ބ. ފުޅަދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެ ރަށުގައި ފެށިފައިވާ، ފެނާއި ނަރުދަމާގެ މަޝްރޫޢު ހުއްޓިފައި އޮތީ މީހުން ލިބުމުގައި ދަތިތަކެއް ދިމާވެގެން، ރަށުގެ އާބާދީ ގައި މީހުން މަދުވުމުގެ ސަބަބުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ އެވެ.
"މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ އެކިއެކި ކަންކަމަށް ބަލާއިރުގައި، ފެނާއި ނަރުދަމާގެ މަޝްރޫޢު އަވަހަށް ނިންމުމަކީ، ރަށަށް ވަރަށް މުހިންމު ކަމެއް. އާންމު ދިރިއުޅުމުގެ ބޭނުމުގައިވެސް، އަދި ރަށުގެ ތަރައްޤީގައި ކުރިއަށްހުރި ކަންކަމުގައި، އަދި މިހާރު ޓޫރިޒަމްގެ ދާއިރާއިން ކުރިއަށް ދިޔުމުގައި ވެސް މިއީ، ވަރަށް މުހިންމު ކަމެއްކަން އަޅުގަނޑުމެން ގަބޫލުކުރަން."
ފުޅަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ އަންގާރަ ދުވަހުގެ ރޭ ދެއްކެވި ވާހަކަ ފުޅުގައި ރައީސް ވިދާޅުވީ، "މިހާރު މި ރަށުން ބޭރުން އެހެން ތަންތަނުން މުވައްޒަފުން ހޯދައިގެންވިޔަސް މަސައްކަތް ފެށުމަށް އެދަނީ ތައްޔާރުވަމުން." ކަމަށެވެ.
ރައީސް ވިދާޅުވީ ފުޅަދޫ "ތަރައްޤީ އަށް ބޭނުންވެފައިވާ ހުރިހާ މަސައްކަތްތަކެއް ކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ ތައްޔާރީތަކުގެ ކަންކަން ވަރަށް ބާރު ސްޕީޑްގައި މިހާތަނަށް ކުރިއަށް ގެންދެވިފައި،" ވާ ކަމަށެވެ.
"ދެން ކުރިއަށް އޮންނާނީ ޢަމަލީގޮތުން މި މަސައްކަތްތައް ތަންފީޒުކުރުމުގެ، ނޫނީވިއްޔާ ކުރިއަށް ގެންދިޔުމުގެ މަރުޙަލާ." ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހް ގެ ސަރުކާރުން ފެށި ފުޅަދޫގެ ފެނާއި ނަރުދަމާ ގެ މަޝްރޫއު ހުއްޓިފައިވާ އިރު، ރައީސް މުއިއްޒު ވިދާޅުވީ، "ވަރަށް އަވަހަށް" ޢަމަލީގޮތުން މަސައްކަތް ފެށިގެންދާނެ ކަމަށާއި މިހާރު އެމް.ޑަބްލިޔޫ.އެސް.ސީ.އާ އެކީގައި އެވަނީ އެގްރިމެންޓް ހެދި ތަކެތި ގެނެވި، ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައި ކަމަށެވެ.
"އެހެންވީމާ، އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި، މި މަޝްރޫޢުގެ މަސައްކަތްތައް ފަށައި، ވަރަށް އިސްކަމެއްދީގެން، ބާރުމިނުގައި ކުރިއަށް ގެންގޮސް މި މަޝްރޫޢު ނިންމާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރަށްވެސް، ރަށުގައި ކުރިއަށް ގެންދަންހުރި ވަރަށް ގިނަ މަޝްރޫޢުތައް އެބަހުރި ކަމަށާއި ރަށުގައި މިހާރު ޓޫރިޒަމް ފުޅާވެފައިވާ ގޮތަށް ބަލާއިރުގައި، ރަށުގެ އެކިއެކި ޚިދުމަތްތައް ދިނުމަށް ގެންނަ، ނޫނީ އަންނަ މުވައްޒަފުން ބޭތިއްބުމަށް ވަރަށް ބޮޑު ދަތިތައް ކުރިމަތިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ދިމާވެފައިވާ ދަތި ފިލުވައިލުމަށް މަސައްކަތް ކުރުމަކީ ސަރުކާރުން އިސްކަމެއް ދޭންޖެހޭނެ ކަމެއްކަމަށެވެ.
ރައީސް ވިދާޅުވީ، ރަށުގައި ޤާއިމުވެފައި ބޭރުން އައިސް ތިބޭ މުވައްޒަފުން، ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ސަރުކާރުން އަޅައިދިނުމަކީ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް ކަމަށާއި އެހެން ނަމެވސް މިއީ، މި އަހަރުގެ ބަޖެޓުގައި ސަރުކާރުން ޕްލޭންކޮށްފައި އޮތް ކަމެއްނޫން ކަމަށެވެ.
"މި އަންނަ އަހަރަށް އަޅުގަނޑުމެން ފާސްކުރާ ބަޖެޓުގެ ތެރޭގައި، މި މަޝްރޫޢު ހިމަނައިދޭނަން. ހިމަނައި، މި އަންނަ އަހަރު މި މަޝްރޫޢު ކުރިއަށް ގެންގޮސްދޭނަން. އެކަމުގެ ޔަޤީންކަން ދެން. އޭރުން ބޮޑުއަގުގައި ތަންތަން ކުއްޔަށް ނަގައިގެން، އެ ކުރަންޖެހޭ ކަންކަމުގައި ދެކޮޅުނުޖެހޭ މައްސަލައަށް ހައްލެއްއައިސް، ރަށުގައި ރަނގަޅު ފެންވަރުގެ މުވައްޒަފުން ބޭތިއްބުމުގައި ތިޔަބޭފުޅުންނަށް ކައުންސިލަށް، އަދި މުއައްސަސާތަކަށް ފަސޭހަތައް ވެގެންދާނެ،" ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފުޅަދޫ ގައި ޞިއްޙީ މަރުކަޒުގެ ޖާގަ، މިހާރުގެ ގޯތީގެ ތެރޭގައި އޮތް އެންމެ ބޮޑުމިނަކަށް ފެތޭގޮތަށް ޑިޒައިނެއް ހަދައިގެން، ޢިމާރާތެއް އަޅައިދީ، އެތަނުގައި ލެބޯރެޓަރީ އާއި، ދެންވެސް ހުރި ޚިދުމަތްތައް ޤާއިމުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، ފަންނީ މަސައްކަތްތައް ވަރަށް އަވަހަށް ނިންމާލަދީ އަދި ބަޔަކު ހޯދައިގެން، މި އަހަރުގެ ތެރޭގައި އެ މަޝްރޫޢު ފަށައިދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ތަޢުލީމީ ދާއިރާ އިން ކުރިއަށްހުރި ކަންކަމަށްވެސް ވަރަށް ސަމާލުކަންދީގެން، މަޝްރޫޢު ކުރިއަށް ގެންގޮސްދޭނަން ކަމަށެވެ.
ޒުވާނުންނަށް އިންޑޯ ކުޅިވަރުތައް ކުޅެވޭ ގޮތައް ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް، މިހާރު ތައްޔާރީތައް ވަމުން ދާ ކަމަށާއި އެ މަޝްރޫޢުވެސް މި އަހަރު ތެރޭގައި، ފުޅަދޫ ގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެން ނަމަވެސް ވޮލީކޯޓު އެޅުމަށްޓަކައި، މި އަހަރުގެ ބަޖެޓުގައި ހިމެނިފައެއް ނެތް ކަމަށާއި، މި އަންނަ އަހަރަށް ބަޖެޓަ ފާސްކުރާއިރު މި މަޝްރޫއު ހިމެނޭނެ ކަމަށާއި، ފުޅަދޫ ގައި މި އަންނަ އަހަރު އަހަރުގެ ކުރީ ކޮޅު ފަށައިގެން، ކުރިއަށްގެންގޮސްދޭނެ ކަމުގެ ޔަޤީންކަން ވަނީ ރައީސް ދެއްވާފައެވެ.
މިހާރު އޮތް ފުޓްސަލް ދަނޑު އެއީ، ވަރަށް ބޮޑަށް ތަރައްޤީކުރަން ޖެހިފައިވާ ދަނޑެއް ކަމަށާއި އަދި އެ ދަނޑު އޮތް ލޮކޭޝަނަށްވުރެ ރަނގަޅު ތަނެއް، ކައުންސިލުން ހަމަޖައްސައިދީފިނަމަ، ރަނގަޅު ފެންވަރުގައި، ފުރިހަމަ ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ކުރިއަށް ގެންގޮސްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކައުންސިލާއި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީއާ ދޭތެރޭގައި ހެދޭ ރަނގަޅު މެނޭޖްމަންޓް ޕްލޭނަކާ އެކީގައި، އިންނަފުށި މި ފުޅަދޫ ކައުންސިލާ ހަވާލު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފުޅަދޫ ގައި މިސްކިތެއް ބިނާކުރުން މި އަންނަ އަހަރު ބަޖެޓަށްލާން ނިންމާފައިވާ ކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، "ހުރިހާ ކަމެއްވެސް ބާރު ސްޕީޑްގައި" ގެންގޮސް ދެއްވާނެ ކަމަށެވެ.