ފެނަކަ ތުޅާދޫ ބްރާންޗް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުރި އަލީ ނިމާލް ހިންގުމުން ދުރުކުރުމަށް އެދި އެ ބްރާންޗުގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
އެ ޕެޓިޝަން ގައި ބުނެފައިވަނީ އަލީ ނިމާލު އެ ބްރާންޗަށް އައި ފަހުން ތަނުގެ އާންމު މަސްލަހަތު ގެއްލިފައިވާ ކަމަށާއި، އޭނާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން ގެންދާ ކަމަށެވެ.
އޭގެ އިތުރުން، މުވައްޒަފުން ނުތަނަވަސް ކަމާއި ބިރުވެރި ކަމުގެ ތެރޭގައި މަސައްކަތް ކުރަން މަޖުބޫރު ވެފައިވާ ކަމަށާއި، މުވައްޒަފުންނާ މެދު ހަމަހަމަ ކަން ގެންގުޅުމުގައި އަލީ ނިމާލު ފެއިލް ވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
"އަލީ ނިމާލް އިތުރަށް މި މަގާމުގައި ހުރެއްޖެ ނަމަ ބުރާންޗުގެ މަސްލަހަތު އިތުރަށް ގޯސްވެ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި އުފެއްދުންތެރިކަން ދަށްވެގެން ދާނެއެވެ." ޕެޓިޝަން ގައި ބުނެފައިވެއެވެ.
ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނަށް އެޑްރެސް ކޮށް ފޮނުވާފައިވާ މި ޕެޓިޝަން ގައި ތުޅާދޫ ފެނަކަ ބްރާންޗް ގައި މަސައްކަތް ކުރާ 43 މުވައްޒަފުން ސޮއި ކޮށްފައިވެއެވެ.