މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގައި ސޯޝަލް މީޑިއާގެ އެކައުންޓްތައް ބަންދުވާގޮތަކަށް ބިލުގައި ނެތް ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ދޮގު ހައްދަވައިފިއެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލު ދިފާއު ކުރައްވައި، ހޮނިހިރު ދުވަހު މެންބަރު ފަލާހު އެކްސްގައި ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެންބަރު އަބްދުލް ހަންނާން ހުށައަޅާފައިވާ މީޑިއާ ބިލުގައި ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް، ފޭސްބްކާއި ޓިކްޓޮކް އަދި ޓްވިޓަރ އެކައުންޓްތައް މިބިލް ރައްޔިތުންގެ މަޖިލީހުން މިސާލަކަށް ފާސްވި ނަމަވެސް ބަންދުވާގޮތަކަށް ބިލުގައި ނެތް ކަމަށެވެ.
ޒުވާނުންނާއި ރައްޔިތުން ގަދައަށް ސޯޝަލް މީޑިއާ ބޭނުން ކުރުމަށް ގޮވާލައްވައި، މެންބަރު ފަލާހު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ޒުވާނުންނާއި ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭނެފަދަ އަދި ޒުވާނުންނާއި، ރައްޔިތުންގެ މުޅި މުސްތަގުބަލު އުޖާލާކޮށް ރައްކާތެރި ކޮށްދޭނެ ހެޔޮލަފާ %100 ޔަގީންކަން އޮތްވެރިއެއް ކަމަށެވެ.
މެންބަރު ފަލާހު މިހެން ވިދާޅުވި ނަމަވެސް މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ''އިލެކްޓްރޯނިކް މީޑިއާ'' ކަމަށް މާނަކޮށްފައިވަނީ، އޯޑިއޯ، ވީީޑިއޯ، ޓޭޕާއި، ޑިޖިޓަލް ސްޓޯރޭޖް މީޑިއާއި އިންޓަރނެޓަށެވެ. އަދި ''މީޑިއާ'' މާނަކޮށްފައިވަނީ ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހު ނޫސްތަކަށާއި، ހަފްތާ ނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކަށާއި، މި ނޫންވެސް ނަންނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މައުލޫމާތާއި، ޚަބަރާއި، ހިޔާލާއި، އިޝްތިހާރުމާ އާއްމުކޮށް ފަތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ އަގަކާ ނުލައި ލިބޭ ގޮތަށް ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއު ކުރެވޭ ޝާއިއު ކުރުންތަކަށެވެ.
އެހެންކަމުން މި ބިލުގައި މީޑިއާ މާނަކޮށްފައިވާ ގޮތުން ސޯޝަލް މީޑިއާގައި ހުރިހާ ފްލެޓު ފޯމެއް ވެސް ކޮންޓްރޯލް ކުރެވި ބަންދު ކުރެވިގެންދާނެ އެވެ.
މިފެށޭ ހަފްތާގައި ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ބާއްވައި، މިބިލު ފާސްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މި ބިލު ބޭރު ކުރުމަށް ގޮވާލައި ގިނަ ނޫސްވެރިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން ގެންދަވަނީ ބިލުގައިވާ ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މީޑިއާ ބިލު އަވަހަށް ފާސް ކުރުމަށް ގޮވާލައި، މީޑިއާ ބިލުގައި ސޯޝަލް މީޑީއާ އެކައުންޓްތައް ރެގިއުލޭޓް ކުރާ ވާހަކަ ނެތް ކަމަށް ބުނެ ސޯޝަލް މިޑިއާގައި ޕޯސްޓުތައް ދަނީ ދައުރު ކުރަމުންނެވެ.
މީގެ އިތުރުން މެންބަރު ފަލާހު ވަނީ ބިލު ދިފާއު ކުރުމުގެ އިތުރުން ނޫސްވެރިންނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ނޫސްވެރިކަމުގެ ތާޖު އަޅައިގެންތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ނުޖެހުމަށް ވެސް މެންބަރު ފަލާހު ގޮވާލެއްވިއެވެ.
އެމްޑީޕީއަށް އިޝާރާތް ކުރައްވައި މެންބަރު ފަލާހު ވިދާޅުވީ އެޕާޓީއަކީ ލެޕްޓޮޕަކާ ފަޅުރަށަކާ އިންމުޅި ގައުމު ހިންގޭނެކަމަށްބުނެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަން ދޮގާއިމަކަރާއި އޮޅުވާލުމުން ބަދަލުކުރި ބައެއް ކަމަށާއި،ޒަމާންތަކެއް މާޒީވިއަސް މިފަދަ ހަނދާންތަށް އާކުރަންޖެހޭވަގުތު އާކުރުމަކީ ވަރައް ބޭނުނަތެރި މުހިއްމުކަމެއް ކަމަށެވެ.
މިއަދު އެމްޑީޕީގެ ސިޔާސީ ހަރަކާތް ބައްޓަންކޮށް ކުރިއަށްގެންދަން ޕްލޭންކޮށްފައި ވަނީ 2008ގައި މައުމޫނުގެ ވެރިކަން ބަދަލުކުރި ހީލަތްތެރި މަގުންކަން ފާހަގަކުރައްވައި މެންބަރު ފަލާހު ވިދާޅުވީ ސަބަބަކީ އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ރައީސް މުއިއްޒު މިގައުމަށް ދުވަހަކުވެސް ކުރިން ވެރިއަކަށް ގެނެސްދެވިފައިނުވާ ތަރައްގީއާއި ތަހްޒީބުގެނެސްދީ މިގައުމުގެ ރައްޔިތުން ކުރިއައްއޮތް ދުވަސްތަކުގައި ވަރަށް އުފާފާގަތިކަންމަތީ ދިރިއުޅޭތަން ފެންނަމުންދާ ކަމަށެވެ. މިއީ އެމްޑީޕީއަށް ބަލަން ފަސޭހަކަމަކަށްނުވާތީ މިސަކަރާތްގަނޑު ހިންގަނީ ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ.
މެންބަރު ފަލާހު ވިދާޅުވީ މިދިޔަވެރިކަމުގައި އެމްޑީޕީގެ ނުފޫޒުގަދަ ފަރާތްތަކުން ކޮށްފައިވާ ވައްކަންތަކުގެ މައްސަލަތައް ކަމާގުޅުންހުރި ފަރާތްތަކުން ބަލަން ފެށިކަން އިނގުނުހިސާބުން ރައްޔިތުންނަށް މުޒާހަރާއަށްގޮވާ ތެޅިފޮޅެނީ ކަމަށެވެ.
ޒުވާނުންނަށް އިޝާރާތް ކުރައްވައި މެންބަރު ފަލާހު ވިދާޅުވީ ތިއީ ގައުމުގެ މުސްތަގުބަލް ކިޔަވައިގެން ތިއްބެވި ވިސްނުންތެރި ޒުވާންޖީލެއް ކަމަށާއި، ނޫސްވެރިކަމުގެ ތާޖު އަޅައިގެންތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ޒުވާނުން ނުޖެހޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ބޭފުޅުންނާއި، މިސަރުކާރު ފަންޑުކޮށްގެން ހިންގާ މީޑީއާތަކުން މިއީ ރަނގަޅު ބިލެއް ކަމަށް ބުނެ ޕްރޮމޯޓް ކުރި ނަމަވެސް ބިލު ބޭރުކޮށްލުމަށް ގޮވާލައި، 151 ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ. އަދި ބިލު ބޭރު ކުރުމަށް ގޮވާލާ ނޫސްވެރިން ބުނެފައިވަނީ ބިލުގެ ހަގީގަތް އޮޅުވާނުލެވޭނެ ކަމަށާއި، ރައްޔިތުންނާއި ޒުވާނުންނަށް ކަންކަން އޮޅުވާލެވޭ ވަރަށް ވުރެ ބޮޑަށް މި މުޖުތަމައު ހޭލުންތެރިވެފައިވާ ކަމަށެވެ. އަދި ސިޔާސީ މަންފާއަށް ކުރާ ކަންކަމުގައި ނުޖެހި، ފެހި ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކަށް އަރައިގަތުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދިނުމަށް ނޫސްވެރިން އެދިފައިވެއެވެ.