ކައުންސިލުތަކުގެ ބާރު ކަނޑާލާ ބަދަލުތައް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައުމަށް ފާސް ކުރުމަށް ފަހު، ލާމަރުކަޒީކޮށް ޚިދުމަތް ދިނުމަކީ އެމަނިކުފާނުގެ އަދި މި ސަރުކާރުގެ ފަލްސަފާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހުށަހަޅައިގެން ސަރުކާރު ހިންގާ ޕާޓީ - ޕީއެންސީ ގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ކައުންސިލުތަކުގެ ދައުރުގެ ފަހު އަހަރުގެ ތެރޭގައި ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭ ގޮތައް ހެދުމުގެ އިތުރުން، ބިމާއި ފަޅު އަމިއްލަ އަށް ކުއްޔަށް ނުދެވޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.
މާޅޮސްމަޑުލު ދެކުނުބުރި އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބ. ކެންދޫގެ ރައްޔިތުންނާ ހޯމަ ދުވަހު ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި ދައުލަތާއި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ބޭނުންތަކުގެ މައްޗަށް އެފަދަ މަޝްރޫޢުތައް ބައްޓަންކޮށް، ލާމަރުކަޒީކޮށް ޚިދުމަތްދިނުމަކީ އެމަނިކުފާނާ އަދި ސަރުކާރުގެ ފަލްސަފާކަމުގައި ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވި އިރު، ކައުންސިލްތަކުން އެކަށަ އަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އައު ތަރައްގީގެ މަޝްރޫއެއް ވެސް ނުފެށޭނެ ކަމަށް، ވެރިކަން ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު، ސަރުކާރުގެ ފަރާތުން ހުށަހަޅި މި އިސްލާހް ގައި ވެއެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ މި ގާނޫނުގެ އެހެން މާއްދާ އެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި އޮތް ނަމަވެސް ލޯކަލް ކައުންސިލުތަކުގެ އުުމުރު ގާނޫނު އަސާސީ ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ، 365 ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް ނަމަ މި ނޫން ގޮތަކަށް މިކަންކަން ނިންމައިގެން ނުވާނެ ކަމަށެވެ.ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނާއި، ދައުލަތުގެ ފަލްސަފާއަކީ ވެސް އަދި ޤަބޫލުފުޅުކުރައްވާ ހަމައަކީ ލާމަރުކަޒީކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުންކަމުގައެވެ.ލާމަރުކަޒީކޮށް ޚިދުމަތްދިނުމަކީ އެމަނިކުފާނު ތަޖުރިބާކުރައްވާފައިވާ ނިޒާމެއްކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ފުރިހަމަކަމާއި، އޭގެ މުހިންމުކަމާއި، އެންމެން ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުންނަށް ލިބިގެންދާ ފައިދާ ފެނިގެންދާނެކަމަށެވެ.
ރައީސް މިހެން ވިދާޅުވި އިރު ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކުގެ ތެރޭގައި، ކައުންސިލްތަކަށް ސަރުކާރުން އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތައް ދައްކަން ޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަށްވާ ފައިސާ އާއި، އާންމު ޚިދުމަތްތަކަށް ކައުންސިލްތަކުން ދައްކަން ޖެހޭ ފައިސާ އެއް ނުދައްކާތާ 6 މަހަށް ވުރެ ގިނަ ދުވަސް ވެފައި ވާ ނަމަ އެ ފައިސާ އެއް އުނިކުރުމަށް ފަހު ބާކީވާ އަދަދު ކަމަށް ހެދުމަށް ވެސް ވަނީ ބުނެފައެވެ.ރައީސުލްޖުމްހޫރިއްޔާގެ ކެންދޫ ގައި ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް ވަރަށްވެސް މުހިންމު ނިޒާމެއްކަމަށާއި ސިޔާސީ ތަޢައްސުބުން އެއްކިބާވެ، ސަރުކާރާއެކު އެއްބައިވެ، ޒިންމާދާރުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކައުންސިލްތަކުން ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.ކައުންސިލްތަކުގެ ކުންފުނިތަކުން އެންމެ ކުދި އަދި ކުދި ވިޔަފާރިތަކަށްވަނުން ހުއްޓުވުމަށް ގެނައި ޤާނޫނީ އިޞްލާޙްގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެފަދަ އިޞްލާޙެއް ގެނައީ، އަމިއްލަ ވިޔަފާރިވެރިންގެ ވިޔަފާރިތައް ހިމާޔަތްކޮށް، އެފަދަ ވިޔަފާރިވެރިންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކައުންސިލްތަކަށް ކުދި އިންވެސްޓްމަންޓް ކުރުމަށް ހުރަސްތައް ކުރިމަތިކޮށްފައިވާ އިރު ސަރުކާރުން ވަނީ އައިނު ފިހާރަ އެއް ދާދި ފަހުން ހުޅުވާފައެވެ. އަދި ސަރުކާރުން ގެންދަނީ ޓެކްސީ ޚިދުމަތް ފެށުމަށް ތައްޔާރު ވަމުންނެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކާ އެކު އެ ގާނޫނު ތަސްދީގު ނުކުރުމަށް ގޮވާލައި ރާއްޖޭގެ 80 ށް ވުރެ ގިނަ ކައުންސިލުތަކުން ވަނީ ބަޔާން ނެރެފައެވެ.ކެންދޫގެ ތަރައްޤީ ފުރިހަމަކުރުމަށް 10 ވަޢުދެއް ވެވަޑައިގެންފައިވާނޭ ކަމަށާއި އެކަންކަމާއި އަދި އިތުރު ވަޢުދުތައް ފުރިހަމަކުރެއްވުމުގައި ސަރުކާރުން މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، ރަށަށް ބޭނުންވާ ޞިއްހީ، ތަޢުލީމީ، އަދި ކުޅިވަރުގެ މަޝްރޫޢުތައް ރޭވިފައިވާ އުސޫލުގެ ދަށުން ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.މިއަދުގެ ރަސްމިއްޔާތުގައި، ކެންދޫގެ ބިން ހިއްކުމާއި، ބަނދަރު އަޕްގްރޭޑްކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން، އެރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވިއެވެ.