ކ. މާލެ
|
16 ޖޫން 2024 | އާދީއްތަ 14:55
ގިނަ ޕާޓީތަކަކީ ހަމަ އެކަނި ރިޔާސީ އިންތިޚާބަށް ހަރަކާތްތެރިވާ ޕާޓީތަކެއް ކަން ފާހަގަ ކުރެވޭ
ގިނަ ޕާޓީތަކަކީ ހަމަ އެކަނި ރިޔާސީ އިންތިޚާބަށް ހަރަކާތްތެރިވާ ޕާޓީތަކެއް ކަން ފާހަގަ ކުރެވޭ
ބައި-އިލެކްޝަން
އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
ޕީއެންސީގެ ކެންޑިޑޭޓުން ފިޔަވާ އިތުރު ފަރާތަކުން އެ 3 ގޮނޑިއަށް ކުރިމަތި ލާފައެއް ނުވޭ

އިލެކްޝަން ކޮމިޝަނުން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާ އިއުލާން ކުރި ބައި-އިލެކްޝަން ތަކުގެ ތެރެއިން ވާދަ ކުރާނެ އިތުރު ފަރާތެއް ކުރިމަތި ނުލުމުގެ ސަބަބުން 3 ބައި-އިލެކްޝަނެއް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކާމިޔާބު ވެއްޖެ އެވެ.

ޕީއެންސީއަށް ލިބުނު 3 ގޮނޑިއަކީ ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއާއި، ރ. ހުޅުދުއްފާރު ކައުންސިލް މެންބަރުކަމާއި، ޅ އަތޮޅު ކައުންސިލް ރައީސްގެ ގޮނޑިއެވެ.

ޕީއެންސީގެ ކެންޑިޑޭޓުން ފިޔަވާ އިތުރު ފަރާތަކުން އެ 3 ގޮނޑިއަށް ކުރިމަތި ނުލާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކުރިން މި 3 ގޮނޑިއަށް މީހުން އިންތިޚާބު ކުރަން ބާއްވަން ހަމަޖެއްސި ބައި-އިލެކްޝަން ނުބާއްވާން ނިންމާފައެވެ.

ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ގިނަ ސިޔާސީ ޕާޓީތަކެއް ހުރި ކަމުގައި ވިޔަސް އިންތިޚާބު ތަކުގައި ވާދަކޮށް، ސިޔާސީ ހަރަކާތްތައް ގަވައިދުން ބާއްވަމުން އަންނަނީ މަދު ޕާޓީއަކުން މަދު ފަހަރަކު ކަން އަންނަނީ ފާހަގަ ވަމުންނެވެ. ގިނަ ޕާޓީތަކަކީ ހަމަ އެކަނި ރިޔާސީ އިންތިޚާބަށް ހަރަކާތްތެރިވާ ޕާޓީތަކެއް ކަން ފާހަގަ ކުރެވެއެވެ.

ބޮޑެތި ޚަރަދުތަކާއެކު ނިސްބަތުން ގިނަ ބައި-އިލެކްޝަންތަކެއް ބާއްވާން ޖެހޭ ކަން ރާއްޖޭގައި ފާހަގަ ވެފައިވާއިރު އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު 6 ބައި-އިލެކްޝަނެއް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރޭން ހުސްވެފައިވާ 3 ގޮނޑި އާއި މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް މީހުން އިންތިޚާބު ކުރުމެވެ.

މި ގޮތުން ފ. ބިލެތްދޫ ކައުންސިލްގެ ރައީސް ގެ މަގާމާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރުގެ މަގާމައި، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ކަމުގެ މަގާމަށް މީހުން އިންތިޚާބު ކުރުން ހިމެނެއެވެ.

މާލޭ ސިޓީ ކައުންސިލަށް މީހުން އިންތިޚާބު ކުރާ 3 ގޮނޑިއަކީ ހުޅުމާލެ ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ ގެ ކައުންސިލް މެންބަރު ކަމެވެ.

ފ. ބިލެތްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބައި-އިލެކްޝަނަށް އިއުލާން ކުރި ނަމަވެސް އެއްވެސް ފަރާތަކުން އިންތިޚާބަށް ކުރިމަތިލާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް