ކ. މާލެ
|
10 ޖުލައި 2024 | ބުދަ 02:00
މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ޔޫރޯ 2024
ފަހަތުން އަރައި ފްރާންސް ބަލިކޮށް، ސްޕެއިން ފައިނަލަށް
ސްޕެއިން އިން މެެޗު ކާމިޔާބު ކުރީ ފްރާންސް އިން ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސްގެ މައްޗަށް ކުރި ހޯދައި، ސްޕެއިން އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު ޖަރުމަނުގެ އަލިއާން އެރީނާގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 2-1ންނެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ފުރަތަމަ ހާފުގަ އެވެ. ސްޕެއިން އިން މެެޗު ކާމިޔާބު ކުރީ ފްރާންސް އިން ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

ފްރާންސް އާ ދެކޮޅަށް ނިކުތްއިރު، ކުރީ މެޗުގައި ޖަރުމަނާ ދެކޮޅަށް ކުޅުނުއިރު ލިބުނު އަނިޔާގެ ސަބަބުން ސްޕެއިންގެ ޕެޑްރީ އަށް މެޗުގައި ނުކުޅެވެ އެވެ. އަނެއްކޮޅުން ޑިފެންޑަރު ޑެނީ ކަވަހާލް އާއި ރޮބިން ލޭ ނޯމަންޑް ހުރީ ސަސްޕެންޝަންގަ އެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔަ ސްޕެއިން އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ފްރާންސްގެ އޭރިޔާ ތެރެއިން ސްޕެއިންގެ ފަބިއަން ރުއީޒް ބޮލިން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގައި ސްޕެއިން އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ފްރާންސް އިން ވަނީ އަށް ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ކެޕްޓަން ކީލިއަން އެމްބާޕޭ ހުރަސްކޮށްދިން ބޯޅައެއް، ބޮލުން ގޯލަށް ވައްދާލައިގެން ފްރާންސަށް ލީޑު ނަގައިދިނީ ރަންޑަލް ކޯލޯ މުއާނީ އެވެ.

ލަނޑަށް ފަހު ފްރާންސް އިން ދިޔައީ ރަނގަޅަށް ކުޅެމުންނެވެ. ސްޕެއިންގެ ގޯލަށް ނުރައްކާ ކުރުމަށް ފްރާންސް އިން މަސައްކަތް ކުރަމުން ދަނިކޮށް، ސްޕެއިން އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 21 ވަނަ މިނެޓުގައި ސްޕެއިން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. ފްރާންސްގެ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. އެ ލަނޑާ އެކު ޔަމާލް ވެގެން ގޮސްފައި ވަނީ ޔޫރޯ މުބާރާތެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

އޭގެ ހަތަރު މިނެޓު ފަހުން ސްޕެއިން އަށް ލީޑު ލިބުނީ ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ފްރާންސްގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް، ޑިފެންޑަރު ކައިރިން ނައްޓައި ޑެނީ އޮލްމޯ ގޯލަށް އަމާޒުކޮށް ފޮނުވާލިއިރު، އެ ބޯޅަ ގޯލަށް ވަނީ ކޫންޑޭގެ ފައިގައި ޖެހިފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ފްރާންސް އިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފައިވާއިރު، ސްޕެއިން އަށް ވަނީ އިތުރު ލަނޑު ޖަހައި ލީޑު ނަގާނެ ފުރުސަތު ވެސް ލިބިފަ އެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިން އިން މިއަހަރުގެ މުބާރާތުގެ ފައިނަލްގައި ނިކުންނާނީ އިންގްލެންޑު ނުވަތަ ނެދަލެންޑްސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް