ޢާންމު ވޯޓު ނެގުމުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި
ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި ވޯޓެއް ނެގިދާނެ


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙުއެވެ. ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވެފައިވަނީ 62 މެންބަރުންގެ ވޯޓުންނެވެ.
ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.
ސަރުކާރުން ބުނި ގޮތުގައި މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ޤާނޫނުއަސާސީގައި ބުނާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގޭނެ ހާލަތުތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި އެ ނޫނަސް އެ ވޯޓު ނެގުމާއި ގުޅޭ އެންމެހާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުރުމެވެ.
ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތާއި އެކު ގަރާރެއް ފާސްކުރަން ޖެހެ އެވެ. އަދި ބިލުގައި ބުނާ ގޮތުން ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމިދާނެއެވެ. ހަމައެހެންމެ އެއް މައްސަލައަށް ވުރެ ގިނަ މައްސަލައަށް ވޯޓަށް އެހުމަށް ގަރާރަކުން ފުރުސަތު ލިބޭ އިރު ގަރާރު އަނބުރާ ގެންދިއުމުގެ ފުރުސަތު އޮންނާނީ ވޯޓު ނެގުމުގެ ތާރީހު އީސީއިން އިއުލާން ކުރުމުގެ ކުރިން ކަމަށް ވަނީ ބުނެފައެވެ.
ބިލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ކަންކަން ވަނީ ބަޔާންކޮށްފައެވެ. އަދި އެކަމާއި ގުޅޭ އުސޫލުތަކުގެ ތަފްސީލް ވެސް ވަނީ ހިމަނާފައެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމާއި، ގައުމީ މުހިންމު މައްސަލަތަކުގައި، އަދި ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާ އަކާއި މެދު މިފަދަ ވޯޓެއް ނެގިދާނެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމާއި، ރިޔާސީ ދައުރު ކަނޑައެޅުމާއި ރައީސް އިންތިޚާބު ކުރާ ގޮތް ބަޔާންކުރުމަށް ވެސް އާއްމު ވޯޓެއް ނެގިދާނެއެވެ. އަދި ރާއްޖޭގެ ސަެރަހައްދާއި މެދު ވެސް އެފަދަ ވޯޓެއް ނެގިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ޢާންމު ވޯޓު ނެގޭނީ:
- ރައްޔިތުންނާގުޅޭ މުހިންމު ކަންކަމުގައި
- ގައުމީ މުހިންމު މައްސަލަތަކުގައި
- ގާނޫނުއަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް
- ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ރައްޔިތުންގެ މަޖިލީހުގެ އުމުރު
- ގާނޫނުއަސާސީގެ 107 ވަނަ މާއްދާ ރިޔާސީ ދައުރު
- ގާނޫނުއަސާސީގެ 108 ވަނަ މާއްދާ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް
- ގާނޫނުއަސާސީގެ 260 ވަނަ މާއްދާގެ (ށ) ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރުން
- ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) ދިވެހިރާއްޖޭގެ ސަރަހައްދު ކަމަށް ބަޔާންކުރާ މާއްދާ
މީގެ އިތުރުން، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ނުކުރައްވައިފިނަމަ، އެ ބިލު ފާސްކުރުމަށް ޢާންމު ވޯޓު ނެގިދާނެކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައިވާ ގޮތުން، ޢާންމު ވޯޓު ނެގުމަށް އެދޭ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަހާއި ގިނަވެގެން 90 ދުވަހުގެ މުއްދަތެއް އޮންނަންވާނެއެވެ.18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާއިރު، ވޯޓު ނަގަންވާނީ ސިއްރު ވޯޓަކުން ކަމަށް މި ބިލުގައި ބުނެފައިވެއެވެ.







