ރާއްޖޭގެ އެކި ކަންކޮޅު ތަކުން 100 ށް ވުރެ ގިނަ ކައުންސިލުން ދެކޮޅު ހަދަމުން ދަނިކޮށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބުރާސްފަތި ދުވަހު ތަސްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ، 6 އޮގަސްޓު 2025 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމެއް ކަމަށް ބުނެފައިވަނީ، ލާމަރުކަޒީ ޤާނޫނު ގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖަޢާ ކުރުމަށާއި، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލު ކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.
މި ބިލުގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހޭނެ ކަމުގައި ބަޔާންކޮށް، ޤާނޫނާ ތަޢާރުޟުވާނަމަ، މި އިސްލާޙަށް ޢަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ޙަރަކާތްތައް ހުއްޓާލަންވާނެ ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
ހަމަމިއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ ޢިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެ ކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.
އަދި ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައްބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިޙްތިޞާޞްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަޙައްދު ކުއްޔަށްދިނުމާއި، ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނީ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައިވެއެވެ.
ރައީސް މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ބުރާސްފަތި ދުވަހު ޝާއިޢު ކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
މި ބިލުގައިވާ އިޞްލާޙްތަކަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިޞްލާޙުތަކެއް ކަމަށާ، މިއީ އެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި ގެނައި އިޞްލާޙްތަކެއްކަމުގައި ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ރާއްޖޭގެ 100 ށް ވުރެ ގިނަ ކައުންސިލުން ވަނީ މި ބިލު ތަސްދީގު ނުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
ކައުންސިލްތަކުގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އާއި އެތައް މަދަނީ ޖަމްއިއްޔާ އަކުން މި ބިލާ ދެކޮޅު ހަދާ މި ބިލު ތަސްދީގު ނުކުރުމަށް ރައީސް އަށް ވަނީ ގޮވާލާފައެވެ.
ރައީސް މުއިއްޒު ގެ ފުރިހަމަ ކޮންޓްރޯލު އޮތް ރައްޔިތުންގެ މަޖިލިހުން މި ބިލު ފާސްކުރި ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުން ބިލަށް ތާއީދުކުރެއްވިއެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
ކައުންސިލްތަކުން ބުނެފައިވަނީ މި ބިލު ގާނޫނަކަށް ވުމާއެކު ކައުންސިލްތަކުން ރަށްރަށުގައި ކުރަމުން އަންނަ ގިނަ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށާއި، ކައުންސިލު ތަކަށް ލިބޭ އާމްދާނީ އަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށެވެ.
ގާނޫނަށް މި ގެނައި ބަދަލާއެކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ.
އޭގެ އިތުރުން ސަރުކާރުން ދޭ ބަޖެޓް ދޫކުރުމުގައި، އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާ އާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރާނެ އެވެ.
މި ބަދަލާ އެކު ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަން ވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ އެވެ.
މި ބަދަލާ އެކު މިހާރު ހިނގަމުންދާ ކައުންސިލް ތަކަށް ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ، ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނުނެގޭ ގޮތައް ވަނީ ހަދާފައެވެ.
އޭގެ އިތުރުން ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދެވޭނީ ވެސް އަދި ކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށޭނީ ވެސް އެލްޖީއޭ އާއި ފިނޭންސް ގެ ބަހެއް އޮވެގެންނެވެ.
މި ނިމުނު ހަފްތާގެ ތެރޭގައި ބ. އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ދަރަވަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި މި ބަދަލުތަކުގެ ދިފާއު ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކައުންސިލު ތަކުން އާންމު ފަރުދުން ހިންގާ ކުދި ވިޔަފާރިތައް ހިންގާ ކަމަށާއި، ކަންމަތީ ފިހާރަ ނޫނީ އެފަދަ ކަންކަމުގެ ތެރެއަށް ވަންނަ ކަމަށެވެ.
"އެހެން ހެދީމައި ރަށުގެ އާންމު ރައްޔިތުންގެ މުއްސަނދިކަމަށް އޮތް މަގުތަކަށް އެ ހުރަސްއެޅެނީ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިހެން ވިދާޅުވި އިރު، ސަރުކާރުން ވަނީ އަމިއްލަ މީހުން ހިންގާ ވިޔަފާރި ތަކުގެ ތެރެއަށް ވަދެ، އެ ފަދަ ވިޔަފާރި ތައް ފަށާފައެވެ. އެގޮތުން ސަރުކާރުން ވަނީ އައިނު ފިހާރަ އެއް އައިޖީއެމް ހޮސްޕިޓަލުގައި ހުޅުވާ، އެ ވިޔަފާރި އެހެން ހޮސްޕިޓަލު ތަކަށާއި އަތޮޅު ތެރެއަށް ފުޅާ ކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އޭގެ އިތުރުން، ޒަމާނުއްސުރެ އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަދެ، އެމްޓީސީސީ މެދުވެރިކޮށް ޓެކްސީ ޚިދުމަތް ފެށުމަށް ވެސް ސަރުކާރުން ވަނީ ތައްޔާރު ވެފައެވެ.
އަދި އިންތިޚާބުތަކާ ކައިރިކޮށް ފައިސާތަކެއް ޚަރަދުކޮށް ބައެއް ކައުންސިލްތަކުން ރަށުގެ ތަރައްގީގައި ނެތް މަޝްރޫއުތަކެއް ސިޔާސީ ބޭނުމެއްގައި ކުރާ ކަމަށާއި އެހެންކަމުން އެކަން ވެސް ހުއްޓުވަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ކައުންސިލް ތަކަށް އަމާޒު ކުރައްވާ ރައީސް މިމޭރުމުން ވިދާޅުވިއިރު، ނިމިދިޔަ މަޖިލީސް އިންތިޚާބުގެ ދުވަސް ވަރު ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ދީފައިވެއެވެ. އޭގެ އިތުރުން އިންތިޚާބާ ދިމާކޮށް މަޝްރޫތައް ފަށާ، އެހެން ނަމަވެސް އިންތިޚާބު ނިމުމުން އެ މަޝްރޫއުތައް ހުއްޓިފައި ހުރީ ވެސް މަދުން ނޫން ކަން ފާހަގަ ކުރެވެއެވެ. ސަރުކާރުން ވަނީ ގިނަ އަދަދެއްގެ މީހުން ސިޔާސީ މަގާމު ތަކަށް ވެސް ހަމަ ޖައްސާފައެވެ. އެ ގޮތުން ހަމަ ޖެއްސި ބައެއް މީހުންނަކީ ކުރާނެ އެއްވެސް މަސައްކަތެއް ނެތް އަދި އިށީންނާނެ ގޮނޑި މޭޒުވެސް ނެތް މީހުން ކަމަށް ވެއެވެ.
މި ދިޔަ ބުދަ ދުވަހުގެރޭ ދަރަވަންދޫ ގައި ރައީސް މުއިއްޒު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ''އަލިފުން ޔާ އަށް'' އެނގިވަޑައިގަންނަވާ ކަމަށެވެ.