ޔޫކްރެއިން ސިފައިން ރަޝިއާގެ ކާސްކް ސަރަހައްދަށް އަރާ ރަޝިއާ ސިފައިންނާ ކުރަމުންދާ ހަނގުރާމަ އަށް ހަތަރު ދުވަސް ވެފައިވާއިރު، އެ ސަރަހައްދަށް ރަޝިއާގެ އިތުރު ސިފައިންނާއި ބަރު ހަތިޔާރު ފޮނުވަމުންދާ ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ރަޝިއާ އަށް ކުއްލި ޝޮކެއް ލިބިގެން ދިޔަ ޔޫކްރެއިންގެ މި ހަމަލާ އާ ގުޅިގެން ޔޫކްރެއިން ސިފައިން ފަހަތައް ޖެއްސުމަށް ރަޝިއާ އިން ކުރަމުންދާ މަސައްކަތުގައި އަދި އެދެވޭ ކާމިޔާބެއް ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޭގެ ބަދަލުގައި ޔޫކްރެއިން އިން ހުކުރު ދުވަހު ބުނެފައިވަނީ ރަޝިއާގެ ލީޕިއިސްކް ސަރަހައްދުގައިވާ އަސްކަރީ ބޭސް އަކަށް ޔޫކްރެއިންގެ ވައިގެ ސިފައިން ބޮން އަޅާފައިވާ ކަމަށެވެ. ލީޕިއަސްކް ސަރަހައްދަކީ ރަޝިއާ ޔޫކްރެއިން ބޯޑަރުން 280 ކިލޯމީޓަރު ދުރުގައި އޮންނަ ރަޝިއާގެ ސަރަހައްދެކެވެ.
ރަޝިއާގެ ރަސްމީ ނޫސް އެޖޭންސީން ވެސް ބުނެފައިވަނީ ޔޫކްރެއިން ސިފައިން ބޮން އެޅުމުގެ ސަބަބުން ވައިގެ ބަނދަރުގައި ރޯވެފައވާ ކަމަށެވެ.
ޔޫކްރެއިނުން ބުނީ މި ހަމަލާގައި ރަޝިއާގެ އަސްކަރީ ބޭސްގައި ހުރި ހަތިޔާރު ރައްކާކުރާ ގުދަނެއް ގޮއްވާލާފައިވާ ކަމަށެވެ.
އަނެއްކޮޅުން ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ރަޝިއާ ސިފައިން ވަނީ ޔޫކްރެއިންގެ 75 ޑްރޯން އަށް ހަމަލާދީ ވައްޓާލާފައެވެ. އޭގެ ތެރޭގައި ޔޫކްރެއިން ސިފައިން މިހާރު އަރައިގެން އުޅޭ ރަޝިއާގެ ލީޕިއެސްކް ސަރަހައްދުން ވައްޓާލި ހަތް ޑްރޯން އާއި ކާސްކް ސަރައްދުން ވައްޓާލި 19 ޑްރޯން ހިމެނެ ކަމަށް ރަޝިއާ އިން ވަނީ ބުނެފައެވެ. އޭގެ އިތުރުން ކްރީމިއާ އާ ދިމާލަށް ޔޫކްރެއިން އިން ފޮނުވާލި ގިނަ ޑްރޯންތަކެއް ވައްޓާލި ކަމަށްވެސް ބުނެފައިވެއެވެ.
ރަޝިއާގެ އަސްކަރިއްޔާ އިން ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު ރަޝިއާ ގެ ބޯޑަރުން 10 ކިލޯމީޓަރު އެތެރެއަށް ޔޫކްރެއިން ސިފައިން ވަދެފައިވަނީ ރަޝިއާގެ ދިފާއު ފޫއަޅުވާލުމަށް ފަހުގައެވެ.
