ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ރައީސް މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅު ތަކަށް ތިން ހަތަރު މިލިއަން ރުފިޔާ ހޭދަވެގެން ދިޔަ ކަމަށާއި އެ ގޮތުން ކުރެއްވި ޚަރަދު ތަކަކީ ކަރަޕްޝަން ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
"އެމީހަކު އެ ކުރާ ކަމަކީ މަގާމުގައި ހުރެގެން ރަސްމީ ބޭނުން ނޫން އެހެން ކަމެއްގަ ކުރާ ކަމެއް ކަމަށް ވަންޏާ އެ ކަރަޕްޝަނަށް ނުވާނެ ގޮތެއް އަޅުގަނޑުގެ ފޮތަކު ނެތް ހަމަ އެއް ގޮތަކަށްވެސް،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެއީ ރައްޔިތުންގެ ހާލު ބަލަން ކުރާ ކަމެއް ނޫން ކަމަށާއި، ރައްޔިތުންގެ ހާލު ބެލުމަކީ ކޮންމެ ދެ މަހަކުން އެއްމަހު ކުރާ ކަމެއް ނަމަ މިހާރު ތިބޭނީ އަނެއްކާވެސް ހާލު ބަލަން ދަތުރު ތަކުގައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެއީ ރައްޔިތުންގެ ހާލު ބަލަން ކުރި ދަތުރުތަކެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބާ ދިމާކޮށެއް ނޫން ރައްޔިތުންގެ ހާލު ބަލަން ޖެހޭނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސަކަށް ވަޑައިގަންނަވާ ބޭފުޅަކަށް ރައްޔިތުންގެ ކަންކަން ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު އޮންނާނީ އެނގިވަޑައިގެންފައި ކަމަށާއި، އިންތިގާލީ މަރުހަލާގައި ކޮމިޓީތަކުން ކުރި މަސައްކަތުން ވެސް ކަންކަން އޮތް ގޮތް ރަނގަޅަށް ފެންނަން ހުންނާނެ ކަމަށެވެ.
އެހެން ކަމުން މަޖިލީސް އިންތިޚާބު ބޯމަތިވުމުން "ރައްޔިތުންގެ ހާލު ބަލަން ދާންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،' ރައީސް ޔާމީން ވިދާޅުވިއެވެ.