ކ. މާލެ
|
26 ޖޫން 2024 | ބުދަ 13:27
އެމްޑީޕީ އަށް ނަވާރަ އަހަރު ފުރިފައިވާއިރު، އެއީ ރާއްޖޭގައި އޮތް އެންމެ ޒަމާންވީ އަދި ބޮޑު ޕާޓީ
އެމްޑީޕީ އަށް ނަވާރަ އަހަރު ފުރިފައިވާއިރު، އެއީ ރާއްޖޭގައި އޮތް އެންމެ ޒަމާންވީ އަދި ބޮޑު ޕާޓީ
ރާއްޖެ އެމްވީ
އެމްޑީޕީ
ކޮފީ މޭޒަކުން ކުލަ ޖެހުނު އެމްޑީޕީ، ބަދަލުނުވެ އޮތް ހަމައެކަނި ފިކުރު!
އެމްޑީޕީ އާއެކު ކަހަލަ ގޮތަކަށް ވަޖޫދުވެގެން އައި އެހެން ޕާޓީތައް މާޒީގެ ތެރެއަށް ސޮއްސާލައިގެން ދިޔަ އިރު ވެސް، ޒަމާންތަކަށް ދެމިގެން ދިޔަ ޕާޓީ އަކީ އެމްޑީޕީ އެވެ.

ދިވެހިން މިއަދު ދެކެމުން މި އަންނަ ޑިމޮކްރަސީ ހޯދައި ދިނުމުގައި އެންމެ ބޮޑު މަސައްކަތެއް ކުރި ބަޔަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އެވެ. ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ދިވެހި ރައްޔިތުން ބޭނުންވި ވެރިކަމުގެ ނިޒާމު ހޯދައިދިން ބަޔަކީ ވެސް އެމްޑީޕީ އެވެ. އެމްޑީޕީގެ ނަމުގައި ވުޖޫދުވެގެން އައި ސިޔާސީ ޕާޓީ އާއި، އެ ޕާޓީ އާއެކު މަސައްކަތް ކުރަން ތިބި އެތައް ލީޑަރުންނެއް ވަނީ، ދިވެހިންނަށް އެތައް ޙައްޤުތަކެއް ހޯދުމުގައި ގަދަ އަޅާ މަސައްކަތް ކޮށްފަ އެވެ.

ޚިޔާފު ފާޅު ކުރުމުގެ މިނިވަންކަމާއި، ދުލާއި ޤަލަމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން އެތައް ޙައްގުތަކެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، ތަފާތު ކުރުމެއް ނެތި ފޯރުކޮށްދެން ފެށި ބަޔަކީ އެމްޑީޕީ އެވެ. ފެނާއި، ނަރުދަމާގެ މަޝްރޫޢުތަކާއި، ގެދޮވެރިކަމުގެ މަޝްރޫޢު އާއި، ދަތުރު ފަތުރުން ރާއްޖެ ގުޅާލުމުގެ އިތުރުން، ހިލޭ ބޭސް ފަރުވާގެ ނިޒާމެއް ޤާއިމު ކުރުމަށް އުފެއްދި އާސަންދަ އަކީ މީގެ ތެރެއިން ކުޑަ މިސާލެކެވެ.

މިއަދު، އެމްޑީޕީ އަށް ނަވާރާ އަހަރުވެފައިވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އޮތް އެންމެ ބޮޑު އަދި އެންމެ ޒަމާންވީ ތާރީޚެއް އޮތް ޕާޓީ އަކީ ވެސް އެމްޑީޕީ އެވެ. އެމްޑީޕީ އާއެކު ކަހަލަ ގޮތަކަށް ވަޖޫދުވެގެން އައި އެހެން ޕާޓީތައް މާޒީގެ ތެރެއަށް ސޮއްސާލައިގެން ދިޔަ އިރު ވެސް، ޒަމާންތަކަށް ދެމިގެން ދިޔަ ޕާޓީ އަކީ އެމްޑީޕީ އެވެ. އެ ޕާޓީގެ ވިސްނުމާއި، ފިކުރެވެ. ފަލްސަފާ އާއި ޤަބޫލު ކުރުންތަކެވެ. ކުރު ގޮތަކަށް ދަންނަވާނަމަ، އެމްޑީޕީ އަކީ ފިކުރެކެވެ.

އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން - އެމްޑީޕީ

އެމްޑީޕީ އުފެދިގެން އައި ގޮތަށް ނަޒަރު ހިންގާލާއިރު، އެމްޑީޕީގެ އެޑްވައިޒަރު އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ބައެއް ވާހަކަތައް ޙިއްސާ ކުރައްވައިފަ އެވެ. ރައީސް ޞާލިޙު ވިދާޅުވީ އެކަމުގެ ތެރެއިން އެމަނިކުފާނަށް ވަކި ދުވަސްތަކެއް ފާހަގަކޮށްލެވޭ ކަމަށެވެ

އެގޮތުން ދެހާހުގެ ކުރިން، 1980 ގެ ފަހު ކޮޅުން ފެށިގެން ގޮސް، ދެހާހާ ހިސާބަށް ހޭދަކުރެވުނު ދުވަސްތައް ފާހަގަކޮށްލެވޭ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. ރައީސް ޞާލިޙު ވިދާޅުވާ ގޮތުގަައި، އެ ދުވަސްވަރަކީ މާބޮޑު މިނިވަންކަމެއް އޮތް ދުވަސްވަރެއް ވެސް ނޫނެވެ. އެގޮތުން ބަސް ބުނުމުގެ މިނިވަންކަން، ޚިޔާފު ފާޅު ކުރުމުގެ މިނިވަންކަން، ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މިނިވަންކަމެއް އޭރަކު ނޯވެ އެވެ.

އެހެން ނަމަވެސް، ރާއްޖެ ތަރައްޤީ ވަމުން އައުމުގައި ރައްޔިތުންގެ ވިސްނުމަށް ބޮޑެތި ބަދަލުތަކެއް އައިސް، އިސްލާޙުތަކެއް ގެންނަން ބޭނުންވި ޒުވާނުންތަކެއް އައެވެ. ރައީސް ޞާލިޙު ސިފަ ކުރެއްވި ގޮތުގައި އެމްޑީޕީ އުފެދެން މެދުވެރިވި ރޫހަކީ ވެސް އެއީ އެވެ. އެވަގުތުގެ ތެރޭގައި ވެސް ނޫސްވެރިކަމުގެ މިނިވަންކަން ކޮންމެ ވެސް ވަރަކަށް ލިބުނު ކަމުގައި ރައީސް ޞާލިޙު ވިދާޅުވެފައިވެ އެވެ. ދެތިން އަހަރު އެކަން އޮތުމަށްފަހު، އަނެއްކާ ވެސް އެކަމަށް ހުއްޓުމެއް އައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކާއި، ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެކަމުގައި އޭރު އިސްކޮށް އުޅުނު ޒުވާނުންގެ ރޫޙު އަދި ހިތްވަރު ހުރީ އެ މަސައްކަތައިގެން ކުރިއަށް ދާށެވެ. އެގޮތުން ރާއްޖެ އަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެމީހުންނަށް ޤަބޫލު ކުރެވުނެވެ. އެ އިސްލާޙީ ޙަރަކާތުގައި އޭރު ވެސް ވަރަށް ގިނަ ބަޔަކު ބައިވެރިވަމުން ގެންދިޔަކަން ރައީސް ޞާލިޙު ފާހަގަ ކުރެއްވި އެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ކުރީގެ ރައީސް ޞާލިޙު އެމްޑީޕީގެ ޙަރަކާތެއްގައި - އެމްޑީޕީ

އޭގެ ފަހުން، ދެ ހާސް ވަނަ އަހަރާ ހަަމައިން، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުން އައި ކަމަށް ރައީސް ޞާލިޙު ވިދާޅުވި އެވެ. އެކަމުގައި ގިނަ ބަޔަކު ޝާމިލުވެފައިވެ އެވެ. އެގޮތުން އޭރު ކިޔަވަން އުޅުނު ކުދިން، ކޮންމެ ބުރާސްފަތި ދުވަހަކު އެއް ވަނީ ނަސަންދުރަ އަށެވެ. އެއީ އެ ދުވަހުގެ މެންދުރުގެ ކެއުމާ ވެސް އެކު އެވެ.

އެކަމުގެ މައިގަނޑު ބޭނުމަކީ ވާހަކަ ދައްކައި، ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. މެކްސިކަން ރައިސެއް ކާން ތިބެގެން ކުރިއަށް ގެންދެވުނު އެ މަޝްވަރާތަކުން، ސިޔާސީ ޕާޓީއެއް ހެދުމަށް އެއްބަސްވެވުނު ކަމަށް ރައީސް ޞާލިޙު ވިދާޅުވެފައިވެ އެވެ. އެ މަޝްވަރާގައި ރައީސް ޞާލިޙުގެ އިތުރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން، އަލްއުސްތާޛް އަޙުމަދު މުޢިއްޒު ވެސް އިންނެވި ކަމަށް ރައީސް ޞާލިޙު ވިދާޅުވި އެވެ.

އެ މަޝްވަރާތަކުގައި އެ ބޭފުޅުން ތިއްބަވަނިކޮށް، އެ ތަނަށް ވަޑައިގެންނެވީ މަޝްހޫރު ޤާނޫނީ ވަކީލު އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށް ރައީސް ޞާލިޙު ވިދާޅުވި އެވެ. ސުއޫދު އާއި މުޢިއްޒުއާ ދެ ބޭފުޅުންނަކީ، އޭރު އެކީގައި ލޯ ފާމެއް ހަދައިގެން އުޅުއްވާ ދެ ބޭފުޅުން ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވި އެވެ. އެ ހުރިހާ ބޭފުޅުން މަޝްވަރާ ކުރުމަށް ސިޔާސީ ޕާޓީއެއް އެފެއްދުމަށް ނިންމި އެވެ.

ޖެހިގެން ވަޑައިގެންނެވީ އެ ލޯ ފާމަށެވެ. އެ ތަނަށް ވަޑައިގެން ސިޔާސީ ޕާޓީގެ ޢަސާސީ ޤަވައިދާއި، އެހެނިހެން ބައެއް ކަންކަން ނިންމެވި ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވި އެވެ. އޭގެ ފަހުން އެ ބޭފުޅުންނަށް އެނގުނު ގޮތުގައި އޭރު ވިޔަފާރި ވެރިންގެ ޖަމިއްޔާ (ޗެމްބާ އޮފް ކޮމާސް) ގައި ވެސް އޭރު އިސްކޮށް ތިއްބެވި ވިޔަފާތި ވެރިން ވެސް އެކަހަލަ ވިސްނުމެއް ގެންގުޅުއްވި އެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ކުރީގެ ރައީސް ޞާލިޙު އެމްޑީޕީގެ ޙަރަކާތެއްގައި - އެމްޑީޕީ

ގިނަ މަސައްކަތްތަކަކަށްފަހު އެމްޑީޕީ އުފެދިގެން އައިއިރު، އެ ހުރިހާ ބޭފުޅުން ވެސް އޭގެ ތެރޭގައި ހިމެނިގެން ދިޔަކަން ރައީސް ޞާލިޙު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އޭރު ސިޔާސީ ވިސްނުމުގައި ތިއްބެވި ބޭފުޅުންނާއި، ވިޔަފާރި ވެރިން ވެސް ތިއްބެވީ ބަދަލަކަށް ބޭނުންވެފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ ފަހުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް، 42 ފަރާތެއްގެ ސޮޔާއެކު ފޯމު ހުށަހެޅުއްވި އެވެ. އެހެން ނަމަވެސް، އެ ފަހަރު އެ ޕާޓީ ރަޖިސްޓްރީއެއް ނުވި އެވެ. އޭރު އޮތް ޤާނޫނު އަސާސީގައި އޮންނަ މާއްދާ އަކަށް ރިއާޔަތް ކުރުމަށްފަހު، އެ ޖާގަ ނުދޭން ސަރުކާރުން ނިންމި އެވެ. ސިޔާސީ ޕާޓީ އުފެއްދުމަށް ހޯމް މިނިސްޓްރީ އަށް ހުށަހެޅުމުން، އެ މައްސަލަ އޭރު ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވި އެވެ.

އޭރު ރައީސް ޞާލިޙު ވެސް އިންނެވީ ރައްޔިތުންގެ މަޖިލީހުގަ އެވެ. އެ ދުވަހު އެކަމަށް ބަހުސް ކުރުމަށްފަހު ސިޔާސީ ޕާޓީ ހެދުމަށް ފެންނަތޯ ނުވަތަ ނޫންތޯ ވޯޓަކަށް އެހި އެވެ. ސިޔާސީ ޕާޓީއެއް އުފެއްދުމަށް ފެންނަ ކަމަށް އޭރު ލިބުނީ އެންމެ ހަތަރު ވޯޓެވެ. އެއީ ރައީސް ޞާލިޙުގެ އިތުރުން، ޙަސަން ޢަފީފް، ފ.އަތޮޅުގެ މެމްބަރަކަށް ހުންނެވި ބަކުރު އަދި ހަތިފުށީ ޝާކިރުގެ ވޯޓެވެ. އެހާ ހިސާބުން، ސިޔާސީ ޕާޓީ ހަދަން ނުފެން ކަމަށް ސަރުކާރުން ނިންމައި، އޭރު ހުށަހެޅި ފޯމު ބާތިލު ކުރި އެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ކުރީގެ ރައީސް ޞާލިޙު އެމްޑީޕީގެ ޙަރަކާތެއްގައި - އެމްޑީޕީ

އެހެން ނަމަވެސް، އޭގެ ފަހުން އަނެއްކާ ވެސް މަސައްކްތަތަކަށްފަހު ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް 2005 ވަނަ އަހަރު ހުށަހެޅި އެވެ. އެފަހަރު ހުށަހެޅި ފޯމު ބަލައި ގަތުމާއެކު، ސިޔާސީ ޕާޓީ އުފެދިގެން އައި ކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ. އެއާއެކު، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އިސްވެ ހުންނަވައި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުފެދިގެން އައިކަން ރައީސް ޞާލިޙު ފާހަގަ ކުރެއްވި އެވެ.

ރައީސް ޞާލިޙު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއް އުފެދިގެން އައި ދަތުރަކީ އެއީ އެވެ. އެކަމުގައި ގިނަ ބަޔަކު ޝާމިލުވާއިރު، އެމަނިކުފާނު ވަނީ ބައެއް ބޭފުޅުންގެ ނަންތައް ޙިއްސާ ކުރައްވައިފަ އެވެ. އެގޮތުން އެމްޑީޕީ އުފައްދާ ވާހަކަ ރާއްޖެ އިން ބޭރުގައި އިއުލާން ކުރެއްވީ މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އެވެ. ރައީސް ޞާލިޙު ވިދާޅުވީ ގޯގޯ ލަތީފް، ބީބީސީގައި އެ ވާހަކަ ލައިވްކޮށް އިއުލާން ކުރެއްވި ކަމަށެވެ.

އޭގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އިބްރާހީމް އިސްމާއީލް (އިބްރާ)، އިބްރާހީމް ޙުސެއިން ޒަކީގެ ނަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އޭގެ ފަހުން ޑޮކްޓަރު މުނައްވަރާއި، މޫސާ މަނިކު (ރީކޯ) އަދި އެތައް ބަޔަކު ޙަރަކާތްތެރިވި ކަމަށް ރައީސް ޞާލިޙު ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ކުރީގެ ރައީސް ޞާލިޙު އެމްޑީޕީގެ ޙަރަކާތެއްގައި - އެމްޑީޕީ

އެ އަހަރު އެމްޑީޕީ އުފެދިގެން އައިއިރު، 2008 ވަނަ އަހަރާ ހަމައަށް ގިނަ ކަންކަމާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވި އެވެ. ޚާއްސަކޮށް ޕާޓީ ހިންގުމުގައި އަންހެން ކަނބަލުންގެ ދައުރު ވަރަށް ބޮޑުވެގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޚާއްސަކޮށް އެމްޑީޕީން ރާވައި ހިންގި މުޒާހަރާތަކާއި، އެއްވުންތަކުގައި ވެސް އަންހެނުންގެ ބައިވެރިވުން އޮތް ކަމަށް ވިދާޅުވި އެވެ. ޚާއްސަކޮށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ކުރެއްވި މަސައްކަތް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މުޅި ރާއްޖެ އަށް އެމްޑީޕީ ފުޅާ ކުރުމަށް ކުރަމުން އައި މަސައްކަތުގައި އައްޑު އަތޮޅާއި، ހުވަދު އަތޮޅުގެ ބޭފުޅުން ވަރަށް ޙަރަކާތްތެރިކޮށް ފެނުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ހއ.ދިއްދޫ އާއި އިހަވަންދޫގެ އިތުރުން އެމަނިކުފާނުގެ އުފަން ރަށް، ޅ.ހިންނަވަރުން ވެސް ގިނަ ބަޔަކު ޕާޓީއާ ގުޅުނުކަން ރައީސް ޞާލިޙު ފާހަގަ ކުރެއްވި އެވެ.

އޭގެ ފަހުން 2008 ވަނަ އަހަރު އެމްޑީޕީން ރާއްޖޭގެ ވެރިކަން ހޯދި އެވެ. ރައީސް ނަޝީދުގެ ވެރިކަމަށް ތިން އަހަރުވެފައި ވަނިކޮށް، ޤާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަކީ އެމްޑީޕީގެ ތާރީޚުގައި ހިނގި އެންމެ ބޮޑު އެއް ކަންތަކެވެ. އޭގެ ފަހުން އެމްޑީޕީގެ ދުވެއްޔަށް މަޑު ޖެހުމެއް އައިސްފައި ނެތްއިރު، ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ ވެސް އެމްޑީޕީ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު އެމްޑީޕީން ދެ ވަނަ ފަހަރަށް ރާއްޖޭގެ ވެރިކަން ހޯދައި، ޖެހިގެން 2019 ވަނަ އަހަރު އައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ބޮޑު މެޖޯރިޓީއެއް ހޯދި އެވެ.

މިއަދު އެމްޑީޕީ އަށް 19 އަހަރުވެފައިވާއިރު، އެ ޕާޓީ އަކީ ރާއްޖެ އަށް ބަދަލުތަކެއް ގެނެސްދިން ޕާޓީ އެކެވެ. ކުރިން ވެސް ދެންނެވި ފަދައިން ނުލިބި އޮތް އެތައް ޙައްގުތަކެއް ހޯދައިދިން ޕާޓީ އެކެވެ. މަރުކަޒީ ކުރެވިފައި އޮތް ބާރުތައް، ލާމަަރުކަޒީކޮށް، ރައްޔިތުންނަށް ބާރުތައް ދޫކޮށްލި ޕާޓީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް