Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ވެމްޕަޔަރ ޕަވަރ

"ވެމްޕަޔަރ ޕަވަރ": ކަރަންޓު ބޯ މައްސަލައަށް ހައްލު ހޯދައިގެން ބިލަށް އެނގުން ވެދާނެބާ؟

އާންމު ދިރިއުޅުމަށް ބޭނުން ކުރާ ބައެއް ސާމާނުތަކާއި އާލާތްތަކަކީ ބޭނުން ނުކޮށް ހުންނަ ވަގުތުތަކުގައިވެސް ހަކަތަ ދަމާ، މީޓަރު ހިންގާ ތަކެތި

ރާއްޖެ އެމްވީ | 8 ޖޫން 2024 | ހޮނިހިރު 12:37
މުނިފޫހިފިލުވާލުމާ އެނޫންވެސް އެފަދަ ބޭނުންތަކަށް ގޭތެރޭގެ އެކި ހިސާބުތަކުގައި ހުންނަ ޑިވައިސްތަކަކީވެސް ވެމްޕަޔަރ ޕަވަރގެ ލިސްޓަށް ލާންޖެހޭ ޑިވައިސްތަކެއް

މުނިފޫހިފިލުވާލުމާ އެނޫންވެސް އެފަދަ ބޭނުންތަކަށް ގޭތެރޭގެ އެކި ހިސާބުތަކުގައި ހުންނަ ޑިވައިސްތަކަކީވެސް ވެމްޕަޔަރ ޕަވަރގެ ލިސްޓަށް ލާންޖެހޭ ޑިވައިސްތަކެއް

ރަށު އެންމެންހެން އަދިވެސް އެއް އަޑަކަށް ކުރަމުން ދަނީ ކަރަންޓު ބިލު ބޮޑުވި ކަމުގެ ޝަކުވާއެވެ. އެކި މީހުން އެކި ޙުއްޖަތްތައް ދައްކައެވެ. ދިފާޢަށް ކުޅޭ ޓީމުގެ އަޑުފަށްގަނޑުވެސް މަޑެއްނޫނެވެ. ބިލު ބޮޑުވީ "ބޭނުން ކުރި ވަރު" އިތުރުވެގެންނޭ ބުނެ، ޒާތްޒާތުގެ އަޑުތައް ދިފާޢަށް ކުޅޭ ޓީމުން ފަތުރައެވެ. އަދު ކަން އޮތް ގޮތުން، ހުރިހާ ޒިންމާއެއް އުފުލަން ހުރި މީހަކީ ހަމަ އާންމު ރައްޔިތު މީހާއެވެ. އެހެން ކަމުން، ވަގުތަށް އޮތް އެންމެ ރަނގަޅު އެއް ޙައްލަކަށް ވާނީ، އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް ބިލު ކުޑަ ވޭތޯ، އާންމު ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެނައުމެވެ. ހިސާބަކަށް މަސައްކަތް ބުރަވި ކަމުގައި ވީ ނަމަވެސް، އިންސާނެއްގެ ހިލަމެއްވެސް ނެތް ފަޅު އެޕަރޓްމަންޓްތަކުގެ ބިލު ބޮޑުވެގެން ދިޔަ މައްސަލައަށް މި ފާހަގަ ކުރާ ކަންކަމުން އެނގުން ވާން ޖެހޭނެތާއެވެ.

ކަރަންޓު ބިލުގެ މައްސަލާގައި އަހަރެމެން އާންމުންނަށް މާ ބޮޑު ބާރެއް ނެތެވެ. އެހެން ނަމަވެސް އަހަރެމެންގެ ބާރު ހިނގާ ކަމެއް އެބަ އޮތެވެ. އެއީ ގޭގައި ސޮކެޓްތަކަށް ޖަހާފައި ހުންނަ ނުހުންނަ ފައިކަށިތަކުގެ ކޮންޓްރޯލްއެވެ. ނުވަތަ ޕްލަގް ލުއްސާލުމުގެ ކޮންޓްރޯލްއެވެ. ކޮށްލާ ކުޑަކުޑަ ކަމުންވެސް ވޮލެޓަށް އެނގުން ވެލާނެއެވެ. ހަމަ ޔަޤީނުންވެސް ދެން ލިބޭ ކަރަންޓު ބިލަކުން، އާންމު މީހާއަށް ކޮންމެވެސް ވަރެއްގެ ހިނިތުންވުމެއް ގެނުވުން ގާތެވެ.

އާންމު ދިރިއުޅުމަށް ބޭނުން ކުރާ ބައެއް ސާމާނުތަކާއި އާލާތްތަކަކީ ބޭނުން ނުކޮށް ހުންނަ ވަގުތުތަކުގައިވެސް ހަކަތަ ދަމާ، މީޓަރު ހިންގާ ތަކެއްޗެވެ. މިކަމަކީ ގިނަ ފަހަރު ހަނދާނުގައިވެސް ހުންނަ ކަމަކަށް ނުވެއެވެ. އިނގިރޭސި ބަހުން މިކަމަށް 'ވެމްޕަޔަރ ޕަވަރ' އޭ ކިޔާ އުޅެއެވެ. އެއީ ހިމޭންވެދާ ވަގުތުތަކުގައިވެސް ހަކަތަ 'ބޮމުން' ދާތީއެވެ. މިފަދަ ސަމާނުތަކާއި އާލާތްތަކާއި ސާމާނުތަކަކީ ކޮބައިކަން ދެނެގަނެ، އެކަން އެހެން ވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމާ ހިނގާށެވެ.

އެންމެ ފުރަތަމަވެސް ދައްކަން އޮތީ ޗާޖަރުތަކުގެ ވާހަކައެވެ. ފޯނާއި، ލެޕްޓޮޕް އަދި ޓެބްލެޓް ފަދަ ޑިވައިސްތަކަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ ޗާޖަރުތަކަކީ ތާ އަބަދު ކަރަންޓު ދަމަދަމާ ހުންނަ އާލާތްތަކެކެވެ. ޑިވައިސްއެއް ޗާޖު ކުރަން ޖަހާފައި ނެތަސްމެއެވެ. އެއީ ކުޑަ މިންވަރެކޭ ހީވި ކަމުގައި ވީ ނަމަވެސް، ދިގު މުއްދަތަކަށް ބަލާނަމަ އެއީ ކުޑަ މިންވަރެކޭ ބުނެވިދާނެ ހެއްޔެވެ؟ ޑިވައިސްއެއް ޗާޖުކޮށް ނިމޭ ހިސާބުން، ސޮކެޓު ނިއްވާލުމަށްފަހު ޗާޖަރު ލުހެލުމަކީ ހަކަތަ ބޭކާރުވުން ހުއްޓުވިދާނެ ގޮތެކެވެ. އަދި ޗާޖަރުގެ އުމުރުވެސް ދިގުވެގެންދާނެ ކަމެކެވެ.

ދެން ހުރީ ޓީވީއެވެ. ވަކިން ޚާއްޞަކޮށް މި ޒަމާނުގައި މި ހުންނަ ސްމަރޓް ޓީވީތަކަކީ ނިވާލާފައި ހުންނަ ވަގުތުތަކުގައިވެސް ފުދޭ ވަރަކަށް ކަރަންޓް ދަމާ ޑިވައިސްތަކެކެވެ. ހަށި ފަސޭހައަކަށް ޓީވީ ނިވާލަނީ އިންތިދާ އިނދެ، ރިމޯޓުން ނުވަތަ ފޯނު އެޕްލިކޭޝަންއެއްގެ އެހީގައެވެ. އެހާ ހިސާބުން ޓީވީ ނިވުނީއެއް ނޫނެވެ. ޓީވީ އެ ދިޔައީ ސްޓޭންޑް ބައި މޯޑަށެވެ. ރިމޯޓުން ނުވަތަ ފޯނު އެޕްލިކޭޝަނުން ސިގުނަލެއް ފޮނުވާލާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ސޮފްޓްވެއަރ އަދާހަމަވުމުގެ ބޭނުމުގައިވެސްމެއެވެ. ޓީވީ ބަލާނެ ވަރަކަށް ބަލާ ނިމުމުން، ޓީވީ ވާގަނޑުވެސް ސޮކެޓުން ލުހެލާށެވެ. ހަކަތައިގެ ޚަރަދުން ބޮޑު ބައެއް ސަލާމަތް ކުރެވޭނެއެވެ.

ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާ ބެހޭ އާލާތްތަކަކީވެސް ނިވާލާފައި ހުންނަ ވަގުތުތަކުގައި ކަރަންޓް ދަމާ އެއްޗެއްސެވެ. ޑެސްކްޓޮޕް ކޮމްޕިއުޓަރ، މޮނީޓަރ، ޕްރިންޓަރ އަދި ސްކޭނަރ ފަދަ ޑިވައިސްތަކަކީ ކަރަންޓް ދަމާ ޑިވަސްތަކެއް ކަމުން، އެންމެ ބުއްދިވެރި ގޮތަކީ ދުވަހުގެ މަސައްކަތް ނިމުމާއެކު މި ޑިވައިސްތަކުގެ ކަރަންޓް ވާތަށްވެސް ސޮކެޓުން ލުހެލުމެވެ.

ބަދިގެ ތެރޭގައި ހަށި ފަސޭހައަށް ބޭނުން ކޮށް އުޅޭ އާލާތްތަކަކީވެސް ހަމަ މިފަދަ އެއްޗެއްސެވެ. މައިކްރޯވް، ކޮފީ މޭކަރ، ޓޯސްޓަރ، މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މި ދެންނެވި ސާމާނަކީ ތާ އަބަދު ކަރަންޓަށް ޖަހާފައި ބަހައްޓަން ޖެހޭވެސް އެއްޗެއްސެއް ނޫނެވެ. މިފަދަ ޑިވައިސްތަކަކީ ގިނަ ފަހަރަށް ކޮންމެވެސް ކަހަލަ ޓައިމަރެއް ހަރުކުރެވިފައި ވާ އުސޫލުން ފަރުމާ ކޮށްފައި ވާ ޑިވައިސްތަކެއް ކަމުން، ސްޓޭންޑްބައި މޯޑަށް ދާ ގޮތްވެއެވެ. އެހެން ކަމުން، ބަދިގޭގައި އާންމުކޮށް މި ގެންގުޅޭ ސާމާނުތައްވެސް ސްވިޗު އޮފް ކުރުމަށް ފަހު، ސޮކެޓުން ޕްލަގު ލުހެލާށެވެ.

މުނިފޫހިފިލުވާލުމާ އެނޫންވެސް އެފަދަ ބޭނުންތަކަށް ގޭތެރޭގެ އެކި ހިސާބުތަކުގައި ހުންނަ ޑިވައިސްތަކަކީވެސް ވެމްޕަޔަރ ޕަވަރގެ ލިސްޓަށް ލާންޖެހޭ ޑިވައިސްތަކެކެވެ. ލަވަޖަހާ ސެޓު، ހޯމް ތިއޭޓަރ ސިސްޓަމް، ޑީވީޑީ ޕްލޭޔަރ އަދި ގޭމް ކޮންސޯލްފަދަ އާލާތްތަކާއި ޑިވައިސްތަކަކީ ބޭނުން ނުކޮށް ހުންނަ ވަގުތުތަކުގައިވެސް ފުދޭ ވަރަކަށް ކަރަންޓް ދަމާ އެއްޗެއްސެވެ. މިފަދަ ސާމާނުތައް ސޮކެޓުން ލުހެލުމަކީ ބިލަށް އެނގުން ވާނެ ކަމެކެވެ. އަދި ކަރަންޓު މައްސަލަޖެހިގެން އަލިފާނުގެ ހާދިޘާއެއް ހިނގުން ފަދަ ނުރައްކާތަކުން ސަލާމަތް ވުމަށް އެހީވެދޭ ކަމެއްވެސް މެއެވެ.

އެކި ޗެނަލްތައް ބަލައިލުމުގެ ބޭނުމުގައި ތިޔަ ގެންގުޅޭ ކޭބަލް ފޮށިތަކަކީވެސް މި ޒާތުގެ އެއްޗެކެވެ. ވަކިން ޚާއްޞަކޮށް ޑީވީއާރް ފަންގްޝަން ހުންނަ ކޭބަލް ފޮށިތަކަކީ، އާންމު ގޭބިސީއެއްގެ ކަރަންޓު ބިލުގައި ބޮޑު ހިއްސާއެއް އަދާ ކުރާ އެއްޗެއްސެވެ. ޕްރޮގްރާމް ގައިޑްތައް އަދާހަމަ ކުރުމަށާއި، ރެކޯޑް ކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ކޭބަލް ފޮށިތަކުން ތާ އަބަދު ދާނީ ހަކަތަ  ބޮމުންނެވެ. ދިގު މުއްދަތަކަށް ކޭބަލްއާ ދުރަށް ޖެހިލާނަމަ، މިސާލަކަށް ޗުއްޓީއަށް ތަނަކަށް ދާ ކަމުގައި ވާނަމަ، ކޭބަލް ފޮށިތަކަށް ކަރަންޓު ދޭ ޕްލަގްތައް، ސޮކެޓުން ނައްޓާލާށެވެ. ފާހަގަ ކުރެވޭ ބަދަލެއް، ފަޅު އެޕަރޓްމަންޓްގެ ބިލުންވެސް ފެންނާނެ ކަމަށް ބަލަމާ ހިނގާށެވެ.

ދެންވެސް އޮތީ ހީ ނުކުރާ ފަދަ އެއްޗެއްގެ ވާހަކައެވެ. އެއީ މި ފަހަކަށް އައިސް ވައިގައި ހިފައިގެން އުޅޭ ކަމެކެވެ. ދައްކަން މި އުޅެނީ ދިރިއުޅޭ ވެއްޓަށް ހިތްގައިމު ކަމެއް ގެނައުމުގެ ނިޔަތުގައި ދަމާފައިވާ ޒާތްޒާތުގެ ބޮކިފަތިތަކުގެ ވާހަކައެވެ. ތަންތަން ޒީނަތްތެރި ކުރަން ބޭނުން ކުރާ ހިތްގައިމު ލައިޓިންގް ޑިވައިސްތަކުގެ ވާހަކައެވެ. ނަމަވެސް ހިތާމައަކީ، މިފަދަ ތަކެއްޗަކީ ފުދޭ ވަރަކަށް ކަރަންޓު ދަމާ އެއްޗެއްސަށް ވާ ކަމެވެ. ކޮންމެހެން ބޭނުން ކުރަން ޖެހިގެން މެނުވީ ޒާތްޒާތުގެ ދިއްލޭ ޑިވައިސްތަކާއި ބޮކިފަތިތައް ނުޖައްސާށެވެ. ކޮންމެހެން ބޭނުން ނަމަ އިރުގެ އަވިން ހަކަތަ އުފައްދާ ގޮތަށް، ނުވަތަ ބެޓެރީ ލައްވައިގެން ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައި ވާ ދިއްލޭ ޑިވައިސްތަކާއި ބޮކިފަތި ބޭނުން ކުރާށެވެ.

ދޮންނަ މެޝިނުގެ ވާހަކަވެސް އަދި އޮތީއެވެ. އިހުގެ މޮޑެލްތަކުގެ މެޝިންތަކަކީވެސް ބޭނުން ނުކޮށް ހުންނަ ވަގުތުތަކުގައި ކަރަންޓް ދަމާ މެޝިންތަކެކެވެ. އެ އިރަކަށް ދޮންނަން ހުރި އެއްޗެހި ދޮވެ، ހިއްކާ ނިމޭހާ އަވަހަކަށް ދޮންނަ މެޝިނުގެ ޕްލަގް، ސޮކެޓުން ނައްޓާލަން ހަނދާނުގައި ބަހައްޓާށެވެ. ވަކިން ހާއްސަކޮށް، ދޮންނަ ދުވަސްތަކުގެ ދޭތެރެ ދުރު ކަމުގައި ވާނަމަ، މިކަން ކުރުން އެދެވިގެން ވެއެވެ.

މަރާމާތު ކުރުމާ އާލާތްތަކަކީވެސް މިފަދަ އެއްޗެއްސެވެ. ގޭތެރޭގެ ކުދިކުދި މަރާމާތުތައް ކޮށްލުމުގެ ނިޔަތުގައި ގެންގުޅޭ ބުރުމާ ފަދަ ތަކެއްޗަކީވެސް ބޭނުންކޮށް ނިމުމުން ކަރަންޓުން ނައްޓާލަންޖެހޭ އެއްޗެއްސެވެ. ޒީނަތްތެރިވުމަށް ބޭނުން ކުރާ އާލާތްތަކަކީވެސް ހަމަ މި ކަހަލަ އެއްޗެކެވެ. ހެޔަރ ޑްރަޔަރ، ބޯފަން ކުރާ އާލާތްތަކާއި، ކަރަންޓު ޝޭވަރު ތަކަކީ އޮފްކޮށްފައި އޮންނަ އިރުވެސް ހަކަތަ ބޭނުން ކުރާ އެއްޗެއްސެވެ. މިފަދަ އާލާތްތައް ބޭނުންކޮށް ނިމޭހާ އަވަހަކަށް ސްވިތު އޮފްކޮށް، ކަރަންޓު ޕްލަގުން ލުހެލުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ. އަދި ބިލަށްވެސް އެނގުން ވެލާނެ ކަމެކެވެ.

ޚާއްޞަކޮށް ރޭގަނޑަށް ދިއްލާ ބޮކި ނުވަތަ "ނިދާ" ބޮތްކަކީވެސް ފުދޭ ވަރަކަށް ގިނަ ވަގުތު ދިއްލާފައި ހުންނަ އެއްޗެކެވެ. ވަކިން ޚާއްޞަކޮށް، ކުޑަކުދިން ދިރިއުޅޭ ތަންތަނުގައި ތަންދޮރު ވަކި ނުވާހާ އަނދިރިކޮށް ނުބާއްވާން، ނިދާ ބޮކި ދިއްލޭ ގޮތްވެއެވެ. ނިދާ ބޮތްކަކީ ފަނޑުފަނޑު އައްޔެއް ހުންނަ ބޮތްކެއް ކަމުން، ދުވާލުގެ އަލިވިލިގެން އަންނައިރު، އެ ބޮކި ދިއްލިފައި ހުރިކަން ރެއަކާވެސް ނުލާ ފަހަރު އާދެއެވެ. ނާތީޖާއަކަށް ވަނީ ލައިނުގަނެގެން ތަނަކަށް ދާން ނުކުމެގެން ދެވޭ އިރުވެސް އެ ބޮކި ދިއްލިފައި ހުރުމެވެ. މޯޝަން ޑިޓެކްޝަން މޮޑެލް ނުވަތަ ހަރަކާތްތަކަށް ބަލައިގެން ނިވިދިއްލޭ ގޮތަށް ކަރަންޓުގެ ނިޒާމު ބަދަލު ކުރާށެވެ. ނުވަތަ ބޮތްކަށް ކަރަންޓް ނަގަނީ ވާގަނޑެއްގެ އެހީގައި ކަމަށް ވާނަމަ، ސޮކެޓުން ޕްލަގް ލުހެލާށެވެ.

މިއީ ފަރުދީ ފެންވަރުގައި އަހަރެމެންނަށް ކުރެވިދާނެ ކުދިކުދި ކަންތަކެކެވެ. އޭސީގެ ފިނިހޫނު މިން ވަކި ވަރެއްގައި ބަހައްޓައިގެ ދާހިއްލާ ފޯވެގެން ތިބޭކަށް ނުބުނަމެވެ. ދެ އަތުން ހަން ދާ ވަރަށް އެ ފަދަ އާލާތްތަކާއި ޑިވައިސްތައް ސާފު ކުރާކަށްވެސް ނުބުނަމުތާއެވެ. އަހަރު ފެށިގެން ހޭދަވި ދެތިން މަހު އަތް ނުފޯރާ ފަށަށް ބިލު ބޮޑުވީ ހޫނު ގަދަ ވެގެންނޭ ބުނެ ބަހަނާ ދެއްކި އަޑު އެހުން ފިޔަވާ އެހެން ގޮތެއް ނެތި ތިއްބާ، ދެން ކުރިމަތިވީ ފަހުގެ ތާރީޚެއްގައިވެސް އަހަރެމެން ތަޖުރިބާ ނުކުރާ ހާ ފިނި ދުވަސްތަކެކެވެ. ނަމަވެސް ކަރަންޓު ބިލު ބުނީ އެހެން ވާހަކައެކެވެ. އިހުނަށްވުރެ އެތައް ގުނައެއް ބޮޑުވީއެވެ. ކުރަންވީ ހަމަ އެކަނި ކަމަކީ، ޑިވައިސްތަކާއި އާލާތްތަކަށް ކަރަންޓު ނަގާ ސޮކެޓުތަކުގެ ސުވިޗް އޮފްކޮށް، ޕްލަގު ލުހެލުން އެކަންޏެވެ. ކަރަންޓު ބިލުން އަސަރު ފެނޭތޯ ބަލަމާ ހިނގާށެވެ. 

ވެމްޕަޔަރ ޕަވަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

23 މެއި 2024
ކޮންމެ ކަމަކަށް ވަކި ކުލައެއްގެ ހޯދަން ޖެހޭތަ؟ މި އޮތީ ހައްލު!

ކޮންމެ ކަމަކަށް ވަކި ކުލައެއްގެ ހޯދަން ޖެހޭތަ؟ މި އޮތީ ހައްލު!

09 ޑިސެމްބަރު 2023
ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް

ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް

13 ސެޕްޓެމްބަރު 2023
ކަރަންޓު ކަށަވަރު ނުވުމަކީ ވެސް ހޯދައި ބަލައިފި މީހަކަށް ނިޢުމަތެކެވެ!

ކަރަންޓު ކަށަވަރު ނުވުމަކީ ވެސް ހޯދައި ބަލައިފި މީހަކަށް ނިޢުމަތެކެވެ!

19 އޯގަސްޓު 2023
ސްޓޫޑިއޯތަކުން ލިޔުންތެރިން "ފެލާ" މައްސަލައަށް ހައްލު ނުލިބި އެތައް ދުވަހެއް!

ސްޓޫޑިއޯތަކުން ލިޔުންތެރިން "ފެލާ" މައްސަލައަށް ހައްލު ނުލިބި އެތައް ދުވަހެއް!

24 ޖޫން 2023

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު