ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 19:35
ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ރަޝިއާގެ ކަޒާން އަށް ވަޑައިގަތުން
ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ރަޝިއާގެ ކަޒާން އަށް ވަޑައިގަތުން
ބްރިކްސް
ބްރިކްސް ސަމިޓް: މަޝްވަރާ ކުރީ ކޮންކަމެއް؟ ރަޝިއާގެ ޕޫޓިން އަށް މި ސަމިޓް ވަކިން ބޮޑަށް މުހިންމުވީ ކީއްވެ؟
24 ޤައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މި ސަމިޓަކީ، އަހަރުތަކަކަށްފަހު ރަޝިޔާއިން ބާއްވާ އެންމެ ބޮޑު އިވެންޓް ކަމަށާއި، ޔުކްރެއިންގެ ހަނގުރާމައިގެ ތެރޭގައި ހުޅަނގަށް ދޭ ސިގްނަލެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ބްރިކްސް ސަމިޓްގެ މެހުމާންދާރީ މިފަހަރު އަދާ ކުރައްވަނީ ރަޝިޔާގެ ރައީސް ވްލަޑިމިރ ޕުޓިން އެވެ. މި ސަމިޓް ފެށުނީ އަންގާރަ ދުވަހު ރަޝިޔާގެ ދެކުނު ހުޅަނގު ސަރަޙައްދުގައިވާ ކަޒާން ސިޓީގައެވެ.

ތިން ދުވަހުގެ މުއްދަތަށް ބޭއްވޭ މި ސަމިޓަކީ އެތައް އަހަރެއްގެ ތެރޭގައި ރަޝިޔާގައި ބޭއްވޭ ދުނިޔޭގެ ލީޑަރުންގެ އެންމެ ބޮޑު ބައްދަލުވުމެވެ. އަދި މި ސަމިޓް ބޭއްވޭ ދަނޑިވަޅަކީ، ކްރެމްލިން އިން ހުޅަނގުގެ އެހީތެރިކަން ލިބިފައިވާ ޔުކްރެއިން އާ ދެކޮޅަށް ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ. 

ބްރިކްސްއަކީ ކޮބާ؟

ބްރިކްސް ރަމްޒުކޮށްދެނީ، ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ ކުރުކޮށްލައިގެންނެވެ. 

މި ގްރޫޕް ވުޖޫދުވީ 2006 ގައެވެ. ބްރެޒިލް، ރަޝިޔާ، އިންޑިއާ އަދި ޗައިނާ ފުރަތަމަ ބްރިކް ސަމިޓް ގައި ބައްދަލުވީ 2009 ގައެވެ. ސައުތު އެފްރިކާ ބައިވެރިވީ އޭގެ އަހަރެއް ފަހުންނެވެ. އެއާއެކު ބްރިކް ބްރިކްސް އަށް ބަދަލުވިއެވެ.

މި އިއްތިހާދުގެ މަޤްޞަދަކީ ހުޅަނގުގެ އިޤްތިޞާދީ އަދި ސިޔާސީ މޮނޮޕޮލީއަށް ގޮންޖެހުމެވެ. މި ގްރޫޕުން އަހަރަކު އެއްފަހަރު ސަމިޓެއް ބާއްވައި، އިސްކަންދޭ ކަންތައްތައް ކަނޑައަޅައި މަޝްވަރާކުރެއެވެ. މެންބަރު ޤައުމުތަކުން ބުރުޖަހާ އުސޫލުން މި ސަމިޓް ހޯސްޓްކުރެއެވެ. މިއީ މިގޮތުން ބޭއްވޭ 16 ވަނަ ސަމިޓެވެ.

މެންބަރަކަށް ވުމަށް 2023 ގައި ބްރިކްސް އިން ވަނީ މިސުރު، އީތިއޯޕިއާ، އީރާން، ސަޢޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސްއަށް ދަޢުވަތު ދީފައެވެ. ސަޢޫދީ އަރަބިއްޔާއިން އަދި ރަސްމީކޮށް ބްރިކްސްގައި ބައިވެރިވެފައެއް ނުވެއެވެ. އެހެންނަމަވެސް އެހެން ޤައުމުތަކުން ވަނީ ބައިވެރިވެފައެވެ.

ބްރިކްސް އާ ގުޅުމަށް އާޖެންޓީނާ އަށްވެސް އޭރު ދަޢުވަތު ދިނެވެ. އެހެންނަމަވެސް ދެކުނު އެމެރިކާގެ އެ ޤައުމުން ދަޢުވަތު ގަބޫލުކޮށްފައެއް ނުވެއެވެ. ސަބަބަކީ ޑިސެމްބަރު މަހު އިންތިޚާބުވި ރައީސް ހާވިއަރ މިލެއި ކެމްޕޭންގައި ވަޢުދުވެވަޑައިގެންފައި ވަނީ ހުޅަނގާއެކު އާޖެންޓިނާ އިން ގުޅުން ބަދަހި ކުރެއްވުމަށެވެ.                  

ބްރިކްސް ސަމިޓުގައި ބައިވެރިވަނީ ކޮން ބައެއް؟

އަންގާރަ ދުވަހު ސަމިޓް ފެށުމުގެ ރަސްމިއްޔާގުގައި ދުނިޔޭގެ 24 ލީޑަރުން ބައިވެރިވެވަޑައިގަތެވެ. 

ބްރިކްސް މެންބަރު ޤައުމުތަކުގެ ލީޑަރުންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި ސައުތު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ މީގެ ތެރެގައި ހިމެނިވެޑައިގަތެވެ.

ޔޫއޭއީގެ ރައީސް މުޙައްމަދު ބިން ޒަޔިދު އަލް ނަހްޔާން، އީރާންގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން، މިސުރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީ އަދި އީތިއޯޕިއާގެ ބޮޑުވަޒީރު އަބިއު އަހްމަދުވެސް ވަނީ ސަމިޓަށް ކަޒާން އަށް ވަޑައިގެންފައެވެ. 

ބްރިކްސްއާ ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އެހެން ބައެއް ޤައުމުތަކުގެ ލީޑަރުންވެސް މީގެ ތެރޭގައި ބައިވެރިވެވަޑައިގަތެވެ. އެގޮތުން ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އަދި ވިއެޓްނާމްގެ ބޮޑުވަޒީރު ފާމް މިން ޗިން ބައްދަލުވުމަށް ވަޑައިގަތެވެ. 

ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ އަށް ބައްދަލުވުމަށް ވަޑައިގެންނެވޭނެ ގޮތް ނުވީ އޮކްޓޯބަރު 19 ވަނަ ދުވަހު ގޭގައި އުޅުއްވަނިކޮށް ވެއްޓިވަޑައިގެން އެމަނިކުފާނުގެ އިސްތަށިފުޅަށް ލިބިވަޑައިގެންނެވި އަނިޔާއަކާ ގުޅިގެން ރަޝިޔާ ދަތުރުފުޅު ކެންސަލްކުރައްވަން ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ. މިހާރު ސަމިޓުގައި އެ ޤައުމު ތަމްސީލު ކުރައްވަނީ ފޮރިން މިނިސްޓަރ މައުރޯ ވިއެއިރާއެވެ. 

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވެސް ސަމިޓުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ބުރާސްފަތި ދުވަހު ޕުޓިންއާ ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ. ހޯމަ ދުވަހު ޔުކްރެއިންގެ ފޮރިން މިނިސްޓްރީން ގުޓެރެސްއަށް ފާޑުކިޔަމުން، ޖޫން މަހު ސުވިޓްޒަލޭންޑުގައި ބޭއްވުނު ޔުކްރެއިންގެ ސުލްޙައިގެ ސަމިޓަށް އެރުވި ދައުވަތު ގުޓަރެސް ޤަބޫލުނުކުރެއްވި ކަމަށާއި، "ހަނގުރާމަވެރިޔާ ޕުޓިންގެ ފަރާތުން ކަޒާން އަށް ވަޑައިގަތުމަށް ލިބިވަޑައިގެންނެވި ދަޢުވަތު ޤަބޫލުކުރެއްވި" ކަމަށް ބުނެފައިވެއެވެ. އަދި "މިއީ ރަނގަޅު ޗޮއިސްއެއް ނޫން ކަމަށާއި، މިކަމުން ސުލްޙައަށް ކުރިއެރުމެއް ނުލިބޭނެ ކަމަށާއި، އދ. ގެ އަގު ވެއްޓޭނެ ކަމެއް،" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސަމިޓުގެ އެޖެންޑާގައި ހިމެނެނީ ކޮން ކަންތައްތަކެއް؟ 

ބްރިކްސް މެންބަރުން އެއްބައިވާ މައިގަނޑު ފިކުރަކީ ދުނިޔޭގެ ކަންކަން ހިންގުމުގައި އުފައްދާފައިވާ މުއައްސަސާތަކުގެ މައްޗަށް ޚާއްސަކޮށް އިގްތިސާދީ އެޖެންޑާ ކަނޑައެޅުމުގައި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒު ގަދަވަމުގެ ސަބަބުން އުފެދިފައިވާ ހިތްހަމަ ނުޖެހުމެވެ.

2022 ވަނަ އަހަރު ރަޝިޔާ އިން ޔުކްރެއިނަށް ފުޅާ ދާއިރާއެއްގައި ހަމަލާދޭން ފެށުމާ ގުޅިގެން ރަޝިޔާގެ މައްޗަށް ތަންފީޒުކުރެވުނު ދަތިކުރުންތަކުން، ދުނިޔޭގެ ދެކުނަށް ނިސްބަތްވާ ގައުމުތަކަށް ވަނީ ނުތަނަވަސްކަން އިހްސާސް ކުރެވިފައެވެ. ރަޝިޔާގެ މައްޗަށް ތަންފީޒް ކުރިފަދަ އިގްތިސާދީ/މާލީ ދަތިކުރުމުގެ ފިޔަވަޅުތައް ހަތިޔާރެއްގެ ގޮތުގައި ކުރިމަގުގައި އެހެން ގައުމުތަކުގެ މައްޗަށް ވެސް ބޭނުންކޮށްފާނެ ކަމުގެ ބިރު ވަނީ މިކަމާ ގުޅިގެން އުފެދިފައެވެ. 

ޣައްޒާގެ ހަނގުރާމައިގައި އިޒްރޭލަށް ތާއީދުކޮށް، އެމެރިކާއިން އިޒްރޭލަށް ހަތިޔާރާއި މާލީ އެހީ ފޮނުވަމުން ދިއުމާއެކު، ހުޅަނގުން ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތުތައް ފާހަގަ ކޮށް ރަޝިޔާ އާއި ޗައިނާއިން ހުޅަނގާ ދެކޮޅު ޝުޢޫރު ފާޅުކުރުން އިތުރުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

މިކަންކަން މިހެން ހުރުމާއެކު، ބްރިކްސް ބައިވެރިން ބޭނުންވަނީ އެމެރިކާ ޑޮލަރާއި ސްވިފްޓް ނިޒާމަށް ބަރޯސާވާ މިންވަރު ކުޑަކުރާށެވެ. ސްވިފްޓަކީ ފައިނޭންޝަލް މުޢާމަލާތް ތަކަށް ބޭނުންކުރާ ބައިނަލްއަޤްވާމީ މެސެޖިންގ ނެޓްވޯކެކެވެ. 2022 ގައި ރަޝިޔާގެ ބޭންކުތައް މި ނިޒާމުން ވަކިކުރެވުނެވެ. 

2023 ގައި ބްރެޒިލްގެ ރައީސް ލޫލާ ހުށަހެޅުއްވީ ބްރިކްސް މެންބަރުންނަށް ވިޔަފާރީގައި ބޭނުން ކުރާނެ ފައިސާއެއް ތަޢާރަފުކުރުމަށެވެ. އެހެން ނަމަވެސް މިކަމުގައި ހުރި ގޮންޖެހުންތައް ތަޖުރިބާކާރުން ފާހަގަ ކުރުމާއެކު އެ ހުށަހެޅުން ކުރިއަށް ދާގޮތް އޮތީ ނުވެފައެވެ. އޯގަސްޓް މަހު، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް އެސް. ޖައިޝަންކަރުވެސް ވަނީ ބްރިކްސް ފައިސާއެއް އުފެއްދުމަކީ ކިހާ ޢަމަލީ ކަމެއްކަމާމެދު ސުވާލު އުފައްދަވާފައެވެ.

އޭގެ ބަދަލުގައި، ބްރިކްސް މެންބަރުން މިހާރު މަސައްކަތް ކުރަމުންދަނީ ދެފަރާތުގެ ވިޔަފާރީގައި ޤައުމީ ފައިސާ އިތުރަށް ބޭނުންކުރުމަށެވެ. މިއީ ފައިސާގެ އަގަށް އަންނަ ބަދަލުތަކުން ރައްކާތެރި ވުމަށާއި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައެވެ. 

ޗައިނާގައި މިހާރު ސްވިފްޓް ޕޭމަންޓް ސިސްޓަމްގެ ބަދަލުގައި ބޭނުން ކުރާނެ ނިޒާމެއް އެބައޮތެވެ. އެހެންނަމަވެސް އޭގެ ބޭނުން ކުރާ މިންވަރު މަދެވެ. 

ޕުޓިން އަށް މި ސަމިޓް މުހިންމުވަނީ ކީއްވެ؟

2022 ގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔުކްރެއިނަށް ފުޅާ ދާއިރާއެއްގައި ހަމަލާދޭން ފެށި ފަހުން، ރަޝިޔާ އާއި ޕުޓިން ވަނީ އެކަހެރިވެފައެވެ.

ހަމަލާ ފެށުނުތާ މަހެއްހާ ދުވަސް ފަހުން، ކެނެޑާ، ޔޫރަޕިއަން ޔޫނިއަން، ޖަޕާން، ނިއުޒީލަންޑް، ޓައިވާން، އިނގިރޭސި ވިލާތް އަދި އެމެރިކާއިން ރަޝިޔާގެ ބޭންކުތަކާއި، ތެޔޮ ރިފައިނަރީތަކާއި، މިލިޓަރީ އެކްސްޕޯޓްތަކުގެ މައްޗަށް ގިނަ ދަތިކުރުންތަކެއް ތަޢާރަފުކުރިއެވެ. އޭގެ ފަހުންވެސް ރަޝިޔާ އާއި ރަޝިޔާގެ ބައިވެރިންގެ މައްޗަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ. ހުޅަނގާއި ހުޅަނގުގެ ފިކުރަށް ތާއީދު ކުރާ ގައުމުތަކުން ޕުޓިން އާ ގުޅުން ބާއްވާކަށް ބޭނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުން ބޭނުންވަނީ ރަޝިއާ އާއި ޕުޓިން އަދިވެސް ބޮޑަށް އެކަހެރިކުރުމަށެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) އިން ޕުޓިންގެ މައްޗަށް ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރުގެ ސަބަބުން، އޭނާއަށް ރޯމް މުއާހަދާ ގައި ސޮއިކޮށްފައިވާ ޤައުމަކަށް ވަޑައިގެންފިނަމަ ހައްޔަރުކުރުމުގެ ރިސްކް އޮތުމާއެކު ދަތުރުކުރެއްވުމުގައި ވަނީ ދަތިތައް ކުރިމަތިވެވަޑައިގެންފައެވެ. ރޯމް ސްޓެޓިއުޓަކީ އައި.ސީ.ސީ އުފެއްދި އދ.ގެ މުޢާހަދާއެކެވެ. 2023 ގައި އޭނާ ސައުތު އެފްރިކާގައި ބޭއްވުނު ބްރިކްސް ސަމިޓަށް ވަޑައިނުގަތީ، އެ ޤައުމަކީ ރޯމް މުޢާހަދާގެ ބައިވެރިއެއް ކަމަށްވެފައި، ޕުޓިން އެތަނަށް ވަޑައިގެންފިނަމަ އޭނާ ހައްޔަރުކުރުމަށް ޕްރިޓޯރިއާއަށް ކުރިމަތިވާނެ ޕްރެޝަރުގެ ސަބަބުން ކަމަށް ވެއެވެ. 

ނިއު ދިއްލީއަކީ ރޯމް ސްޓެޓިއުޓްގެ ބައިވެރިއެއް ނޫން ނަމަވެސް، ޕުޓިން ވަނީ މިދިޔަ އަހަރު އިންޑިޔާގައި ބޭއްވުނު ޖީ20 ސަމިޓަށް ވެސް ވަޑައިނުގަންފައެވެ.

މިކަންކަން މިހެން ހުރި އިރު، މަންޒަރުގެ ތެރެއިން، ޕުޓިން ދައްކަވަން އުންމީދު ކުރައްވަނީ ޔުކްރެއިނާއި ހުޅަނގުގެ މައްޗަށް ބޮޑު ޕީއާރު ކާމިޔާބެއް ހޯއްދެވުމަށް ކަމަށާއި، ހަނގުރާމައާއި ހުޅަނގުގެ ދަތިކުރުންތަކާ އެކުވެސް، ރަޝިޔާ އާއެކު މުޢާމަލާތްކޮށް ވިޔަފާރި ކުރަން ބޭނުންވާ ގިނަ ބައިނަލްއަޤްވާމީ ބައިވެރިން އަދިވެސް ތިބިކަން ހާމަކުރެއްވުން ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ބްރިކްސްގެ ކުރިމަގަކީ ކޮބާ؟

ބްރިކްސް ދަނީ ފުޅާވެ ކުރިއަރަމުންނެވެ.

މިގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކުން މި އިއްތިހާދުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފަހަކަށް އައިސް ފާޅު ކުރާލެއް އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.

ޖޫން 11 ވަނަ ދުވަހު ރަޝިޔާ ގައި ބޭއްވުނު "ބްރިކްސް ޑައިލޮގް ވިތް ޑިވެލޮޕިންގ ކަންޓްރީޒް" ގައި ތައިލެންޑުން ބުނެފައިވަނީ އެ ޤައުމުން ވެސް ބްރިކްސްގައި ބައިވެރިވާން ބޭނުންވާ ކަމަށެވެ.

ޖޫން 18 ވަނަ ދުވަހު، ޗައިނާގެ ޕްރިމިއަރ ލީ ޗިއާންގް އެ ޤައުމަށް ޒިޔާރަތްކުރެއްވުމުގެ ކުރިން މެލޭޝިއާ އިން ވެސް ބްރިކްސްގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.

ނޭޓޯގެ މެމްބަރެއް ކަމުގައިވާ ތުރުކީން ވެސް ސެޕްޓެމްބަރު މަހު ބްރިކްސްގައި ބައިވެރިވުމަށް ރަސްމީކޮށް ވަނީ އެދިފައެވެ.

- ކޮމެންޓް