ޔޫކްރެއިން ސިފައިން ރަޝިއާގެ ކާސްކް ސަރަހައްދަށް ވަނީ އަންގާރަ ދުވަހު ކަމަށް ރަޝިއާގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ. ރަޝިއާގެ ސަރަހައްދަށް ވަތް ޔޫކްރެއިން ލަޝްކަރުގައި ގާތްގަނޑަކަށް ހާހެއްހާ ސިފައިން ތިބި ކަމަށާއި އެމީހުން ރަޝިއާގެ ސަރަހައްދަށް ވަނީ ޓޭންކާއި ހަތިޔާރު އެޅި އުޅަނދުތަކުގައި ކަމަށް ވެސް ރަޝިއާގެ އަސްކަރިއްޔާ އިން ބުނެއެވެ.
ޔޫކްރެއިންގެ މި ކުއްލި ހަމަލާ އާ ގުޅިގެން ގަދަފަދަ ކަމަށް ބެލެވިފައިވާ ރަޝިއާ ގެ އަސްކަރިއްޔާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ.
ރަޝިއާ އަށް ޔޫކްރެއިން ސިފައިން އެރުމާ ބެހޭ ގޮތުން ޔޫކްރެއިންގެ އިސް ޖެނެރަލުން މާގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ.
އެހެން ނަމަވެސް މި ހަމަލާ ދިން ފަހުން ޔޫކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ބުރާސްފަތި ދުވަހު ވިދާޅުވީ، ޔޫކްރެއިންގެ ބިމަށް ހަނގުރާމަ ގެނައީ ރަޝިއާ އިން ކަމަށާއި އެހެން ކަމުން އެކުރި ކަންތަކުގެ ނަތީޖާ ރަޝިއާ އަށް ވެސް އިހްސާސް ކުރެވެން ޖެހޭނެ ކަމަށެވެ. ޒެލެންސްކީވެސް ކާސްކް އަށް ޔޫކްރެއިން ސިފައިން އެރި ވާހަކަ ސީދާ ކޮށް ވިދާޅުވެފައެއް ނުވެއެވެ.
މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާ ސިފައިން ޔޫކްރެއިންނަށް އަރާ ހަނގުރާމަ ފެށިފަހުން ރަޝިއާގެ ސަރަހައްދީ ރޮނގު ހުރަސް ކޮށް ޔޫކްރެއިނުން ރަޝިއާ އަށް ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނީ ވައިގެ މަގުންނާއި އެއްގަމު މަގުން ރޮކެޓް ހަމަލާތައް ދީ ޔޫކްރެއިންގެ ފައުޖު ބަލިކޮށް ފަހަތައް ޖެއްސުމަށް ރަޝިއާ ގެ އަސްކަރިއްޔާ އިން ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާ ކަމަށެވެ.
އެމެރިކާގެ އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯ އިން ބުނެފައިވަނީ ޔޫކްރެއިން އިން ރަޝިއާގެ ސަރަހައްދަށް އަރާ ދިން ހަމަލާތަކުގައި ޔޫކްރެއިނުން ފާހަގަ ކުރެވޭ ވަރުގެ ކުރިއެރުން ތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ފާހަގަ ކުރެވޭ ވަރުގެ ބޮޑު ސަރަހައްދެއް ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެހެން ނަމަވެސް މުޅި ސަރަހައްދުގެ ކޮންޓްރޯލް ޔޫކްރެއިންގެ އަތްދަށަށް ނާންނަ ކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެފައިވެއެވެ.
ޔޫކްރެއިން ސިފައިން ކާސްކް އަށް އެރި ދުވަހުގެ ހަމަލާތަކުގައި އާންމުންގެ އާންމުންގެ ފަސް މީހުން މަރުވި ކަމަށް ކާސްކް ގެ ގަވަރުނަރު އެލެކްސީ ސްމިރިނޯވް ވިދާޅުވިއެވެ.
ރަޝިއާ އިން ވަނީ ކާސްކް ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. މިހާތަނަށް އެ ސަރަހައްދުން އެތައް ހާސް މީހުން އެހެން ސަރަހައްދުތަކަށް ގެންދެވިފައިވާ ކަމާއި، ކާސްކް އިން މޮސްކޯ އަށް ދާން ބޭނުންވާ މީހުންނަށް އިތުރު ޓްރެއިން އެއް ގެ ޚިދުމަތް ފަށާފައިވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.