ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 19:28
ޙައްޖު 1445 - އަރަފާތު ދުވަހުގެ ޚާއްސަ ޚުތުބާގެ ވަގުތައް 110،000 އަކަމީޓަރުގެ ނަމީރާ މިސްކިތުގެ އެތެރޭގެ ޖާގަ ފުރުނު
ޙައްޖު 1445 - އަރަފާތު ދުވަހުގެ ޚާއްސަ ޚުތުބާގެ ވަގުތައް 110،000 އަކަމީޓަރުގެ ނަމީރާ މިސްކިތުގެ އެތެރޭގެ ޖާގަ ފުރުނު
މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާ / ×
ޙައްޖު 1445
ހައްޖުގެ އެންމެ މުހިންމު ރުކުން ފުރިހަމަ ކުރަން ހައްޖުވެރިން އަރަފާތައް
ހައްޖުގެ އެންމެ މުހިންމު ރުކުން އަދާ ކުރުމަށް ހޮނިހިރު ދުވަހު އަރަފާތައް ދިޔަ 1.8 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ފުރަތަމަ ޖަމާވީ އަރަފާތުގެ ނަމީރާ މިސްކިތަށް
އަރަފާތުގެ ޚުތުބާ ނަމީރާ މިސްކިތުގައި ދެއްވީ މައްކާގެ މަސްޖިލް ހަރާމްގެ އިމާމް ޝެއިޚް މަހީރް އަލް-މުއައިޣްލީ
އަރަފާތުގެ މައިދާނަށް ހައްޖުވެރިން ޖަމާވަމުން ދިޔައިރު ދުވަހުގެ ފިނިހޫނު މިން ހުރީ 47 ޑިގުރީ ސެލްސިއަސް ގަ

ހައްޖުގެ އަޅުކަމުގެ ފުރަތަމަ ދުވަސް ކަމަށްވި ހުކުރު ދުވަހާއި ހުކުރު ދުވަހުގެ ރޭ މިނާގައި ނަމާދު ކުރުމާއި ދުއާ ކުރުމުގައި ވަގުތުތައް ހޭދަ ކުރުމަށްފަހު، ހައްޖުވެރިން އަރަފާތައް ދިއުމަށް ދަތުރު ފެށީ ހޮނިހިރު ދުވަހުގެ ހެނދުނެވެ.

ހައްޖުވެރިން އަރަފާތައް ދިޔައީ މަޝާއިރު ޓްރޭން އާއި ހައްޖުވެރިންނަށް ޚާއްސަ ކޮށްފައިވާ ބަސް ތަކާއި އެހެނިހެން އުޅަނދު ތަކުގައެވެ. ހައްޖު މޫސުމުގެ ބޭރުން އާއްމުކޮށް ހުސްކޮށް އޮންނަ އަރާފާތު މާ ސިންގާ ސަރަހައްދު ހޮނިހިރު ދުވަހު ފެނުނީ ފުރި ބާރުވެފައިވަނިކޮށްނެވެ. އަރަފާތުގެ މަގުތައް ފެނުނީ ތޮއްޖެހިފައިވަނިކޮށްނެވެ. ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި އެތައް ސަތޭކަ ވޮލަންޓިއަރުން ހައްޖުވެރިންގެ ޚިދުމަތުގައި ފެން ބެހުމާއި ކުނި ހޮވާ ސާފުކުރުމުގައި ހަރަކާތްތެރި ވަމުން ދިޔައިރު، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހެލިކޮޕްޓަރުތައް ބޯމަތިން އުދުހެމުން ދިޔައެވެ. ތަލްބިޔާގެ އަޑުން މުޅި މާހައުލު އޮތީ ގުގުމާލާފައެވެ.

ހައްޖުގެ އެންމެ މުހިންމު ރުކުން އަދާ ކުރުމަށް ހޮނިހިރު ދުވަހު އަރަފާތައް ދިޔަ 1.8 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން ފުރަތަމަ ޖަމާވީ އަރަފާތުގެ ނަމީރާ މިސްކިތަށެވެ.

އަރަފާތު ދުވަހުގެ ޚާއްސަ ޚުތުބާގެ ވަގުތައް 110،000 އަކަމީޓަރުގެ ނަމީރާ މިސްކިތުގެ އެތެރޭގެ ޖާގަ ފުރުނު އިރު މިސްކިތުގެ 8،000 އަކަމީޓަރުގެ ގޯތިތެރޭގެ ސަރަހައްދުވެސް އޮތީ ފުރި ބާރުވެފައެވެ.

އަރަފާތުގެ މައިދާނަށް ހައްޖުވެރިން ޖަމާވަމުން ދިޔައިރު ދުވަހުގެ ފިނިހޫނު މިން ހުރީ 47 ޑިގުރީ ސެލްސިއަސް ގައެވެ. ހައްޖުވެރިންނަށް ހޫނުގެ އުނދަގޫ ކުޑަކުރުމަށް ނަމީރާ މިސްކިތާއި ވަށައިގެންވާ ސަރަހައްދައި ސައުދީ ސަރުކާރުން ދިޔައީ 3 މިލިއަން ޑޮލަރުގެ ފެން ސްޕްރޭ ކުރާ އަގުބޮޑު ނިޒާމެއް ބަހައްޓާ ޚިދުމަތް ދެމުންނެވެ.

އަރަފާތުގެ ޚުތުބާ ނަމީރާ މިސްކިތުގައި ދެއްވީ މައްކާގެ މަސްޖިލް ހަރާމްގެ އިމާމް ޝެއިޚް މަހީރް އަލް-މުއައިޣްލީ އެވެ.

ޚުތުބާގައި އިމާމު ގޮވާލެއްވީ ﷲ ގެ އަމުރުފުޅުތަކަށް އެންމެހާ މުސްލިމުން ކިޔަމަން ވުމަށެވެ. އަދި ދުނިޔެއާއި އާޚިރަތުގެ އުފަލާ ކާމިޔާބަށް ޓަކައި ﷲ ނަހީ ކުރެއްވި ކަންކަމުން ދުރުހެލިވުމަށެވެ.

ޙައްޖު 1445 - މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާ / ×

ހައްޖަކީ އިޚްލާސްތެރި ނިޔަތުގައި ﷲ އަށް އަދާ ކުރާ އަޅުކަމެއް ކަމަށާއި، އެހެން ކަމުން ހައްޖަކީ ސިޔާސީ ޝުއޫރު ފާޅުކުރަން އޮތް ފުރުސަތެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ފަލަސްތީނުގެ ރައްޔިތުން އުފުލަމުންދާ ވޭނާ އަނިޔާ އިން މިންޖު ކޮށްދެއްވުން އެދި ވަނީ ދުއާކޮށްފައެވެ.

ޚުތުބާއަށް ފަހު މެންދުރު ނަމާދާއި އަސްރު ނަމާދު ކުރުކޮށް ޖަމައުކޮށް އިމާމުވެ ކުރެއްވީ މަހީރް އަލް މުއައިޣްލީ އެވެ. ނަމީރާ މިސްކިތުގައި މެންދުރު ނަމާދާއި އަސްރު ނަމާދު ކުރުމަށްފަހު ހައްޖުވެރިން ދުވަހުގެ ބާކީ ބައި ހޭދަކުރީ އަރަފާތުގައި ތިބުމުގައެވެ.

ހައްޖުވުމަށް ދާ ކޮންމެ މީހަކު އަރަފާތުގައި ހުރުމަކީ ހައްޖުގެ 4 ރުކުނުގެ ތެރެއިން އެއް ރުކުން ކަމަށް ވުމާއެކު، ހޮނިހިރު ދުވަހުގެ މެންދުރު ނަމާދަށްފަހު އިރު އޮއްސުމާ ހަމަ އަށް ގުރުއާން ކިޔެވުމާއި، ދުއާ ކުރުމާއި ޒިކްރު ކުރުމުގައި ހައްޖުވެރިން ވަނީ އަރަފާތުގައި ވަގުތު ހޭދަކޮށްފައެވެ.

އަރަފާތަށް ފަހު ހައްޖުވެރިން ދެން ދާނީ މުޒްދަލިފާއަށެވެ. ހޮނިހިރު ދުވަހުގެ ރޭ މަޣްރިބް ނަމާދާއި އިޝާ ނަމާދު، އިޝާ ނަމާދުގެ ވަގުތުގައި ކުރުމަށް ފަހު ހައްޖުވެރިން ރޭގަނޑުގެ ވަގުތު ހޭދަ ކުރާނީ ދުއާ ކުރުމާއި، ޒިކުރު ކުރުމާއި، ގުރުއާން ކިޔެވުމުގައި މުޒްދަލިފާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް