ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ އެކިއެކި ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގުހީ އައު މައްސަލަތަކުގެ ދިރާސާތައް ކުރުމަށާއި، އެކަންކަމާ ގުޅޭ ދީނީ ލަފާޔާއި އިރުޝާދު ފޯރުކޮށްދިނުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް ވަނީ އުފައްދާފައެވެ. 25 އޭޕްރިލް 2016 ގައި އުފެއްދި މި މަޖިލީހާއެކު ގިނަ ކަންކަމުގައި ފަތުވާތަކެއް ނެރިފައިވެއެވެ.
އެގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން 24 ޖޫން 2025 ގައި ނެރިފައިވާ ''މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމް'' ފަތުވާގައި ބުނެފައިވާ ގޮތުން ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ މައްސަލައަށް ހުއްޓިފައެވެ.
އެއީ އިސްލާމީ ޝަރީއަތުގައި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދަ ނުވާނެ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފައިވާތީއެވެ. އަދި ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގާ އެހެންތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެއް ކަމަށް ފަތުވާގައި ބުނެފައިވެއެވެ.
ނަމަވެސް ރާއްޖޭގެ އެކިއެކި ރަށްރަށުގައި ގަބުރުސްތާނުތައް އުވާލާފައިވެއެވެ. އެކަށިތައް ނަގާ އެހެން ދިމާލަކަށް ގެންގޮސް، އެގާޖަތަކުގައި ކުޅިވަރު ކޯޓުތައް ހަދައި ބޭނުންކުރެއެވެ. މީގެ އިތުރުން މާލެސިޓީގައި ވެސް މާފަންނު ސަހަރާ ހުސްކުރުމަށް ފަހު އެ ތަނުގައި ޕާކިން ޒޯނެއް ހަދައި، ބާސްކެޓު ކޯޓެއް ވެސް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މިހާރު ގަލޮޅު ސަހަރާގެ ބައެއް ހުސްކޮށްގެން ވެސް އެސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
މިއާއެކު ގިނަ ފާޑުކިޔުންތަކެއް މާލެސިޓީ ކައުންސިލަށް ވަނީ އަމާޒުވެފައެވެ. ހުއްދަ ނޫން ކަމެއް ކަމަށްވާއިރު، މާލެސިޓީ ކައުންސިލުން ވަރަށް ޒިންމާދާރު ކުޑަކޮށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ބައެއް މީހުން ފާހަގަކޮށްފައިވެއެވެ. އަދި ބައެއް ސަހަރާތައް ސާފުކޮށް ހުސްބިމަށް ހެދި ފަހުން އެއީ ހުއްދަ ނޫން ކަމެއް ކަމަށް ބުނެ ފަތުވާ ނެރުމުން ބަލައިނުގަނެވޭ ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.
ކަންމިހެން އޮތް ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ވެސް މާފަންނު ސަހަރާއިން ބައެއް ހުސްކޮށް ވަނީ އެ ތަނުގައި ޕާކިން ޒޯނެއް ހަދާފައެވެ. އަދި އޭގެފަހުން ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް ހުއްދައާއެކު މި މަސައްކަތްތައް ކޮށްފައިވެއެވެ.
އެދުވަސްވަރު 07 އޮގަސްޓު 2022 ގައި ވެސް ގަބުރު ފެންނަ ސަރަހައްދު ކޮނުމުގައި އަމަލުކުރަން ޖެހޭ ގޮތާއެކު އުސޫލު މާލެސިޓީ ކައުންސިލަށް، އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވެއެވެ.
އޭގެ އިތުރުން 14 ނޮވެންބަރު 2017 ގައި ދުވަސްވެ އިންދިރާސްވެފައިވާ ގަބުރުސްތާނުތަކުގެ ބިން އާއްމު މަސްލަހަތު ހުރި ކަންކަމުގައި ބޭނުން ކުރުމާ ގުޅޭގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފައިވަނީ މާލެއާއި ރާއްޖޭގެ ރަށްރަށުގައި ހުރި އިންދިރާސްވެފައިވާ ވަރަށް ގިނަ ގަބުރުސްތާނުތައް ނުވަތަ ގަބުރުސްތާނުން ބައެއް އާއްމު މަސްލަހަތުހުރި ކަންކަމުގައި ބޭނުން ކުރެވިފައިވާކަމާއި، އިސްލާމީ ގައުމުތަކުގައި އެފަދަ ގަބުރުސްތާނުތައް އާއްމު މަސްލަހަތުހުރި ކަންކަމުގައި ބޭނުންކުރަމުންދާކަމާއި އަދި އިސްލާމީ ބޮޑެތި ގައުމުތަކުގައި ޒަރޫރީ ހާލަތެއް މެދުވެރިވެއްޖެނަމަ އާއްމު މަސްލަހަތު ހިމެނޭ ކަންކަމުގައި އެފަދަ ގަބުރުސްތާންތަކުގެ ބިން ބޭނުން ކުރަމުންދާ ކަމަށެވެ.
އޭގެ ތެރޭގައި މިސްކިތެއް އެޅުން، މަދަރުސާއެއް ބިނާކުރުން، ހޮސްޕިޓަލެއް އެޅުން، މަގުހެދުން، ފާލަމެއް އެޅުންފަދަ ކަންކަން ހިމެނެއެވެ. މިއީ ސައޫދީ އަރަބިއްޔާއާއި މިސްރު އަދި ޖޯޑަން ފަދަ ގައުމުތަކުގައި އަމަލު ކުރަމުންދާ ގޮތް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އަލްއިމާމުއްނަވަވީއާއި އެފަދަ ބޮޑެތި އެތައް އިލްމުވެރިންނެއް އިންދިރާސްވެފައިވާ ގަބުރުސްތާނުތަކުގެ ބޭނުން އާއްމު މަސްލަހަތުހުރި ހެޔޮކަންކަމުގައި އިސްވެދިޔަ ޝަރުތުތަކާއެކު، ކުރުމަކީ ހުއްދަ ކަމެއް ކަމުގައި ވިދާޅުވެފައިވާ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން އިއްތިފާގުވަނީ މާލެއާއި، އަތޮޅުތެރޭގެ ރަށްރަށުގައި ހުރި ދުވަސްވެ، އިންދިރާސްވެފައިވާ ގަބުރުސްތާނުތައް އިހުތިރާމާއެކު ކޮނެ، އިހުތިރާމާއެކު، އެތަންތަނުން ފެންނަ މިނިކަށިތައް އެހެން ގަބުރުސްތާނެއްގައި ވަޅުލުމަށްފަހު އެ ގަބުރުސްތާންތަނުގެ ބިން އާއްމު މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގައި ބޭނުން ކުރެވިދާނެ ކަމަށެވެ.
އޭރު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ރައީސްގެ މަގާމުގައި މުހައްމަދު ރަޝީދު އިބްރާހިމް، ނާއިބުރައީސް އިބްރާހިމް އަހުމަދެވެ. އަދި މެންބަރުންގެ ގޮތުގައި، އިސްހާގު މުހައްމަދު، މޫސާ އަންވަރު ހަސަންގެ އިތުރުން ހަސަން ތައުފީގެވެ.
އެއާއެކު، މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގެ ގަބުރުސްތާނުތައް ބަދަލުކޮށް، އެތަންތަނުގައި ޕާކިން ޒޯނުތަކާއި، ކޯޓުތައް ތަރައްގީކޮށްފައިވެއެވެ. އެއީ ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރެވެ. ނަމަވެސް އަހަރުތަކެއް ފަހުން، އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި މިވަނީ އެކަން މުޅިން ބަދަލުވެފައެވެ. އެ ދުވަސްވަރު ހުއްދަ ކަމެއް ކަމަށް ނިންމި ނަމަވެސް މިއަދު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމާފައިވަނީ ހުއްދަ ކަމެއް ނޫން ކަަމަށެވެ.
މިއަދު އެ މަޖިލީހުގައި ތިއްބަވަނީ ރައީސްއަކަށް ޝައިޚް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް ނައިބު ރައީސްއަކަށް ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން އަދި މެންބަރުންގެ ގޮތުގައި ޑރ. މޫސާ އަންވަރު ހަސަން، އައްޝައިޚް އިލްޔާސް ހުސައިން އަދި ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އެވެ.
ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް ނެގުން ހުއްދައެއް ނުވާނެ ކަމަށް މި މަޖިލީހުން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި މިހާރު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުންނާ، މުއައްސަސާތަކުގެ އިތުރުން އިދާރާކުން މި މަޖިލީހުން ނެރޭ ފަތުވާތަކަށް ބޯލަބައި އަމަލުކުރާނެއެވެ. އެ ނިންމުމަށް އިހުތިރާމް ވެސް ކުރާނެއެވެ.
ނަމަވެސް ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމުކޮށް ދެމެހެއްޓުމަށްޓަކައި ދިވެހި މުޖުތަމައަށް ކޮންމެހެން ބޭނުންވާނެ ކަންކަމުގައި ދީނީ އިރުޝާދާއި ލަފާ ފޯރުކޮށްދޭ މި މަޖިލީހުން އެއް މައްސަލައެއްގައި އަދި އެމައްސަލައިގެ ހާލަތު ބަދަލުނުވާއިރު ވެސް ނެރޭ ފަތުވާތައް ބަދަލުވާ ކަމަށްވާނަމަ، މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލި، ޝައްކުގެ ނަޒަރުން ބެލުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.