިފިނަމަ އެބަޔަކު އުލު ބޭންދޭވަރުގެ ބާރު ސަރުކާރަށް އޮތްއިރު އެވެރިންނާމެދު މާބޮޑު ބިރެއް ގަނެގެން ބޮޑުސިންގާ ސަރުކާރަކުން ތިޔައުޅެނީ ކީއްވެހެއްޔެވެ.
ނޫސްވެރިން ދެމުންދާ ޖަވާބަކީ އެއީއެވެ. ތިޔަ ބިރުން އުޅޭ ސަބަބަކީވެސް އެއީއެވެ. އިތުރަށް ނޫސްވެރިކަން މަރާލާ ޚިޔާލުފާޅުކުރުން ކަފުންކުރަން އުޅުމުގެ ސިއްރަކީވެސް އެއީއެވެ. ކުރުކޮށްވިއަސް ދިގުކޮށްވިއަސް އަދި ފުންކޮށްވިއަސް ނުވަތަ ތިލަކޮށްވިއަސް އޭގެ ޖަވާބަކީ ސަރުކާރުން ކުރާ ވައްކަންތަކުގެ ވާހަކަ ނޫސްވރިން ދައްކަފާނެތީ ގަންނަ ބިރެވެ. ސަރުސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ އާއްމުންނާ ހަމައަށް ނޫސްވެރިން ތިލަކޮށްފާނެތީ ޖެހިލުންވާ ޖެހިލުންވުމެވެ. ކުރީގައި ހާމަނުކޮށްގެން ހާމަކުރާން އައި އެއްބަސްވުންތައް ހާމަކޮށްދޭން ނޫސްވެރިން އެދޭތީ އެކަން ނުކޮށް ތިބޭންވެގެން ދައްކާ ބަހަނާއެވެ. އިންޑިޔާ އައުޓް ކުރަން އައި ސަރުކާރުން އިންޑިޔާ އުނގަށްވެއްޓި ކުރިންވެސް އޮތް އެއްބަސްވުންތައް އާކުރި ސަބަބު ބުނެ ނުދޭން ޖަހާ މަޅިއެވެ. ކުރީ ސަރުކާރުން ގެއްލުވާލި ފޯޅަވަހި ހޯދަން އައި ސަރުކާރުން އެކަމަށް ކުރާ ކަމެއް ނެތި އެޖަވާބު ދޭން ޖެހޭތީ ގަންނަ ބިރެވެ. ވީއެއްވެސް ވައުދެއް ނުފުއްދާ ޕާޓީ އެކްޓިވިސްޓުންނަށް ވަޒީފާ ދީފައި އެމީހުންނަށް މުސާރަދޭން މުޅި ބަޖެޓް ހުސްކުރަމުންދާތީ އެވާހަކަ ދައްކާ ނޫސްވެރިންގެ އަނގައިގާ މަލަން އެޅުވުމަށެވެ. ސަރުކާރުގެ އިސްރާފް ބޮޑުވެ، އަމުދުން އިގްތިސޯދު ހަމަޖައްސަން ނޭނގި ރައްޔިތުން އަނގަޔާ އަތާ ދިމާނުވެގެން އުޅޭވާހަކަ ދައްކާތީ އެކަން ހުއްޓުވުމުގެ މަސައްކަތެވެ. މިހެންގޮސް ބާރުގަދަ ސަރުކާރުން ނޫސްވެރިންދެކެ ބިރުން އެމީހުން ހިރިލިޔަ ނުދޭން އުޅޭ މީގެ އެތައް އެތައް ސަބަބެއް ބުނެވިދާނެއެވެ. އެކަމަކު ޖުމްލަކޮށްފައި ބުނާ ނަމަ ސަރުކާރުން ބިރުގަންނަނީ އެކަމާހުރެއެވެ.
ކޮންމެއަކަސް ނިންމާލަމުން އެއްވާހަކައެއް ބުނެލާނަމެވެ. ތިޔަ ޖަހަނީ މަރުފައްޔެވެ. އަމުދަކުން ސަރުކާރުގެ ވަތުބަތާނަ ނުނެގޭނެ ހަމަ އެއްވެސް ގޮތެއް މިހާރަކު މި ރާއްޖެއަކު ނޯންނާނެއެވެ. ތިޔަ ފެންފުރަނީ ފޫނެއް ފަޔަކަށެވެ. ތިޔަ ބިލު ކީއްކުރަން ހެއްޔެވެ. ތީގެ ދިހަ ބިލު ފާސްކޮށްގެން ތަންފީޒް ކުރިއަސް ސަރުކާރުން ހިންގާ ޖަރީމާތަކާއި ކުރާ ވައްކަންތަކާއި އިސްރާފްގެ ވާހަކަ ހުއްޓުވޭނޭ ހަމައެއްވެސް ގޮތެއް މި އުޑުބަޅުކުރި ހިސާބަކު ނޯންނާނެއެވެ. އެކަމާ ބިރުން އުޅުނަސް އެއީކީ އަދުގެ ދުނިޔެއަށް ލޯހުޅުވިފައިވާ ދިވެހިންގެ މެދުގައި މިހާރު ހުއްޓުވޭނޭ ކަމެއް ނޫނެވެ. ތެޅުނު ވަރަކަށް ދާނީ ހުޅުނބެވެ. އެބީދައިން ކަންކަން ފޮރުވަން މަސައްކަތްކުރި ވަރަކަށް އިވޭ އަޑުތަކާއި އެއަޑުތައް އިވޭ ތަފާތު ގޮތްތައް ދާނީ އިތުރުވެ ފުޅާވަމުންނެވެ. ދެން އެކަން ކުރާ މީހުން ހުއްޓުވާން ހުރަގެއަށް ލިޔަސް ފައިއަނދަގޮނޑިއާއި އަތު އަނދަގޮޑި ޖެހިވަރަކަށް ކުރިމަތިވާ ޕްރެޝަރުވާނީ ބޮޑެވެ. ފަލާހު ބުނާ ގޮތައް އުލުބޭންދިވަރަކަށް އަމިއްލައަށް ފޭއްސާ އޫމަތީގައި އަމިއްލައަށް އިށީންނަން ޖެހުން އޮންނާނީ އޭރުން ލައްކަ ކައިރީގައެވެ. އެހެން ގައުމުތަކުން ފެންނަމުންދާ މަންޒަރުތަކުންވެސް އެއީ މުތުލަގަށް ސާފު ކަމެކެވެ. މަވާ ސަލާމެވެ.